Support Us

"ވިއަވަތި ރާއްޖެ" ކޮންފަރެންސް ބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ވަޑައިގެންފި

ވިއަވަތި ރާއްޖެ ކޮންފަރެންސް ބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އއ. އުކުޅަހަށް ވަޑައިގެންފިއެވެ.

މިމަހުގެ 28-29 ގައި ކުރިޔަށްގެންދާ މި ކޮންފަރެންސްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާގޮތަށް އެ ނިޒާމު ބައްޓަންކުރެއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާޙްތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އަދި ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލުހޯދުމުގެ ގޮތުން ކައުންސިލަރުންނަށް ރައީސުލްޖުމްހޫރިއްޔާއާއި އަދި ކަމާބެހޭ ވަޒީރުންނާއި މަޝްވަރާކުރައްވައި ޙައްލުތައްހޯއްދެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީވެސް މި ކޮންފަރެންސްގެ މުހިންމު ބޭނުމެކެވެ. ހަމަ އެހެންމެ މީގެ ކުރިން މަރުކަޒީގޮތުން އިދާރާތަކުން ކުރަމުންއައި މަސައްކަތްތަކާއި މަސްއޫލިއްތުތައް ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން، އަލަށް ކައުންސިލްތަކަށް އިންތިޚާބުވި ކައުންސިލަރުންނާ އ.ތ.މ ކޮމެޓީތަކުގެ ރައީސުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަކީ ވެސް ކޮންފަރެންސްގެ މުހިންމު އެއް ބޭނުމެވެ.

މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ގުޅުންބަދަހިކުރުމުގެ ގޮތުން މިއަދު ސްޕޯޓްސް ފެސްޓިވަލްއެއް އުކުޅަހުގައި ކުރިޔަށްގެންދެވޭނެއެވެ. ދެ ދުވަހުގެ މުއްދަތައް ކުރިޔަށްދާނެ މި ކޮންފަރެންސްގައި ޖުމްލަ ހަތަރު ސެޝަނެއް ބޭއްވޭނެއެވެ. އަދި މި ސެޝަންތަކުގައި މިހާރު ޤައުމުގައި ހުރި އެންމެ މުހިންމު މައްސަލަތަކާމެދު މަޝްވަރާކޮށް ހިޔާލުބަދަލުކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުއްވުމާ ކައުންސިލަރުން ހުށަހަޅުއްވަން ބޭނުންވެލައްވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ވަޒީރުންނަށް ހުށަހަޅުއްވައި މަޝްވަރާކުރައްވަން ފުރުޞަތު ލިބިލައްވާނެއެވެ. ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްކަމަކީވެސް ސިޓީއާ އަތޮޅާއި ރަށްރަށުގެ ތަރައްޤީއާ ގުޅޭ ކަންކަން ނިންމުމުގައި އެސިޓީއެއް އަތޮޅެއް ނުވަތަ ރަށެއްގެ ކައުންސިލާ ރައްޔިތުންގެ މަޝްވަރާއާ އެކުގައި އެކަންކަން ނިންމުމަށް ފުރުޞަތު ދެއްވުމެވެ.

ވިޔަވަތި ކޮންފަރެންސް 2022 ވަނަ އަހަރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީ ބައިވެރިވާގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި މި ފަށާ ކޮންފަރެންސްއެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ފަންނީ ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ބޭކާރި ޚަރަދުކޮށްގެން ފައިސާކޮޅެއް ބައިކުދީންނަށް ދިނުން ފިޔަވައި ހާސިލުވާނެ އެހެން އެއްވެސްކަމެއް ނޯންނާނެ. މިއަދު މަޝްވަރާ ކުރާނަމަ އޮންލައިންކޮށް ތިކަން ޚަރަދުކުޑަކޮށް ކުރެވޭނެ. ޚަރަދު ކުޑަކުރަން ގޮވައިލާތީ ރައްޔިތުންނަށާއި މާލީ އިދާރާތަކަށް ގޮންޖަހާން ކުރާ ކަމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *