މިސަރުކާރުގެ އަމާޒަކީ، އެންމެނަަށްވެސް ފަސޭހައިން އާދެވޭނެ އަދި އެންމެންގެ ބައިވެރިވުން އޮތް ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ހެދުން ކަމުގައި ނައިބު ރައީސުލްޖުމުހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ކްރޮސްރޯޑްގައި ފެށި "ޔޫއެންޑަބުލިޔުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބުލިޔުޓީއޯ) ގުޅިގެން ބާއްވާ މި ސަމިޓްގައި މަޝްވަރާކުރާނީ، މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ފަތުރުވެރިކަން ކުރިޔަށް ގެންދިޔުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އޮތް ފުރުޞަތުތަކާއި އަދި ގޮންޖެހުންތަކާއި ގުޅޭ ގޮތުންނެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު، މުޖުތަމަޢުގެ އެންމެން ޝާމިލްކޮށްގެން ތަރައްޤީ ގެނައުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަން ޖެހިފައިވާކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚަށްވެސް އަލި އަޅުއްވާލައްވައި، ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖޭގެ އިޤުތިޞާދަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި ކުރިން މަސައްކަތްކުރެއްވި ފަރާތްތަކަށް ކުރިމަތިވި ތަފާތު ހުރަސްތައް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީންނާއި، އެބޭފުޅުންގެ ފިޔަވަޅުމަތީގައި މަސައްކަތްކުރައްވައި މިއަދު ދިވެހިރާއްޖެއަކީ، ދުނިޔޭގެ އިތުބާރުހުރި ބްރޭންޑަކަށް ހެއްދެވުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖެއަށް "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް" ވިދިވިދިގެން ދެ އަހަރު ލިބިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްސީލް ދެއްވައި ނައިބު ރައީސް ވިދާޅުވީ، މިސަރުކާރުން ރާއްޖޭގެ ޢުމުރާނީ ތަރައްޤީ، ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކޮށްފައި ވާކަމަށެވެ.
އެގޮތުން މިދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި 426 ޓޫރިޒަމް ފެސިލިޓީ ހުޅުވައި، ބެޑް ކެޕޭސިޓީ ގާތްގަނޑަކަށް 14،000 އެނދު އިތުރުކޮށްފައިވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. އަދި 2023 ވަނަ އަހަރު ނިމުމުގެ ކުރިން ފަތުރުވެރިިކަމުގެ ޚިދުމަތްދޭ އިތުރު 22 ތަނެއް ހުޅުވޭނެ ކަމަށް ލަފާކުރެއްވޭ ކަމާއި، މިހާރުވެސް 107 ރިޒޯޓެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިޔަށްދާކަން ފާހަގަކުރައްވައި، އެތަންތަން ތަރައްޤީކޮށް ނިމޭއިރު 5،000 އެނދު އިތުރުވެގެންދާނެ ކަންވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށާއި، އިޤުތިޞާދަށް ލިބެމުން އައި ގެއްލުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު އިޢާދަކޮށް ގެއްލުންތަކުން އަރައިގަތުމަށް މަގުދައްކަވައި، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންދަވަނީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ. އަދި އިޤުތިޞާދު އިޢާދަކޮށް ހަރުދަނާ ކުރުމަކީ ގޮންޖެހުންތައް ބޮޑު ކަމެއް ކަމަށާއި، އެންމެން ޝާމިލްވާ ތަރައްޤީއަށްޓަކައި އެންމެ މަތީ ދަރަޖައަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ޤާބިލްކަން އިތުރުކުރަން ޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް އެންމެންގެ އެއްބާރުލުން ދިނުމާއި، އައު އީޖާދުތައް ބޭނުންކުރުމާއި އޭގެ ފައިދާ މުޅި މުޖުތަމަޢަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއި އެކު ޙިއްޞާކުރުމުގައި އީޖާދީ ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރަމުން އަންނަ ދުވެލި މަޑުޖެހިފައި ވާއިރު، އެކަމަަށް އުފެއްދުންތެރި ޙައްލުތަކެއް ބޭނުންވާ ކަމަށެވެ. އަދި ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާޢަތް އަލުން ބިނާކުރުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެމަނިކުފާނު ވިދާޅުވީ، އަޅުގަނޑުމެންގެ ޘަޤާފީ އަދި ޤުދުރަތީ ތަރިކަ ރައްކާތެރިކުރާ ވަޞީލަތެއްގެ ގޮތުގައި ފަތުރުވެރިކަން އަލުން ބިނާކޮށް ރަނގަޅު ވަޒީފާތަކާއި އާމުދަނީ ލިބޭ ގޮތް ހެދުން މުހިއްމު ކަމަށެވެ.



advertisment