Support Us

ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނާއެކު ޚާއްސަ މެހެމާނުން ފޮޓޯއަކަށް މަޑުކުރައްވައިގެން... - --ފޮޓޯ: ޝަހީބު މީޑިއާ

"މީޑިއާއަށް އަހުލުވެރިކުރުވުމުގެ މަތީފެންވަރުގެ ތަމްރީނު ޕްރޮގްރާމު" ނިންމައި ސެޓްފިކެޓް ދީފި

އޮފީސްތަކާއި ކުންފުނިތަކުގެ މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް (ޕީއާރް) އޮފިސަރުންނަށް އަމާޒުކޮށްގެން ޝަހީބު މީޑިއާއިން ހިންގި 10 ދުވަހުގެ ތަމްރީން ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ރޭ ސެޓްފިކެޓް ދީފިއެވެ.

އޯގަސްޓް 23 އިން ސެޕްޓެމްބަރު 3 އަށް މާލޭގައި ހިންގި 20 ގަޑިއިރުގެ "މީޑިއާއަށް އަހުލުވެރިކުރުވުމުގެ މަތީފެންވަރުގެ ތަމްރީނު ޕްރޮގްރާމު" ފުރިހަމަކުރި 25 ދަރިވަރުންނަށް ސެޓްފިކެޓް ދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން، ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުގެ އިތުރުން ޖަލްސާގެ ހާއްސަ މެހެމާން ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ޑރ. މުހައްމަދު ފަހުމީ ހަސަނާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އަބްދުﷲ ހަމީދެވެ.

ތަމްރީން ޕްރޮގްރާމްގެ ބައިވެރިއަކަށް ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ސެޓްފިކެޓް ދެއްވަނީ… –ފޮޓޯ: ޝަހީބު މީޑިއާ

ރޭގެ ޖަލްސާގެ ހާއްސަ މެހެމާން، ޑރ. ފަހުމީ ދެއްކެވި ވާހަކަފުޅުގައި މީޑިއާއާއި ނޫސްވެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އަދި ހަބަރު ފެތުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ހަބަރު ކަށަވަރުކުރުމުގެ މައްޗަށް ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަން އައުމުގެ މާ ކުރިން، ހަބަރަކީ ތެދު ހަބަރެއްތޯ ރަނގަޅަށް ބަލައި ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އިސްލާމް ދީނުގައި އަންގަވައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންސާނާގެ ކަރާމާތާއި އަބުރުގެ ރައްކާތެރިކަމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް އިސްކަން ދެއްވައިފައިވާ ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ތަމްރީން ޕްރޮގްރާމްގެ ބައިވެރިއަކަށް ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ޑރ. މުހައްމަދު ފަހުމީ ހަސަން ސެޓްފިކެޓް ދެއްވަނީ… –ފޮޓޯ: ޝަހީބު މީޑިއާ

ރޭގެ ޖަލްސާގައި ބައިވެރިންގެ ފަރާތުން ވާހަކަ ދެއްކީ އައިލެންޑް އޭވިއޭޝަންގެ ކަސްޓަމަރ ސަރވިސް އެގްޒެކެޓިވް މަރިޔަމް ނީނާއެވެ. އޭނާގެ ވާހަކައިގައި 20 ގަޑިއިރުގެ މި ތަމްރީނުން ވަރަށް ގިނަ ފިލާވަޅުތަކެއް ހުރިހައި ދަރިވަރުންނަށް ވެސް ދަސްވެއްޖެކަން ފާހަގަކުރިއެވެ. އަދި އެ މައުލޫމާތުތަކުގެ ބޭނުން ހިފައި، މުވައްސަސާތަކުގެ ތަސައްވަރު ރަނގަޅުކުރުމަށް ހަބަރާއި މައުލޫމާތު ފަތުރައި މީޑިއާއާ ގުޅިގެން މަސައްކަތް ކުރުމަށް އާ ހިތްވަރެއް ލިބިއްޖެ ކަމުގައި ވެސް ބުންޏެވެ. އަދި ރަށެއްގެ ހޮޅުއަށީގައި އިންނަ އެންމެ އާދައިގެ މީހާއަށް ވެސް މޭރުން ވާނޭ ގޮތަށް، ސާފު ދިވެހި ބަހުން، ތިލަކޮށް ހަބަރު ހަދާނެ ގޮތްތައް ވެސް ވަރަށް ބޮޑަށް ސާފުވެއްޖެ ކަމުގައި އޭނާ ބުންޏެވެ.

ތަމްރީން ޕްރޮގްރާމްގެ ބައިވެރިއަކަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ސެޓްފިކެޓް ދެއްވަނީ… –ފޮޓޯ: ޝަހީބު މީޑިއާ

މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދިނީ ދިވެހި ނޫސްވެރިކަމުގެ 35 އަހަރުގެ ތަޖުރިބާކާރެއް ކަމަށްވާ ޝަހީބު މީޑިއާގެ ރައީސް އަދި ސީ.އީ.އޯ މުހައްމަދު ޝަހީބެވެ. އަދި ގެސްޓް ލެކްޗަރަރުންގެ ގޮތުގައި ޗީފް ގަވަންމަންޓް ސްޕޯކްސް ޕާސަން މުހައްމަދު ހުސެއިން ޝަރީފާއި ބީ.އެމް،އެލްގެ ސްޕޯކްސް ޕާސަން މުހައްމަދު ސައީދު ބައިވެރިވެވަޑައިގަތެވެ.

ތަމްރީން ޕްރޮގްރާމްގެ ބައިވެރިއަކަށް ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އަބްދުﷲ ހަމީދު ސެޓްފިކެޓް ދެއްވަނީ… –ފޮޓޯ: ޝަހީބު މީޑިއާ

މަރުހަބާ ދެންނެވުމުގެ ގޮތުން ޝަހީބު ދެއްކެވި ވާހަކައިގައި، މި ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންގެ ޝައުގުވެރިކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. މިގޮތުން 10 ދުވަސް ވަންދެން ކޮންމެ ރެއަކު ދެ ގަޑިއިރު، ދަރިވަރުން ކިޔަވަމުން އައީ ފޫހިކަމެއް ނެތި ކަމަށާއި 99 ޕަސަންޓް ދަރިވަރުން ވަނީ ހާޒިރީންވެސް 100 ޕަސަންޓް ހޯދައިފައި ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ތަމްރީނު ޕްރޮގްރާމުން ލިބުނު މައުލޫމާތު އޮފީސްތަކާއި ކުންފުނިތަކުގެ ކުރިއެރުމަށް ބޭނުން ކުރުމަށް އޭނާ ނަސޭހަތްތެރިވެވަޑައިގަތެވެ.

އަދި "ޝަހީބު މީޑިއާ"ގެ ތަމްރީނު ޕްރޮގްރާމުތައް ބޭއްވުމަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން ދޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދަށާއި މުވައްޒަފުންނަށް ޝަހީބު ޝުކުރު އަދާކުރެއްވިއެވެ.

ތަމްރީން ޕްރޮގްރާމް ނިންމުމުގެ ޖަލްސާގެ ތެރެއިން… –ފޮޓޯ: ޝަހީބު މީޑިއާ

"ޝަހީބު މީޑިއާ" އަކީ ފާއިތުވީ ވިއްސަކަށް އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގައި އެންމެ ގިނަ ނޫސްވެރިން ތަމްރީނުކޮށް އަމަލީ މައިދާނަށް ނެރެފައިވާ، ތަޖުރިބާކާރު ނޫސްވެރިންގެ ޓީމެއް ހިމެނޭ މީޑިއާ ހައުސް އެކެވެ.

އިތުރު ފޮޓޯތައް:

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *