ދިވެހިބަހުގެ އެކަޑަމީން އިންތިޒާމުކުރާ ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ ފުރަތަމަ ބައި ރޭ ނިންމައިލައިފިއެވެ. އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ މި މުބާރާތުގެ ދަށު ސާނަވީއާއި މަތީ ސާނަވީގައި ވާދަކުރި ހުރިހާ ބައިވެރީންގެ ނިހާއީ ބުރު ވެސް ރޭ ވަނީ ނިންމައިލައިފައެވެ.
ދަށު ސާނަވީގެ ގަދަ ދިހަޔަކަށް ހޮވުނު ބައިވެރީންގެ އަރުތަބުރުގެ ދެ މައުޟޫޢަށް ވާހަކަދައްކައި މީގެ ކުރީން ވަނީ ނިމިފައެވެ. ރޭ އޮތީ މަތީ ސާނަވީ ބައިގެ އަރުތަބުރުގެ ވާހަކަދެއްކުމެވެ. މިބުރުގައި ވާދަކުރީ މުބާރާތުގައި ވާދަކުރި 10 ދަރިވަރުންނެވެ. އަދި އޮފީސް ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވައިލި ބަހުސް ވެސް އިއްޔެ ހަވީރު ވަނީ ނިމިފައެވެ.

އަރުތަ ބުރުގައި އޮންނަނީ ކުއްލި މައުޟޫޢަކަށް ހުރިހާ ކުދީން ވެސް އެއް މައުޟޫޢަކަށް ވާހަކަދެއްކުމެވެ. އަދި ގުރުއަތުން ނެގޭ ކުއްލި މައުޟޫޢަކަށް ވާހަކަދެއްކުމެވެ. އަރުތަ ބުރުގައި ކުދީންނަށް މައުޟޫޢަށް ތައްޔާރުވެލާން ލިބޭނީ އެއް މިނިޓްގެ ވަގުތުޅެކެވެ. މި ބުރުގައި ކޯޗުންގެ އެހީތެރިކަމެއް ވެސް ނުހޯދެއެވެ. އެހެންކަމުން ދަރިވަރުން ޠަބީޢީ ހުނަރު މި ބުރުން ފެންނާނެ ކަމަށް އެކެޑަމީން އުންމީދުކުރެއެވެ.
ބަހުސްގެ ފައިނަލުގައި ވާދަކުރީ ކްލަބް އެމްއެމްއޭ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއެވެ. އަޑުއަހާން ތިބި މީހުންގެ ނަޒަރުގައި ދެ ޓީމުގައި ވެސް މޮޅު ވާހަކދެއްކުންތެރީން ތިއްބެވެ. އެހެންކަމުން އެއް ވަނަ ހޯދި ޓީމެއް ފަނޑިޔާރުންނަށް ނޫނީ ކަނޑައަޅާން ދަތި ކަމަށް އަޑުއެހި މީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކުރައްވަނީ ޤައުމީ ފެންވަރުގެ އަދަބީ މުބާރާތްތަކުގައި ދިގު މުއްދަތެއްގައި ފަނޑިޔާރުކަން ކުރައްވައިފައިވާ މި ދާއިދާގެ ތަޖުރިބާކާރުންނެވެ.
މުބާރަތުގައި ވާދަކުރާ ސާނަވީ ޢުމުރުފުރާގެ ކުދީންގެ ވާހަކަދެއްކުމުގެ ބައި އޮންނާނީ އަންނަ ޖޫންމަހު ފަހުކޮޅު އެވެ. އެއީ ސްކޫލްތަކުގެ އެ އުމުރުފުރާގައި ވާދަކުރަނީ މިއަހަރު ސާނަވީ އިމްތިހާނުގައި ބައިވެރިވެ އިމްތިޙާނު ހަދަމުން ގެންދާ ދަރިވަރުން ކަމަށް ވާތީ އެ ކުދީންގެ އިމްތިޙާނަށް ހުރަސް އެޅިދާނެތީ އެވެ.
މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުން އޮންނާނީ ސާނަވީ އުމުރުފުރާގެ ބައި ޖޫންމަހު ނިމުމުން އޭގެ ފަހުން ކަނޑައެޅޭ ތާރީޚެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.



advertisment