Support Us

ކީރިތި ރަސޫލާއާއި ދެ އަޞްޙާބުން ފަސްދާނުވެޑުވިފައިވާ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅު

މަތީގައިވާ ފޮޓޯއިން އެ ފެންނަނީ ކީރިތި ރަސޫލާ ﷺ ގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅު ހުރި ގޮތުގެ ތަސްވީރެކެވެ. މާތް ނަބިއްޔާގެ އިތުރުން އެކަލޭގެފާނުގެ މިތުރު ދެ އަޞްޙާބުން ކަމަށްވާ އަދި މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނާއި ދެވަނަ ޚަލީފާ ޢުމަރުގެފާނު ފަސްދާނުވެޑުވިފައިވަނީ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ.

މާތް ރަސޫލާގެ އަނބިއަނބިކަނބަލުން ދިރިއުޅުއްވި ކޮޓަރިކޮޅުތަކަށް "ޙުޖުރާތު" މިނަމުން ނަންކިޔިގެންވެއެވެ.

ކީރިތި ރަސޫލާ ﷺ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ދެ އަނބިކަނބަލުން ތިއްބެވިއެވެ. އެއީ ސައުދަތުގެފާނާއި ޢާއިޝަތުގެފާނެވެ. އެ ދެ ބޭކަނބަލުންނަށް މަސްޖިދުއްނަބަވީއާ އިންވެގެން ދެ ކޮޓަރިކޮޅު ބިނާކޮށް ދެއްވިއެވެ. އެއަށްފަހު ޙަފްޞަތުގެފާނާ ކާވެނި ބެއްލެވުމަށްފަހު އެކަމަނާއަށް ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގެ ދެކުނު ފަރާތުގައި ކޮޓަރިކޮޅެއް ބިނާކޮށްދެއްވިއެވެ. އެކަލާގެފާނު ކާވެނިބެއްލެވި ބޭކަނބަލުންގެ ތެރެއިން ކޮންމެ ބޭކަނބަލަކަށް ކޮޓަރިކޮޅެއް ބިނާކޮށްދެއްވިއެވެ. މީގެ ކޮންމެ ދެކޮޓަރިކޮޅެއް ދެމެދުގައިވަނީ ކިރިޔާ މީހަކަށް ހިނގާލާފައި ދެވޭވަރުގެ ހަނި މަގެކެވެ. މި ކޮޓަރިކޮޅުގެ ކައިރިކަމުން އެއްކޮޓަރިކޮޅުގައި ތިއްބަވައިގެން އެއްބޭކަނބަލަކު އަނެއް ބޭކަނބަލަކާ ވާހަކަފުޅު ދައްކަވައެވެ. އެގޮތަށް ތިއްބަވައިގެން ޙަފްޞަތުގެފާނާއި ޢާއިޝަތުގެފާނު ވަރަށް ގިނައިން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ވާހަކަފުޅު ދައްކަވައެވެ.

އެ ކޮޓަރިކޮޅުގައި ހުރެ މީހަކު އަތް އުފުލައިލައިފިނަމަ ފުރާޅުގައި އަތް ޖެހޭވަރުވެއެވެ. ހިޖުރައިން 11 ވަނަ އަހަރު ކީރިތި ރަސޫލާ ﷺ ސުވަރުގެވަޑައިގަތުމުން ފަސްދާނުވެޑުވުނީ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ. އެކަލޭގެފާނު ފަސްދާނުވެޑުވުމަށް ތައްޔާރު ކުރުމަށްޓަކައި ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި ހުރި ބައެއް ފަރުނީޗަރު ނެރެން ޖެހުނެވެ. އޭގެ ދެ އަހަރު ފަހުން އަބޫބަކުރުގެފާނު އަވަހާރަވުމުން އެކަލޭގެފާނުވެސް ފަސްދާނުވެޑުވުނީ އެކޮޓަރިކޮޅުގައެވެ. މާތް ރަސޫލާގެ އަރިހުގައެވެ. އޭގެ 10 އަހަރުފަހުން ޢުމަރުގެފާނު ޝަހީދުވުމުން އެކަލޭގެފާނުވެސް ފަސްދާނުވެޑުވުނީ އެކޮޓަރިކޮޅުގައެވެ. އޭގެ ތިންބޭކަލުން ފަސްދާނުވެޑުވުމަށްފަހުވެސް ޢާއިޝަތުގެފާނު ދިރިއުޅުއްވަމުން ގެންދެވީ އެކޮޓަރިކޮޅުގައެވެ. ނަމަވެސް ޢުމަރުގެފާނު ފަސްދާނުވެޑުވުމުން މަހާނަފުޅު ހުރިތަނާ އެކަމަނާ ދިރިއުޅުއްވަމުން ގެންދެވިތަން ފޮޓޯއިން އެ ފެންނަގޮތަށް ވަކިކޮށްލެއްވިއެވެ. އެއީ ޢުމަރުގެފާނަކީ އެކަމަނާގެ މަހުރަމަކަށްނުވެފައި، އެކަމަނާ އެކަލޭގެފާނަށް އިޙްތިރާމުކުރައްވާލެއް ބޮޑުކަމުންނެވެ.

އޭގެ ތިން ބޭކަލުން ފަސްދާނުވެޑުވުމަށްފަހު، އެކޮޓަރިކޮޅުގައި ހަތަރު ވަނަ މީހަކު ވަޅުލާނެ ޖާގަ އޮތެވެ. ކުރީން ޢާއިޝަތުގެފާނު ބޭނުންފުޅުވެވަޑައިގެންނެވީ، އެކަމަނާ އަވަހާރަވުމުން، އެކަމަނާގެ ފިރިކަލުން ކީރިތި ރަސޫލާ ﷺ އާއި ބައްޕާފުޅު އަބޫބަކުރުގެފާނުގެ އަރިހުގައި  ފަސްދާނުވެޑުވުމަށެވެ. ނަމަވެސް އެކަމަނާ އަވަހާރަވުމުގެ ކުރީން އިބްނު ޒުބައިރަށް ވަޞިއްޔަތް ކުރައްވައިފައިވަނީ އެކަމަނާ އަވަހާރަވުމުން ބަޤީޢުގައި މާތް ރަސޫލާގެ އެހެނިހެން އަނބިއަނބިކަނބަލުންގެ އަރިހުގައި ފަސްދާނުވެޑުވުމަށެވެ. ފަހަރުގައި އެއީ އެތަނުގައި ޢުމަރުގެފާނު ފަސްދާނުވެޑުވުމުން އެކަލޭގެފާނަކީ އެކަމަނާގެ މަހުރަމެއްކަމުގައި ނުވާތީ ނިންމެވި ނިންމެވުމެއްކަމުގައި ވެސް ވެދާނެއެވެ.

މަސްޖިދުއްނަބަވީ އާއި މާތް ނަބިއްޔާގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތައް ހުރި ގޮތުގެ ފަރުމާއެއް މައުރަޒަކަށް ހަދައިފައި

ކޮންމެއަކަސް، ޢާއިޝަތުގެފާނު ދުނިޔޭގައި އިންނެވިހާ ދުވަހު އެކަމަނާ އިންނެވީ އެކޮޓަރިކޮޅުގައެވެ. މަހާނަފުޅުތަކާ ވަކިކޮށްލެވިފައިވާ ކުޑަކުޑަ ޖާގައިގައެވެ. ފޮޓޯއިން އެފެންނަ އެނދުދާންކޮޅު އެހުރީ އެކަމަނާ ދިރިއުޅުއްވި ބައިގައެވެ. މާތް ރަސޫލާއަށްފަހު 47 އަހަރު ދުނިޔޭގައި އިންނެވުމަށްފަހު ޢާއިޝަތުގެފާނު އަވަހާރަވީ ހިޖުރައިން 58 ވަނަ އަހަރުގައެވެ.

  • މައުލޫމާތު: އަލީ އިހުސާން ފިރާގުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
451
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *