Support Us

ރާނީގެ "ޕްލެޓިނަމް ޖުބިލީ" ފާހަގަކުރުމަށް މާލޭގައި ބޭއްވި ޙަފްލާ ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2ގެ "ޕްލެޓިނަމް ޖުބިލީ"ގެ މުނާޞަބާ ފާހަގަކުރުމަށް މިއަދު މާލޭގައި ބޭއްވި ޚާއްޞަ ޙަފްލާ ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ޚާއްޞަ މުނާޞަބާގައި އިނގިރޭސި ވިލާތުގެ ރާނީއަށް ތަހުނިޔާ ވިދާޅުވެ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ވެސް ރާނީގެ އުފަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ މީގެ 50 އަހަރު ކުރިން 13 މާރިޗު 1972 ގައި އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖެއާ އިނގިރޭސިވިލާތާއި ދެޤައުމުގެ ދެމެދު އޮތް ޚާއްޞަ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، މި އަހަރަކީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް އެގުޅުން އިތުރަށް ބަދަހިވެގެންދާނެ އަހަރެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުން ރާއްޖެއަށް ގިނަ ދާއިރާތަކުން އެއްބާރުލުންދޭކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ހިންގުން ހަރުދަނާ ކުރުމާއި، ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމާއި، ތިމާވެށި ރައްކާތެރި ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ދިފާޢީ ދާއިރާ އަދި ވަކިން ޚާއްޞަކޮށް ތަޖުރިބާ ބަދަލުކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް އިތުރުކޮށް ސަލާމަތީ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިވަމުން އަންނަކަމުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުން ފަދަ ތަރައްޤީގެ ރޮނގުން ރާއްޖެއަށް މުހިންމު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިނގިރޭސިވިލާތުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޗެވްނިންގ ސްކޮލަރޝިޕާއި، ކޮމަންވެލްތު ސްކޮލަރޝިޕް ސްކީމް ފަދަ ޕްރޮގްރާމްތަކަކީ، ރާއްޖޭގެ އިޤްތިޞާދުގެ ގާތްގަނޑަކަށް ހުރިހާ ދާއިރާއެއްގައިވެސް، އެ ދާއިރާތަކުގައި އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ހުނަރުވެރި، ޤާބިލު މަސައްކަތްތެރި ބަޔަކު ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ޕްރޮގްރާމްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުންފަދަ ދާއިރާތަކުގައި ރާއްޖެއާއި އިނގިރޭސިވިލާތަކީ ގިނަ އެއްގޮތް ކަންތައްތަކެއް ޙިއްޞާކުރާ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި، އިނގިރޭސިވިލާތަކީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އެންމެ ގިނައިން އެކްސްޕޯޓް ކުރާ އެއް ޤައުމުކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް އިނގިރޭސި ވިލާތަށް މާކެޓްކުރުމަށާއި އެފަދަ ބާވަތްތަކުން ނަގާ ބޮޑު ޓެރިފް މަޢާފު ކުރުން ފަދަ ކަންކަމަށް ފަހި ގޮތްތަކެއް ހަމަޖެހިގެންދިއުމަށް އެދިވަޑައިގަންނަވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް