Support Us

ބިލެތްދޫގެ ފާނަ މަސްވެރިންގެ ކޯހުގެ ބައިވެރިން... ފޮޓޯ: ބިލެތްދޫ ފާނަމަސްވެރިން/ އެފް.ބީ 

ބިލެތްދޫ ފާނަ މަސްވެރިންނަށް ހިންގި ދެ ކޯހުގައި 60 މަސްވެރިން

ފ. ބިލެތްދޫގެ ފާނަ މަސްވެރިންނަށް އަމާޒުކޮށްގެން މެރިން މެކޭނިކް އަދި ފަޅުވެރި ކޯސްގެ ނަމުގައި ދެ ކޯހެއް ހިންގައިފިއެވެ. މި މަހުގެ 20 އިން 23ގެ ނިޔަލަށް ހިންގި މި ދެ ކޯހުގައި 60 މަސްވެރިން ވަނީ ބައިވެރިވެފައެވެ.

މި ދެ ކޯސް ހިންގީ ބިލެތްދޫ ކައުންސިލާއި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ. އެކުއެކުގައި ކުރިއަށްދިޔަ ހަތަރު ދުވަހުގެ މި ދެ ކޯސް ހިންގުމުގެ ހުރިހާ ކަމަކަށް ގާތްގަނޑަކަށް 80،000ރ. ރަށު ކައުންސިލުން ހަރަދުކުރި ކަމަށް ކައުންސިލްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި ދެ ކޯސް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތީ ހެއްދުމުގައި، ކޮންމެ ދޯންޏެއްގައި ވެސް ސެޓްފިކެޓް އޮތް މެކޭނިކަކާއި ފަޅުވެރިއަކު ހުންނަންޖެހޭތީ ކަމަށް ރަށު ކައުންސިލުން ބުނެއެވެ. އެހެންވެ މި ދެ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ލިބުމުން އެއީ މިހާރުވެސް ފާނަ މަސްވެރިކަމުގައި ވިއްސަކަށް ދޯނި ދުއްވާ ރަށަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އާބާދީގައި 1،395 މީހުން ހިމެނޭ ބިލެތްދޫގެ ހުރިހާ ދޯންޏަކީ ވެސް ފާނަ މަސްވެރިކަމަށް ދުއްވާ ދޯނިފަހަރެވެ. އެ ރަށުގައި ކަނޑުމަސްވެރިކަމެއް، ލަނޑާ މަސްވެރިކަމެއް އަދި ފަރުމަސްވެރިކަމެއް ވެސް ނުކުރެއެވެ.

ބިލެތްދޫގެ ފާނަ މަސްވެރިންގެ ކޯހުގެ ބައިވެރިން… ފޮޓޯ: ބިލެތްދޫ ފާނަމަސްވެރިން/ އެފް.ބީ

މި ދެ ކޯހުގެ ބައިވެރިންނަށް، އިންޖީނަށާއި ޖަނަރޭޓަރަށާއި ޕަމްޕަށް ދިމާވާ މައްސަލަތަކާއި ދޯނީގެ އެކިއެކި ކަންކަން ހައްލުކުރުމުގެ ގާބިލްކަން ލިބޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. މި ދެ ކޯހުގައި ކިޔަވައިދިނީ މެރިޓައިމް އެކަޑަމީގެ ދެ އިންސްޓްރަކްޓަރުންނެވެ.

"ރަށުގެ މަސްވެރިންނަށް އަމާޒުކުރެވިގެން ހިންގުނު ދެ ކޯސް ރާއްވައި އިންތިޒާމް ކުރުމާއި ދެ ކޯހުގެ ހުރިހާ ޚަރަދެއް ކައުންސިލުން ކޮށްފައިވާތީ ކައުންސިލަށް ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވަމެވެ. އަދި ރަށު ކައުންސިލުން ބިލެތްދޫގެ ފާނަމަސްވެރިންނާ ދޭތެރޭގައި ބަހައްޓަވާ ގާތްކަމަށްޓަކައި ރަށުގެ ހުރިހާ ފާނަމަސްވެރިންގެ ނަމުގައި ބިލެތްދޫ ކައުންސިލަށް ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވަމެވެ." ބިލެތްދޫ ފާނަމަސްވެރިންގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.

މި ދެ ކޯހުގައި ބައިވެރިވެފައި ވަނީ މިހާރު ވެސް މަހަށްދާ ބައެއް މަސްވެރިންނާއި މަސްވެރިކަމާ ގުޅެން ބޭނުންވާ ޒުވާން މަސްވެރިން ކަމަށް ވެސް ރަށު ކައުންސިލުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *