Support Us

މާތް ނަބިއްޔާގެ މަހާނަފުޅު

މާތް ނަބިއްޔާގެ ގަބުރުފުޅު ވަގަަށް ނަގަން އުޅުނު ދެ މީހުންގެ ވާހަކަ

އައްސުލްޠާން ނޫރުއްދީން ޒަންކީ އަކީ އިހުޒަމާނުގައި އުޅުއްވި ވަރަށް ހެޔޮލަފާ ޞާލިޙް ރަސްކަލެކެވެ. ހިޖްރީން 557 ވަނަ އަހަރު، އެއް ދުވަހަކު ރަސްގެފާނު ތަހައްޖުދު ނަމާދު ކުރައްވައިގެން އަވަހާރަފުޅު ލެއްޕެވިތަނާ ހުވަފެންފުޅުގައި ކީރިތި ރަސޫލާ ﷺގެ މޫރިތި މޫނުފުޅު ފެނިވަޑައިގަތެވެ. އަދި އެ ހުވަފެންފުޅުގައި މަޣްރިބް ކަރައިގެ ދެ މީހެއްގެ މޫނުގެ ޞިފަ ރަސްގެފާނަށް ދައްކަވާފައި މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "އޭ މަޙްމޫދުއެވެ. މި ދެ މީހުންގެ ކިބައިން ތިމަންކަލޭގެފާނު ސަލާމަތްކޮށްދެއްވާށެވެ. އޭ މަޙްމޫދު އެވެ. މި ދެ މީހުންގެ ކިބައިން ތިމަންކަލޭގެފާނު ސަލާމަތްކޮށްދެއްވާށެވެ. މި ދެ މީހުން، ތިމަންކަލޭގެފާނުގެ ޤަބުރުފުޅާ ދިމާއަށް، ބިމުގެ އަޑިން ކޮންނަމުން އެބައާދެއެވެ." ‎

ކޮންމެއަކަސް ކީރިތި ރަސޫލާ ﷺގެ މޫރިތި މޫނުފުޅު މީހަކަށް ހުވަފެނުގައި ފެނިއްޖެނަމަ، އެއީ ތެދު ހުވަފެނެއް ކަމުގައި ނޫނީ ނުވާނެއެވެ. އެހެނީ ޝައިޠާނާއަކަށް، ހުވަފެނުގައި، އިތުރު އެކަލޭގެފާނު ތަމްޘީލުކޮށެއް ނުދެވޭނެއެވެ. މިއީ ޞައްޙަ ޙަދީޘުން ޘާބިތުވާ ކަމެކެވެ.

ދެންފަހެ މި ހުވަފެންފުޅު ފެނިވަޑައިގަތުމުން، ރަސްގެފާނަށް ބިރުފުޅުން ހޭފުޅުލެވިއްޖެއެވެ. އަދި ވުޟޫކުރައްވައިގެން ދެރަކުއަތުގެ ނަމާދެއް ކުރައްވައި ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް އެދި ދުޢާ ކުރައްވަމުން އަނެއްކާވެސް އަވަހާރަލައްޕަވައިފިއެވެ. ހަމަ އަވަހާރަލެއްޕެވިތަނާ ދެވަނަ ފަހަރަށްވެސް، މި ހުވަފެންފުޅު ފެނިވަޑައިގަތެވެ. އަދި މިގޮތަށް ތިން ފަހަރު، މި ހުވަފެންފުޅު ފެނިވަޑައިގަތުމުން ރަސްގެފާނު ތެދުވެވަޑައިގެން ރަސްގެފާނު އެންމެ އިތުބާރުކުރައްވާ ވަޒީރު އަދި ލަފާދާރު ކަމުގައިވާ ޖަމާލުއްދީން އަލް މަލްސިލީގެ ގެންނަވައި އޭނާގެ އަރިހުގައި މި ހުވަފެންފުޅުގެ ވާހަކަ ވިދާޅުވިއެވެ. އެ ހިނދު ޖަމާލުއްދީން ރަސްގެފާނަށް ލަފާދެއްވީ މި ހުވަފެންފުޅުގެ ވާހަކަ ސިއްރުކުރައްވާފައި، ހިނދުކޮޅަކުވެސް މަޑުނުކުރައްވައި ވީހާވެސް އަވަކަށް މަދީނާއަށް ދަތުރުފެއްޓެވުމަށެވެ.

އެހެންކަމުން އެެ ދުވަހުގެ އިރުއެރުމާ އެކު ރަސްގެފާނު ދަތުރުފުޅު ފައްޓަވައިފިއެވެ. އަރިހުގައި އިތުބާރުކުރެވޭ 20 މީހުންނާއި އަދި ލަފާދެއްވާ ވަޒީރާއި ގިނަގުނަ މުދަލާއި ހަދިޔާބަދިޔާ ގެންދެވިއެވެ. ފަހެ ދަތުރުފުޅު ކުރައްވައި ސޫރިޔާއާއި އުރުދުން އާއި އަރަބިކަރައިގެ ބައެއް ހުރަސްކުރައްވައި 16 ދުވަހުގެ ތެރޭގައި ރަސްގެފާނު މަދީނާއަށް ވަޑައިގަތެވެ. އަދި މަސްޖިދުއް ނަބަވީގައި ދެ ރަކުއަތު ނަމާދެއް ކުރައްވައި، ކީރިތި ރަސޫލާ ﷺގެ ގަބުރުފުޅާއި އެ ގަބުރުފުޅު އަރިހުގައި ފަސްދާނުވެޑުވިފައިވާ ދެބޭކަލުންގެ ގަބުރުފުޅަށް ޒިޔާރަތްކުރެއްވުމަށްފަހު ދެން ކަންތައް ކުރައްވާނެ ގޮތަކާ މެދު ވިސްނާވަޑައިގަތުމަށް ނަބަވީ މިސްކިތުގައި އިށީނދެވަޑައިގަތެވެ.

އެހިނދު ރަސްގެފާނަށް ލަފާދެއްވާ ވަޒީރު މީސްތަކުންނަށް ގޮވައި އިޢުލާން ކުރެއްވިއެވެ. "ރަސްގެފާނު މަދީނާއަށް ވަޑައިގެންފިއެވެ. އަދި މަދީނާގެ އަހުލުވެރިންނަށް ގިނަގުނަ ހަދިޔާ ގެންނެވިއެވެ." އެހިނދު އެކި ދިމަދިމާލުން މަދީނާގެ އަހުލުވެރިންތައް ރަސްގެފާނުގެ އަރިހަށް ޖަމަޢުވާން ފެށިއެވެ. އަދި ރަސްގެފާނު ގެންނެވި ހަދިޔާބަދިޔާތަކުން މީސްތަކުންނަށް ޞަދަގާތްކުރައްވަން ފެއްޓެވިއެވެ. އޭރު ރަސްގެފާނު ވަރަށް ފަރުވާތެރިކަމާ އެކު ބައްލަވަމުންގެންދެވީ ހުވަފެންފުޅުގައި ރަސޫލުﷲގެފާނު، ދެއްކެވި މޫނުތައް ފެނިވަޑައިގަނޭތޯއެވެ. ނަމަވެސް މަދީނާގެ އެންމެހާ މީސްތަކުންނަށް ޞަދަގާތްކޮށް ނިމުނު އިރުވެސް އެމޫނުތައް ފެނިވަޑައިނުގަތެވެ. އެހެންކަމުން ސުވާލުކުރެއްވިއެވެ. "ނާންނަ އެއްވެސް މީހަކު އެބަހުރި ހެއްޔެވެ؟" މަދީނާގެ އަހުލުވެރިން ދެންނެވިއެވެ. "އާދޭހެވެ. މަދީނާގެ އެންމެހާ އަހުލުވެރިން މަނިކުފާނުގެ އަރިހަށް ހާޒިރުވެއްޖެއެވެ. މަޣުރިބްކަރައިގެ ވަރަށް ޞާލިހް ދެމީހަކު ފިޔަވައެވެ. އެއީ މީސްތަކުންގެ ކިބައިން ހަދިޔާ ގަބޫލުކުރައްވާ ބައެއް ނޫނެވެ. އަދި ފަޤީރުންނަށް ކާންދެއްވައި ގަވާއިދުން ސުންނަތް ރޯދަ ހިއްޕަވައި ތަހައްޖުދު ނަމާދުކުރައްވާ ބައެކެވެ. އަދި ރެޔާއި ދުވާލު މާތްނަބިއްޔާގެ ގަބުރުފުޅަށް ޒިޔާރަތްކުރައްވައި ކޮންމެ ހަފްތާއަކު އެއްފަހަރު ޤުބާ މިސްކިތަށް ޒިޔާރަތްކުރައްވާ ބައެކެވެ. ތަނަވަސް ބައެކެވެ."

އައިޝަތުގެފާނުންގެ ކޮޓަރިކޮޅު (ވ) އަދި މާތް ނަބިއްޔާއާއި އަބޫބަކުރުގެފާނާއި އުމަރުގެފާނުގެ މަގުބަރާ

އެ ހިނދު ރަސްގެފާނު ވިދާޅުވިއެވެ. "ސުބުޙާނަﷲ އެވެ. އެ ދެ މީހުން ހާޒިރުކުރާށެވެ."

ދެންފަހެ ރަސްގެފާނުގެ އަމުރުފުޅަށް އެ ދެ މީހުން ހާޒިރުކުރެވުނެވެ. އަދި އެއީ ހުވަފެންފުޅުގައި މާތްނަބިއްޔާ ދެއްކެވި މޫނުތައްކަން ރަސްގެފާނަށް ވަގުތުން އެނގިވަޑައިގަތެވެ. އެހެންކަމުން އެ ދެ މީހުންނާ ސުވާލުކުރެއްވިއެވެ. "ތިޔައީ ކޮންތަނެއްގެ ބައެއްހެއްޔެވެ؟ އަދި ޞަދަގާތް ލިބިގަތުމަށް ހާޒިރުނުވީ ކީތްވެގެން ހެއްޔެވެ؟" އެ ދެ މީހުން ދެންނެވިއެވެ. "އަހުރެމެންނަކީ މަޣުރިބްކަރައިގެ ދެ މީހުންނެވެ. އަހުރެމެންނަކީ ވަރަށް ތަނަވަސް ބަޔަކީމުއެވެ. މަދީނާއަށް އައީ ހައްޖުގެ އަޅުކަން އަދާކޮށް ރަސޫލުﷲ ގެފާނުގެ އަވަށްޓެރިންގެ ގޮތުގައި މިތަނުގައި ދުވަސްކޮޅަކު މަޑުކޮށްލުމަށެވެ."

ޖަވާބުގައި ރަސްގެފާނު ވިދާޅުވިއެވެ. "ކަލޭމެން ތެދުބުނާށެވެ!" އެ ހިނދު އެ ދެ މީހުން ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓުނެވެ. ދެންފަހެ އެ ދެ މީހުންނާ އެކު އެ މީހުން ދިރިއުޅޭ ކޮޓަރި ބެއްލެވުމަށް ރަސްގެފާނު ވަޑައިގަތެވެ. އެއީ މާތްނަބިއްޔާ ފަސްދާނުވެޑުވިފައިވާ ތަނާ ނުހަނު ކައިރީގައިވާ ތަނެކެވެ. ނަމަވެސް ޝައްކުވާ ޒާތުގެ އެއްވެސް ކަމެއް އެތަނުގެ ތެރެއިން ރަސްގެފާނަށް ފެނިވަޑައެއްނުގަތެވެ. އޭރު އަރިހުގައި ތިއްބެވި ބޭކަލުންވެސް ރަސްގެފާނު ބޭނުންފުޅުވެގެން އުޅުއްވަނީ ކޮންކަމެއްކަން އެނގިވަޑައިނުގެން އަޖައިބުވެފައި ތިއްބެވެ.

ކޮންމެއަކަސް ރަސްގެފާނު ދެކޮޅަށް ހިންގަވަން ހުންނެވުމަށްފަހު، ކުއްލިއަކަށް އެކޮޓަރީގެ ބިންމަތީގައި އަޅާފައި އޮތް ދުވަސްވެފައިވާ ދޫލަގަނޑެއް އެއްފަރާތްކޮށްލިއެވެ. އެހިނދު… ‎ސުބްޙާނަﷲ! އެވެ. އޭގެ ދަށުން ފެނިވަޑައިގަތީ، ބިންގަރާހެއްގެ އަނގަމައްޗެވެ. ފަހެ، ރަސްގެފާނު، ބިންގަރާހުގެ ތެރެއަށް ބައްލަވައިލެއްވިއެވެ. އަދި ބިންގަރާހުގެ ތެރެއަށް ވަނުމަށް، މީހަކަށް އަމުރު ކުރެއްވިއެވެ. އެހިނދު އެނގި ކަށަވަރުވީ، އެއީ މަސްޖިދުއް ނަބަވީއާ ދިމާއަށް ކޮންނަމުން ގޮސްފައިވާ ހޮހަޅައެއް ކަމެވެ. އަދި އަޑިން ކޮންނަމުން ގޮސް، މާތްނަބިއްޔާގެ ޤަބުރުފުޅާ ނުހަނު ގާތްވެފައިވާ ކަމެވެ. އޭރު މަޣުރިބްކަރައިގެ ދެމީހުން ބިރުން ތުރުތުރު އަޅައެވެ.

ކޮންމެއަކަސް އެ ހިސާބުން ރަސްގެފާނު އެ ދެ މީހުންނާ ހަރުކަށިކަމާ އެކު ސުވާލުކުރައްވަން ފެއްޓެވިއެވެ. އަދި އިންޒާރުކުރެއްވިއެވެ.

"ކަލޭމެން ތެދުބުނާށެވެ!" ދެން އެ ދެ މީހުން ޖަވާބު ދިނެވެ. "އަހުރެމެންނަކީ ކުރިސްޓިއަނުންނެވެ. އަހުރެމެން މިތަނަށް އައީ ހައްޖުވެރިންގެ ގޮތުގައި އަހުރެމެންގެ ރަސްގެފާނު އަމުރަށެވެ. ވަރަށް ގިނަ މުދަލާއި ފައިސާ ދެއްވާފައި އަހުރެމެން ފޮނުއްވީ މާތް ނަބިއްޔާގެ ގަބުރުފުޅު ވަގަށްނެގުމަށެވެ. އެހެންކަމުން އަހުރެމެންގެ ލަނޑުދަނޑި ހާޞިލްކުރުމަށް މި ގޭގައި ދިރިއުޅެން ފެށީއެވެ. އަދި ކޮންމެ ދުވަހަކު ރޭގަނޑުވުމުން ބިންގަރާސް ކޮންނަނީއެވެ. ނަގާ ވެލި ދަބަސްދަބަހުގައި ގެންގޮސް ބާގިއާ އޭ ކިޔުނު ގަބުރުސްތާނުގެ މަހާނަތަކުގެ މައްޗަށް އަޅަނީއެވެ. އަހުރެމެން ކޮންނަމުންދާ ވަރަކަށް އެކިއެކި ބިރުވެރި ކަންތައްތަކާ އަހުރެމެންނާ ކުރިމަތިވެއެވެ. ވިދުވަރުތަކާއި ބިންހެލުން ފަދަ ކަންކަމެވެ. އެއަށްފަހު މަނިކުފާނަށް އަހުރެމެންގެ ކަންތައް ފަޅާއެރީއެވެ."

ކޮންމެއަކަސް މި ދެ މީހުން އެބައިމީހުންގެ ކުށަށް އިއުތިރާފްވިއެވެ. އަދި ރަސްގެފާނު ނޫރައްދީނުގެ އަމުރުފުޅަށް އެ ދެ މީހުންގެ ބޯ ކަނދުރާއާ ވަކިކޮށްލެވުނެވެ. އަދި މާތްނަބިއްޔާ ފަސްދާނުވެޑުވިފައިވާ ‎މާތްވެގެންވާ ކޮޓަރިކޮޅުގެ ވަށައިގެން ފުންކޮށް ފެނާ ޖެހެންދެން، ޚަންދަޤެއް ކޮނުމަށްފަހު ރަސްގެފާނުގެ އަމުރުފުޅަށް ޚަންދަގުތެރެއަށް ތިމަރަ ވިރުވާފައި، އަޅައި ގަދަފަދަވެގެންވާ ފާރެއްލެވުނެވެ. ﷲ އަކުބަރް

ނޯޓް:

މި ހާދިސާއިން އަޅުގަނޑުމެންނަށް އެނގިގެން ދަނީ މާތްﷲގެ ވަޙީ ބަސްފުޅުގެ ތެދުކަމެވެ. އެކަލާނގެ ވަނީ މާތްނަބިއްޔާ ދިރިދުނިޔޭގައި ހުންނެވި އިރުވެސް އަދި ސުވަރުގެ ވަޑައިގަތުމަށްފަހުވެސް މީސްތަކުންގެ ކިބައިން ރައްކާތެރިކުރައްވާފައެވެ. މާތްﷲ ކީރިތި ޤުރުއާނުގެ އަލްމައިދާ ސޫރަތުގެ 67 ވަނަ އާޔަތުގައި ވަޙިކުރައްވާފައިވެއެވެ. وَاللَّهُ يَعْصِمُكَ مِنَ النَّاسِ އަދި اللَّه މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ.

މަސްދަރު:

މިއީ ޕުރައުޑް އޮފް އިސްލާމް ފޭސްބޫކް ޕޭޖް އާއި ނާސިރް އިސްލާމް ޑޮޓް ކޮމް އިން މަޢުލޫމާތު ނަގައި އެކުލަވާލާފައިވާ ވާހަކައެކެވެ.

ކީރިތި ރަސޫލާއާއި ދެ އަޞްޙާބުން ފަސްދާނުވެޑުވިފައިވާ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅު

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
221
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *