Support Us

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ތިމާވެށްޓަށްވެސް އެތައް ގެއްލުމެއް ފޯރާ ކަމެއް: ރައީސުލްޖުމްހޫރިއްޔާ

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޞިއްޙީ މައްސަލަތައް ކުރިމަތިކުރުވާ ކަމެއްގެ އިތުރުން ތިމާވެށްޓަށްވެސް އޭގެ އެތައް ގެއްލުމެއް ފޯރާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާޞަބަތުގައި މިއަދު ފޮނުއްވި ޚިޠާބު ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު މުޅި ދުނިޔޭގައި ފާހަގަކުރާ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނާއި ދުންފަތުގެ ނުރައްކާތެރިކަމާ މެދު ރައްޔިތުން ހޭލުންތެރިކޮށް، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދައިން ރައްޔިތުން ދުރުކުރުމަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މިއަހަރު ހިންގާ ޙަރަކާތްތައް ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދަނީ، އިންސާނީ ދަރިފަސްކޮޅު މި ބިންމަތީގައި ދެމިއޮތުމަށް ނުރައްކާކުރާ ތިމާވެށީގެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިގެންނެވެ.

ދުންފަތުގެ ބޭނުންކުރުމުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުގެ އިތުރުން ތިމާވެށީގެ ގޮތުން ކުރާ އަސަރުތަކަށް އެމަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ސިނގިރޭޓް އުފެއްދުމަށްޓަކައި ކޮންމެ އަހަރަކު އެވްރެޖް ގޮތެއްގައި 600 މިލިއަން ގަސް ކަނޑާކަމާއި ސިނގިރޭޓް އުފައްދާ ކާރުޚާނާތައް ހިންގުމުގެ ތެރޭގައި، އަހަރަކު 84 މިލިއަން ޓަނުގެ ކާބަންޑައި އޮކްސައިޑް ޖައްވުގެ ތެރެއަށް ދޫކުރާކަމާއި ސިނގިރޭޓް އުފެއްދުމުގެ މަސައްކަތަށް އަހަރަކު އެވްރެޖް ގޮތެއްގައި، 22 ބިލިއަން ޓަނުގެ ފެން ބޭނުންކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ސިނގިރޭޓް ބުއިމަށް ފަހު ބާކީވާ ފިލްޓަރުގެ 4.5 ޓްރިލިއަން އެތިކޮޅު، ރައްކާތެރި ގޮތުގައި ނައްތާނުލައި އެކި ތަންތަނަށް އުކައިލުމުން، އެވްރެޖްކޮށް އަހަރަކު 766 ޓަނުގެ ވިހަ ކުނި އުފެދޭކަމާއި އޭގެ ސަބަބުން އެތައް ބައިވަރު ވިހަ ކެމިކަލްތައް، މި ބިމުގެ ވަޔާއި ފެނާއި ބިންގަނޑާ އެކުވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ތިމާގެ އަމިއްލަ ޞިއްޙަތަށާއި އަނެކުންގެ ޞިއްޙަތަށް، ގެއްލުންވާކަން ފާހަގަކުރައްވައި އެނގި ހުރެ އެހެންމީހެއްގެ ޞިއްޙަތަށް ގެއްލުން ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންނަން އޮތް ޖީލުތައް ދިރިއުޅުމަށްޓަކައި، ދުނިޔޭގެ ޤުދުރަތީ ވެށި ރައްކާތެރިކުރުމުގެ ގޮތުންވެސް، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދައަށް ނޫނެކޭ ބުނުމުގެ ވަގުތު ޖެހިފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *