Support Us

ދަގަނޑޭ އާއި ޝަލަބީ ބައިވެރިކޮށްގެން ނޮޅިވަރަންފަރުގައި ދުވުމެއް ބާއްވައިފި

ދެވަނައެއް ނެތް ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީ އިބްރާހިމް ބައިވެރިކޮށްގެން ހދ. ނޮޅިވަރަންފަރުގައި ޚާއްސަ ދުވުމެއް އިއްޔެ ބާއްވައިފިއެވެ. ނޮޅިވަރަންފަރު ސްކޫލްގެ ޕީ.ޓީ.އޭ އިން އިންތިޒާމްކޮށްގެން ބޭއްވި "ޕީ.ޓީ.އޭ ހެލްތު ރަން"ގައި ދަރިވަރުންނާއި އާންމުންނާއެކު 300 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

"ޕީ.ޓީ.އޭ ހެލްތު ރަން"ގެ ތެރެއިން… ފޮޓޯ: ނޮޅިވަރަންފަރު ސްކޫލް

ރަށުގެ ބޮޑެތި މަގުތަކުގައި އިއްޔެ ހަވީރު ބޭއްވި މި ދުވުމުގައި ބޮޑެތި މީހުން ދުވީ ދެ ކިލޯމީޓަރަށެވެ. ކުޑަކުދިން، ބައި ކިލޯމީޓަރަށެވެ. ދުވުންތެރިން ލައިގެން ތިބީ އެކަމަށްޓަކައި ވިއްކި ހާއްސަ ޓީޝާޓްތަކެކެވެ.

"ޕީ.ޓީ.އޭ ހެލްތު ރަން"ގެ ތެރެއިން… ފޮޓޯ: ނޮޅިވަރަންފަރު ސްކޫލް

ހުސްވި މޭ މަހުގެ 19ގައި 53 އަހަރު ފުރުން ފާހަގަކުރި ސްކޫލްގެ ޕްރިންސިޕަލް އަލީ އަހުމަދު "އަދިވެސް" އަށް ވިދާޅުވީ އިއްޔެގެ "ދުވުން ވަރަށް ކާމިޔާބު" ކަމަށެވެ. ދުވުމުގެ ހުރިހައި ކަމެއް އިންތިޒާމްކޮށް ބެލެހެއްޓީ ޕީ.ޓީ.އޭގެ ފަރާތުން ކަމަށާއި ދަގަނޑޭ އާއި ޝަލަބީ ގެންދިއުމުގެ ކަންކަން ހަމަޖެއްސީ ލަޒީޒިއޯ ކެފޭ އަދި އަޒުމް ލޯންޗު ސަރވިސްގެ ދީލަތި އެހީތެރިކަމާއެކު ޕީ.ޓީ.އޭއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޕީ.ޓީ.އޭ ހެލްތު ރަން"ގެ ތެރެއިން… ފޮޓޯ: ނޮޅިވަރަންފަރު ސްކޫލް

"ޝަލަބީ އާއި ދަގަނޑޭ ގެނައުމުން ކަންނޭނގޭ އެހާ ބޮޑު ކާމިޔާބެއް ލިބުނީ،" އަލީ އަހުމަދު ވިދާޅުވިއެވެ. "ދަރިވަރުންނާއި ބެލެނިވެރިންނާއި އެކިއެކި މުވައްސަސާތަކުގެ މުވައްޒަފުންނާއި ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވި މި ދުވުމުގައި. މިކަން އިންތިޒާމްކުރުމުގައި ޕީ.ޓީއޭ އާއި ސްކޫލްގެ ސްޓާފުން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން."

"ޕީ.ޓީ.އޭ ހެލްތު ރަން"ގެ ތެރެއިން… ފޮޓޯ: ނޮޅިވަރަންފަރު ސްކޫލް

އިއްޔެގެ ދުވުމަށް ތައްޔާރުކުރި ޓީޝާޓުގެ 300 އަށްވުރެ ގިނަ ޓީޝާޓު ވިކުނުކަމުގައި ޕްރިންސިޕަލް ވިދާޅުވިއެވެ.

"ފަންޑް ރެއިސިން އިވެންޓެއްގެ ގޮތުގައި މި އިވެންޓު ކުރިއަށް ގެންދިޔައީ. އެހެންވެ ޓީޝާޓު ވިއްކައިގެން ލިބުނު އެއްޗަކުން ހަރަދުތައް ކަނޑައިފައި ލިބޭ އެއްޗެއް ސްކޫލްގެ އެކިއެކި ކަންކަމަށް ބޭނުންކުރާނީ."

"ޕީ.ޓީ.އޭ ހެލްތު ރަން"ގެ ތެރެއިން… ފޮޓޯ: ނޮޅިވަރަންފަރު ސްކޫލް

އިއްޔެގެ ދުވުމުގެ ބައިވެރިންނަށް އިނާމާއި މެޑަލް ދިނީ ވެސް ދަގަނޑޭ އާއި ޝަލަބީއެވެ. އަދި މި އިވެންޓަށްފަހު ދަގަނޑޭ އާއި ޝަލަބީއާއެކު ގިނަ ބަޔަކު ފޮޓޯ އާއި ސެލްފީ ނަގައި، ވީޑިއޯކޮށްފައި ވެއެވެ.

"ޕީ.ޓީ.އޭ ހެލްތު ރަން"ގެ ތެރެއިން… ފޮޓޯ: ނޮޅިވަރަންފަރު ސްކޫލް

އެއް ދަންފަޅިއަށް ކިޔަވައިދޭ ނޮޅިވަރަންފަރު ސްކޫލްގައި އެލް.ކޭ.ޖީން ފެށިގެން ގްރޭޑް 10 އަށް ކިޔަވާ 325 ދަރިވަރުން އެބަތިއްބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *