...

Support Us

ކީރިތި ރަސޫލާގެ ދިފާޢުގައި ދިވެހި ޒުވާނުން ތެދުވެއްޖެ

ކީރިތި ރަސޫލާ މުޙަންމަދު (ﷺ) އަށް ފުރައްސާރަ ކޮށް ކީރިތި ޤުރުއާނާއި އިސްލާމް ދީނަށް ތައުހީނުކޮށް، އިންޑިއާގެ ޕީޖޭޕީގެ ރަސްމީ ތަރުޖަމާނު ނުޕޫރު ޝަރުމާއާއި ދިއްލީގެ މީޑިއާގެ އިސްވެރިޔާ ނަވީން ކުމާރު ޖިންދާލް ދެއްކި ވާހަކަތަކާ ދެކޮޅަށް ކީރިތި ރަސޫލާ މުޙަންމަދު (ﷺ) އާއި އިސްލާމް ދީނުގެ ދިފާޢުގައި ދިވެހި ޒުވާނުން ތެދުވެއްޖެއެވެ.

ޒުވާނުން އިސްނަގައިގެން މިއަދު މާލޭގައި ބޭއްވި ސައިކަލު ބުރުގައި ގިނަ ޢަދަދެއްގެ ޒުވާނުންނާއި ޢިލްމުވެރީންނާއި އަންހެނުންނާއި އިސްރަށްވެހީން ބައިވެރިވިއެވެ. މި ހަރަކާތުގެ ބައިވެރިން ވަނީ ރަސޫލާ އަށް ފުރައްސާރަކުރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އިސްލާމް ދީނާއި ކައުސާހިބާގެ ދިފާޢުގައި އަބަދު ވެސް ތިބޭނެކަން ހާމަކޮށްފައެވެ.

ސައިކަލު ބުރު ކުރިއަށް ދިޔަ އިރު ގިނަ ބަޔަކު ތިބީ ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެންނެވެ. އަދި މި ސައިކަލު ބުރުގައި ބައިވެރީން ގެންދިޔައީ "ﷲ އަކްބަރު"ގެ މަތިވެރި ކަލިމަ ހަރު އަޑުން ކިޔައި އަޑު އުފުލަމުންނެވެ.

މި ހަރަކާތުގެ މުހިންމު މަގުސަދަކީ މާތް ނަބިއްޔާއަށް ނަސްރުވެރިކުރުވުން ކަމަށް ހަރަކާތުގެ ބައިވެރިން ވަނީ ހާމަކޮށްފައެވެ. ހަރަކާތުގެ ބައިވެރިން ވަނީ ކައުރަސޫލާއަށް ފުރައްސާރަ ކުރުމާ ދެކޮޅަށް އަޑުއުފުލާފައެވެ. ރަސްފަންނުން ފެށި މި ސައިކަލު ބުރު މަޖީދީމަގުން އިރަށް ގޮސް، ބޮޑުތަކުރުފާނު މަގުން ދެކުނަށް ގޮސް ރަސްފަންނަށް ނިންމައިލުމުގެ ކުރީން، ޒުވާން ޢިލްމުވެރީން ވަނީ ކައުސާހިބާގެ މަތިވެރިކަމާއި އޯގާވެރިކަމާއި އެކަލޭގެފާނު މުސްލިމު އުންމަތްދެކެ ލޯބިވެވަޑައިގަންނަވާ މިންވަރު ހާމަކުރައްވައި ތަޤުރީރުކުރައްވައިފައެވެ. އަދި މުސްލިމުން ކައުރަސޫލާ ދެކެ ލޯބިވާ މިންވަރު ވަނީ އިސްލާމީ ތާރީޚުން ހާމަކޮށްދެއްވައިފައެވެ. އަދި އެމީހާގެ އަމިއްލަ ނަފުސާއި ޢާއިލާއަށް ވުރެ ބޮޑަށް ކައު ރަސޫލާ ދެކެ ލޯބި ވެއްޖައުމަށް ދާންދެން އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެކަމަށް ވިދާޅުވެ، އިސްލާމީ ޝަރީޢަތުން އެ ބޭފުޅުން ވަނީ ދަލީލުދައްކަވައިފައެވެ. އަދި މުސްލިމުންނާ ދެކޮޅަށް ޖަރީމާ ހިންގާ މީހުންނަށް ހިތްވަރުދީ އެ ކަމަށް ވާގިވެރިވާތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިވެހި ދައުލަތުން ދީފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢީއްޒަތުގެ ވެރިކަމުގެ ލަގަބު އަތުލުމަށް ވެސް މި ޙަރަކާތުގެ ބައިވެރީން ގޮވައިލައިފައިވެއެވެ. އެ ޢިއްޒަތަކީ އިންޑިއާގެ މަލާބާރުގެ އަނިޔާވެރި ވަކިތަކުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީނަށް ނިސްބަތްވާ ޢިއްޒަތެކެވެ.

މިއަދު ބޭއްވި ސައިކަލުބުރުގެ ޙަރަކާތުގެ ބައިވެރީން ބުނެފައިވަނީ މިއީ މިފަދަ ހަރާކާތެއްގެ ފެށުން ކަމަށެވެ. މިއަދު ހަވީރު 4:00ގައި ފެށި މި ޙަރަކާތް 5:50ގައި ނިންމާލައިފައިވަނީ ޚާއްސަ ދުއާއެއް ކޮށްފައެވެ. ޢަރަބި ބަހުން ކުރި އެ ދުޢާ އިސްވެ ކުރެއްވީ އައްޝައިޚު އާދަމް ނިޝާން ޢަލީއެވެ.

ކައު ސާހިބާއަށް ތައުހީނުކުރި މައްސަލައިގައި ރުޅި ގަދަވެފައި ތިބި ޒުވާނުންތަކެއް ވަނީ ޙަރަކާތް ނިންމައިލިކަން އިޢުލާން ކުރިފަހުން ނުޕޫރު ޝަރުމާއާއި ނަވީން ކުމާރު ޖިންދާލާއި ނަރެންދުރަ މޯދީގެ ފޮޓޯތަކެއްގައި އަލިފާންޖަހައި އަންދައި ވެސް ލައިފައެވެ. އެއީ ބީޖޭޕީ ސަރުކާރު ދެކެ ރުޅިއައިސްފައި ތިބި މުސްލިމް ޒުވާނުންތަކެއް އެ މީހުންގެ ރުޅީގައި ހިންގި ޢަމަލެކެވެ. އެހެނީ ޕީޖޭޕީ ސަރުކާރުގެ އެހީތެރިކަމާއެކު އިންޑިއާގައި ގެންދަނީ މުސްލިމުންނާ ދެކޮޅަށް ނަސްލު ނައްތައިލުމުގެ ޙަރަކާތްތަކެއް ހިންގަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މޯޑީގެ ފޮޓޯ އެންދި ވާހަކަ ބުނެލާން ކެރުނީ ހަމައެކަނި "އަދިވެސް"އަށް އެކަނި. އިންޑިއާއަށް ގެންގޮސް ޖީބުފުރައިލި ނޫސްތަކަކަށް ނުކެރޭނެތާ! އަދިވެސްއަށް ތަހުނިޔާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.