Support Us

ފިތުރު ޢީދަށް މުލީއާގެ ޒީނަތްތެރިކޮށްފައި. -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ފިތުރު ޢީދަށް މުލީއާގެ ނަލަހައްދާލައިފައި

ފިތުރު ޢީދުގައި މާލެއިން އެންމެ ނަލަ ތަނެއްގެ ގޮތުގައި ފެންނަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގެއެވެ. މި މުނާސަބަތާ ގުޅިގެން މުލީއާގެ ވަނީ މުޅިން ތަފާތު ފަރުމާއަކަށް ޒީނަތްތެރިކޮށް، ދިއްލާލައިފައިއެވެ.

މުލީއާގޭ މައި ގޭޓުގައި ވަނީ ދީނީ އަދި ސަގާފީ ފަރުމާއަކަށް ފްރޭމެއް ހަރުކޮށް، ތާނައިންނާއި އަރަބިން "އީދު މުބާރިކް" ޖަހައިފައެވެ. އަދި ރާއްޖޭގެ ރިޔާސަތު ރަމްޒުކޮށްދޭ ހަނދުފަޅި އާއި ތަރިވެސް ގޭޓުގައި ވެއެވެ. ބޭރު ފާރުގައި ވެސް އެކި ކަހަލަ މާތަކާއި ހަނދާއި މިސްކިތުގެ ފަރުމާތައް ހަރުކޮށް، ކުލަބޮކިތައް ވަނީ ލައިފައެވެ.

ފިތުރު ޢީދަށް މުލީއާގެ ޒީނަތްތެރިކޮށްފައި. -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

މުލީއާގޭ ބަގީޗާއި އާއި އެތެރެވެސް ވަނީ ކުލަބޮކިތަކުން ޒީނަތްތެރިކޮށްފައެވެ.

މުލީއާގެ ކައިރީގައި ސެލްފީ ނަގަނީ -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

މުލީއާގޭގެ މި ހިތްގައިމު މަންޒަރުގައި ފޮޓޯ އާއި ސެލްފީ ނަގަން ވަރަށް ގިނަ ކުޑަކުދިން، އާއިލާއާއެކު މިއަދު ހަވީރާއި މިރޭ ވެސް ގޮސް އުޅުނެވެ. އަދި ބިދޭސީންގެ ގިނަ ބަޔަކު މިރޭ ވެސް ސެލްފީ ނަގަމުންދިޔައެވެ.

ފިތުރު ޢީދަށް މުލީއާގެ ޒީނަތްތެރިކޮށްފައި. -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ކުރިން "ހެންވޭރު ގަނޑުވަރު"ގެ ގޮތުގައި ބޭނުންކޮށްފައިވާ، މިހާރު 103 އަހަރު ވެފައިވާ ތާރީޚީ މި ބިނާއަކީ ރާއްޖޭގެ ރައީސުންގެ ތެރެއިން ފަސް ބޭފުޅަކު ދިރިއުޅުއްވި ގެކޮޅެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނާއި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ އިތުރުން ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކުރީގެ ރައީސުން ކަމަށްވާ ޑރ. މުހައްމަދު ވަހީދު ހަސަނާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މުލީއާގޭގައި ދިރިއެއް ނޫޅުއްވައެވެ. އެ ދެ ބޭފުޅުންގެ ވެރިކަމުގައި، އެ ދެ ބޭފުޅުން ވެސް ދިރިއުޅުއްވީ މ. ހިލާލީގޭގައެވެ.


ތާރީޚީ ގޮތުން މުލީއާގެ:

  • މި ގޯތީގައި ފުރަތަމަ މުލީ ޚަތީބު މުޙައްމަދު ތަކުރުފާނު އެޅުއްވި ގެއަކީ މުލީގެ.
  • މި ގެ އަޅައިފައި ހުރީ ގާފޮޅުމަތީގައި މެއްލަ ޖަހައި، ދުނބުރި ދަނޑިން ބިތް ގަތައި ދަމާ ދޮރު ލައިފައި.
  • އައްސުލްއާނުލް ޣާޒީ ޙަސަން އިއްޒުއްދީން (ދޮންބަންޑާރައިން) އަށް މައިފުށުގެ ވާރުތައިން މި ގެ ލިބިވަޑައިގެން އެ މަނިކުފާނުގެ ދަރިކޮޅަށް ވާރުތަވަމުން އައި 300 އަހަރަށް ވުރެ ދިގު ތާރީޚެއް އެބައޮތް.
  • މުލީއާގެ މިހާރު ހުރި ގޮތަށް ބިނާކުރެއްވީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި ވަލީއަހުދުގެ ގަނޑުވަރުގެ ގޮތުގައި.
  • މި ގަނޑުވަރަށް ދެއްވި ނަމަކީ ހެންވޭރު ގަނޑުވަރު.
  • މި ގަނޑުވަރުގެ ބިންގާ އެޅުއްވީ 10 ފެބްރުއަރީ 1914ގައި، އަދި ހުޅުވުނީ 7 ޑިސެންބަރު 1919 ގައި.
  • މި ގެ ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ބެއްލެވުމުގެ ދަށުން ސިލޯނުން އިންޖިނޭރުންނާއި މަސައްކަތްތެރިން ގެންނަވައިގެން.
  • އައްސުލްތާން މުޙައްމަދު ޝަމްސުއްދީން (3ވަނަ)، ރަސްކަމުން އަޒުލުކުރެއްވުމާ ގުޅިގެން އެ މަނިއްޕުޅު ވަޑައިގެން ހުންނެވީ ހެންވޭރު ގަނޑުވަރުގައި.
  • 1939ގައި ހެންވޭރު ގަނޑުވަރުގެ ނަން "މުލީއާގެ"އަށް ބަދަލުކުރެވުނު ފަހުން ވުޒާރަތުއް ދާޚިލިއްޔާއާއި މަހުކަމަތުއް ދާޚިލިއްޔާއާއި މަހުކަމަތުއް އަމަންޢާއްމާއި ކާތިބުއްސިއްރުގެ އޮފީހާއި ދައުލަތުގެ ޚާޒާނާ އާއި "ސަރުކާރުގެ ޚަބަރު"ގެ އިދާރާ ހިންގި.
  • އަލް އަމީރު ޙަސަން ފަރީދު ދީދީ ދައުލަތް ހިންގެވި ދުވަސްވަރު މިގެ ދައުލަތަށް ނެންގެވި.
    1 ޖަނަވަރީ 1953 ގައި މުލީއާގެއަށް "ދާރުއްރިޔާސާ" އޭ ކިޔަން ފެށުނު. އެއާއެކު ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ހުންނަވާ ގެކޮޅަކީ މިއީ ކަމުގައި ހަމަޖެހި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މިތާނގައި ގާއިމުކުރެވުނު
  • ޖަލާލަތުލް މަލިކު މުހައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައި ބޮޑުވަޒީރުގެ އޮފީސް މުލީއާގޭގައި ހިންގެވި.
    ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.އ.ވ)ގެ ދައުރުގައި މުލީއާގެ ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި އަލުން ބޭނުންކުރައްވަން ފެއްޓެވި.
  • ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު 1978ގައި ވެރިކަމަށް ވަޑައިގެން، 1994 ގައި ތީމުގެ ޢިމާރާތްކުރައްވައި، އެ ގެއަށް ރިޔާސީ ގަނޑުވަރު ބަދަލުކުރެއްވުމާ ހަމައަށް ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި މި ގެ ބޭނުންކުރެއްވި.
  • މިހާރުގެ ފެންވަރަށް ރައީސް އޮފީސް ބިނާކުރެއްވި ދުވަސްވަރު މުލީއާގޭގައި ރައީސް އޮފީސް ވެސް ވަނީ ވަގުތީ ގޮތުން ހިންގަވައިފައި.
  • 1994ގެ ފަހުން ރިޔާސީ ގަނޑުވަރުގެ ގޮތުގައި މުލީއާގެ ބޭނުންކުރެއްވުން ހުއްޓަވާލައްވާފައި ވަނިކޮށް އަލުން ރިޔާސީ ގަނޑުވަރުގެ ގޮތުގައި މި ތަން ބޭނުންކުރައްވަން ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، 2009 ވަނަ އަހަރުން ފެށިގެން.
  • ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މުލީއާގޭގައި ދިރިއުޅުއްވަން ފެއްޓެވީ 2018 ނޮވެމްބަރު 30 ވީ ހުކުރު ދުވަހު.
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *