މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އުނގެނޭ ޢިލްމުގެ ބޭނުން ހިފައިގެން މަސައްކަތްކުރުމަށް، ދަސްވެނީންނަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ. ނައިބު ރައީސް މިކަމަށް ގޮވާލެއްވީ އިސްލާމީ ޔުނިވަރސިޓީގެ މިދިޔަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ތަޢުލީމު ހާޞިލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖްތަމަޢުގެ ތެރޭގައި ހަމަޖެހުން ޤާއިމުކޮށްދިނުމަށް އެ ލިބިފައި ހުރި ޢިލްމެއްގެ ބޭނުންހިފައިގެން މުޖްތަމައުގެ އެހެން މީހުންނަށް ރަނގަޅު މަގުތައް ދައްކުވައިދިނުން ކަމަށެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ މުޖުތަމަޢުގައި ހުރި ރަނގަޅުކުރަން ޖެހޭ އިޖްތިމާޢީ އެކިއެކި މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ މީހުން ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި މިހާރު މަތީ ތަޢުލީމު ހާޞިލުކުރުމަށް މުޅި ރާއްޖޭގައި މީގެ ކުރިން ނެތް މިންވަރަށް ފުރުޞަތުތައް ހުޅުވާލެވިފައި އޮތްކަން ފާހަގަކުރައްވާފައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ކޮންމެ ކަމެއްގައި ވެސް ޕޮޒިޓިވް ވިސްނުން ގެންގުޅުމަށާއި ލޯތްބާއި އިޙްތިރާމާއެކު މީހުންނާއި މުއާމަލާތްކުރުމަށް އިސްކަންދިނުމުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.

މި ޙަފްލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން ބެޗްލަރ އޮފް ޓީޗިންގް ޤުރްއާނާއި މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވެ ދަރަޖަ ޙާޞިލުކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ ކުއްލިއްޔާ އޮފް ޝަރިޢާ އެންޑް ލޯ އިން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ އިން ދަސްވެނިވެ ދަރަޖަ ޙާޞިލުކުރި ދަރިވަރަށް ވެސް ސަނަދު ހަވާލުކޮށްދެއްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ކޯސްތަކުން އެންމެ މަތީ ވަނަތައް ޙާޞިލުކުރި ދަސްވެނީންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.



advertisment