ނ. އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި ޞިއްޙީ ދާއިރާގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ނ. ހޮޅުދޫ ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސް ވެރިން ވަނީ މި ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނެވި ހެޔޮ ބަދަލުތައް ފާހަގަކުރައްވާފައެވެ. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ބޭނުންވާ މިންވަރަށް އިންސާނީ ވަޞީލަތް ހަމަޖެހިފައި ނެތުމާއި އަދި ޞިއްޙީ ދާއިރާގެ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހެލްތު ސެންޓަރުތަކުގެ ބަޖެޓު އެ ސެންޓަރަކުން މެނޭކުރެވޭ ގޮތަށް ބަދަލުކުރެއްވުން ކަމުގައެވެ. އަދި ޞިއްޙީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމާ ބެހޭގޮތުން ކަމާގުޅޭ ދާއިރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



advertisment