Support Us

މޭނާ ސްކޫލްގެ އެންމެ ބޮޑު ކާމިޔާބީއަކީ ޤައުމަށް ޚިދުމަތްކުރާނެ މޮޅެތި ދަރިންތަކެއް ބިނާކޮށްދީފައިވުން: ރައީސް

މޭނާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި މަތީ މަޤާމެއް ޙާޞިލްކޮށްފައިވާ ސްކޫލެއް ކަމަށާއި އެ ސްކޫލްގެ އެންމެ ބޮޑު ކާމިޔާބީއަކީ، ޤައުމަށް ޚިދުމަތްކުރާނެ މޮޅެތި ދަރިންތަކެއް ބިނާކޮށްދީފައިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޭނާ ސްކޫލުގެ އަލިމަސް ޔޫބީލްގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މޭނާ ސްކޫލަކީ މުޅި ރާއްޖޭގައި މިހާރު ހިނގަމުންދާ ސްކޫލު ތަކުގެ ތެރެއިން، 75 އަހަރު ފުރުނު ހަތަރު ވަނަ ސްކޫލުކަން ފާހަގަކުރައްވައި އެ ސްކޫލަކީ ތަޢުލީމީ ގޮތުން މުޅި ބޮޑު އުތުރުގެވެސް ފަޚުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މޭނާ ސްކޫލު ތަޢުލީމީ ގޮތުން ޙާޞިލުކުރަމުން އަންނަ ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުން، ނ .އަތޮޅުގައި މަތީ ސާނަވީ މަރުޙަލާގައި މެދުކެނޑުމެއް ނެތި ދެ ސްޓްރީމަށް މިހާރު ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ ވެސް މޭނާ ސްކޫލުކަމާއި ސާނަވީ އަދި މަތީ ސާނަވީ މަރުޙަލާގައި މި ސްކޫލްގެ ދަރިވަރުން ޤައުމީ ފެންވަރުގައި ރަން ވަނަތައް ޙާޞިލްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

މޭނާ ސްކޫލް ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން މިހާރު ދެ ކެމްޕަހެއްގައި ސްކޫލުގެ ކިޔެވުން ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މިހާރު ހުރި އައު ކެމްޕަސްގެ ކައިރީގައި ސްކޫލްގެ އައު ޢިމާރާތް ބިނާކޮށް ދެ ޢިމާރާތް ގުޅުވައިލައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަސައްކަތް ކުރިޔަށްގެންދާނީ ސްކޫލުން އެދިފައިވާ ގޮތަށް 22 ކްލާސްރޫމާއި އިދާރީ ކަންތައްތައް ކުރުމަށް ބޭނުންވާ އިމާރާތާއެކުގައި ކަމަށެވެ. އަދި ހަމަ އެއާއެކު ސްކޫލްގެ ބައު ކެމްޕަހަށް ޒުވާނުންގެ މަރުކަޒު ބަދަލުކޮށް، އިންޑޯ ކުޅިވަރުތަކާއި އެކަށީގެންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އެތަނުގައި ޤާއިމުކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮޅުދޫގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ މިހާރު ކުރިއަށްދާ ޑިޒައިންގެ މަސައްކަތް ނިމުމުން، އަންނަ ޖުލައި މަހުގެ ނިޔަލަށް މަޝްރޫޢު ބީލަމަށް ހުޅުވައިލެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެހެންމެ، ހޮޅުދޫގެ ބައެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވި ހޮޅުމީދޫ އާބާދުކުރުމަށް އެރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހޮޅުދޫގައި އަޅަން ސަރުކާރުން ހަމަޖެއްސެވި 30 ހައުސިން ޔުނިޓް އެޅުމަށް މިހާރު ހަމަޖެހިފައި ވަނީ ވެސް ހޮޅުމީދުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރު ތައްޔާރުވަމުން އަންނަ، ސާފު ބޯފެނުގެ ނިޒާމު ޤާއިމުކޮށް ނިމުމާ އެކީ، ރަނގަޅު ފެންވަރަށް ހޮޅުދޫގެ މަގުތައް ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި ރާއްޖޭގެ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވާފައެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޭނާ ސްކޫލަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

މޭނާ ސްކޫލް ފުރަތަމަ އުފެދިފައި ވަނީ ރައްޔިތުންގެ މަދުރަސާގެ ނަމުގައި 02 ޖޫން 1947 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *