Support Us

ބިނާވެށި ޕްލޭން ހެދުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ގޮތްތަކެއް ހޯދޭނެ: ރައީސް

ބިނާވެށި ޕްލޭން ހެދުމަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން ވިއަވަތި ރާއްޖެ ކޮންފަރެންސްގެ މިއަދު ބޭއްވި ދެވަނަ ސެޝަންގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ގޮތްތަކެއް ހޯއްދެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ދެވަނަ ސެޝަން ޗެއަރކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ސެޝަން ފައްޓަވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ލާމަޒުކަޒީ ޤާނޫނަށް ގެނެވުނު އެންމެ ބޮޑު އެއް އިސްލާހަކީ ރަށްރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ކައުންސިލުގެ ދައުރު ބޮޑުކުރުންކަން ފާހަގަކުރެއްވިއެވެ. އަދި އެކަންކުރަން ކަނޑައެޅިފައި އޮތީ ޕްލޭން އެކުލަވާލާއިރު އެރަށެއްގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކު އެބަޔަކު ބޭނުންވާ ވިސްނުމެއް އޭގައި ހިމެނޭ ގޮތަށް ޕްލޭން އެކުލަވާލައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ޤާނޫނަށް ގެނެވުނު މި ބަދަލާ އެއްގޮތަށް ބިނާ ވެށި ޕްލޭންތައް އެކުލަވާލުމަށް ކައުންސިލްތަކަށް ދަތިތަކާ ކުރިމަތިވެފައިވާތީ މިއަދު ބޭއްވި ސެޝަންގެ އެންމެ ބޮޑު ބޭނުމަކީ އެކަންކަމާ މަޝްވަރާކޮށް ގޮތްތަކެއް ހޯދައިދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސެޝަންގައި ޕެނަލިސްޓުންގެ ގޮތުގައި މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މަޢުޞޫމާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާގެ އިތުރުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ، ފާތުމަތު އަފްޝަން ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު، ޢަލީ ނިޔާޒް ހިމެނިވަޑައިގަންނަވައެވެ.

މި ސެޝަންގައި ވެސް "ފަނޯއްލަ" ދަރުބާރުގައި މަޝްވަރާކުރެވިފައިވާ ކަންކަމުގެ ތެރެއިން ބިނާވެށި ޕްލޭނާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުންނާއި ކައުންސިލަރުން ފާހަގަކުރައްވަން ބޭނުންވެލައްވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ފުރުޞަތު ދެއްވިއެވެ.

ޕެނަލްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވަނީ ލޭންޑްޔޫސް ޕްލޭން ފާސްކުރަން ހުށަހެޅުމާއި އަދި އެ ޕްލޭން އެކުލަވާލުމުގައި ކައުންސިލުތަކަށް އެންމެ ދަތިވާ ކަންތައްތައް ކަމުގައި އެ މިނިސްޓްރީއަށް ފާހަގަކުރެއްވޭ ކަންކަން ވިދާޅުވެ ބިނާވެށި ޕްލޭން އެކުލަވާލުމުގައި ގެންގުޅެވިދާނެ ލުއިފަސޭހަ ގޮތްތަކެއް ކޮންފަރެންސްގެ ބައިވެރިންނާ ޙިއްޞާކޮށްދެއްވާފައެވެ. މީގެ އިތުރުން ޕެނަލްގައި ހިމެނިވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރ ޑރ. މަޢުޞޫމް ވަނީ ބިނާވެށި ޕްލޭން އެކުލަވާލުމުގައި ޓޫރިޒަމްގެ ދާއިރާއިން ސަމާލުކަންދޭންޖެހޭ ކަންކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ޝައުނާ ވަނީ ބިނާވެށި ޕްލޭން ތަރައްޤީކުރުމާއި ރަށްރަށުގައި ތަރައްޤީގެ އެކިއެކި މަސައްކަތްތައް ކުރިޔަށްގެންދާއިރު ތިމާވެށީގެ ދާއިރާއިން ވިސްނުން ބަހައްޓަންވީ ކަންކަން ފާހަގަކުރައްވާފައެވެ.

މި ފުރުޞަތުގައި ކައުންސިލަރުން ހުށަހެޅުއްވި ބައެއް ކަންކަމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބިނާވެށި ޕްލޭނާ ގުޅޭގޮތުން މިއަދުގެ ސެޝަންގައި ކުރިޔަށްދިޔަ މަޝްވަރާތަކުގެ އަލީގައި ކުރިޔަށްވުރެ ފަސޭހައިން ކަންކަން ކުރެވޭނެ ގޮތަށް މަގުފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ދެން މި ސެޝަންގައި ކައުންސިލަރުން، އަތޮޅު ކައުންސިލްތަކުގެ އިޙްތިޞާސްއާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަންމުގައިވެސް ޤާނޫނީ ގޮތުން ބަދަލެއް ގެންނަން ޖެހޭތޯ ބައްލަވައި ބަދަލެއް ގެންނަވަން ޖެހޭނަމަ އެބަދަލެއް ގެނެސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލްތަކުން ފާހަގަކުރެއްވި ސިވިލްސަރވިސް ކޮމިޝަނާ ގުޅުންހުރި ކަންކަން އެ ކޮމިޝަނާ ޙިއްޞާކޮށްދެއްވައި ގޮތްތަކެއް ހޯއްދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މާދަމާވެސް ދެ ސެޝަނެއް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. މާދަމާ އޮންނަ މި ކޮންފަރެންސްގެ ތިންވަނަ ސެޝަން ކުރިޔަށްދާނީ "ރަށުތަރައްޤީގައި އަންހެނުން" މި މަޢުޟޫއަށެވެ. އަދި އެންމެ ފަހު ސެޝަން، ހަތަރުވަނަ ސެޝަން ކުރިޔަށްދާނީ ލާމަރުކަޒީ ނިޒާމުގެ މިހާރުގެ މިސްރާބާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީ ބައިވެރިވާ ގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ކުރިޔަށްދާ މި ކޮންފަރެންސްއެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *