Support Us

ކޮލަމް ކޯދު: އިނގިލި ދަންޖެއްސުން

ބައެއް ފަހަރުފަހަރު، އިނގިލިތައް ވެސް ދަންޖައްސައި މެރުން ހައްގެވެ. ހައްގު ނޫން މީސްމީހުންނަށް ރީތި ބަސްތަކުން (ދޮގު ތައުރީފުތައްކޮށް ޚުޝާމަދު) ކުރާތީއެވެ!

އާދެ، ސިޔާސީ މުނާފިގުކަމުގެ ބައްޔަކީ އަޅުނގަޑުމެންގެ މުޖުތަމައުގެ ހަށިގަނޑުގެ ތެރޭގައި ކެންސަރެއް ފަދައިން އަށަގެންފައިވާ ބައްޔެކެވެ. މިކަމާ ބެހޭ ގޮތުން އަޅުގަނޑުމެންގެ ލިޔުންތެރިއަކު ތަންކޮޅެއް ކުރިން ލިޔުނު ލިޔުންކޮޅެއް ނަކަލުކޮށްލަމެވެ!

***

ސިޔާސީ މުނާފިގުކަމުގެ ބަލި

އަޅުގަނޑުމެންގެ އަމިއްލަ ދިވެހި ދުނިޔޭގެ ސިޔާސީ މަސްރަހުން ވޭތުވެގެންދިޔަ ވެރިކަމުގެ ދައުރުގެ ތެރޭގައި ފެނި، ތަޖުރިބާ ވެގެންދިޔަ ސިޔާސީ ނިފާގުކަން، ގައުމުގެ ހަޔާތަށް ގެނެސްދޭ ގެއްލުންތަކާމެދު އެއްޗެއް ދެންނެވުމުގެ ކުރިން ދުނިޔޭގެ އެހެން ގައުމެއްގެ މިސާލެއްވެސް ދަންނަވާލުމަކީ، މައުޟޫއުން ބޭރުކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑު ބޭނުން މުހިއްމު ނުކުތާއެއް ފާހަގަކޮށްލުމަށްޓަކައި މުގައްދިމާއެއްގެ ގޮތުންނެވެ. "ދަންބެރަށްވުރެ ތަގުޑި ދިގުވެގެންދިޔަ ނަމަވެސް" އައްސަވާ ބޭފުޅުންގެ އަރިހުން މައާފަށް އެދެމުންނެވެ.

އިންޑިޔާގައި 700 އަހަރުވަންދެން ދެމިއޮތް މުސްލިމުންގެ ވެރިކަން ނިމިގެންދިޔައީ އިންޑިޔާގެ މައްޗަށް އިނގިރޭސީން ވެރިވެގަތުމުންނެވެ. އޭގެފަހުން އިންޑިޔާގައި މުސްލިމުންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރެވޭގޮތްނުވެ އިނގިރޭސި އިސްތިއުމާރުގެ ދަށުގައި ސަތޭކަ އެތައް އަހަރެއް ވަންދެން ދެމިއޮތެވެ. މި ހާދިސާއާ ގުޅިގެން އިންޑިޔާގެ މުސްލިމަކު ލިޔުއްވި ލިއުއްވުމެއްގައިވެއެވެ.

"ހިސާބަކަށް އަޅުގަނޑުމެންގެ އަމިއްލަ ފަރުވާކުޑަކަމުގެ ސަބަބުން އަދި ވަކި ވަރަކަށް އަޅުގަނޑުމެންނަށް ލިބިފައިވާ މުސްކުޅި ތައުލީމެއްގެ ސަބަބުން ސިޔާސީ ކަންތައްތަކާއި ސިޔާސީ އިލްމުގެ މައްޗަށް އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. ކަމުގެ ނަތީޖާއަކަށްވީ މުޣުލް ރަސްކަމުގެ އިރުއޮއްސިގެން ދިޔުމާއެކު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހަޔާތުގައި އެއްވެސް ކަހަލަ ދިރުމެއް އުފައްދައިލެވޭނޭ ކަހަލަ ގޮތެއް ނުވުމެވެ. އިނގިރޭސީން އައިސް އަޅުގަނޑުމެންގެ ރަށުގެ މައްޗަށް ވެރިވެގަތް ހިނދު 'ފޫނުބެދޭ ފިތުނަގަނޑެއް' (’ޣަދަރު’ގެ ނަމުން މަޝްހޫރުވެފައިވާ އިނގިރޭސީންނާ ދެކޮޅަށް އިންޑިޔާގެ މުސްލިމުން ހިންގި ބަޣާވާތް) އުފެއްދުން ފިޔަވައި ކުރާނޭ އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގުނެވެ. ދަނޑިވަޅު ބަލާފައި ޚުޝާމަދު ކުރުމާއި ބިރުވެރިކަމުގެ ވަގުތުގައި ގެއަށް ވަދެ ދޮރު ބަންދުކޮށްލައިގެން ތިބުން، އެއީ ހަމަ ގައިމުވެސް އަޅުގަނޑުމެންނަށް އެނގޭ ކަންކަމެވެ. ތިމާގެ އަމިއްލަ އަބުރާއި އިއްޒަތް ސަލާމަތްކުރުމަށްޓަކައި ހަނގުރާމަކުރާ މީހުންތައް މުސްކުޅި ޒަމާންތަކުގައި ވަރަށް ގިނައިން ފެނެއެވެ. ނަމަވެސް ސިޔާސީ ކަންތައްތަކުގައި ނުވަތަ ސަރުކާރު ހިންގުމުގައި އަޅުގަނޑުމެންގެ ގައުމު ބައިވެރިވުމަށް މަސައްކަތްކޮށްފައިވާކަން ދޭހަވާ ހާދިސާއެއް އަޅުގަނޑުމެންގެ ތާރީހަކުން ފެންނާކަށް ނެތެވެ. އަދި ގައުމީ ހައިސިއްޔަތަކުން ތިމާގެމެންގެ އަބުރާއި އިއްޒަތް ސަލާމަތް ކުރުމުގެ މަސައްކަތް ކުރެވިފައިވާކަން ވެސް ސާބިތެއް ނުވެއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ އާއިލާއާއި ގާތްތިމާގެ މީހުންގެ މަސްލަހަތާއި ފައިދާ ހޯދުން ފިޔަވައި ވިސްނާ ފިކުރުކުރާ އެހެން އެއްވެސް ކަމެއް ނޯވެއެވެ. ފަހަރެއްގައިވެސް ގައުމަށްޓަކައި ނުވަތަ ވަޒަނަށްޓަކައި މަސައްކަތް ކުރުމުގެ އަޒުމެއް ނުކުރެވެއެވެ. އަޅުގަނޑުމެން ދިރިއުޅޭ އުޅުމުގައި ކުރިމަތިވާ މުސީބަތްތަކުން ސަލާމަތްވުމަށް ދުއާކޮށްކޮށް ސިހިސިހި ތިބޭ ދިރިއުޅުމަކީ ކޮން ކަހަލަ ދިރިއުޅުމެއްތޯއެވެ؟ ޝިކާރަކުރާ މީހަކު ޝިކާރައަށް ނުފެނި ސިއްރުސިއްރުން އުޅޭ ފަދައިން ބިރުން ސިހިސިހި ތިބޭ އަޅުގަނޑުމެން ދިރިއުޅޭ އަމިއްލަ ރަށަކީ ކީއްކުރަން އުޅޭ ތަންތަނެއްތޯއެވެ؟ ޔޫރަޕްގެ މީހުން ސިޔާސީ ހަޔާތޭ ކިޔާ އެއްޗަކީ އަޅުގަނޑުމެންގެ ތެރޭގައި ވައްތަރެއްގެ ޖުވާއެކެވެ. އެޖުވާ ކުޅުމުގެ ބިރުކުޑަކަން ލިބިފައިވަނީ ވަކި ބަޔަކަށެވެ. މިނިކާވަގެއްގެ އަނގައިގެ ތެރެއަށް އެއްވެސް މީހަކު އަތެއް ނުލާނެއެވެ. ހުސް ފިލައެއްގެ މަތީގައި އެއްވެސް މީހަކު ކަނޑު ދަތުރު ކުރާކަށް ނޫޅޭނޭއެވެ. ގައުމަށް ހިދުމަތްކުރެވޭނީ ރަސްގެފާނުގެ އަރިހުގައި އުޅެގެންނެވެ. ރަސްގެފާނުގެ އަރިހަށް ދެވޭތޯ މަސައްކަތްކުރާ މީހުން ރަސްގެފާނުގެ ދަރުބާރުގޭ މީހުންގެ ތެރެއަށް ވަދެ ހައްޔަރުވެ އަޅުވެތިވެފައި ތިބެތެވެ. ރަސްގެފާނުގެ އަރިހަށް ދެވުނަސް، ރަސްގެފާނު ރުއްސާފައި ބެހެއްޓުމަކީ ވެސް މާފަސޭހަ ކަމަކަށްނުވެއެވެ. އެއްވެސް ކަމެއްގައި ކުޑަ ވެސް އިއުތިރާޒެއް ކުރެވިއްޖެ ނަމަ އަބުރާއި އިއްޒަތް އަދި ފުރާނަ ވެސް ދިޔައީއެވެ. ކަން މިހެން ހުންނައިރު ވިސްނޭ ބުއްދިވެރީން ސިޔާސީ ހަޔާތާ ދުރަށް ދުވެފިލާކަން އެއީ އަޖާއިބުވާންވީ ކަމެއްތޯއެވެ…؟"

އިސްވެދިޔަ ވާހަކަކޮޅުން ދަލީލު ލިބިގަންނަން މަސައްކަތް ކުރެވެނީ ގައުމެއްގެ މީހުން އެބައިމީހުންގެ ސިޔާސީ ކަންތަކާ މެދު ހިޔާލެއް ފިކުރެއް ނުކޮށް ވެރީންނަށް ތިއްބަވާ އިއްޒަތްތެރީންގެ އިސްތަށިފުޅުގައި ހުރިހާ ކަމެއް އަޅުވައި ހުޝާމަދާ ތައުރީފުކޮށްކޮށް ތިބުމުގެ ސަބަބުން ގައުމީ ހަޔާތަށް އަންނަ ނިކަމެތިކަމާއި ދެރަކަމެވެ. ދިވެހިރާއްޖޭގައި ސުމުއްވުލް އަމީރު މުހައްމަދު އަމީނުގެ ވެރިކަމުގައި އަދި އޭގެފަހުން ނިމިގެންދިޔަ ވެރިކަމުގައިވެސް އަޅުގަނޑުމެންނަށް މިކަން ތަޖުރިބާ ކުރެވިފައި ވެއެވެ. އެންމެ ފާހަގެކޮށްލެވޭ ގޮތެއްގައި ސިޔާސީ ނިފާގުކަމުގެ ބަލީގެ ގޮތުގައެވެ.

ސުމުއްވުލް އަމީރު މުހައްމަދު އަމީނުގެ އަތްޕުޅުގައި ވެރިކަމުގެ ބާރާއި ކޮންޓުރޯލު އޮތްއިރު އޭނާއަކީ ދިވެހިރާއްޖެ ދުވަހަކުވެސް ނުދެކޭ ފަދަ މަތިވެރި ޒައީމެކެވެ. ހިންގުންތެރި ވެރިޔެކެވެ. ސިޔާސީ ހިކުމަތްތަކުން ފުރިފައިވާ މުހިއްބުލްވަތެނެކެވެ. އޭނާގެ ގައުމީ ހިދުމަތްތައް ގައުމީ ހަޔާތުގެ ހުރިހާ ރޮނގަކުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނެވެ. އޭނާގެ ވަރުގަދަ ޝަޚުސިއްޔަތާއި ޒައާމަތް، އޭނާގެ ކޮންމެ އަމަލަކުން ސާބިތުކުރެވެމުން ދިޔައެވެ. މިވާހަކަތައް އެއިރު ދައްކަމުން އައިގޮތް އެއިރުގެ ލިޔުންތަކުން މިހާރުވެސް އަޅުގަނޑުމެންނަށް ފެންނާން އެބަހުއްޓެވެ……..

އަމީންދީދީ މަގާމުން ވަކިވި ހިނދު (މި ލަވަތައް މުޅިން އެހެން ލަވަތަކަކަށް ބަދަލުވިއެވެ.)

ސުމުއްވުލް އަމީރު މުހައްމަދު އަމީނު ވެރިކަމުން ވަކިކުރެވުނީ ވެރިކަމަށް އިސްކުރެވުނު ކަހަލަ ސިފައެއްގައި ގާނޫނީ މަޖްލިސްތަކުގެ ވާހަކަ ދެއްކުންތަކަކާއި ނިންމުންތަކެއް އޮވެގެންނެއްނޫނެވެ. އެކަން ކުރީ 11 ޒުލްހައްޖާ 1372 ހ. ދުވަހު މެންދުރު ހުކުރު ނަމާދުގެ ފަހުން މާލޭ ގުޅަކުޅޭ ފަސްގަނޑަށް އެއްވި ރައްޔިތުންގެ ބައެކެވެ. އެމީހުން ހަޅޭލަވަމުން ގެންދިޔައީ ތަފާތު އެތަކެއް ވާހަކަތަކެއް ގޮވަމުންނެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ވާހަކައަކީ:

  • ދިވެހި އުއްމަތުގެ އިތުބާރު ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީނުގެ މައްޗަށް މުޅީން ނެތި ހިނގައްޖެއެވެ. މާތްވެގެންވާ އިސްލާންދީނުގެ ހަމަތަކާއި އަދުލު އިންސާފާއި ގައުމުގެ މިންވަރާ އޭނާ ހިލާފުވެވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
  • ދިވެހި ރައްޔިތުން އެ ރައީސްގެ ވެރިކަމެއް ބޭނުމެއްނޫނެވެ.
  • ދިވެހި ގައުމު ޖުމްހޫރިއްޔާއެއް ނޭދެއެވެ.
  • ރައްޔިތުން އެދެނީ އެކި ރޮނގުރޮނގުން އެކި ސިފަސިފައިގައި މުހައްމަދު އަމީނުގެ ވެރިކަމުގައި ގައުމަށް ލިބުނު އަނިޔާއާއި ދުއްތުރާތަކުން ރާއްޖެ ސަލާމަތް ކޮށްދެއްވުމަށް އެއްގަމުގޭ ސުމުއްވުލް އަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި ވެލާނާގޭ އަލްފާޟިލް އިބްރާހިމް މުހައްމަދު ދީދީއާއި ދައުލަތުގެ ވެރިކަން ސަމާލު ކުރެއްވުމަށެވެ. ……

(މިކަމަށް ބަލާލުމުން ފެންނަނީ ކޮން މަންޒަރެއްތޯއެވެ؟) ވެރިކަމުގެ ކޮންމެ ދައުރެއްގައިވެސް އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަކަށް ވެގެންދަނީ، އަދި އަޅުގަނޑުމެންނަށް އެނގޭ ގައުމީ ހިދުމަތަކަށްވެސް ވާނީ، "ލީޑަރު ތަސްބީހަ" ކިޔުމާއި "މަހާނަ މައްޗަށް މަޑިއަށް ޖެހުމެވެ". އަދި ގައުމުގެ ސިޔާސީ މަސްރަހުގައި ކުޅެވެމުންދާނީ އެކްޓަރުން ބަދަލުވެފައިވާ އެއް ޑުރާމާއެކެވެ.

****

ގައުމު ބިނާކުރުމުގެ ހަރުދަނާ އެއްވެސް ކަމެއް ނުކުރެވުނަސް، ތަނުގެ އިގުތިސާދު ހަލާކުވެ، ބޭރު ބައެއްގެ އަތްމައްޗަށް ތަން ދިޔުމުގެ މަގުފަހިކޮށްދިން ނަމަވެސް، އަދި ބޭރުގެ އަސަކަރީ ބަޔަކު ތަނުގައި ބޭތިއްބުމަށްޓަކައި ރައްޔިތުން އެތައް ފައިސާއެއް ޚަރަދުކުރަންޖެހޭ ފަދަ، ބޭއިންސާފީ ސިއްރު އެއްބަސްވުންތައް އެއްބަސްވެ، ނިންމުންތައް ނިންމުމުން ވެސް، ސިޔާސީ މި މުނާފިގުކަމުގެ ސަގާފަތަށް ނިމުމެއް އަންނަ ތަނެއް ނުފެނެއެވެ. އަދި ކިއެއް ހެއްޔެވެ؟ ދައުރުވަމުންދާ ޅެންތަކުންނާއި ބައެއް ލިޔުންތަކުން ފެންނަނީ މި ސަގާފަތް ދިރިދެމި އޮތްކަމެވެ! ދޮގު ތައުރީފާއި ޚުޝާމަދުގެ ތަރާނާތައް ކިޔައި ލީޑަރު ތަސްބީހައިގެ ތަސްބީހަތައް ކިޔަމުންދާތަނެވެ!

(ތަރުޖަމާއަކާއި އިތުރުކޮށްލުމެއް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ޅެން ހަދާ މީހުންވެސް ލީޑަރު ތަސްބީހަ ކިޔަނީ ރައީސް އޭނާއަށް އެވޯޑެއް ދޭތޯ ބަލަންވެގެން. ފަހަރެއްގަވެސް ބަޔަކު ހޭލުންތެރިކުރުމަށް ހިލޭ ސާބަހަކަށް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *