...

Support Us

ބަކުރުގެ ސަންދޯއް (ކަޅު ކުލައިގައި) ކަށުނަމާދަށް ހަރަމްފުޅަށް ގެންގޮސްފައި 

ހަރަމްފުޅުގައި ބޭއްވި ބަކުރުގެ ކަށުނަމާދުގައި ދެ މިލިއަނަށްވުރެ ގިނަ މީހުން

އުމްރާއަށް ގޮސް އުޅެނިކޮށް އިއްޔެރޭ ފަތިހު ނިޔާވި ބ. އޭދަފުށީ މާބަގީޗާގޭ އަބޫބަކުރު ހަސަންގެ ކަށުނަމާދު، މާތްވެގެންވާ މަސްޖިދުލް ހަރަމްގައި ރޭ ފަތިސް ނަމާދަށްފަހު ބާއްވައިފިއެވެ. ރެއަކީ ރަމަޟާންމަހުގެ 27 ވިލޭރޭ ކަމަށް ވުމުން، ރޭގެ ފަތިސް ނަމާދާއި ކަށުނަމާދުގައި ދެ މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މައްކާގެ ރަސްމީ މަސްދަރުތަކުން ބުނެއެވެ.

ހަރަމްފުޅުގައި ރޭ ފަތިސް ނަމާދަށްފަހު އޮތް ޖަނާޒާގައި ހަތަރު މީހެއްގެ ކަށު ނަމާދު ކުރިއެވެ.

މުސާފިރީން އުމްރާ ގްރޫޕާއެކު އުމްރާއަށް ގޮސް ހުރި އަބޫބަކުރު، 76، ނިޔާވީ އިއްޔެ ފަތިސް ނަމާދަށްފަހު މީހުން ހޮޓަލަށް ދިޔަ ވަގުތުއެވެ.

"އޭނާ ނިޔާވީ ހޮޓަލުގައި ތިރިއަށް ފައިބައި ހުރެ މެޔަށް ތަދެއްވެޔޭ ހާސްވަނީއޭ ބުނެފައި ކުއްލިއަކަށް. އޭނާގެ ކުދިން ވެސް ކައިރީގައި ތިބި. މި ކަމެއް ހިނގީ ފަތިސް ނަމާދުން އައި ވަގުތު. ބަލިވެ އުޅޭތީ އޭނާ ރޭ ހަރަމަކަށް ނުދޭ،" މައްކާގައި ހުރި މުސާފިރީން ގްރޫޕުގެ ވެރިޔަކު އިއްޔެ ވިދާޅުވިއެވެ. "އޭނާގެ އަންހެނުންނާއި އަށް ކުދިންނާއި އެ ކުދިންގެ އަނބިންނާއި ފިރިންނާއި ކާފަ ކުއްޖަކާވެސް އެކު އޭނާ އުމްރާ އަށް އައިސް އުޅުނީ."

އަބޫބަކުރަކީ ރަމަޟާން މަހުގެ ފަހު 10ގައި އުމްރާއަށް ދިޔަ ދިވެހިންގެ ތެރެއިން ނިޔާވި ފުރަތަމަ މީހާއެވެ.

އަބޫބަކުރާއެކު ޖުމްލަ 12 މީހުން އުމްރާއަށް ދިޔައެވެ. ބަކުރުގެ ޖަނާޒާގައި އާއިލާގެ ހުރިހައި މެމްބަރުންނާއި، އުމްރާއަށް ގޮސް ތިބި ހުރިހައި ދިވެހިން ބައިވެރިވިއެވެ.

ބަކުރުގެ ސަންދޯއް (ކަޅު ކުލައިގައި) ކަށުނަމާދަށް ހަރަމްފުޅުތެރެއަށް ވައްދަނީ

މުސާފިރީން އުމްރާ ގްރޫޕާއެކު މިމަހު 17 ގައި އުމްރާ އަށް ދިޔަ 170 މީހުންގެ ތެރޭގައި އޭދަފުށީ ސާޅީހަކަށް މީހުން ދިޔައެވެ. އަދި އެހެން ގްރޫޕުތަކާއެކު ވެސް އަބޫބަކުރުގެ އާއިލާގެ މީހުން އުމްރާއަށް ގޮސް އެބަތިއްބެވެ.

"އަބޫބަކުރުގެ ޖަނާޒާގެ ކަންތައް ރޭ ފަތިސް ނަމާދަށްފަހު މަސްޖިދުލް ހަރަމްގައި ވަނީ ކުރިއަށް ގެންދެވިފައި،" މުސާފިރީން ގްރޫޕުގެ އޮފިޝަލް ވިދާޅުވިއެވެ.

މުސާފިރީން ގްރޫޕުގެ އުމްރާވެރީން ތިބެނީ ހަރަމްފުޅުން ހިނގާލައިފައި 15 ވަރަކަށް މިނިޓުން ދެވޭ ހޮޓަލެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3634
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް