އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފަށް އަސްކަރީ "ފީލްޑް އެމްބިއުލާންސް"ގެ ދެ އެމްބިއުލާންސް ހަދިޔާކޮށްފިއެވެ.
އެމްއެންޑީއެފްގެ ބަޔާނެއް ބުނާ ގޮތުގައި، ބަނޑާރަކޮށީގައި އޮންލައިންކޮށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެމްބިއުލާންސްތައް އިންޑިއާގެ ފަރާތުން އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އިންޑިއާގެ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ޗަންދްރާއެވެ. އެމްއެންޑީއެފްގެ ފަރާތުން މި އެމްބިއުލާންސްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްދެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ދެއްކެވި ވާހަކަފުޅުގައި މި އެމްބިއުލާންސްތަކުގެ ސަބަބުން އެމްއެންޑީއެފް މެޑިކަލް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ދިވެހި އަސްކަރިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް އިންޑިއާއިން ދެމުން ދާ އެހީތެރިކަމަށްޓަކައި އިންޑިއާއަށް ޝުކުރު އަދާކުރެއްވިއެވެ.
ޑރ. ޝާހިދުގެ ވާހަކަފުޅުގައި ވެސް އެމްއެންޑީއެފްގެ މެޑިކަލް ކޯއަށް މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް އެ ބަޔާން ބުނެއެވެ.
މި ދެ އެމްބިއުލާންސާއެކު އިންޑިއާ ސިފައިން ރާއްޖެ އައިސް، އެ ތަކެތި ދުއްވާށާއި މަރާމާތުކުރަން އިންޑިއާގެ އިތުރު ސިފައިން ރާއްޖެ އަންނާނެ ކަމެއް ނުވަތަ ނޫން ކަމެއް އެމްއެންޑީއެފަކުން ނުބުނެއެވެ. އަދި މި ދެ އެމްބިއުލާންސް ދުއްވުމުގެ ގާބިލްކަން ދިވެހި ސިފައިންނަށް ލިބިގެންވޭތޯ މީޑިއާ ވައިބަރ ގްރޫޕުގައި ނޫސްވެރިއަކު ސުވާލުކުރުމުން، އެމްއެންޑީއެފުން ވަކި ޖަވާބެއް ނުދެއެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާާ ބޯޓު ދުއްވާށާއި އެ ތަކެތީގެ މަރާމާތަށް ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން ދެއެވެ.



advertisment