Support Us

ކޮލަމް ކޯދު: ޒުހައިރު ބިން އަބީ ސުލްމާގެ ހިކުމަތްތެރި ޅެން ބަސްކޮޅެއްގެ ތެރެއިން

ޒުހައިރު ބިން އަބީ ސުލްމާ އަކީ ޖާހިލީ ޒަމާނުގެ އަރަބި ޝާއިރެކެވެ. މީލާދީ ސަނަތުން ހަވަނަ ގަރުނާއި ހަތްވަނަ ގަރުނުގައި އުޅުއްވި ޝާއިރެެކެވެ. އަވަހާރަވީ މީލާދީ ސަނަތުން 609 ވަނަ އަހަރުއެވެ. އިސްލާން ދީނައިގެން ކީރިތި ރަސޫލާ ވަޑައިގަތުމުގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ޒުހައިރު ބިން އަބީ ސުލްމާއަކީ އަރަބި ޖާހީލީ ޅެންވެރިންގެ އެންމެ ބޮޑު ތިން ޝާއިރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އަނެއް ދެ ޅެންވެރިންނަކީ އިމްރުއުލް ޤައިސްއާއި އައްނާބިޣާ އައްޛުބްޔާނީއެވެ. ޒުހައިރުގެ ދަރިކަލުން ކައުބު ބިން ޒުހައިރަކީ ވެސް މޮޅު ޅެންވެރިޔެވެ. އޭނާގެ ޅެންތައް ކީރިތި ރަސޫލާއަށް އިިއްވި ޅެންވެރިޔެކެވެ. ޒުހައިރު މަޝްހޫރުވެފައިވަނީ ޅެންވެރިންގެ ހަކީމުގެ ގޮތުގައެވެ. އާދެ، ހިކުމަތުގެ ޅެން ލިޔުއްވި ޅެންވެރިޔެއްގެ ގޮތުގައެވެ. ޒުހަރު ޅެން ހައްދަވައި ޅެންތައް އިސްލާހުކުރައްވައި ރީތި ކުރެއްވުމުގައި އަހަރެއްހާ ދުވަސް ނަންގަވާ ކަމަށް ވެއެވެ. އެހެންވެ، އޭނާގެ ޅެންތަކަށް ހައުލިއްޔާތޭ ނުވަތަ އަހަރީ ޅެންތަކޭ ކިޔެއެވެ. އޭނާގެ ޅެންތަކުގެ ތެރެއިން ޅެމެއް މުއައްލަގާތުގެ ތެރޭގައި ހިމެނެއެވެ. އެއީ ޖާހިލީ ޒަމާނުގައި މޮޅު ޅެންތައް ކަމުގައި ބެލެވި ކައުބާގައި އެލުވުނު ޅެންތަކެވެ. ތިރީގައިވާ ބައިތުކޮޅު ނެގިފައިވަނީ ޒުހައިރުގެ މުއައްލަގާތުންނެވެ.

ތިރީގައިވާ ބައިތުތަކުގައި އެކުލެވިގެންވާ ހިކުމަތްތައް ގުޅެނީ އިންސާނީ ތަބީއަތުގެ ބައެއް ސިފަތަކާއެވެ. ބައިތުތަކުގެ މާނަ ހުށަހަޅާލުމަށް ފަހު، މި ސިފަތަކާ ބެހޭ ގޮތުން އެއްޗެއް ބުނެލާނަމެވެ.

  1. فلا تكتمن الله ما في نفوسكم * ليخفي، ومهما يكتم الله يعلم

ކަލޭމެންގެ ނަފްސުގައި އޮތް ކަމެއް، ފޮރުވިފައި ބޭއްވިދާނެކަމަށް ހީކޮށް، ވަންހަނާކުރަން ނޫޅޭށެވެ. އެހެނީ ކިތައްމެ ވަރަށް (ކަމެއް) ފޮރުވަން އުޅުނަސް، (އެކަން) މާތްރަސްކަލާނގެ ދެނެވޮޑިގެންވެއެވެ.

  1. يؤخر فيوضع في كتاب فيدخر * ليوم الحساب أو يعجل فينقم

އަދި، އެކަމެއް ފަސްކުރެވި، ފޮތެއްގައި ލިޔެވި، (އެކަމުގެ ހައްގު ޖަޒާ ދިނުމައްޓަކައި) ހިސާބު ބެއްލެއްވޭ ދުވަހަށް ރައްކާކުރެވިފައި ބޭއްވެއެވެ. ނޫން ނަމަ، އަވަސް ކުރެވި (އެކަން ފާޅުކުރެވި،) އެކަމުގެ ބަދަލު، (އެކަމުގެ ހައްގު ޖަޒާ، ކަލޭމެންނަށް) ދެވެއެވެ.

ފޮރުވައިގެން، ސިއްރުކޮށްގެން އިންސާނުން ކަންތައްތައް ކޮށް އުޅެއެވެ. ނަމަވެސް، މި ހުރިހާ ކަމަކީ ވެސް މާތްރަސްކަލާނގެ ދެނެވޮޑިގެންވާ ކަމެއްކަން ޒުހައިރު ފާހަގަކުރައްވައެވެ. މާނައަކީ، ކަންކަން ކުރާއިރު، ޚާއްސަ ގޮތެއްގައި އެއީ ނުރަނގަޅު ކަމެއްކަން ތިމާއަށް އެނގޭއިރު، އެ ފަދަ ކަންކަން ސިއްރުކުރެވިދާނޭ ކަމުގައި ހީ ނުކުރާށެވެ. އެކަންކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވެ، އަދި، އެކަން ރެކޯޑުކޮށްފައި ބޭއްވެއެވެ. އެކަމުގެ ނަތީޖާއާ ކުރިމަތިލައި އެކަމުގެ ހައްގު ޖަޒާ، ފަހުން، ލިބިދޭނޭ ދުވަހަކަަށްޓަކައެވެ. އަދި ބައެއް ފަހަރު، އެކަމުގެ ޖަޒާ އަވަސް ކުރެވި، ދުނިޔެމަތީވެސް ދެވޭ ކަމުގައި ޒުހައިރު ފާހަގަކުރައްވައެވެ.

  1. وأعلم ما في اليوم والأمس قبله * ولكنني عن علم ما في غد عم

މިއަދުވާ ކަންތައްތަކާއި އިއްޔެވީ ކަންތައްތައް އަހަންނަށް އެނގިދާނެއެވެ. ނަމަވެސް، މާދާމާ ވާނޭ ކަންތައްތަކުގެ ޚަބަރު އަހަންނަށް ފެނި، އެނގިގެން ނުވެއެވެ.

މާޒީވެ ދިޔަ ކަންތައްތަކާއި މިހާރު ހިނގަމުންދާ ކަންތައްތަކުގެ ވާހަކަ އިންސާނާއަށް ބުނެދެވިދާނެއެވެ. ނަމަވެސް، ޣައިބުގައި ފޮރުވިފައިވާ ކަންތައްތައް އިންސާނުންނަކަށް ނޭނގެއެވެ. އޭނާ ކުރިއަށް އޮތް ތާނގައި ކުރިމަތިލާން ޖެހޭނީ ކޮންކޮން ކަންތައްތަކާ ކަމެއް އޭނާއަށް ބުނެދޭކަށް ނޭނގޭނެއެވެ.

  1. رأيت المنايا خبط عشواء من تصب * تمته ومن تخطئ يعمر فيهرم

އަހަންނަށް މަރު ފެންނަނީ ރޭގަނޑު ކަނު އަނދިރީގައި އުޅޭ ޖަމަލެއްގެ ސިފައިގައެވެ. އޭގެ އަތުގައި ޖެހުނު މީހަކު މަރާލައެވެ. އޭގެ އަތުން ބިވެއްޖެ މީހާ އުމުރު ދިގުވެ، އިންތިހާއަށް މުސްކުޅިވެދެއެވެ.

މަރަކީ ވަކި ހަމައެއްގެ މަތިން ކުރިމަތިވާ ކަމެއް ނޫނެވެ. އޭގެ މިސާލަކީ ކަނު ޖަމަލެއްގެ މިސާލެވެ. އަނދިރީގެ ތެރޭގައި އޭގެ އަތް އެއްލައި އަތުގައި ޖެހުނު މީހަކު ގެންދެއެވެ. އަދި، އަތުނުޖެހޭ މީހަކު ދުވަސްވެ މުސްކުޅިވާން ދޫވެފައި ހުރެއެވެ. މާނައަކީ ކޮންމެ ވަގުތެއްގައި ވެސް މަރު އައިސް ބައްދަލުކޮށްފާނެއެވެ. މަރުވާން ވަކި އުމުރެއް ކަނޑައެޅިފައެއް ނޯވެއެވެ. ބައެއް މީހުން ގާތަށް މަރު އަންނަނީ ޒުވާން އުމުރުގައެވެ. އަނެއްބައި މީހުން ދުވަސްވެ މުސްކުޅިވުމަށް ފަހުގައެވެ.

  1. ومن هاب أسباب المنايا ينلنه * وإن يرق أسباب السماء بسلم

މަރު މެދުވެރިކުރުވާ ކަންތައްތައް ދެކެ އިންސާނާ ބިރުގަނެ (މަރުން ރެކެން އޭނާ އުޅުނު ކަމުގައި ވިޔަސް) މަރު އައިސް ބައްދަލުކޮށް އޭނާ ގެންދާނެއެވެ. (މަރުން ސަލާމަތްވުމަށްޓަކައި) އުޑުގެ ވަސީލަތްތައް، އެހީ، ހޯދަން ހަރުގަނޑެއް ބޭނުންކޮށްގެން އުޑަށް އެރި ނަމަވެސް ވެހެވެ.

މަރުން ރެކިގަނެ ސަލާމަތްވާނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ. މަރުން ރެކިގަނެވިދާނޭ ހިތައި އުޑަށް އެރިކަމުގައި ވިޔަސް ވެހެވެ.

  1. ومن يجعل المعروف في غير أهله * يكن حمده ذما عليه فيندم

ހެޔޮ ކަންތައްތައް ހައްގުނުވާ މީހަކަށް ހެޔޮކަމެއް ފޯރުކޮށްދެވިއްޖެ ނަމަ، އެކަމަށް ޝުކުރުކުރުން ލިބުމުގެ ބަދަލުގައި، ލިބޭނީ ބަދު ބަހެވެ. އަދި، އެހެންވެ، ފަހުން، އެ ކުރެވުނު ހެޔޮކަމާ މެދު ހިތާމަކުރަން ވެސް ޖެހިދާނެއެވެ.

ޒުހައިރު ދެކިލައްވާ ގޮތުގައި ހެޔޮ ކަންތައްތައް ކޮށްދޭން ވާނީ ހެޔޮ ކަންތައްތަކުގެ އަހުލުވެރިންނަށެވެ. ހެޔޮ ކަންތައްތަކުގެ އަގު ވަޒަންކުރަން އެނގޭ މީހުންނަށެވެ. އެކަމުގެ އަހުލުވެރި ނޫން ބަޔަކަށް ހެޔޮ ކަމެއް ކޮށްދީފި ނަމަ، ޝުކުރުވެރިވުމުގެ ބަދަލުގައި އެފަދަ މީހުން އެއްޗެހި ކިޔާނެ ކަމަށް ވާތީއެވެ.

  1. ومن يغترب يحسب عدوا صديقه * ومن لا يكرم نفسه لا يكرم

ބީރައްޓެހި މާހައުލެއްގައިވާ މީހާ، އޭނާގެ ހަތުރަކީ މިތުރެއްގެ ގޮތުގައި ވެސް ދެކިފާނެއެވެ. އޭނާގެ އަމިއްލަ ނަފްސަށް (އިހުތިރާމުކޮށް) މާތްކޮށް ނުހިތާ މީހާގެ ނަފްސާމެދު (އިހުތިރާމުވެވި) މާތްކޮށް ނުހިތޭނެއެވެ.

ބީރައްޓެހި ރަށަކަށް ގޮސް، މީސް ނުމީސް ނޭނގޭ މީހާއަށް މިތުރާއި ހަތުރު ވަކިކުރަން ނޭނގިދާނެއެވެ. އަދި ހަތުރަކީ މިތުރު ކަމުގައި ވެސް ބެލިދާނެއެވެ. ހަމަ އެހެންމެ، ތިމާގެ ނަފްސަށް އިހުތިރާމް ނުކުރާ މީހާއަށް އެހެން މީހުން ވެސް އިހުތިރާމެއް ނުކުރާނެއެވެ. ލަދެއް ނެތި، ފާޅުގައި އެންމެންގެ ކުރިމަތީގައި ހުތުރު ގޮތްގޮތަށް އުޅެ ތިމާގެ އަބުރާއި އިއްޒަތް ނަގާލައިފި ނަމަ، އެހެން މީހުންނެއް ތިމާއަށް ގަދަރުކޮށް އިއްޒަތެއް ނުދޭނެއެވެ.

  1. ومهما تكن عند امرئ من خليقة * وإن خالها تخفى على الناس تعلم

މީހެއްގެ ކިބައިގައި ނުބައި ސިފައެއް ހުރެ، އެސިފަ އޮތީ ފޮރުވިފައި ކަމަށް ހީކުރި ނަމަވެސް، އެކަން ކޮންމެ ވެސް ދުވަހަކުން އެންމެނަށް ވެސް އެނގި ފާޅުވާނެއެވެ.

ތިމާގެ ކިބައިގައި ނުބައި ސިފައެއް ހުރެ ކިތަންމެ ވަރަކަށް އެކަން ފޮރުވައިގެން އުޅުނަސް، އެކަން ފަޅާއަރާނޭ ދުވަހެއް އަންނާނެއެވެ. މިސާލަކަށް އަމާނާތެއް ހަވާލުކުރެވިފައިވާ މީހަކު އެ އަމާނާތަށް ޚިޔާނަތްތެރިވެ، އެކަން ފޮރުވުނީ ކަމުގައި ހީކޮށްގެން، ދުވަސްކޮޅަކު ހުރެވުނަސް، އެކަން ފަޅާއަރާނޭ ދުވަހެއް އަންނާނެއެވެ.

  1. وكائن ترى من صامت لك معجب * زيادته أو نقصه في التكلم

މީހަކަށް ހަނުހުރި މީހަކު ފެނި، އޭނާއަކީ މޮޅު މީހެއް ކަމުގައި ބެލެވި، އޭނާއާ މެދު ގަޔާވެ، އޭނާ ކަމުހިނގައިދާނެއެވެ. (ނަމަވެސް، ހަނދާންކޮށްލަން ޖެހެނީ) މީހާގެ މޮޅުކަމާއި ދެރަކަން، އިތުރުކަމާއި އުނިކަން، އެނގި ފާޅުވަނީ އޭނާ ދައްކާ ވާހަކައިންނެވެ. (އޭނާ ހަނުހުންނަ ހުރުމަކުން ނޫނެވެ.)

ބައެއް ފަހަރު، އެއްވެސް އެއްޗެއް ނުބުނެ، މަޑުމަޑުން ހުންނަ މީހަކީ ބުއްދިވެރިއެއް ކަމުގައި ބެލެވިދާނެއެވެ. ނަމަވެސް، މީހާގެ ހަގީގަތް، އޭނާގެ ސިކުނޑީގައި ހުރި ނަމަ ހުރި ތެތްކަމެއް ފާޅުވެ، އެނގިގެން ދަނީ އޭނާ އެއްޗެއް ބުނުމުންނެވެ. އިހުގެ ފަލްސަފާވެރިޔަކު ބުނެފައިވާ ފަދައިންނެވެ. "އެއްޗެއް ބުނެބަލާށެވެ! އަހަންނަށް ކަލޭ ފެންނާނީ އޭރުންނެވެ!"

  1. لسان الفتى نصف ونصف فؤاده * فلم يبق إلا صورة اللحم والدم

އިންސާނާގެ ދެބައިކުޅަ އެއްބަޔަކީ އޭނާގެ ދުލެވެ. އަނެއް ބައަކީ އޭނާގެ ހިތެވެ. ދެން އޭނާގެ ކިބައިގައި މަހާއި ލޭ ނޫން އެހެން އެއްޗެއް ނުވެއެވެ.

އިންސާނާއަކީ ކާކުކަން އަންގައިދެނީ ދެކަމެކެވެ. އޭނާގެ ދުލާއި އޭނާގެ ހިތެވެ. އޭނާގެ ހިތަކީ- އޭގެ އެންމެ ފުޅާ މާނައިގައި، އިނގިރޭސި މައިގަނޑުގެ މާނައިގައި- އޭނާގެ ހުރިހާ އިހުސާސުތަކާއި ޝުއޫރުތަކާއި ފިކުރުތަކުގެ މަރުކަޒެވެ. ދުލަކީ އެ މަރުކަޒުގެ ވާހަކަތައް، އެ ވާހަކަތައް ބިނާވަނީ އިހުސާސުތަކާއި ޝުއޫރުތަކުގެ މައްޗަށް ކަމަށް ވިޔަސް ނޫނީ ވިސްނުމުގެ މައްޗަށް ބިނާވާ ފިކުރުތަކާއި ޚިޔާލާތުތަކުގެ މައްޗަށް ވިޔަސް، ބޭރަށް ނެރެ ހާމަކޮށްދޭ އާލަތެވެ. ދެން، ބާކީ އިންސާނައިގެ ކިބައިގައިވަނީ ލެޔާއި މަހެވެ. އިންސާނާ އެހެން މީހުންނާ ތަފާތުކޮށްދެނީ އޭނާގެ ހިތުގެ އިހުސާސުތަކާއި ޝުއޫރުތައް އަދި ފިކުރުތަކާއި ޚިޔާލުތަކާއި މިކަންކަން ބަޔާންކޮށްދޭ އޭނަގެ ދުލުގެ ކުޅަދާނަކަމެވެ. އޭނޭގެ ކިބައިގައި ވާ މަހާއި ލެޔެއް ނޫނެވެ.

  1. وإن سفاه الشيخ لا حلم بعده * وإن الفتى بعد السفاهة يحلم

މުސްކުޅިޔާގެ މޮޔަކަން ފިލައި، އަޚުލާގެ ރަނގަޅު ނުވެއްޖެ ނަމަ، ދެން އޭނާ ހޭޖެހި އޭނާގެ އަޚުލާގު ރަނގަޅު ވާނޭ ދުވަހެއް ނާންނާނެއެވެ. ނަމަވެސް ޒުވާނާ، އޭނާގެ މޮޔަކަން ނުފިލައި އަދި އަޚުލާގު ރަނގަޅު ނުވިޔަސް، ފަހުން އޭނާގެ މޮޔަކަން ފިލައި އަޚުލާގު ރަނގަޅުވެދާނެއެވެ.

ޒުވާން، ޝަބާބުގެ ދުވަސްވަރު، މޮޔަ ސޭކުކަންތައް ކުރެވިދާނެއެވެ. ނަމަވެސް، ދުވަސްވެ، ހަރުވުމުން، އެފަދަ ކަންކަމީ މޮޔަކަންކަމުގައި ވިސްނި، އެފަދަ ކަންކަމާ ދުރުވެ، ޒުވާނާ ހޭޖެހޭ ގޮތް ވެއެވެ. ނަމަވެސް، މުސްކުޅިވާ ދުވަހު ވެސް، އިންސާނާ ހޭވެރި ނުވެއްޖެ ނަމަ، ދެން އޭނާ ހޭވެރިވާނޭ ދުވަހެއް ނާންނާނެއެވެ.

  1. سألنا فأعطيتم وعدنا فعدتم * ومن أكثر التسآل يوما سيحرم

އެއްޗިއްސަށް އެދި އަހަރުމެން ކަންކަމަށް އެދުނީމެވެ. ދެން ކަލޭމެން އެއްޗެހި ދީ އެކަންކަން ފުއްދައިދިނެވެ. ދެން، އަނެއްކާވެސް އެފަދައިން އަހަރުމެން ކަންތައްރުމުން، އަނެއްކާވެސް ކަލޭމެން ހަމަ އެފަދައިން ކަންތައް ކުރިއެވެ. ނަމަވެސް، އަބަދު ކަންތަކު ކިޔައި، އެއްޗިއްސަށް އެދުން ގިނަވެއްޖެ ނަމަ، އެ އެދުންތައް ފުއްދައިނުދެވޭނޭ ދުވަސް ވެސް އަންނާނެއެވެ.

މީސްމީހުންގެ ކިބައިން، ތަކުރާރުކޮށް ކަންތަކަށް އެދެވި، މީސްމީހުން އެކަންތައް ތަކުރާރުކޮށް ފުއްދައިދީފާނެއެވެ. ނަމަވެސް، މީސްމީހުންގެ ކިބައިން ކަންތައްތަކަށް އަބަދުއަބަދު އެދި، އެއީ އާދައަކަށް ހަދައިފި ނަމަ، މީސްމީހުންނަށް އެކަން ފުއްދައިނުދެވޭނޭ ދުވަސް ވެސް އަންނާނެއެވެ.