ހުޅުމާލޭގައި އިތުރު ފަސް ސްކޫލެއް އެޅުމުގެ މަސައްކަތް މިހާރުވެސް އެކި މަރުހަލާތަކުގައި ކުރިޔަށްދާ ކަމުގައި ނައިބު ރައީސުލްޖުމުހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭގައި އަޅާ، އަޖިއަލް ބައިލިންގުއަލް ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ވިދާޅުވީ ތަރައްގީކުރާ ސްކޫލްތަކުގެ ތެރޭގައި ދެ ޕްރީސްކޫލުވެސް ހިމެނޭ ކަމަށެވެ.
ކުވައިތުގެ އަލްޖެރީ ހޯލްޑިންގ ގުރޫޕުން އަޅާ، އަޖިއަލް ބައިލިންގުއަލް ސްކޫލަކީ، އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާ އެކު ކިޔަވައިދެވޭނެ ވަޞީލަތްތައް ޤާއިމްކޮށްގެން، އިނގިރޭސި މީޑިއަމް އާއި ޢަރަބި މީޑިއަމްއަށް ކިޔަވައިދޭނެ ސްކޫލެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ސްކޫލަކީ ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ އިންޓަނޭޝަނަލް ސްކޫލެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަލްޖެރީ ހޯލްޑިންގ ގުރޫޕުން އެ ސްކޫލު ތަރައްޤީ ކުރާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި މިގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ސްކޫލު ހުޅުވާއިރު، ފުރަތަމަ ކިޔައިވައިދޭން ފެށުމަށް ހަމަޖައްސާފައި ވަނީ ޕްރީ ސްކޫލާއި އަދި ޕްރައިމަރީ ގްރޭޑްތަކަށް ކަމުގައި ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި، އަދި ދަރިވަރުންނަށް އުނގެނުމުގެ ތަޖުރިބާތައް އިތުރުކޮށްދީ، ވަށައިޖެހޭ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިިނުމަށްޓަކައި، ސަރުކާރުން އަލްޖެރީ ހޯލްޑިންގ ގުރޫޕާއެކު މިއަދު ކުރިޔަށް މިއެޅީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، މި ސަރުކާރުން ތަޢުލީމީ ދާއިރާއިން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ އެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވެވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ކިޔަވައިދެވޭ މާޙައުލާއި ގޮތްތައް ބަދަލުކޮށް، މަތީފަންތީގެ ތަޢުލީމީ ޚިދުމަތްތަކަށް ބޭނުންވެފައިވާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އައުމާ އެއްވަރަށް ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަލްޖެރީ ހޯލްޑިންގސް ގުރޫޕާއެކު ސަރުކާރުން ކުރާ މި މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެެވެ.
މީގެ އިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމު ދިނުމުގައި، ނުރަނގަޅު ކަންކަމުގެ ތެރެއަށް ކުދިން ހުށައެޅިގެން ދިޔަ ނުދިއުމާއި، ދިރިއުޅުމުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމާއި ހުރިހާ ބާވަތެއްގެ އަނިޔާއިން ކުދިން ސަލާމަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ގެއާއި ސްކޫލާއި އެހެނިހެން ތަންތަނަކީވެސް، ކުދީންނަށް އެކަށީގެންވާ ރައްކާތެރި މާހައުލަކަށް ހަދައިދިނުމަކީ، ސަރުކާރާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، ބެލެނިވެރިންނާއި އަދި ބަލަދުވެރިންގެ އިތުރުން މުޖުތަމަޢުގެ ޒިންމާއެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިން ކިޔެވުމުގެ ކަންކަން އޮތް ގޮތް ފާހަގަކުރައްވައި، ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ނައިބު ރައީސް ވިދާޅުވީ، މިސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އިސްލާމީ އަޤީދާއަށް ބޯލަނބައިި، އިޙްތިރާމާއި ނަޒާޙަތްތެރިކަން އަދި އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އަޅާލާ، އެހީތެރިވެ އުޅޭ މާހައުލެއް ދަރިވަރުންނަށް ޤާއިމްކޮށް ދިނުން ކަމަށެވެ.
އަދި ހުރިހާ ބާވަތެއްގެ ނުރައްކަލަކުން އަޅުގަނޑުމެންގެ ދަރިން ރައްކާތެރިކުރެވެން އޮތް އެންމެ ރަނގަޅު މަގަކީ، އެންމެ ފުރިހަމަ ގޮތުގައި ކުދީންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.



advertisment