ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ޔޫ.އޭ.އީގެ ވަގުތީ ރައީސް، ބޮޑުވަޒީރު، އަދި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ޑިފެންސް، ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމް އަށާއި އަބޫދާބީގެ ވަލީއަޙުދު ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް ވަކިވަކިން ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ޔޫ.އޭ.އީގެ ރައީސް އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހިތާމައިގައި ބައިވެރިވެވަޑައިގެން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ އިޙްލާޞްތެރި ތަޢުޒިޔާ، ޔޫ.އޭ.އީގެ ވަގުތީ ރައީސް އަދި ބޮޑުވަޒީރަށާއި އަބޫދާބީގެ ވަލީއަޙުދާއި އެމަނިކުފާނުގެ ޢާއިލާއާއި މުޅި ޔޫ.އޭ.އީގެ ރައްޔިތުންނަށް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޔޫ.އޭ.އީގެ ރައީސް ފެނިގެން ގޮސްފައި ވަނީ އެ ޤައުމުގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވިޝަނަރީ ލީޑަރެއްގެ ގޮތުގައިކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނަކީ ރާއްޖޭގެ ތަރައްޤީއަށް އިސްކަންދެއްވައި ރާއްޖެއާ ވަރަށް ގާތްގުޅުމެއް ބެހެއްޓެވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ޚިދުމަތްތަކަކީ ފަހުގެ ޖީލުތަކުން ހަނދާން އައު ކުރާނެ މަތިވެރި ޚިދުމަތްތަކެއްކަން ވެސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޔޫ.އޭ.އީގެ ރައީސްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، މި ހިތާމައިގައި އެމަނިކުފާނުގެ ޢާއިލާ އަދި ޔޫ.އޭ.އީގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.



advertisment