ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމަށް ގ. ފިޔާތޮށިގޭ ޙަސަން ޞާބިރު އަދި ބެލްޖިއަމުގައި ހުންނަވާ ދިވެހި ސަފީރުކަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހ. ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަނު ކުރައްވައި، އެ ދެ ބޭފުޅުންނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.
ޞާބިރު ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުންނާ އެއް ފެންވަރުގައެވެ. ޢުމަރު ޢަބްދުއްރައްޒާޤު ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުންނާ އެއް ފެންވަރުގައެވެ.
ޞާބިރު މީގެ ކުރިން ހުންނެވީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. ޢުމަރު ޢަބްދުއްރައްޒާޤު ހުންނެވީ ސްރީ ލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.