Support Us

އެމެރިކާގެ ޝާޒޭ ޑެފެއާރ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި

އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޝާޜޭ ޑެފެއާރ އަންޑްރެއާ އަޕެލް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އަޕެލް ވަނީ ދެ ޤައުމުން ވެސް އެ ޤައުމުގެ އެމްބަސީ އަނެއް ޤައުމުގައި ޤާއިމުކުރުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފިޔަވަޅަކީ އެމެރިކާއާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އަޕެލް ދެއްކެވި ވާހަކަފުޅުގައި މީގެ 60 އަހަރު ކުރިން ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށް، ދެ ޤައުމުގެ ދެމެދު އޮތް ދުވަސްވީ ގާތްގުޅުމަކީ އެމެރިކާ ސަރުކާރުން ފަޚުރުވެރިވާ ގުޅުމެއްކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ނިސްބަތުން ކުޑަ ޤައުމެއް ނަމަވެސް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ހޯދާފައިވާ ކުރިއެރުން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުން ރާއްޖޭގެ އެކި ދާއިރާތަކަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި ޚާއްޞަގޮތެއްގައި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ އިޤްތިޞޯދާ ދިފާއީ އަދި ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *