އއ. ބޮޑުފޮޅުދޫ ރަށުތެރެ ސާފުކުރުމުގެ ސިލްސިލާ ހަރަކާތެއް މިއަދު ފަށައިފިއެވެ.
އެ ރަށު ބަނދަރު ސަރަހައްދުން މިއަދު ހެނދުނު ފެށިގެންދިޔަ މި ހަރަކާތަކީ ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯޓްސް ކުލަބާއި އެ ރަށު އަންހެނުންގެ ކޮމިޓީން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި އާރުބީޖީ ސްޕޯޓްސް ކުލަބުގެ މެމްބަރުންނާއި ޑަބްލިޔުޑީސީގެ މެމްބަރުންގެ އިތުރުން ރަށު ކައުންސިލްގެ މުއައްޒިފުންނާއި ރަށުގެ މުއައްސަސާތަކާއި ބައެއް ކުލަބު ޖަމިއްޔާތަކުގެ އިތުރުން އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

އާރުބީޖީ ސްޕޯޓްސް ކުލަބުން ބުނީ މި ހަރަކާތަކީ މި އަހަރަށް އެ ކުލަބުން އެކުލަވާލި އަހަރީ ކަލަންޑަރުގައި ހިމެނޭ ހަރަކާތެއް ކަމަށާއި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވިސްނާފައި ވަނީ ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާ އެކު ކަމަށެވެ. މި ހަރަކާތަކީ ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ދުވަސްތަކެއް ކަނޑައަޅައިގެން ސިލްސިލާކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ކްލަބުން ބުންޏެވެ. މިއަދުގެ މި ހަރަކާތުގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅިއާއި ދަޅު ފަދަ ތަކެތި ވަނީ ނަގައިފައެވެ.

އާރުބީޖީ ސްޕޯޓްސް ކުލަބަކީ ކުޅިވަރަށް ހާއްސަ ކުލަބެއް ނަމަވެސް އެ ރަށުގައި އިޖްތިމާއީ ހަރަކާތްތަކާއި އެހެނިހެން ދާއިރާތަކުން ވެސް ގިނަ ހަރަކާތްތަކެއް ރާވައި ހިންގަމުން އަންނަ ކުލަބެކެވެ.



advertisment