ރުވާންޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރުވާންޑާގެ ކިގާލީގައި މި މަހުގެ 20 އިން 25 އަށް ކުރިއަށްދާ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ 1 ފެބުރުވަރީ 2020 ގައި ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުނު ފަހުން، ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކާއި ހެޔޮވެރިކަމާއި ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި ދުނިޔޭގެ ޞުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު، ޚާއްޞަކޮށް ކޮމަންވެލްތުގެ މެންބަރު ޤައުމުތަކާއެކު ރާއްޖެއިން މަސައްކަތްކުރުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އެގޮތުން މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަ ޤައުމުތައް ބައިވެރިވާ މިފަދަ ފޯރަމްތަކުގެ ޒަރިއްޔާއިން، އެންމެން ޝާމިލުވާ، ހަރުދަނާ، އަދި ތިމާވެށްޓާ މެދު ހޭލުންތެރި މުޖުތަމަޢުތަކެއް ބިނާކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ހޯދުމެވެ.
މި ބައްދަލުވުމުގެ ހަވާސާގައި، ޤައުމުތަކުގެ ވެރިންނާ އެކު ބާއްވަވާ މަޝްވަރާ ބައްދަލު ކުރެއްވުންތަކުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.



advertisment