...

Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ- ސިޔާސީ ކަރައިންގެ ބުރަ އުފުލުމުން ދުރުވުން

ތަސްވީރުން ފެންނަ މަންޒަރަށް ބަލައިލާށެވެ! ރޭލު ދަތުރު ކުރަމުން ގޮސް އިސްޓޭޝަނަކަށް މަޑުކޮށްލި ތަނުން، ރޭލުގެ ކުޑަދޮރު ކައިރިއަށް ކަރާ ވިއްކާ މީހަކު އައެވެ. ދެން، ރޭލުގަ އިން މީހަކު ކަރައެއް ގަތެވެ. ކަރާގެ އަގު ހެޔޮކަމުންނެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ރޭލު އޭގެ ދަތުރު ފެށިއެވެ. ކަރާ ގަތް މީހާއަށް ދެން އެނގުނީ ކުޑަ ދޮރުގެ ހުރަސް ތޭރިތަކުގެ ތެރެއިން ރޭލުގެ ތެރެއަށް ކަރާ ނުވެއްދޭނޭ ކަމެވެ. ދެން، އޭނާއަށް ޖެހުނީ، އެހެން އެއްވެސް ގޮތެއް ނެތި، ރޭލުގެ ދަތުރު ނިމޭ އިރެއް ވަންދެން ކަރާ ރޭލުން ބޭރަށްވާ ގޮތަށް އޭގައި ހިފައިގެން އިންނާށެވެ.

އާދެ، ތިމާ އަމިއްލައަށް ކަމެއް ކުރަން ގަސްދުކުރާ ނަމަ، އެކަމެއް ކުރުމުގެ ކުރިން، އެކަމާ ދޭތެރޭ ރަނގަޅަށް ވިސްނަން ޖެހެއެވެ. ދުރާލާ އެކަމަށް ތައްޔާރުވާން ޖެހެއެވެ. އެކަމުގެ ޒިންމާ އުފުލުމުގެ އެކަށޭނަކަން ތިމާގެ ކިބައިގައި އެބަހުރިތޯ ތިމާގެ ނަފްސާ ސުއާލުކޮށް އެކަން ދެނެގަންނަން ޖެހެއެވެ. އެކަމަކީ ތިމާގެ ބާރުގެ ދަށުގައިވާ ކަމެއްގެ ގޮތުގައި އެކަން ބޭއްވުމަށެވެ. އެހެން ނޫން ނަމަ، އެކަން ތިމާގެ އަމިއްލަ ކޮންޓުރޯލުން ބޭރުވެ، އެކަމުގެ ކޮންޓުރޯލުގެ ދަށުގައި ތިމާ ތާށިވެގެން ހިނގައިދާނެއެވެ! އަދި، އެކަމުގެ ސަބަބުން އުނދަގުލާއި ދަތިތަކާ ވެސް ކުރިމަތިލާން ޖެހިދާނެއެވެ!

ހަމަ އެހެންމެ، ކަންކަން ކުރުމަށް، މީހުން ހޮވައި ކަންކަން މީހުންނާ ހވާލިކުރާއިރު ވެސް ވިސްނަން ޖެހެއެވެ. މީހަކާ ހަވާލުކުރެވޭ ކަންކަން، ތެދުވެރިކާއި މަސްއޫލުވެރިކަމާއެކު- މާނައަކީ އެކަންކަން ކުރާ ގޮތާ މެދު، އެމީހާއާ ސުއާލުކުރެވޭނެކަން އިހުސާސުކުރުމާއެކު- މަސައްކަތްކުރާނޭ މީހަކު ހޮވައި އިޚްތިޔާރުކުރަން ޖެހެއެވެ. ސަބަބަކީ މަސައްކަތެއް ހަވާލުކުރަނީ އެކަމާ އެކަށޭނަ ރަނގަޅު އުޖޫރައެއް ދީފައި ކަމުގައިވާތީއެވެ. ކަމެއް ހަވާލުކުރުމުން، އެކަމުގެ އުޖޫރަ ނަގައިގެން، ހަވާލުކުރެވުނު ކަމާ ދުރަށް ގޮސް އެހެންކަންކަން ކޮށްފާނޭ މީހުން ފަހަރެއްގައި ވެސް ހޮވައިގެން ނުވާނެއެވެ. އާދެ، ތިމާގެ ފުރަތަމަ ވަޒީފާއާއި އެކަމާ ގުޅޭ މަސްއޫލިއްޔަތަކީ ދެވަނަ ނޫނީ ތިން ވަނަ ކަމެއްގެ ގޮތުގައި ދެކޭ މީހުންނާ ކަންކަން މަތިކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ހަމަގައިމު ވެސް، ތިމާގެ އަމިއްލަ ކަމެއް މީހަކާ ހަވާލުކުރާ ނަމަ، އެފަދަ މީހަކާ އެކަކު ވެސް އެކަމެއް ހަވާލެއް ނުކުރާނެއެވެ. ތިމާގެ ގެ ރާނަން މީހަކާ ހަވާލުކުރުމުން، ތިމާގެ އަތުން އެކަމުގެ އުޖޫރަ ނަގައިގެން، އެހެން މީހުންގެ ގޭގެ ރާނަން އުޅޭ މީހަކާ ތިމާގެ މަސައްކަތް ހަވާލުކޮށްފާނެ ހެއްޔެވެ؟ ނުކުރާނެއެވެ!

އެހެންވީމާ ޖަމާއީ މަސައްކަތްތައް ކުރުމަށް ސިޔާސީ މީހުން ހޮވާއިރު، ތެދުވެރި، މަސްއޫލުވެރި މީހުން ހޮވަންޖެހެއެވެ. ތަސްވީރުގައި ފެންނަ ކަރާ ފަަދަ މީހުން ހޮވީމައި، އެކަމުގެ ބުރަ އުފަލަން ޖެހޭނީ ހަމަ އެ ހޮވާ މީހުންނަށެވެ. ތަސްވީރުގައި ފެންނަ ފަދައިން، އެ ދަތުރު ނިމެންދެން، ކަރާ އުފުލުމުގެ ބުރަ ތަހައްމުލުކޮށްގެން ދަތުރުވެރިޔާ އިން ފަދައިން، އިޚުލާސްތެރިކަމެއް ނެތް، ތިމާގެ ފުރަތަމަ ވަޒީފާއަކީ ދެވަނަ ނޫނީ މާ މުހިއްމު ކަމެއް ކަމުގައި ނުދެކޭ މީހުންނާ ކަމެއް ހަވާލުކޮށްފި ނަމަ، އެމީހުންނަށް ބޮޑެތި އުޖޫރަ ދީދީ ތިބެން ޖެހިދެއެވެ! އާދެ، މުޖުތަމައުގެ ތެރޭގައި އުޅޭ މިފަދަ ސިޔާސީ ކަރައިންގެ ބުރަ އުފުލުމުން ދުރުވާން ޖެހެއެވެ. އެކަމުން ސަލާމަތް ވެވެނީ މާޒީން އިބުރަތް ލިބިގަނެ، ތިމާމެންގެ އަމިއްލަ ވިސްނުމާއި ފިކުރު ބޭނުންކޮށް، ތިމާމެންގެ މަސްއޫލިއްޔަތު ވެސް ހެޔޮގޮތުގައި އަދާކުރެވި، އެކިއެކި މަގާމުތަކަށް ސިޔާސީކަރައިން ހޮވުމުން އެއްކިބާވެ، އެމީހުންގެ މަސައްކަތަށް ކަމޭހިތާ އިޚުލާސްތެރި ތެދުވެރިން ހޮވައިގެންނެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.