Support Us

ޤައުމީ ބޮޑެތި މައްސަލަތަކާ މެދު ޢާންމުން ހޭލުންތެރިކުރުވުމަކީ ނޫސްވެރިންގެ ޒިންމާއެއް: ރައީސް

ޤައުމީ ބޮޑެތި މައްސަލަތަކާ މެދު ޢާންމު ރައްޔިތުން ހޭލުންތެރިކުރުވުމަކީ ނޫސްވެރިންގެ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާގައި އެމަނިކުފާނު ދެއްވި ޚިޠާބުގައި، ރާއްޖެއަކީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެންމެ ފުރިހަމައަށް ލިބިދީފައިވާ ޤައުމުކަން ފާހަގަކުރައްވައި މި ޙައްޤު ޙިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، ކުރިމަގުގައި ވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ހަމަ އެހެންމެ، ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައި އޮތަސް، ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ވަރަށް މަތިވެރި ޤައުމީ މަސްއޫލިއްޔަތެއް އެޅިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ޤައުމީ ބޮޑެތި މައްސަލަތަކާ މެދު ޢާންމު ރައްޔިތުން ހޭލުންތެރިކޮށް، ޤައުމީ ލޯތްބާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ވެސް، ނޫސްވެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޠާބު ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށާއި، ނޫސް އިދާރާތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް، އަދި ނޫސްވެރިންގެ ޢާއިލާތަކަށް، ތަހުނިޔާ ވިދާޅުވެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ހޭލުންތެރިކުރުމަށް، ރާއްޖޭގެ ހުރިހާ ނޫސްވެރިން އެއްބައެއްގެ ގޮތުގައި ތިބެ ކުރި މަސައްކަތް ފާހަގަކުރައްވައި ކުރިމަގުގައި ވެސް ޤައުމަށް ކުރިމަތިވާ އެފަދަ ބޮޑު ކޮންމެ ކަމެއްގައި، ނޫސްވެރިންގެ ޒިންމާދާރު ޤައުމީ ޚިދުމަތްތައް ފެނިގެންދާނެ ކަމުގައި އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

އަދި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމަށާއި، އެފަދަ ޕްލާސްޓިކް އުފެއްދުންތައް ރާއްޖޭގެ ގޮނޑުދޮށްތަކަށާއި މޫދަށް އުކައިލުން ހުއްޓުވުމުގައި ދިވެހި ނޫސްވެރިން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *