Support Us

އާރްޓީއެލް ބަހުގެ ޚިދުމަތާއެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިތަކެއް ލިބޭނެ: ރައީސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ އިފްތިތާޙްކުރި އާރްޓީއެލް ބަސްތަކުގެ ޚިދުމަތް ފެށުމާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ 'އެއްގަމު ދަތުރުފަތުރުގެ ދާއިމީ ޙައްލު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރަށްވެހިންނަށް' މި ނަމުގައި އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަހުގެ ޚިދުމަތް ތަޢާރުފުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާރްޓީއެލްގެ ބަސްތައް ރަސްމީކޮށް ތަޢާރަފްކޮށްދެއްވާފައެވެ. މިގޮތުން ގްރޭޓަރ މާލެ ރީޖަންގެ ޓްރާންސްޕޯޓް ލިންކުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ދަށުން އެމްޓީސީސީއިން ވަނީ 86 ފަސިންޖަރުންގެ ޖާގައިގެ 15 ބަސް ގެނެސްފައެވެ. މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއިި، ދައުލަތުގެ ވަޒީރުންނާއި، ސަރުކާރާއި، އެމްޓީސީސީގެ އިސް ވެރިންގެ އިތުރުން އެމްޓީސީސީގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުން އެތަނުގައި ވަޒަންވެރިވިއިރު ދޭންޖެހޭ އެތަކެއް ޒަރޫރީ އަދި އަސާސީ ޚިދުމަތްތައް ލިބެން ނެތްކަމަށާއި އެހެން ނަމަވެސް މި ސަރުކާރުން ދަނީ އެކަންކަން ފުރިހަމަ ކުރުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުންކަމަަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ރޭ އިފްތިތާޙްކުރެވުނު ބަހުގެ ޚިދުމަތަކީ ވެސް ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތެއްކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އަދިވެސް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވެފައިވާ އެތަކެއް ޚިދުމަތްތައް ހުރިކަމުގައެވެ. މިގޮތުން ސަރުކާރުން ދަނީ ސްކޫލްތަކާއި، މިސްކިތްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިތުރުން މަގުތައް ހެދުން ފަދަ ކަންކަން ކުރަމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ އެތަކެއް ކަންބޮޑުވުންތައް އަދިވެސް ހުރިއިރު، އެމީހުންނަށް ދިމާވާ ގޮންޖެހުންތަކާއި އެމީހުންގެ ޝަކުވާތައް ސަރުކާރުން ގާތުން ބަލައި އަޑުއަހަމުންދާނެ ކަމަށާއި، އެކަންކަމަށް ދެވެން އޮތް ޙައްލަކީ ކޮބައިތޯ ބަލައި އެ ޙައްލުތައް އެމީހުންނަށް ހޯދައިދިނުމަށް ސަރުކާރުން ކުރިޔަށް އޮތް ތާނގައިވެސް މަސައްކަތްކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހި އާބާދުވެ ނިމޭ އިރު ގާތްގަނޑަކަަށް ހަތްދިހަ ހާހެއްހާ މީހުން އެތަނުގައި ދިރިއުޅޭނެ ކަމަށް ލަފާކުރެވޭތީ، އެތަނަށް ބޭނުންވާ މިންވަރަށް ޚިދުމަތްތައް ޤާއިމުކުރުމާއި ޚިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުން އެމްޓީީސީސީއާ ސަރުކާރުން ޙަވާލުކުރި ފަހުން އެދެވޭ ކުރިއެރުންތަކެއް ފެންނަމުންދާ ކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫމްހޫރިއްޔާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *