...

Support Us

ކުނި މަދުކުރުމުގެ މަސައްކަތް ޤައުމީ ފެންވަރުގައި ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

އުފެދޭ ކުނި މަދުކުރުމުގެ މަސައްކަތް ޤައުމީ ފެންވަރުގައި ކުރުމަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ގޮވާލައްވައިފި އެވެ. އެމަނިކުފާނު މިކަމަށް ގޮވާލައްވާފައި ވަނީ "ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑް 2022″ ގެ ނަމުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

'ޕްރޮމިސް' މަޝްރޫޢަކީ ލަކްޝަދީބު ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަންގެ ސްވިޗް އޭޝިޔާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެއާއި ސްރީލަންކާ އަދި އިންޑިއާގެ ގޮނޑުދޮށްތަކާއި ކަނޑުގެ އައްސޭރިފަށުން ކުނި މަދުކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވަމުން ނައިބު ރައީސް ވަނީ، ކަނޑުފަޅަކީ ރައްޖޭގެ އެންމެ ބޮޑު ޤުދުރަތީ ވަޞީލަތްކަން ފާހަގަކުރައްވައި، ކަނޑުފަޅުގެ ސަބަބުން ކާނާއާއި ފެނާއި ފަތުރުވެރިކަން މެދުވެރިކޮށް ދިވެހީންނަށް އާމްދަނީ ލިބޭކަމުގައި ވިދާޅުވެފަ އެވެ. އަދި، އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކާއި، ދިރިއުޅުމަށްޓަކައި އަދި ކުރިޔަށް އޮތް ޖީލުތަކަށްޓަކައި ކަނޑުފަޅުގެ ވަޞީލަތްތައް ރައްކާތެރިކޮށް ދިނުމަކީ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމުގައި ހާމަކުރައްވާފަ އެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ނައިބު ރައީސް ވަނީ ކަނޑުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ކަނޑުތައް ތަޣައްޔަރުވުމުގެ މައްސަލަ ކަމުގައި ވިދާޅުވެ، ގޮނޑުދޮށްތަކާއި ކަނޑުތަކުގެ އައްސޭރިފަށަށް ޖަމާވާ ކުނި ފަދަ ތަކެތި ކަނޑުތަކަށް ފެތުރުމުގެ ސަބަބުން ކަނޑުފަޅުގެ ދިރުންތަކަށް ކުނީގެ އަސަރު ފޯރައި، އިންސާނުން ކެއުމަށް ބޭނުންކުރާ މަހުގެ ބާވަތްތަކުގައި މައިކްރޯ ޕްލާސްޓިކްގެ އަސަރު ހިމެނިގެން އަންނަ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި، އެމަނިކުފާނު ވަނީ މައިކްރޯ ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކާއި، އިންސާނުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް ނައިބު ރައީސް ވަނީ މި ސަރުކާރުން ކުނީގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ތަޢުރީފުކުރައްވައި، މާލޭ ސަރަޙައްދުގައި ކުނި ވަކިކުރުމަށް ފަށައިފައިވާ މަސައްކަތުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި، އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުނި ވަކިކުރުމުގެ މަސައްކަތް ފެށުމަކީ ތިމާވެށީގެ މަގުގައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، އެކަމުގެ ސަބަބުން ތުއްތު ކުދިންގެ ހިތްތަކުގައި ކުނި އުފެއްދުމުގައި ވިސްނުންތެރި ވުމަށް ބާރުއެޅޭ ކަމަށާއި، ރަނގަޅު ގޮތުގައި ކުނި މެނޭޖްކޮށް، ކުނިން ޙަކަތަ ނުވަތަ ޢާމްދަނީ އުފެއްދުމުގެ ފުރުޞަތު ކުރިޔަށް އޮތްތާގައި ފަހިވެގެންދާނެއެވެ.

ޤައުމީ ފެންވަރެއްގައި ކުނި މަދުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ 2023 ގެ ނިޔަލަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ރާއްޖެއާއި ސްރީލަންކާ އަދި އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކުނި މެނޭޖްކުރުމުގެ ޢީޖާދީ ނިޒާމުތައް ބޭނުންކުރަމުން ދާތީ، މިކަމުގެ ފަހަތުގައި އޮތް ޕްރޮމިސް މަޝްރޫޢުގެ ދައުރު ފާހަގަކުރައްވައި، އެބޭފުޅުންގެ އިރުޝާދުގެ ދަށުން ކަނޑުފަޅު ރައްކާތެރިވާނޭ ފަދައިން މި ވިޔަފާރިތަކުން ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ބޭނުންކުރަމުންދާތީ އެކަމަށްޓަކައި ތަޢުރީފު ކުރެއްވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.