އިނގިރޭސިވިލާތުގެ ރާނީ އަދި ކޮމަންވެލްތުގެ ހެޑް، ކުއީން އެލިޒަބަތުގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޔުނައިޓަޑް ކިންގްޑޮމްގައި ބޭއްވި "ޕްލެޓިނަމް ޖުބިލީ ޕޭޖަންޓް"ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.
ކުއީން އެލިޒަބަތުގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރުމުގެ ގޮތުން ޔޫކޭގައި ޖޫން މަހުގެ 2 އިން 5 އަށް ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން އެންމެ ފަހު ދުވަހު، ޔުނައިޓެޑް ކިންގްޑޮމް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ނިސްބަތްވާހެން ދިހަ ހާހަށް ވުރެން ގިނަ މީހުން ވަނީ ތިން ކިލޯމީޓަރު ރޫޓެއްގެ ޕޭޖަންޓުގައި ބައިވެރިވެފައެވެ. ޖުމްލަ ހަތަރު އެކްޓަކަށް ބަހާލެވިގެން ކުރިއަށްދިޔަ މި ޕޭޖަންޓުގައި އެކުލެވުނު ފުރަތަމަ އެކްޓަކީ، ކޮމަންވެލްތަށް ނިސްބަތްވާ އެންމެހާ ޤައުމުތަކުގެ އަސްކަރިއްޔާތަކުން ބައިވެރިވި އެކްޓެކެވެ.
ކޮމަންވެލްތުގެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނި، މި ޕޭޖަންޓުގައި ބައިވެރިވުމަށް ދައުވަތު ލިބިފައިވުމާއެކު، އެމްއެންޑީއެފުން މޭޖަރ މުޙައްމަދު ނަޒީމާއި ސާޖަންޓް މޭޖަރ ސަމްޙާ ޔޫސުފާއި ސްޓާފް ސާޖަންޓް އިބްރާހީމް ފައިސަލް އަދި ސާޖަންްޓް އިބްރާހީމް ޝަފީޤު ވަނީ ޕޭޖަންޓުގައި ބައިވެރިވުމަށް ޔޫކޭއަށް ދަތުރުކޮށްފައެވެ. މި ޕޭޖަންޓުގައި ބައިވެރިވި ޤައުމުތަކުގެ އަސްކަރިއްޔާތަކުން މާޗުކޮށްފައިވަނީ އެ ޤައުމެއްގެ ދިދަ ހިފައިގެންނެވެ.
ކުއީން އެލިޒަބަތު ސެކަންޑް އިނގިރޭސި ވިލާތުގެ ރަނިކަމާ ހަވާލުވެވަޑައިގަތީ 1952 ވަނަ އަހަރުގެ ފެބުރުވަރީ މަހު، އުމުރުން 25 އަހަރުފުޅުގައެވެ.
MNDF contingent participates in the military parade of the #PlatinumJubileePageant alongside the UK Army, Navy, RAF, and the #Commonwealth family to celebrate Her Majesty Queen Elizabeth II @RoyalFamily @MDVinUK pic.twitter.com/kxbnXALsLb
— Maldives National Defence Force (@MNDF_Official) June 5, 2022