Support Us

ބ. އަތޮޅު ތިން ރަށެއްގައި، ބޭރުގައި ޖިމެއް އަޅަން ތަކެތި ހަވާލުކުރުމުގެ ރަސްމީޔާތު -ފޮޓޯ: އިންޑިއާ އެމްބަސީ

އިންޑިއާ އިން ދޭ އެހީތަކުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ސިއްރެއް؟

އަރަބި އަދަބިއްޔާތުގެ ޝޭކްސްޕިޔަރު ކަމުގައި ބެލެވޭ އަރަބި ޅެންވެރިޔާ މުތަނައްބީގެ (915-965މ.) ޅެމެއްގެ ބައިތެއްގައި އޮވެއެވެ.

إذا رأيت نيوب الليث بارزة  *   فلا تظنن أن الليث يبتسم

މާނައަކީ، ސިންގާގެ ދަތްތައް ފާޅުކޮށް ކަލެއަށް ފެނުމުން، ފަހަރެއްގައި ވެސް ސިންގާ ހެނީ ކަމުގައި ކަލޭ ހީކޮށްގެން ނުވާނެއެވެ! މި ވާހަކަކޮޅު ގުޅެނީ މި ބައިތުގައި އެކުލެވޭ ހިކުމަތާއެވެ.

މިބައިތުގައި އެކުލެވޭ ހިކުމަތަކީ ކޮބާހެއްޔެވެ؟ މީހަކު، ބޮޑަށް ހީނލައިފި ނަމަ، އާންމު ގޮތެއްގައި، އޭނާގެ ދަތްތައް ފެނެއެވެ. އަދި، ހީނލުމަކީ ހިތް ހެޔޮކަމާއި އުފާވެރިކަން ރަމްޒުކޮށްދޭ ކަމެކެވެ. ނުބައި ނިޔަތެއް ނެތްކަމާއި ހެޔޮއެދޭކަން ރަމްޒުކޮށްދޭ ވަރަށް ހިތްގައިމު ސިފައެކެވެ. އެހެން ކަމުން، ހިނިތުން ވެލުމަކީ، މީހުންގެ ހިތްތައް ދަމައިގަނެ، ހިތްތައް އަޅުވެތި ވެސް ކޮށްލާފަދަ ޖާދުވީ އަސަރެއް އެކުލެވޭ ކަމެކެވެ. ވަކިން ޚާއްސަކޮށް ލޯބީގެ މައިދާނުގައެވެ.

ނަމަވެސް، ސިންގާއެއް، އޭގެ ދަތްތައް ދައްކާލައިފި ނަމަ، އޭތި ހެނީ ކަމުގައި ބަލައި، އޭތި ހެޔޮ އެދެނީ ކަމަށް ހީކޮށްލެވިދާނެ ހެއްޔެވެ؟ ޝައްކެއްނެތް ގޮތުގައި، މިފަދައިން ހީކުރާނީ މޮޔައެކެވެ. އެހެނީ، ސިންގާ އަނގަ ހުޅުވައި ދަތްތައް ދައްކާލަނީ އޭތީގެ ޝިކާރަ އަތުލައިގަނެ، ޝިކާރަ ކާލަންވީމައެވެ. އެހެންވެ، ސިންގާގެ ދަތްތައް ދައްކާލައިފި ނަމަ، ބުއްދިވެރިވެގެން ވަނީ އިތުރަށް ސަމާލުވުމަށެވެ. އެއާ ދުރަށް ދުވެ ދިޔުމަށެވެ. ނޫން ނަމަ އޭގެ ޝިކާރައަކަށް ވެދާނެވެ.

އިންސާނީ ދުނިޔޭގައި ވެސް، ސިންގާގެ ދަތްތައް ދައްކާ ގޮތަށް އެމީހުންގެ ދަތްތައް ދައްކާ މީހުން އުޅެއެވެ. ނުބައި ނިޔަތެއްގައި، އެމީހުންގެ ދަތްތައް ދައްކައި، ހިނިތުންވާ ކަމަށް ހެދި، ހެޔޮއެދުމުގެ އަމަލްތައް ކަމުގައި ބެލެވޭ ކަންކަންކުރާ މީހުންނެވެ. ސިންގާގެ ދަތްތައް ދައްކާލީމާ އެއިން ސަލާމަތްކަން ހޯދާފަދައިން މިފަދަ މީހުންނާ ދޭތެރޭ ވެސް، ސަމާލުވެ، އެމީހުންނާ ދުރަށް ދާންޖެހެއެވެ. ލިބިދާނެ ބޮޑު ގެއްލުމަކަށްޓަކައެވެ. މިކަން އިތުރަށް ސާފުކޮށްލަދިނުމުގެ ގޮތުން، ދެ މިސާލެއް ލިޔެލާ ހިތްވެއެވެ. މަތީގައި ލިޔެވިފައިވާ ބައިތުގައި އެކުލެވޭ ހަގީގަތް އިންސާނުންގެ އަމަލުތަކުގެ މައްޗަށް ނަޒަރު ހިންގައި އެ ހަގީގަތް ދެނެގަތުމަށްޓަކައެވެ.

ފުރަތަމަ މިސާލު ގުޅެނީ ދާދި ފަހުން، ދިވެހި ލިޔުންތަކުގައި "ދިވެހިކުރެވިގެން" ބޭނުން ކުރަން ފެށުނު ލަފްޒަކާއެވެ. އާދެ، "ގުރޫމް"ކުރުން މި ލަފްޒާއެވެ.

މިބަހުގެ އިނގިރޭސި އަސްލަށް ބަލާލާއިރު، އެކަމުގެ މާނަ ގުޅެނީ އަޅާލުމާއެވެ. މިކަން ދެނެގަތުމަށްޓަކައި ގުރޫމުގެ އަސްލު އެއް މާނައިގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ އޭގެ އެއް މާނައަކީ ޚާދިމެވެ. އޭނާގެ މަސައްކަތްތަކުގެ ތެރޭގައި ސާހިބާގެ އަސްތައް، (މިހާރުގެ ހާލަތައް ފައްތާފައި ބުނާ ނަމަ، ސާހިބާގެ "ކާރުތައް") ބަލަހައްޓަން ޖެހެއެވެ. މާނައަކީ އަސްތައް ފޮހެ، ރީތިކުރަން ޖެހެއެވެ. އާދެ، އަސްތަކަށް އަޅާލަންޖެހެއެވެ. މި މާނައިން، "ތައްޔާރުވުމުގެ" މާނައިގައި "ގުރޫމު" ބޭނުން ކުރެވެން ފެށިއެވެ. ނަވާރަ ވަނަ ގަރުނުގެ ފަހުކޮޅުގައި އެމެރިކާގައި ސިޔާސީ މައިދާނުގައެވެ. އާދެ، ސިޔާސީ ކެންޑިޑޭޓަކު "ގުރޫމު"ކުރުމަކީ ސިޔާސީ މައިދާނަށް އޭނާ ނެރުމަށް ތައްޔާރުކުރުމެވެ.

އަޅުގަނޑުމެންގެ ތެރެއަށް "ގުރޫމު ކުރުން" ދާދި ފަހުން އިވެން ފެށީ މި ނަންގަތް މާނައިގައެވެ. އާދެ، ތައްޔާރުކުރުމުގެ މާނައިގައެވެ. ތުއްތު ކުޑަކުދިންނާ ޖިންސީ ގޮތުން ބެހި އުޅޭ މީހުން، އެމީހުންގެ މިފަދަ ހަޑިހުތުރު އަމަލުތަކަށް، ކުޑަކުދިން ތައްޔާރުކުރުމުގެ ގޮތުން ކުރާ ކަންތައް ތަކަށް އިޝާރަތްކޮށެވެ. މިގޮތުން، އެފަދަ މީސްމީހުން ތަފާތު ކަންތައްތައް ކުރާ ކަމަށް ބުނެއެވެ.

އެމީހުން އަމާޒުކުރާ ކުޑަ ކުއްޖާއާ އާދަޔާ ޚިލާފު ބޮޑަށް އަޅާލައި ހެޔޮވުމެވެ. އެކުއްޖާއަށް މެޓާއާއި ޗޮކުލެޓު ދިނުމެވެ. ހަދިޔާ ބަދިޔާ ފޯރުކުރުމެވެ. ކުއްޖާއަށް ހެޔޮވެގަނެ، ނަސޭހަތްދީ، އޭނާއަށް މާ އިޚުލާސްތެރިކަމާއެކު ކަންކަން ކުރާނޭ ގޮތް ކިޔާދޭ މީހެއްގެ ދައުރު އަދާކުރުމެވެ. ކުއްޖާގެ މައިންބަފައިންގެ ނޫނީ ބަލަދުވެރިންގެ، މާ ގާތް މީހަކަށްވެ، އެމީހުންގެ ކައިރީގައި އިތުބާރު ހިފޭ މީހަކަށް ވުމެވެ. ނުވަތަ އެފަދަ މީހަކަށް ވެފައި އޮތުމެވެ. މިގޮތުން، ކުއްޖާގެ އިތުރުން، މައިންބަފައިން ވެސް، އޭނާގެ ނުރައްކާތެރިކަމާ މެދު އޮވެދާނެ ކަންބޮޑުވުމެއް، ދުރުކޮށް ނެތިކޮށްލައެވެ.

މިފަދައިން ކުޑަކުދިން ގުރޫމުކޮށް، އޭނާގެ ޖިންސީ ޝިކާރައަކަށް ހެދުމަށް ކަންތައް ކުރާ މީހާއާ މެދު ކަންތައް ކުރަން ޖެހޭނީ ކިހިނެއް ހެއްޔެވެ؟ އެއްވެސް، ޝައްކެއްނެތެވެ. އެމީހާއާ ގާތްވެގެން ނުވާނެއެވެ. އެ ކުޑަ ކުއްޖާ، އެމީހާއާ ވީހާ ވެސް ދުރަށް ގެންދާން ޖެހެއެވެ. އަދި، ކަމާ ބެހޭ ފަރާތްތަކަށް، އެމީހާގެ ވާހަކަ ރިޕޯޓުކުރަން ވެސް ޖެހެއެވެ.

ދެވަނަ މިސާލު ގުޅެނީ ބޮޑެތި ގައުމުތަކާއި ކުދި ގައުމުތަކާ ދެމެދު އޮންނަ ގުޅުމާއެވެ. ދޭދޭ ގައުމުތަކުގެ ގުޅުން ބިނާވާން ޖެހެނީ އެއް ގައުމު އަނެއް ގައުމަށް އިހުތިރާމުކުރުގެ މައްޗަށެވެ. މި އިހުތިރާމުކުރުން ނިޔާކުރަނީ އެއް ބަޔަކު އަނެއް ބަޔެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށެވެ. ދޭދޭ ގައުމުތަކުގެ ގުޅުމުގެ އުސޫލަކަށް މިއުސޫލު އޮންނަ ޖެހުނު ކަމުގައި ވިޔަސް، ބައެއް ފަހަރު، ހަގީގަތް އޮންނަނީ މިހެންނެއް ނޫނެވެ. ފޮރުވިފައިވާ ބޭނުމެއް އޮތުމުން، މި އުސޫލަށް އަމަލު ނުކޮށް، ދޭދޭ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއިން، ބައެއް ފަހަރު، އަމިއްލަ ޒާތީ ބޭނުންތައް ފުއްދަން މަސައްކަތްކުރެވޭތަން ފެނެއެވެ. އެ ގޮތުން ސިންގާގެ ދަތް ދައްކާލާ ފަދައިން، ނުވަތަ މީހަކު އޭނާގެ ޖިންސީ ޝިކާރައަކަށް ކުޑަކުއްޖަކު ހަދާލުމުގެ ނިޔަތުގައި، އެކުއްޖާއަށް ހެޔޮވެގަނެ، މެޓާ ދޭ ފަދައިން، އެ ފަދަ ގޮތެއްގައި "ހެޔޮކަމުގެ އަމަލުތައް" ކުރެވެނީއެވެ. މީގެ ވަރަށް ރަނގަޅު މިސާލެއް އިންޑިޔާއާއި ރާއްޖެއާ ދެމެދު މިހާރު އޮތް ގުޅުމުން ފެނެއެވެ. މިކަމުގެ މައްޗަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟

ސިންގާގެ ދަތްތައް ދައްކާލުމުގެ ހަގީގީ މަގުސަދު އެނގެއެވެ. އޭގެ ޝިކާރަ އަތުލައިގަނެ، އޭތި ހަފާ ކާލުމެވެ. ހަމަ އެފަދައިން ކުޑަކުދިން ގުރޫމުކުރާ މީހުންގެ ބޭނުމަކީ ކޮބައިކަން ވެސް އެނގެއެވެ. އޭނާގެ ޖިންސީ ޝިކާރައަކަށް އެކުޑަ ކުއްޖާ ހަދާލުމެވެ. އިންޑިޔާ ރާއްޖެއާ ބާއްވާ ގުޅުމުގެ ހަގީގީ މަގުސަދު އެނގެން އެބަ އޮތް ހެއްޔެވެ؟ އެކަމުގެ އެއްވެސް ހެއްކެއް ލިބެން އެބަ އޮތް ހެއްޔެވެ؟ މީގެ ޖަވާބުގައި ބުނެވޭނީ އެބައޮތެވެ. އަދި ހެކިވެސް ލިބެން އެބަ ހުއްޓެވެ.

ހަގީގަތުގައި، ރާއްޖޭއިން، އިންޑިޔާ ބޭނުންވަނީ ކޮން ކަމެއްކަން، ރާއްޖެއާ މާ ގާތް ގުޅުމެއް އުފެއްދުމުގެ، ހަގީގީ އަމާޒަކީ ކޮބައިކަން، އިންޑިޔާގެ ކުރީގެ ބޮޑުވަޒީރެއްގެ ބަސްފުޅެއްގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ހިންގާލުމުން އެނގެއެވެ.

އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން އިންޑިޔާއަށް މިނިވަންކަން ހޯދައިދެއްވި އިންޑިޔާގެ ބަތަލުންގެ ތެރޭގައި ހިމެނޭ، އަދި މިނިވަން އިންޑިޔާގެ ފުރަތަމަ ބޮޑުވަޒީރު ނެހެރޫގެ ބަސްފުޅަކުންނެވެ. އޭނާގެ "ޑިސްކަވަރީ އޮފް އިންޑިޔާ" މި ފޮތުގައި، އިންޑިޔާގެ ދެކުނުގައި، ހައިދަރު އަލީގެ ވެރިކަމުގެ ދަށުގައި، އޮތް މަމްލަކާގެ ފަރާތުން ރާއްޖެ ހިފި ވާހަކައަކާއި، އިންޑިޔާގެ އޮޑިފަހަރު ބަންނަ ތަނަކަށް ރާއްޖެ، ހެދި ވާހަކައެއް ލިޔެފައި ވެއެވެ. މި އިޝާރަތް ކުރެވެނީ، ރާއްޖޭގެ މިނިވަންކަމާ މަލާބާރީން ތޮޅުނު ތޮޅުމާއެވެ. އާދެ، ހައިދަރު އަލީގެ ފަރާތުން، އަލީ ރާޖާ، ރާއްޖެއަށް ދިން ހަމަލާތަކާއެވެ. މިއީ މަލިކު ވެސް، މި ހަމަލާތަކާ ގުޅިގެން، ރާއްޖެއާ ވަކިވާން ދިމާވި ދުވަސްވަރެވެ. މީލާދީ ސަނަތުން 16ވަނަ ގަރުނުގެ މެދުގެ އަހަރުތަކުގައެވެ. މި ހަމަލާތަކުގައި ރާއްޖޭގެ، އޭރުގެ ރަދުން، އިމާދުއްދީނު 3ވަނަ އަށާއި އަދި، އާންމުންނަށް ވެސް އަނިޔާކުރެވި، މީހުން ގަތުލު ވެސް ކުރެވުނެވެ. އަދި ރަދުންގެ ލޯފުޅު އަނދިރިކޮށްލައި، ހައިދަރު އަލީގެ އަރިހަށް ގެންދެވުނެވެ.

މި ވާހަކަ، އާދެ، ނެހެރޫގެ މިހެން ލިޔުއްވާފައި އޮންނަ ވާހަކަ، 19 ސެޕްޓެމްބަރު 1962ގައި ރާއްޖޭގެ އޭރުގެ ދުވަހު ނޫހުގައި ލިޔެފައި އޮތެވެ. އަދި އެ ލިޔުމުގައި މުހިއްމު ނުކުތާއެއް ފާހަގަކޮށްފައި އޮތެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ނެހެރޫ ނުހޯއްދަވައި އޮތް ވާހަކައެވެ. އާދެ، ގައުމެއްގެ މިނިވަންކަމާ ބަޔަކު ބެހި، އެތަން ހިފުމުގެ ވާހަކަ ދައްކާއިރު، މުއައްރިޚެއްގެ ހައިސިއްޔަތުން، އެކަމުގެ މައްޗަށް ތަންގީދީ ނަޒަރަކުން ބަލައި، އެއްޗެއް ބުނަން ޖެހެއެވެ. އެހެން ނޫން ނަމަ ބެލެވޭނީ މި އަމަލު މުއައްރިޚު، ހުއްދަކޮށް، އެކަމާ ރުހި ގަބޫލުވާކަމެވެ.

އާދެ، ރާއްޖެއަކީ މީސްކޮޅު މަދު، ކުޑަ ތަނަކަށް ވެފައި، މުހިއްމު ނުވުމުން، އެތަނަކީ އިންޑިޔާގެ ބާރުގެ ދަށަށް، އެތަނުގެ އޮޑިފަހަރު ބަންނަ ހަރުގެއަކަށް، އެހެން އިބާރާތަކުން ބުނާ ނަމަ، އަލިފުށީ ބޯޓުޔާޑު ފަދަ ބޯޓުޔާޑަކަށް، މުޅި ގައުމު ހަދާލުން ހަމަ އެންމެ ރަނގަޅު ކަމަށް ދެކޭކަމެވެ. މިއިން އެނގޭ ކަމަކީ، ރާއްޖެއަކީ އިންޑިޔާ ދެކޭ ގޮތުގައި، އިންޑިޔާގެ ބާރުގެ ދަށުގައި އޮންނަން ޖެހޭނޭ ތަނެކެވެ. މިފަދައިން އެއްވެސް ތަންގީދީ ނަޒަރަކުން ބަލާ ނުލައްވައި އާދެ، ނެހެރޫ ލިޔުއްވުމުން، މި ހަމަލާތަކުގެ ވާހަކައަކީ ބަލައިގަނެވޭ، ހަމަ އެންމެ ރަނގަޅު ކަމެއް ކަމުގައި ދޭހަ ކުރެވެނީއެވެ. އާދެ، އިންޑިޔާގެ އެދުމަކީ ރާއްޖެއަކީ އެތަނުގެ ބާރުގެ ދަށުގައި ބާއްވަން ބޭނުންވާ ތަނެއް ކަމުގައި ބެލެވެނީއެވެ.

މިއީ މާ ބޮޑުކަމެއް ނޫން ކަމަށް ބައެއް މީހުން ދެކިފާނެއެވެ. އަދި، ކަންބޮޑުކޮށްގެން ވާހަކަ ދައްކަނީ ކަމުގައި ވެސް ބަލާފާނެއެވެ. މީގެ ހަގީގަތް، މި ވާހަކަތަކުގެ ޝާމިލުވާ ދެގައުމުގެ ދައުރު ބަދަލުކޮށްލައިގެން ދެއްކުމުން އެނގޭނެއެވެ. މިސާލަކަށް ރާއްޖޭގެ ބަޔަކު، އިންޑިޔާއަށް ހަމަލާދީ އެތާނގެ ރާޖާއެއްގެ ލޯފުޅު ކަނުކޮށްލައި، އެތަނުގެ މީހުންތަކެއް މަރައި، މި ވާހަކަ ރާއްޖޭގެ މުއައްރިޚަކު، މިކަމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ދޭހަވާ ގޮތެއްގައި ލިޔެލުމުން އިންޑިޔާއިން ކަންތައް ކުރާނޭ ގޮތް ހިތަށް ގެންނަވާށެވެ.

މިފަދަ ކަމެއް، އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ހިނގިއެވެ. ރާއްޖޭގެ އޭރުގެ ރައީސް ދެއްކެވި ވާހަކަފުޅެއްގައި ރާއްޖެއާއި މަލިކާ ސަގާފީ ގާތް ކަމެއް އޮތް ވާހަކަ ވިދާޅުވިއެވެ. ބަހުގެ ގޮތުންނާއި ދީނީ ގޮތުންނެވެ. ފަހަރެއްގައި ވެސް ރާއްޖެއިން، މަލިކު ހިފަން އުޅޭ ވާހަކައެއް ނުދައްކަވައެވެ. މިވާހަކައިގެ ނަތީޖާއަކީތޯއެވެ؟ ރާއްޖެއިން މަލިކު ހިފަން އުޅޭ ވާހަކަތައް ދޭހަވާ ލިޔުންތައް އިންޑިޔާގެ ނޫސްތަކުގައި ލިޔުމެވެ. އަދި، އިންޑިޔާގެ ނޫހެއްގައި އެ ދުވަސްވަރު ޝާއިއު ކުރެވުނު ކާޓޫނެއްގައި، އިންޑިޔާގެ އަތްތިލަމަތީ ރާއްޖޭގެ ރައީސް ބައިންދައި ފުމެލާތަނުގެ ސޫރަ ކުރަހާލެވުނެވެ. މީގެ އިތުރުން، ރާއްޖެއާއި އިންޑިޔާގެ ގުޅުމަށް ވެސް ބުރޫއެރިއެވެ. މިހެން ކަމަށްވާއިރު، އިންޑިޔާގެ އިސް ފަރާތަކުން، ރާއްޖެ ހިފުމުގެ ވާހަކަ ލިޔުއްވާއިރު، އެއީ އެންމެ ރަނގަޅު ކަމެއްކަން ދޭހަވާ ގޮތަށް ލިޔުއްވުމުން، އެކަން މާނަކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އާދެ، އެއީ އިންޑިޔާ އެދޭ ކަމެއްގެ ގޮތުގައެވެ.

މި ނަންގަތް ގޮތަށް އެކަން މާނަކުރުމަށް ބާރު ލިބޭ އިތުރު ކަންކަން ވެސް އެބަހުއްޓެވެ. ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ވެރިޔަކު ޗައިނާގެ ވެރިޔަކާ ބައްދަލުކުރެއްވިއެވެ. އަދި، މީގެ އިތުރުން، ޗައިނާގެ ބައެއް މަސް ބޯޓުފަހަރު ގަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަހައްދައް ވަނުމުން، ރާއްޖެއިން އެ ބޯޓުފަހަރު ހިފައި، އޭގެ ފަޅުވެރިން ހައްޔަރުކުރެއެވެ. މި މައްސަލަ ހައްލުކޮށް ޗައިނާގެ މީހުން މިނިވަންކުރުމުގެ ގޮތުން، ޗައިނާގެ ސަރުކާރުގެ ފަރާތުން އިސް ބަޔަކު ރާއްޖެ އައިސް ވާހަކަތައް ދައްކައެވެ. މިކަންކަން އިންޑިޔާއިން މާނަކުރީ، ޗައިނާއާ ރާއްޖެ މާ ގާތް ގުޅުމެއް ބާއްވަން އުޅޭ ގޮތަށެވެ. އަދި، މިފަދަ ގުޅުމެއް އުފެދިދާނެތީ "އިންޑިޔާގެ ބޮލުގައި ރިއްސާ ވާހަކައެއް" މި ސުރުޚީގެ ދަށުން، 24 އޯގަސްޓު 1965ގެ ވިޔަފާރި މިއަދުގެ އަދަދުގައި ލިޔެވުނެވެ.

ތާރީޚީ ގޮތުން ތަންކޮޅެއް އަދާ ކައިރިއަށް ޖެހެލުމުން، އިންޑިޔާ ބޭނުންވާ ގޮތަކީ ރާއްޖެ އިންޑިޔާގެ އަތް ދަށުގައި ބޭއްވުންކަން ވަރަށް ސާފުކޮށް އެނގެއެވެ. އެއީ އަސްކަރީ ބާރު ބޭނުންކޮށް، ރާއްޖެއަށް އަރައިގަތުމަށް އިންޑިޔާގެ ޕާލިމަންޓުގެ މަތީގޭ މެމްބަރަކު 2018ގެ އޮގަސްޓު މަހު ގޮވާލިއެވެ. ރާއްޖޭގައި އެ އަހަރު ބާއްވަން އޮތް ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހިންގައިފި ނަމައެވެ. މިއީ، ޝައްކެއް ނެތް ގޮތުގައި، ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަނުމެވެ. މިކަން މިހެންވާން ދިމާވަނީ، ރާއްޖޭގައި ވެސް، އެމީހުންގެ އަމިއްލަ އެދުމުގެ ބޭނުމުގައި، މިފަދަ ކަންތައްތަކަށް ހިތްވަރުދޭ ބަޔަކު ރާއްޖޭގެ ސިޔާސީ އިސް ސަފުގައި ތިބީމައެވެ.

ހެއްކަކީތޯއެވެ؟ ބޭރު ޓީވީތަކުގައި މިފަދަ ގޮވުންތައް އެފަދަ ސިޔާސީ ވެރިން ގޮވައި އެކަމުގެ އެދުން ފާޅުކޮށްފައިވާ ކަމެވެ. އެހެންވީމާ، އިންޑިޔާއިން އެމީހުން ބޭނުންވާ ގޮތަށް ރާއްޖޭގައި ކަންތައް ކުރުމަށް، އިހުނަށް ވުރެ ފަސޭހަވީއެވެ. އަނެއްކޮޅުން، އިހުގައި އޮތް ފަދަ ގޮތެއްގައި، އާންމުންގެ މެދުގައި، ގައުމީ ހޭލުންތެރިކަން ވެސް މިހާރު ކުޑަވެފައި އޮތީ ވެސް މެއެވެ. ގައުމަށް އިސްކަން ދެވުމުގެ ބަދަލުގައި ކުލަތަކާއި އަމިއްލަ މަސްލަހަތަށް އިސްކަން ދެވުމުގެ ސަބަބުންނެވެ.

ދެން ކަންތައްތައްވީ ކިހިނެއް ހެއްޔެވެ؟ އިންޑިޔާއިން ބޭނުންވާ ގޮތަށް ކަންތައްތައް ފަހިވާ ފަދަ އެއްބަސްވުންތައް ރާއްޖެއާ އެކު އެއްބަސްވާތަން ފެނުމެވެ. މީގެ ތެރޭގައި އަސްކަރީ އެއްބާރުލުމުގެ އެއްބަސްވުންތަކުގެ ވާހަކަތައް، 2000ގެ އަހަރުތަކުގައި އިވުނެވެ. މި އެއްބަސްވުންތަކުގެ އަސާސަކީ އިންޑިޔާގެ މަސްލަހަތުތަކަށް ރާއްޖެ އިހުތިރާމުކުރުމެވެ. ރާއްޖޭގެ މަސްލަހަތުގެ ވާހަކައެއް ނާދެއެވެ. އެކަމަކީ އިންޑިޔާ ބޭނުންވާ ގޮތަކަށް ރާއްޖެއިން ކަންތައްތައް ކުރުމުން، ލާޒިމުކުރާ ކަމެކޯލައެވެ. އިންޑިޔާގެ މަސްލަހަތަށް ރާއްޖެއިން އިހުތިރާމު ކުރުން ނިޔާކުރީ، އިންޑިޔާއިން ކަނޑައަޅާ ގޮތަކަށް، އާދެ، ކަނޑައަޅާ ގޮތަކަށް، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވާންޖެހުމެވެ. އާދެ، އެގޮތަށް ބިނާވާން ޖެހުމެވެ. އެއީ ރާއްޖެއަށް ލިބިފައި އޮންނަ އިޚްތިޔާރަކަށް ނުވުމެވެ.

އައްޑޫ ހަންކެޑެ ސަރަހައްދުގައި އިންޑިއާއިން ބިނާކުރާ ޕޮލިސް ޓްރޭނިން ސްކޫލް -ފޮޓޯ: ސޯޝަލް މީޑިއާ

މިގޮތުން، އިންޑިޔާއަށް އިސްކަންދޭން ރާއްޖެއަށް ޖެހުނެވެ. މީގެ މާނައަކީ އިންޑިޔާއިން ބޭނުން ކަމެއް ރާއްޖޭގައި ކުރެވޭ ގޮތް ވުމެވެ. މިސާލަކަށް، ބޭރުގެ ބައެއްބނޫސްތަކުގައި ސުރުޚީ އަޅާލެވުނު ފަދައިން، "މިލިޓަރީ ބޭހެކޭ ނުކިޔައި އިންޑިޔާގެ މިލިޓަރީ ބޭހެއް ރާއްޖޭގައި ހެދޭގޮތް ވިއެވެ." މިތަނުގައި އިޝާރަތްކުރެވެނީ އައްޑޫގައްޔާއި ލ. އަތޮޅުގައި އަޅަމުންދާ "ފުލުހުން ތަމްރީނުކުރާ އެކަޑަމީ ތަކަށެވެ."

މީގެ އިތުރުން، ރާއްޖޭގައި އިންޑިޔާގެ ޖާސޫސީ މަރުކަޒުތައް ގާއިމުކޮށް އެ މަސައްކަތް ހިންގޭނޭ މަގުފަހިވެގެން ވެސް ދިޔައެވެ.

އަދިވެސް އެހެން ކަމެކެވެ. އިންޑިޔާއާ ވާދަވެރި ނުވަތަ އިންޑިޔާއާ މައްސަލަތައް އޮންނަ ގައުމުތަކާ ރާއްޖެއާ ގުޅުން ބޭއްވޭނީ އިންޑިޔާ ރުހޭ ގޮތެއްގެ މައްޗަށް ބަލާފައެވެ. މިސާލަކަށް ޗައިނާއާއި ޕާކިސްތާނެވެ. ރާއްޖޭގެ މީސްމީހުންނަށް ޕާކިސްތާނުގެ ތެރޭގައި މިނިވަންކަމާއެކު، ދަތުރުކުރެވުން ވެސް އޮންނަނީ އިންޑިޔާގެ ރުހުން ލިބިގެންނެވެ. މިފަދަ ރުހުން ނުލިބިގެން ބައެއް ދިވެހިން، ޕާކިސްތާނަށް ކުރާ ދަތުރުތައް ހުއްޓާލަން ޖެހިފައި އެބަހުއްޓެވެ. މީގެ އެހެން މިސާލެއް މީގެ ދުވަސްކޮޅެއް ކުރިން ފެނުނެވެ. ކަޝްމީރުގައި އިންޑިޔާއިން ކުރަމުންގެންދާ ކަންތައްތައް ދުނިޔޭގެ މުސްލިމު ގައުމުތަކުގެ ޖަމިއްޔާގައި ކުށްވެރިކުރުމުން، އިންޑިޔާގެ ދިފާއުގައި ރާއްޖެ ނިކުންނަން ޖެހުމެވެ.

މިފަދަ ގޮތެއްގައި އިންޑިޔާގެ މަސްލަހަތު ދިފާއުކޮށް، އިންޑިޔާއިން ބޭނުންވާ ގޮތަކަށް ކަންތައް ކުރުމުން، ރާއްޖެއަށް އޮތީ ކޮން ކަމެއް ހެއްޔެވެ؟ އާދެ، އެއްކަލަ ސިންގާގެ ދަތްތައް މަތިން ހަނދާންކޮށްލައްވާށެވެ! ސިންގާ އޭގެ ޝިކާރައަށް ދަތްތައް ދައްކާ ގޮތަށް، އިންޑިޔާގެ ދަތްތައް ދައްކާލައި، ހީނލުމެވެ. އާދެ، ރާއްޖެއަށް އެހީއެއް ފޯރުކޮށްލަދިނުމެވެ.

ސިންގާގެ ދަތްތައް ދައްކާ ގޮތަށް އޮންނަ ކަމެކޭ ބުނަނީ ކީއްވެ ހެއްޔެވެ؟ އެއީ މިފަދަ އެހީތަކަކީ، ގިނަ ފަހަރަށް، ވަގުތުން އެކަން ހުއްޓާލެވޭ ގޮތަށް އޮންނަ އެހީތަކެކެވެ. އިންޑިޔާ ނުރުހިއްޖެ ހިނދެއްގައެވެ. މިސާލަކަށް އިންޑިއާއިން ރާއްޖެއަށް ދީފައި އޮންނަ "ދަރަނީގެ ވާފަށެވެ." މިއީ ލޯނުގެ މަތީ ވަކި އަދަދެއް ކަނޑައަޅައި، އެ އަދަދު ހަމަވަންދެން، އިންޑިޔާ އެދޭ ގޮތެއްގެ މަތިން، އިންޑިޔާއިން ކަނޑައަޅާ ވަކި ކަހަލަ ބޮޑެތި މަޝްރޫއުތަކަށް ޚަރަދުކުރަން ލިބެން އޮންނަ ލޯނެކެވެ. މި ލޯނަކީ ލިބިފައި އޮތް އެއްޗެއް ނޫނެވެ. މި ދަރަނީގެ ވާފަށް، އިންޑިޔާ ނުރުހިއްޖެ ނަމަ، އިންޑިޔާ ބޭނުން ހިނދެއްގައި، ބުރިކޮށްލެވޭނެއެވެ. މީގެ ހެކި 2012 ގައި ރާއްޖެ ދެކެ އިންޑިޔާ ނުރުހުނު ވަގުތެއްގައި ފެނިގެންދިޔައެވެ. ރާއްޖެއިން ގަނެފައި އޮތް 100 މިލިއަން ޑޮލަރުގެ ޓުރެޝަރީ ބޮންޑު ވަގުތުން ދައްކަން އިންޑިއާއިން އެންގި އެންގުމުންނެވެ. ދެން، އެފައިސާ ދައްކައި ޚަލާސްކުރަން ދިވެހި ސަރުކާރަށް މަޖުބޫރުވެ، އެކަން ކުރިއެވެ. އާދެ، ސިންގާގެ އަނގަ ހުޅުވައި ދަތްތައް ދައްކާލައި އަނގަ ލައްޕާލައި ކައިނުލާ ދިޔައީ ހަމަ ކިރިޔާއެވެ!

މި ނަންގަތް ލޯނުގެ އެހީގެ އިތުރުން ވެސް، ސިންގާގެ ދަތްތައް ދައްކާލާ ފަދަ ގޮތެއްގައި އިންޑިޔާއިން ރާއްޖެއަށް އެހީދެއެވެ. މީގެ ލާމަސީލު މިސާލަކީ، މޮހޮނަށް އޮޑި ދިން ފަދައިން، އިންޑިޔާއިން ރާއްޖެއަށް ދިން ދެ ހެލިކޮޕްޓަރެވެ. އެވާހަކަ އެންމެނަށް ވެސް އެނގޭނެތީ އެއާ މެދު އެއްޗެއް ބުނުމުގެ ބޭނުމެއް ނެތެވެ. އޮޑި މޮހޮނަށް މިލްކުކޮށްދެވުނު ކަމުގައި ވިޔަސް، އޮޑީގައި އަތްލުމުގެ ހުއްދަ، މޮހޮނަށް ނޯންނަ ފަދައިން، އެ ދެ ހެލިކޮޕްޓަރަކީ ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް އަތްލެވޭ އެއްޗެއް ނޫންކަން ފާހަގަކޮށްލާފައި ފުއްދާލަމެވެ.

އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ހެލިކޮޕްޓަރެއް ކައިރީގައި އިންޑިއާގެ ދިފާއީ ވަޒީރާއި އިންޑިއާގެ ސިފައިން

 

އަދި މިފަދަ އެހީއެއް ދީފި ނަމަ، މިކަން އިންތިހާއަށް އިޝްތިހާރު ކުރެއެވެ. މިސާލަކަށް އެ ހެލިކޮޕްޓަރުން ދަތުރެއް ކޮށްދީފި ނަމަ، މުޅި ފަލަކުގައި، އެތައް ދުވަހެއް ވަންދެން، އެވާހަކަ ދަތުރުކޮށްލަ ކޮށްލަ އޮވެއެވެ. މިފަދަ، އެންމެ ފަހުގެ ދެ މިސާލަކީ، މި ކޮވިޑް ބަންދުގެ ތެރޭގައި ބަލި މީހުން އިންޑިޔާއަށް ގެންދިޔުމެވެ. ޝައްކެއްނެތް ގޮތުގައި ޝުކުރު ހައްގު އަމަލެކެވެ. ނަމަވެސް ނިޔަތް ގޯހެވެ. ސިންގާގެ ދަތްތައް ދައްކާލުން ކަހަލަ ކަމަކަށް ވީމައެވެ. މީގެ އިތުރުން، ދާދި ފަހުން ބ. އަތޮޅު ތިން ރަށެއްގައި، ބޭރުގައި ޖިމެއް އަޅަން ތަކެތި ދިނުން ހިމެނެއެވެ. އިސް ވަޒީރުން އެއްކޮށް، ނޫސްތަކާއި ޓީ.ވީތަކަށް ވެސް ދައުވަތުދީފައި، އެ ތަކެތީގެ އަގާ އެއްވަރުގެ ރަސްމިއްޔާތެއް ވެސް ބާއްވައި މިކަން އިއުލާނުކުރިއެވެ.

އެހެން ގައުމުތަކުން ވެސް މިފަދަ އެހީތައް ދެއެވެ. ނަމަވެސް، މިވަރަކަށް އިޝްތިހާރެއް ނުކުރެއެވެ. އަދި، ބައެއް ގައުމުތަކުގެ އެހީ، އިންޑިޔާ ނުރުހިދާނެތީ، ރާއްޖެއިން ގަބޫލުކުރެވެން ވެސް ނޯންނަ ވާހަކަ އިވެއެވެ.

އާދެ، އިންޑިޔާއިން ރާއްޖެއަށްދޭ އެހީ އޮންނަނީ ސިންގާގެ ދަތްތައް ދައްކާ ފަދައިންނޭ ބުނަން ޖެހެނީ، ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮންނަ ގުޅުންތައް އިންޑިޔާއިން ރާއްޖެއަށް ދީފައި އޮންނަ ލޯނުގެ ވާފަށާ އެއްގޮތަށް އޮންނާތީއެވެ. އިންޑިޔާއިން ރާއްޖެއަށް އެތެރެކުރާ މުދަލަށް ބަލާލީމާ މިކަން ވަރަށް ސާފުކޮށް ފެންނާނެއެވެ. އެއީ ކާޑުގެ ބާވަތްތަކަށް ވިޔަސް، އަލުވި، ފިޔާ ފަދަ މުދަލަށް ވިޔަސް އަދި ހިލަވެއްޔަށް ވިޔަސް ވެހެވެ. މި މުދަލަކީ ކޯޓާ ކަނޑައެޅިފައި އޮންނަ މުދާ މުދަލެވެ. އެ ކޯޓާ ކަނޑައަޅަނީ އިންޑިޔާއިންނެވެ. ކޮންމެ އަހަރަކު އެއްފަހަރު މިކަން ކުރެއެވެ. މި ކޯޓާއަށް އިސްލާހު ގެނެސް އުނިކޮށް ބަދަލުކުރުމުގެ ބާރު ވެސް އިންޑިޔާއަށް އޮވެއެވެ. ކޮންމެ ރޯދަ މަހަކު، ދަތިކޮށްލުން ވެސް އެއީ ހަމަ ކޮންމެ އަހަރަކު ވެސް ދިމާވާ ކަމެކެވެ. ކޯޓާ މަދުކޮށްލެވެނީއެވެ. ރާއްޖޭ މީހުންނަށް އިންޑިޔާއަށް ދާން ވިސާ ލިބުން ވެސް އޮންނަނީ މިފަދަ ގޮތަކަށެވެ. ރުހިފައިވާ ވަގުތުތަކުގައި ވިސާ ލިބެން ތަންކޮޅެއް ފަސޭހަ ވެއެވެ. ނުރުހިއްޖެ ނަމަ، ދަތިކޮށްލައެވެ. އާދެ، މިކަންކަން ވައްތަރު ވަނީ ކުއްތާއެއްގެ ކަރުގައި އަޅައިފައި އޮންނަ ބޮޅެއްގައި އައްސާފައި އޮންނަ ވާފަށަކާއެވެ. ކުއްތާގެ ވެރިފަރާތުން ބޭނުންވާ ވަގުތަކު އެއަށް ދަމާލައި ކުއްތާ ކޮންޓުރޯލުކުރުމުގެ ބާރު އެ ފަރާތަށް ލިބިފައި އޮވެއެވެ. އާދެ، މި ނަންގަނެވުނު ކަންތަކައް ބަލައިލުމުން ބުނަން ޖެހެނީ އިންޑިޔާއިން، ރާއްޖެ ގެންގުޅެނީ އޭގެ ބާރުގެ ދަށުގައިވާ ކުއްތާއެއްގެ ގޮތުގައެވެ.

ދެން، ނަތީޖާއަކީތޯއެވެ؟ މަތީގައި ބަޔާންކުރެވިދިޔަ ވާހަކަތަކުން ސާފުކޮށް އެނގެނީ އިންޑިޔާގެ ބާރުގެ ދަށަށް ރާއްޖެ ގެންދަން ބޭނުންވާ ކަމެވެ. އަދި އިންޑިޔާ ރުހޭ ފަދައިން، އިންޑިޔާގެ ބާރުގެ ދަށަށް ރާއްޖެ ދާ ފަދަ ގޮތެއްގައި ރާއްޖެއިން ކަންތައްކުރާ ނަމަ، އެހީ ލިބިދާނެއެވެ. އާދެ، އިންޑިޔާ އަނގަ ހުޅުވާލައި ރާއްޖެއަށް އޭގެ ދަތްތައް ދައްކާލައެވެ. ސުވާލަކީ މި ދަތްތަކަކީ ހިނިތުންވެ، ހެޔޮއެދޭ ކަމުގެ ނިޝާނެއް ހެއްޔެވެ؟ ނޫން ނަމަ، ސިންގާ އޭގެ ޝިކާރަ އަތުޖެހުމުން އެއަށް ދަތްތައް ދައްކާލާ ގޮތަށް، ނޫނީ ކުޑަކުދީންނާ ބެހޭ މީހަކު، އޭނާގެ ޝިކާރަ ގުރޫމުކުރުމުގެ ގޮތުން، މެޓާ ދޭ ފަދައިން ކުރާ ކަމެއް ހެއްޔެވެ؟

މަތީގައި ބަޔާންކުރެވި ދިޔަ ވާހަކަތަކާއި އަދިވެސް ކަމާ ބެހޭ އިތުރު މައުލޫމާތު ހޯދައި، އަމިއްލަ ވިސްނުން ބޭނުންކޮށްގެން މި ސުއާލުގެ ޖަވާބު ކޮންމެ މީހަކުވެސް އަމިއްލައަށް ހޯދުން މުހިއްމެވެ. އަދި، ރައްކާތެރިވާން ޖެހޭ ކަމަށް ފެނިއްޖެ ނަމަ، އިންޑިޔާގެ ސިންގާ، އޭގެ ދަތްތައް ދައްކާލުމުން، އޭތި ހެނީ ކަމަށް ހީކޮށް، އެއަށް ނުހެއްލި، އެ ސިންގާއާއި އަދި ރާއްޖޭގައި ހުރި އެ ސިންގާއާ ގުޅޭ މުއައްސަސާތަކާ ވީހާ ވެސް ދުރަށް ދިޔުން ބުއްދިވެރިއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *