Support Us

މިޞްރާއި ދެކުނު އެފްރިކާގެ ސަފީރުން ރައީސުލްޖުމްހޫރިއްޔާ އަށް ފަތްކޮޅު އަރުއްވައިފި

މިޞްރުގެ ނޮން ރެސިޑެންޓް ސަފީރު މާގެދް މުސްލިޙާއި ދެކުނު އެފްރިކާގެ އައު ސަފީރު ސެންޑިލް އެޑްވިން ޝޯކް އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، މިޞްރުގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިޞްރު ސަރުކާރުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިޞްރު ސަރުކާރުން ރާއްޖެއަށް ތަޢުލީމީ ދާއިރާއިންނާއި މީހުން ބިނާކުރުމުގެ ދާއިރާއިން ދެމުން އަންނަ ފުރުޞަތުތައް ޝުކުރުވެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ޚާއްޞަ ގޮތެއްގައި މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށްދެއްވަމުން ގެންދަވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި މިޞްރުގެ ސަފީރު ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން ސްކޮލަރޝިޕްގެ އިތުރު ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިޞްރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި މިޞްރާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ރާއްޖޭގައި މިހާރުވެސް މިޞްރުގެ ޑޮކްޓަރުންނާއި ޓީޗަރުން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި އަހަރުގެ ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރްމުއްޝައިޚް ކްލައިމެޓް ޗޭންޖް ކޮންފަރެންސްއާ ބެހޭގޮތުންނާއި ޚާއްޞަކޮށް ރާއްޖެއަށް މި ބައްދަލުވުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުން އިސްކަންދޭ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި ދެ ބޭފުޅުން ވަނީ ޞިއްޙަތާއި، ހަކަތަ އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރިމަގުގައި އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި މިޞްރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1969 ގައެވެ.

ދެކުނު އެފްރިކާގެ ސަފީރުގެ ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު އެފްރިކާ ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު އެފްރިކާއަކީ ދިވެހިރާއްޖެއަށް މުހިންމު ބައިވެރިއެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ދެކުނު އެފްރިކާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެ ޤައުމުގެ ޕްރިޓޯރިއާގައި މި ހުޅުވިގެންދާ އެންބަސީ ވެގެންދާނީ މުޅި އެފްރިކާ ބައްރުގައިވެސް ދިވެހި އެންބަސީއެއް ޤާއިމްކުރެވޭ ފުރަތަމަ ފަހަރުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި އެންބަސީ ހުޅުވިގެންދިއުން ވެގެންދާނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޓޫރިޒަމާއި އުމްރާނީ ތަރައްޤީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެކުނު އެފްރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދެއްކެވިއެވެ.

ދިވެހިރާއްޖެއާއި ދެކުނު އެފްރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރެވުނީ 27 ޖުލައި 1994 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *