Support Us

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާ ރައީސް މުހައްމަދު ޝަފާއު ހަސަން

މީޑިއާ ކައުންސިލްގެ އާ ރައީސަކަށް ޝަފާއު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ރައީސް ކަމަށް މުހައްމަދު ޝަފާއު ހަސަން އިންތިހާބުކޮށްފިއެވެ.

އެމްއެމްސީގެ ރައީސް ކަމުގައި މިހާތަނަށް ހުންނެވި ޝަހުބާން ފަހުމީ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އިއްޔެ ބޭއްވި ޖަލްސާގައި ޝަފާއު އެ މަގާމަށް އިންތިހާބުކުރަން، 15 މެމްބަރުން ހިމެނޭ ކައުންސިލްގެ ނުވަ މެންބަރަކު ވޯޓް ދިނެވެ. ފަސް މެންބަރަކު ވަނީ ޖަލްސާއިން ވޯކްއައުޓް ކޮށްފައެވެ. އަދި އެއް މެންބަރަކު ޖަލްސާގައި ބައިވެރިވެއެއް ނުވެއެވެ. 

ޖަލްސާ އިން ވޯކްއުޓްކުރި ފަސް މެމްބަރުންގެ ތެރޭގައި ސަންގު ޓީވީގެ ޝަހުބާނު ވެސް ހިމެނެއެވެ. (އެމްއެމްސީގެ ރައީސްކަމުން އިސްތިއުފާ ދެއްވިޔަސް، މެމްބަރުކަމުން އޭނާ އިސްތިއުފާއެއް ނުދެއްވައެވެ.) ވޯކްއުޓްކުރި އަނެއް ހަތަރު މެމްބަރުންނަކީ އާދަމް ނަވާޒު (ވަގުތު) އާއި ފާތުމަތު އަހުމަދު (އަމިއްލަ) އާއި އިގުނާޒު އަލީ (ފެށުން) އާއި ޝަފާތު ހަބީބު (އަމިއްލަ) އެވެ.

ގާނޫނެއްގެ ދަށުން އުފައްދައިފައިވާ މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ މީޑިއާތަކުގެ އަށް މެމްބަރުންނާއި އާންމުންގެ ހަތް މެމްބަރުންގެ މައްޗަށެވެ.

ދެ އަހަރުން އެއް ފަހަރު އިންތިހާބުކުރާ މީޑިއާ ކައުންސިލް އެންމެ ފަހުން އިންތިހާބުކޮށްފައި ވަނީ 15 ޑިސެމްބަރު 2020 ގައެވެ. އެހެންކަމުން ދައުރު ހަމަވާން އޮތީ ހައެއްކަ މަހެވެ.

އަމިއްލަ މެމްބަރެއް ގޮތުން މީޑިއާ ކައުންސިލަށް އިންތިހާބުވި ޝަފާއުއަކީ ރީޖަނަލް އެއަރޕޯޓްސް އާއި ކެއަރ ސޮސައިޓީގެ ބޯޑު މެމްބަރެކެވެ.

މީޑިއާ ކައުންސިލްގެ ނައިބު ރައީސަކީ "ތިލަދުން"ގެ ހުސެއިން ޝަގީފެވެ.

މީޑިއާ ކައުންސިލްގެ ރައީސްކަމުން ޝަހުބާން އިސްތިއުފާ ދެއްވީ އޭނާއާ ދެކޮޅަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވި މަގާމުން ދުރުކުރަން މަސައްކަތް ފެށުމުންނެވެ. ނަމަވެސް އިސްތިއުފާ ދެއްވަމުން ޝަހުބާން ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވަނީ މަނީ ލޯންޑްރިންގެ ތުހުމަތާ ގުޅިގެން ނޫން ކަމަށެވެ. އެކަމަކު އޭނާއާ ދެކޮޅަށް ބައެއް މެމްބަރުން ހަރަކާތްތެރިވެ، އޭނާގެ ރިޔާސަތުގައި ކައުންސިލް ހިންގުމުގެ މަސައްކަތްތަކަށް ހުރަސްއަޅަމުންދާތީ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *