އިދާރާއަކުން ކުރެވޭނެ އެންމެ ރަނގަޅު ހޭދައަކީ އެ ތަނެއްގެ މުވައްޒަފުންނަށް ކުރާ ހޭދަ ކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ނެޝަނަލް އެޗް.އާރު. ކޮންވެންޝަން އެންޑް އެކްޕޯ 2022″ ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ޢާންމުކޮށް މަސައްކަތްކުރާ ވައްޓަފާޅިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށާއި އަދި އެއާއެކު ވަރަށް އަގުހުރި ފިލާވަޅުތަކެއް ދަސްވެގެން ދިޔަކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ނައިބު ރައީސް ވަނީ އިންސާނީ ވަޞީލަތާއި ހުނަރުތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން އީޖާދީ މަޝްވަރާތައް ކުރިޔަށްގެންދިއުމުގެ މުހިންމުކަން ކުރިޔަށްވުރެ މިހާރު މާބޮޑުކަން ފާހަގަކުރައްވާފައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި މި ބަލިމަޑުކަމުގެ ސަބަބުން، އުފެއްދުންތެރިކަން ކުރިއެރުވުމަށް ކޮންމެ މުވައްޒަފަކު މޭޒުދޮށުގައި ތިބެންނުޖެހި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެ މަސައްކަތްތައް ކުރެވޭނެކަން އެނގިގެން ހިނގައްޖެކަން ފާހަގަ ކުރެއްވިއެވެ. ހަމަ އެހެންމެ ކޮވިޑްގެ ޙާލަތުން ޢާންމު ޙާލަތަކަށް ރުޖޫޢަވަމުންދާއިރު، މުވައްޒަފުންގެ ޖިސްމާނީ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ފަދައިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ވެސް އެހާމެ މުހިންމުކަން ދޭންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި މަތީ ތަޢުލީމަށް ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާ ހިލޭ އެހީތަކާއި ސްކޮލަރޝިޕްތަކާއި ލޯނުގެ ފުރުޞަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ހަމައެކަނި ރަނގަޅު ފެންވަރުގެ ތަޢުލީމު ލިބުމުން ފުއްދާލެވެން ނެތްކަން ފާހަގަކުރައްވައި ވަޒީފާގެ މާހައުލުގައި ޒުވާން މަސައްކަތްތެރިންނަށް ހިންގުންތެރިކަމާއި ފަންނީ ހުނަރުތައް ކުރިއެރުވުމުގެ ފުރުސަތުތައް ފަހިވެފައި އޮތުމަކީވެސް އެހާމެ ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ މުވައްޒަފުންނަށް ރައްކާތެރި އަދި ފަހި މާހައުލެއް ކަށަވަރުކޮށްދިނުމަށް ހުރިހާ ބައިވެރިންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނަވައިފައެވެ. އަދި މަސައްކަތުގެ މައިދާނުގައި މަގު ދައްކައިދީ، މުވައްޒަފުންގެ ފުރިހަމަ ބޭނުން ހިފުމުން އެކަމުން މަގުފަހިވެގެންދާނީ ހަމައެކަނި އެ އިދާރާއެއްގެ ކާމިޔާބީ ނޫން ކަމަށާއި އެ ކަމުން މުޅި ޤައުމަށް ވެސް މަންފާ ކުރާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ
މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރް.ޕީ) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންވެންޝަންގައި ރާއްޖެއާއި ބައިނަލްއަޤްވާމީ މަޝްހޫރު ތަޖްރިބާކާރުން ބައިވެރިވެއެވެ.
އެޗް.އާރު އެކްސްޕޯގެ މި އަހަރުގެ ޝިޢާރަކީ "ޓްރާންސްފޯމޭޝަން އެންޑް ކަލްޗަރ- ފިއުޗަރ އޮފް ހިއުމަން ކެޕިޓަލް" އެވެ.



advertisment