Support Us

ކަލަކު ވޮޑިގެންވޭހެއްޔެވެ؟ އިލާހިއްޔަތާއި ލާއިލާހިއްޔަތުގެ މައްސަލައިގެ މައްޗަށް މަތިމަތިން ބަލައިލުމެއް- 1

އިލާހިއްޔަތާއި ލާއިލާހިއްޔަތުގެ ވާހަކައަކީ ވަރަށް ވެސް މުހިއްމު ވާހަކައެކެވެ. އެންމެންގެ ވެސް ދުނިޔަވީ ނަޒަރިއްޔާއާ އެވާހަކަ ގުޅޭތީއެވެ. އެއްބައެއްގެ ދުނިޔަވީ ނަޒަރިއްޔާ އިލާހިއްޔަތާ– މާތްﷲ ވޮޑިގެންވުމުގެ އަގީދާ– އާ ގުޅޭއިރު، އަނެއް ބަޔެއްގެ ދުނިޔަވީ ނަޒަރިއްޔާ ގުޅެނީ ލާހިލާހިއްޔަތާއެވެ. އިލާހަކު ވޮޑިގެން ނުވާކަން ގަބޫލުކުރުމުގެ ދުނިޔަވީ ނަޒަރިއްޔާއާއެވެ. އަދުގެ ދުނިޔެއަކީ، މީގެ ތެރެއިން ކޮންމެ ބައެއް ވެސް، އެ ބައެއްގެ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކި، އެގޮތް އެހެން މީހުންގެ މައްޗަށް ފަތުރަން އުޅޭ ގޮތް ފެންނަ ދުވަސްވަރެކެވެ.

މީގެ އިތުރުން، މި މައްސަލަ މުހިންމުވާ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. އަޅުގަނޑުމެންގެ ދިވެހި އާބާދީގެ ބޮޑު އަޣުލަބިއްޔަތަކީ އިލާހިއްޔަތުގެ އަގީދާ ގަބޫލުކުރާ ބައެކޭ ބުނުމަކީ ހަގީގަތާ ޚިލާފު ކަމަކަށް ނުވާނެއެވެ. މިހެންވުމުން، އެ މީހުންގެ މައްޗަށް ގޮތް ކިޔައި އެ މީހުންގެ ހަޔާތާ ބެހޭ ކަންކަން ކަނޑައަޅާލުމުގެ އިޚްތިޔާރާއި ބާރު ބަޔަކާ ހަވާލުކުރަން ޖެހޭއިރު، މި މައްސަލައިގައި އެ ފަދަ ބަޔަކު ދެކޭ ގޮތް ވެސް އެނގެން ބޭނުންވާތީ ވެސް މެއެވެ. ހަމަ އެހެންމެ، ކޮންމެ މުއުމިނަކަށް ވެސް އޭނާގެ އީމާންކަން އާކޮށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ. ސަގާފީ ގޮތުން ވާރުތަވެފައި އޮންނަ ކަމަކާއި، ހަމައެކަނި، އިހުސާސުތަކަކާއި ނުވަތަ ޖާޒުބީ ޝުއޫރުތަކެއްގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއްގެ އިތުރުން، ތިމާގެ އީމާންކަން ވާންޖެހޭނީ އިލްމުގެ އަލީގައި ތިމާގެ ބުއްދި ބޭނުންކޮށްގެން ވިސްނައި ފިކުރުކޮށް، އެކަމުގެ މައްޗަށް ބިނާވާ ކަމަކަށް ހަދަން ޖެހޭތީ، އެކަން އެގޮތަށް ކުރުމަށް އެހީވެދެވޭތޯ ވެސް މެއެވެ. ހަމަ އެހެންމެ، އިސްލާމް ދީންނަށް ޣީރަތްތެރިވެ، އެ ދީން ރައްކާތެރިކުރަން އެދޭ މީހުންގެ ތެރެއިން، ބައަކު މި މައްސަލަ ތެރެއަށް ވަދެ، މި މައްސަލަ ރަނގަޅަށް ދިރާސާކޮށް، އެކަމާ ބެހޭ އެންމެ ފަހުގެ ދިރާސާތުތަކާއި މައުލާމާތުތަކަކީ ކޮބައިކަން ހޯދައި ދެނެގަތުމުގެ ޝައުގުވެރިކަން ވެސް އުފެއްދުމުގެ ގޮތުންނެވެ. އެހެންވެ، މި ލިޔުމުގެ ވާހަކަތައް ހުށަހަޅަމުން ދާއިރު، މި މައްސަލައާ ބެހޭ ބައެއް މުހިއްމު ފޮތްތަކުގެ ވާހަކަ ވެސް ނަންގަނެވޭނެއެވެ. ދީން ރައްކާތެރިކުރުމުގެ އެންމެ މުހިއްމު ހަތިޔާރަކީ އިލްމުވެރިކަމެވެ. އިލްމުގެ ބާރުން ބާރު ލިބިގަތުމެވެ. ގާނޫނީ ގޮތުން ވިޔަސް، ނޫނީ އެނޫން އެހެން ގޮތަކުން ވިޔަސް، އިދިކޮޅު މިހުންގެ އަނގަތައް ބަންދުކޮށް އެމީހުންނަށް އަދަބު ދިނުމަށް ގޮވާލުމުގެ ބަދަލުގައި، އެމީހުންގެ ވާހަކަތައް ދެނެގަނެ، އެވާހަކަތަކުގައި، ދީނީ އަސާސީ އަގީދާތައް ބާތިލުކުރާނޭ އެއްވެސް އިލްމީ ބުރަދަނެއް ނެތްކަން ފާހަގަކޮށް، އެކަން ބަޔާންކޮށް ދިނުމެވެ.

މައުޟޫއާ ބެހޭ ގޮތުން ކުރިއަށް ދިޔުމުގެ ކުރިން، އެންމެ ފުރަތަމައިން ވެސް، ދެ ވާހަކައެއް ލިޔެލަން ޖެހެއެވެ. ފުރަތަމަ ވާހަކައަކީ ބައެއް އިސްތިލާހުތަކުގެ މާނަ ކަނޑައަޅައި ބަޔާން ކުރުމެވެ. ބޭނުން ކުރެވިފައިވާ ބައެއް ޚާއްސަ ލަފްޒުތަކުގެ މާނަ ބަޔާންކޮށްދިނުމެވެ. އިލާހިއްޔަތާއި ލާއިލާހިއްޔަތުގެ މާނައަކީ ކޮބައި ހެއްޔެވެ؟ ދުނިޔަވީ ނަޒަރިއްޔާއަކީ ކޮބައި ހެއްޔެވެ؟ މީގެ އިތުރުން، ފަހުން ނަންގަނެވޭ ސައިންސުގެ އެކި ދާއިރާތަކާ ބެހޭ މުސްތަލަހުތަކަކީ ޚާއްސަ ނަންތަކެއް ކަމަށް ވުމުން، އެ ލަފްޒުތައް ބޭނުން ކުރެވޭނީ، ތަރުޖަމާއެއް ނުކޮށް، ސައިންސުގައި އެ ލަފްޒުތައް ބޭނުންކުރާ ގޮތަށެވެ.

އިލާހިއްޔަތޭ ބުނެ މިތާ އިޝާރަތްކަރަނީ، ކުރިން ބުނެވުނު ފަދައިން، އިލާހަކު ވޮޑިގެންވާކަން ގަބޫލުކުރާ ކުރުމަށެވެ. ލާއިލާހިއްޔަތުގެ މާނައަކީ އިލާހަކު ވޮޑިގެން ނުވާކަން ގަބޫލުކުރާ ކުރުމެވެ. ބައެއް ފަހަރު، މި މާނައިގައި އަޅުގަނޑުމެންގެ ތެރޭގައި އިލްހާދު، މި ލަފްޒާއި ލާދީނީ، މި ލަފްޒު ވެސް ބޭނުން ކުރެވެއެވެ. ނަމަވެސް، މި ލަފްޒުތައް އެހެން މާނަތަކުގައި ދޭހަކުރެވިދާނެތީ، ކަލަކު ވޮޑިގެންވާ ކަމަގެ ގަބޫލުކުރުމާއި ކަލަކު ވޮޑިގެންނުވާކަމުގެ ގަބޫލުކުރުމަށް އިޝާރަތްކުރުމަށް، ތަރުތީބު މަގުން، އިލާހިއްޔަތާއި ލާއިލާހިއްޔަތު މި ދެލަފްޒު ޚިޔާރު ކުރީއެވެ.

ދުނިޔަވީ ނަޒަރޭ ބުނެ މިތާ އިޝާރަތްކުރަނީ ކައުނާއި ދުނިޔަވީ ހަޔާތާ ބެހޭ ގޮތުން މީހަކު ދެކޭ ގޮތަށެވެ. އެއްބަޔަކު ދެކޭ ގޮތުގައި ދުނިޔަވީ ހަގީގަތަކީ ޖިސްމާނީ ކައުނެވެ. ފެންނަން އޮތް ކައުނެވެ. މިފަދައިން ދެކޭ މީހުންގެ ނަޒަރުގައި، އޭގެ ބޭރުން، އެހެން އެއްވެސް އެއްޗެއް ނުވެއެވެ. މީގެ އިތުރުން، އެ ފަދަ މީހުންގެ ނަޒަރުގައި އިންސާނާ އުޅެން އޮތް ހަޔާތަކީ ހަމައެކަނި ދުނިޔަވީ ހަޔާތެވެ. އެމީހުންގެ ގަބޫލުކުރުމަކީ މަރުވުމުން، ހަޔާތް ނިމުމަކަށް އައީއެވެ. އަދި އޭގެ ފަހަތުގައި އުޚުރަވީ ހަޔާތެއް ނެތް ކަމެވެ. އިލާހިއްޔަތުގެ އަގީދާގެ މީހުން ގަބޫލުކުރަނީ ހަގީގަތަކީ ހަމައެކަނި ޖިސްމާނީ ކައުނު ނޫންކަމެވެ. އޭގެ ފުރަގަހުގައި ކައުނާއި ކައުނުގައި ލެއްވިހާ އެއްޗެއް އުފެއްދެވި ޚާލިގުވަންތަ ކަލަކު ވޮޑިގެންވާ ކަމެވެ. އަދި، ދުނިޔަވީ ހަޔާތުގެ އިތުރުން، އުޚުރަވީ ހަޔާތެއް ވެސް އޮތް ކަމެވެ.

މައުޟޫއައިގެން ކުރިއަށް ދިޔުމުގެ ކުރިން، ދެން ފާހަގަކޮށްލަން ބޭނުންވަނީ މިއީ ވަރަށް ވެސް ދިގު ދެމިގެންދާނޭ މައުޟޫއެއް ކަމެވެ. އޭގެ ތެރޭގައި މި މައްސަލައާ ބެހޭ އަސާސީ ފޮތްތަކުގެ ޚުލާސާއެއް، ތަންގީދީ ނަޒަރަކުން ބަލައި، ގެނެސްދޭން ޖެހެއެވެ. އަދި، މި މައްސަލައާ ބެހޭ ބައެއް މުހިއްމު މުހާޟަރާތަކުގެ ޚުލާސާ ވެސް ގެނެސްދެވޭތޯ މަސައްކަތް ކުރަން ޖެހެއެވެ. ދިވެހި ބަސް ދަންނަ ކޮންމެ މީހަކަށް ވެސް ވިސްނޭ ފަދަ ގޮތެއްގައި، މި މައްސަލައާ ބެހޭ ތާރީޚާއި އަދި ސައިންސާ ގުޅޭ ވާހަކަތައް ގެނެސްދޭން ޖެހޭތީއެވެ. މިވާހަކަތައް ގެނެސްދޭން ގަސްދުކުރަނީ، ވަގުތު ތަންދިން މިންވަރަކުން، ބައިބަޔަށް ބަހާލެވިގެންނެވެ.

ފުރަތަމަ ދެ ބައިގައި މައްސަލައިގެ ޚުލާސާއެއް ހުށަހަޅާލަން ގަސްދުކުރަމެވެ. މި ޚުލާސާގައި ފުރަތަމަ ބަލާލަން ގަސްދުކުރަނީ މައްސަލައިގެ ބާވަތުގެ މައްޗަށެވެ. އިލާހިއްޔަތާއި ލާއިލާހިއްޔަތުގެ މައްސަލަ ގުޅެނީ ކޮންކަމަކާތޯއެވެ. ދެން، އެއަށްފަހު، މަސައްކަތް ކުރާނީ، އިލާހިއްޔަތުގެ އަގީދާގެ މީހުންނާއި ލާއިލާހިއްޔަތުގެ ގަބޫލުކުރުމުގެ މީހުންނާއި ދެބައި މީހުން، އެއިން ކޮންމެ ބައެއްގެ މީހުން ދެކޭ ގޮތް ދިފާއުކުރުމުގެ ގޮތުން ހުށަހަޅާލާ ހެކިތަކުގެ މައްޗަށް ޚުލާސާ ގޮތެއްގައި ނަމަވެސް ބަލާލެވޭތޯއެވެ.

އިލާހިއްޔަތާއި ލާއިލާހިއްޔަތުގެ މައްސަލައަކީ، މި މައްސަލަ ބަހުސްކުރައްވާ ޕުރޮފެސަރެއް ކަމުގައިވާ ޖޯން ލެނޮކްސް ފަދަ އިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، އަސާސީ ގޮތެއްގައި ސައިންސާ ގުޅޭ މައްސަލައެއް ނޫނެވެ. އިލާހިއްޔަތުގެ އަގީދާގެ މީހުންނާއި އަދި ލާއިލާހިއްޔަތުގެ އަގީދާގެ މީހުންގެ ތެރޭގައި ވެސް މޮޅެތި ސައިންސުވެރިން ހިމެނެއެވެ. މިކަމުގެ ހެއްކެއްގެ ގޮތުން އެއްޗެއް ބުނާ ނަމަ، މިޒަމާނުގެ ސައިންސުވެރިކަމުގެ ބާނީން ކަމުގައި ބެލެވޭ ގިނަ މީހުންނަކީ އިލާހިއްޔަތުގެ އަގީދާގެ މީހުންނެވެ. ނިއުޓަންއާއި ބޯއިލް، ކޮޕާނިކަސްއާއި ގެލައިލިޔޯ ފަދަ އިލްމުވެރިންނެވެ. މީގެ އިތުރުން، ވޭތުވެ ދިޔަ ސަތޭކައެއްހާ އަހަރު ދުވަހުގެ ތެރޭގައި އިލްމީ ދާއިރާއިން ނޮބެލްގެ އިނާމު ހާސިލުކުރި ގިނަ މީހުންނަކީ ވެސް އިލާހިއްޔަތުގެ އަގީދާގެ މީހުންނެވެ. ހަމަ އެހެންމެ، ބޮޑެތި އިލްމުވެރިންގެ ތެރޭގައި އަދި، ނޯބެލްގެ އިނާމު ވެސް ހާސިލުކޮށްފައިވާ މީހުންގެ ތެރޭގައި ވެސް، ލާއިލާހިއްޔަތުގެ އަގީދާގެ މީހުން ވެސް ހިމެނެއެވެ. މި ނަންގަނެވުނު ވާހަކައިން، ހެކި ލިބިގަންނަން މަސައްކަތްކުރަނީ އިލާހިއްޔަތާއި ލާއިލާހިއްޔަތުގެ މައްސަލަ ގުޅެނީ އިލްމުވެރިކަމާ، ސައިންސާ، ނޫން ކަމެވެ. ނަމަވެސް، އިލާހިއްޔަތާއި ލާއިލާހިއްޔަތުގެ މައްސަލަ ގުޅެނީ ކޮންމެ މީހެއްގެ ވެސް ދުނިޔަވީ ނަޒަރާ ކަމެވެ. އެހެންވެ، ދުނިޔަވީ ނަޒަރާ ބެހޭ ގޮތުން ކުރިން ބަޔާން ކުރެވުނު ވާހަކަކޮޅުގެ އިތުރުން، އަދި އިތުރު ތަފްސީލެއް ގެނެސްދޭން ޖެހެއެވެ.

މީހެއްގެ ދުނިޔަވީ ނަޒަރު ކަނޑައަޅާލެވެނީ، މި މައްސަލައާ ބެހޭ ގޮތުން މުހިއްމު ފޮތެއް ކަމުގައިވާ 'ދަ ޔުނިވާސް ނެކްސްޓް ޑޯ’ގެ މުއައްލިފު، ޖޭމްސް ސައަރ ބަޔާންކުރާ ގޮތުގައި، ހަޔާތާ ބެހޭ ބައެއް ޖައުހަރީ، ވަރަށް ވެސް މުހިއްމު، ސުއާލުތަކެއްކޮށް އެސުއާލުތަކަށް އޭނާ ޖަވާބުދޭ ގޮތުގެ މައްޗަށް ރިއާޔަތް ކުރެވިގެންނެވެ. މި ފަދަ ސުއާލުތަކަކީ ކޮބާ ހެއްޔެވެ؟ މިސާލަކަށް، ކައުނާއި ކައުނުގައި ލެއްވިފައިވާ އެއްޗެއްގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟ އެ އެއްޗިއްސަކީ އަމިއްލައަށް އުފެދިފައިވާ އެއްޗެހި ހެއްޔެވެ؟ ނުވަތަ އެ އެއްޗެހި ޚަލްގު ކުރެއްވި، ޚާލިގަކު، އުފެއްދެވި ފަރާތެއް، ވޭ ހެއްޔެވެ؟ ހަޔާތުގެ މާނައަކީ، މަގުސަދަކީ، ކޮބާ ހެއްޔެވެ؟ ދުނިޔޭގައި އެ މީހަކު ބޭނުން ގޮތަކަށް އުޅެފައި މަރުވުމުން ހަޔާތުގެ ހުރިހާ ކަމެއް ނިމުމަކަށް އައީ ހެއްޔެވެ؟ ދުނިޔަވީ ހަޔާތުގެ ފަހަތުގައި އެހެން ހަޔާތެއް، އުޚުރަވީ ހަޔާތެއް އޮވޭ ހެއްޔެވެ؟ މީހެއްގެ ދުނިޔަވީ ނަޒަރިއްޔާ ކަނޑައަޅާލެވެނީ ހަޔާތާ ބެހޭ މި ނަންގަތް ފަދަ ޖައުހަރީ ސުއާލުތަކަށް އޭނާ ޖަވާބުދޭ ގޮތެއްގެ މައްޗަށް ބެލިގެންނެވެ.

މި ސުއާލުތަކުގެ ޖަވާބުގައި އިލާހިއްޔަތުގެ އަގިދާގެ މީހުން ބުނާނީ މިފަދައިންނެވެ. 'ކައުނަކީ އެންމެ ފަހުގެ ހަގީގަތް ނޫން ކަމެވެ. ކައުނާއި ކައުނުގައި ވާހާ އެއްޗެއް އުފެއްދެވި ޚާލިގަކުވާ ކަމެވެ. އަދި، ދުނިޔަވީ ހަޔާތަކީ ހަމައެކަނި ހަޔާތް ނޫން ކަމެވެ. އަދި ކިއެއް ހެއްޔެވެ؟ އެއަށް ފަހު، އުޚުރަވީ ހަޔާތެއް ވެސް އޮތް ކަމެވެ. އިލާހިއްޔަތުގެ އަގީދާގެ މީހުންގެ ނަޒަރުގައި ހަޔާތުގެ މާނައެއް އޮތް ކަމަށް ވާނީ އުޚުރަވީ ހަޔާތެއް ވެސް އޮވެގެން ކަމެވެ.' ސަބަބަކީ އެހެން ނޫނީ މީހާގެ އަމަލުތަކުގެ ރަނގަޅު ނުރަނގަޅު ކަނޑައަޅާލަން ދަތިވެއެވެ. އަދި، އުޚުރަވީ ހަޔާތެއް ނެތް ނަމަ، ކައުނާއި ހަޔާތަކީ އެއްވެސް މާނައެއް މަގުސަދެއް ނެތް ބޭކާރު އެއްޗަކަށް ވެގެންދެއެވެ.

ހަޔާތުގެ ޖައުހަރީ ސުއާލުތަކަށް ލާއިލާހިއްޔަތުގެ އަގީދާގެ މީހުން ދޭ ޖަވާބު މިއާ މުޅިން ޚިލާފެވެ. ކުރިން ވެސް ބުނިފަދައިން، އެމީހުންގެ ނަޒަރުގައި ހަގީގަތަކީ ހަމައެކަނި ކައުނާއި ކައުނުގައި ވާހާ އެއްޗެކެވެ. އެމީހުންގެ ނަޒަރުގައި އެނޫން އެހެން އެއްވެސް ހަގީގަތެއް ނުވެއެވެ. މީގެ އިތުރުން އެމީހުން ދެކެނީ ހަޔާތަކީ ހަމައެކަނި ދުނިޔަވީ ހަޔާތް ކަމެވެ. އުޚުރަވީ ހަޔާތަކީ މުޅިން ޚިޔާލީ ވާހަކައެއް ކަމެވެ. އެއީ، އެމީހުންގެ ނަޒަރުގައި، އުޚްރަވީ ހަޔާތަކީ އެކަމުގައި އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ކަމެއް ނޫނެވެ.

އިލާހިއްޔަތުގެ އަގީދާގެ މީހުންނާއި ލާއިލާހިއްޔަތުގެ އަގީދާގެ މީހުން، މަތީގައި ބަޔާން ކުރެވި ދިޔަ، އެމީހުންގެ ހަޔާތުގެ ނަޒަރިއްޔާ ކަނޑައަޅާލާ ސުއާލުތަކަށް، އެމީހުންގެ އަމިއްލަ ޖަވާބު ހުށަހަޅާލުމަށް ފަހު، ދެން، ކޮންމެ ބަޔަކު ވެސް، އެބައެއްގެ ގޮތް އެއީ ރަނގަޅު ގޮތް ކަމަށް ސާބިތުކޮށް ދިނުމުގެ ގޮތުން، ސައިންސުގެ ނަމުގައްޔާއި އަދި މަންތިގާއި ބުއްދީގެ ހެކިތައް ދައްކައެވެ. އެހެންވެ، ދެން، ޚުލާސާ ގޮތެއްގައި ދެ ބައި މީހުންގެ މި ހެކިތަކުގެ މައްޗަށް ކަޅިއެއް އެއްލޭތޯ މަސައްކަތްކުރަށް ގަސްދުކުރަމެވެ. އެންމެ ފުރަތަމަ ބަލާލާނީ އެމީހުންގެ ބައެއް އަގުލީ ހެކިތަކުގެ މައްޗަށެވެ.

އިލާހިއްޔަތުގެ އަގީދާއަކީ ބާތިލު އަގީދާއެއްކަމާއި ކަލަކު ވޮޑިގެންވާކަމީ ހުސް ޚިޔާލީ ވާހަކައެއްކަން ބަޔާން ކޮށްދިނުމުގެ ގޮތުން، ލާއިލާހިއްޔަތުގެ މީހުންގެ އަގުލީ އެއް ވާހަކައަކީ، މިއެވެ: އިލާހިއްޔަތުގެ މީހުންގެ ތެރޭގައި ނުރަނގަޅު އަމަލުތައް ކުރާ މީހުން ތިބިކަމެވެ. ކުޑަ ކުދީންނާ ބެހުމާއި، ދީނުގެ ނަމުގައި ބޮން ގޮއްވައި މީހުން މެރުން ފަދަ ނުބައި ކަންކަމެވެ. މި ޒަމާނުގެ ލާއިލާހިއްޔަތުގެ އަގީދާގެ އަސްވާރުންގެ ތެރޭގައި، އެންމެ ކުރީ ސަފުގައި ހިމެނޭ ރިޗާޑް ޑޯކިންސް، ކުރިސްޓޮފަރ ހިޗިންސް (އޭނާ ވަނީ 2011ގައި މި ދުނިޔެ ދޫކޮށްފައި)، ޑެނިއަލް ޑެނެޓް އަދި ސޭމް ހެރިސް، މި ފަދައިން ވާހަކަދައްކައި ލިޔެ ހަދައެވެ. ތަރުތީބުން، ނަންގަނެވޭ އެމީހުންގެ މި ފޮތްތަކުގައެވެ. ގޯޑް ޑެލޫޝަން (އިލާހަކު ވޮޑިގެންވާ ކަމުގެ ވަހުމީ ގަބޫލުކުރުން)، ގޯޑް އިސް ނޮޓް ގުރޭޓް (ކަލާނގެ މަތިވެރިއެއް ނޫނެވެ)، ބްރޭކިން ދަ ސްޕެލް ([އީމާން ކަމުގެ] މެތުރުން ހަލާކުކޮށްލުން، އަދި، ދަ އެންޑް އޮފް ފެއިތު [އީމާންކަމުގެ ނިމުން]، މި ފޮތްތަކުގައެވެ. [މި ސިލްސާގެ ބޮޅެއްގައި މިއިން ފޮތް ފޮތުގެ މައްޗަށް، ކޮންމެވެސް ތަފްސީލަކާއެކު، އިރާދަކުރެއްވިއްޔާ، ބަލާލެވޭތޯ މަސައްކަތްކުރާނަމެވެ.]

ލާއިލާހިއްޔަތުގެ މީހުންގެ މި ހުއްޖަތުގެ މައްޗަށް ނަޒަރު ހިންގައި، ރިޗާރޑް ޑޯކިންސްގެ ގޯޑް ޑިލޫޝަންއަށް ރައްދެއް ދިން، އެލިސްޓަރ މެކްގްރާތު އާއި (އޭނާގެ ދަ ޑޯކިންސް ޑެލޫޝަންއާއި، އަދި، ޥައި ގޯޑް ޥޯންޓް ގޯ އަޥޭ މި ދެ ފޮތުގައި) އެންޑްރޫ ޥިލްސްން (ޑެލޫޑަޑް ބައި ޑޯކިންސް) އާއި އަލީ އަތޯއީ، އޭނާގެ ބައެއް ތަގުރީރުތަކުގައި (މިސާލަކަށް، 'ޑަސް ގޯޑް އެކްޒިސްޓް؟) ފާހަގަކުރާ ފަދައިން، މިއީ ހަމަޖެހޭ ހުއްޖަތެއް ކަމަކަށް ނުފެނެއެވެ. ދީން ގަބޫލުކުރާ މީހަކު ނުބައި ކަމެއް ކުރުމަކުން ދީން ގޯސްވެ، އިލާހަކު ވޮޑިގެން ނުވާކަމަށް ދަލީލެއް، ހެއްކެއް، ނުލިބެއެވެ. އެއިން އެނގޭހާ ވެސް ކަމަކީ އެ ފަދަ ކުށަކަށް އަރައިގަން މީހަކީ ގޯސް ކަމެއް ކުރި މީހެކެވެ. އަދި، އެމީހަކީ ދީން ގަބޫލުކުރާ މީހަކަށް ވެފައި، އެފަދަ ބަދު އަޚުލާގީ ކަންކަމީ ދީނީ ތައުލީމުތައް މަނާކުރާ ކަންކަމަށް ވާއިރު، އެފަދަ މީހަކު ވާނީ ދީނީ ތައުލީމާތުތަކާ ޚިލާފުވާ މީހެއްކަމެވެ. ނުވަތަ، ނިރުބަވެރި އަމަލުތައް ހިންގާ ނަމަ، އެފަދަ މީހުން ވާނީ އެމީހުންގެ އަމަލުތައް ރަނގަޅު ކުރުމަށްޓަކައި ދީން ބަހަނާއަކަށް ބޭނުންކުރާ މީހުން ކަމެވެ.

ދީން ގަބޫލުކުރާ މީހަކު ނުރަނގަޅު ކަމެއް ކުރުމުން، ދީނަކީ ތާކުންތާކު ނުޖެހޭ އެއްޗަކަށްވެ، ކަލަކު ވޮޑިގެން ނުވާކަމަށް ވެސް ހެކި ލިބޭ ނަމަ، ދީން ގަބޫލު ނުކުރާ މީހަކު ނުރަނގަޅު ކަމެއް ކުރުމުން، ލާދީނިއްޔަތަކީ ވެސް ރަނގަޅު ގަބޫލު ކުރުމެއް ނޫންކަމަށް ހެކި ލިބޭނޭ ކަމަށް ބުނެވިދާނެއެވެ. އަދި، އަލީ އަތޯއީ އިޝާރަތްކުރާ ފަދައިން، މިފަދައިން ބުނުމުގެ ޖާގަ ވެސް މާ ބޮޑު ކަމުގައި ބުނެވިދާނެއެވެ. ސަބަބަކީ ލާއިލާހިއްޔަތުގެ މީހުން ދެކޭ ފަދައިން، ދުނިޔެއަކީ ދިރިއުޅެން އޮތް ހަމައެކަނި ތަން ކަމުގައި ވަނީ ނަމަ، އަދި، ތިމާގެ އަމަލުތަކާ މެދު، ސުއާލުކުރެވި، މަސްއޫލުވާން ޖެހޭ ދުވަހެއް ނެތް ކަމަށް ގަބޫލުކުރާ ނަމަ، ސާބިތު ގޮތެއްގައި ރަނގަޅާއި ނުރަނގަޅު ކަނޑައަޅާލަން ދަތިވެއެވެ. ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ ފަދަ ކަމެއް ވެސް އެއީ އެންމެ ރަނގަޅު ކަމެކޭ ބުނެ، އަޚުލާގީ އެއްވެސް އިމަކަށް ބެލުމެއް ނެތި، އެކަމެއް ކުރުމުގެ މަގު ހުޅުވިފައި އޮވެއެވެ.

މިފަދަ ވާހަކަތައް، ލާއިލާހިއްޔަތުގެ ބައެއް މަޝްހޫރު ބައެއް އިލްމުވެރިން ބުނެފައި ވެއެވެ. މިސާލަކަށް ލޯރަންސް ކުރައުސް ދެކޭ ގޮތުގައި މަހުރަމުންނާ ޖިންސީ ގުޅުން ހިންގުމަކީ، ރުހުމުގައި އެކަން ކުރާ ނަމަ، މައްސަލައެއް އޮތް ކަމެއް ނޫނެވެ. މީގެ މާނައަކީ ލާއިލާހިއްޔަތުގެ ކޮންމެ މީހަކު، މިފަދައިން ބުނާ ވާހަކައެއް ނޫނެވެ. ނަމަވެސް، އިލާހިއްޔާތުގެ އަގީދާ ގަބޫލުކުރާ އިލްމުވެރިން ކަމަށްވާ ސްޓީވަން މާޔަރ، ޖޯން ލެނޮކްސް އަދި އަލީ އަތާއީ ފާހަގަކުރާ ފަދައިން، ލާއިލާހިއްޔަތުގެ އަގީދާ ނިޔާކުރަނީ އަޚުލާގީ ސާބިތު ހަމަތަކެއް ނެތްކަމަށް ވާއިރު، މަންތިގީ ގޮތުން މިކަން ނިޔާކުރަނީ، އަޚުލާގީ އިމެއްގެ މަތީގައި ހުރެ، ކަމެއް މަނާ ކުރަން ނުޖެހޭކަމާއި، ކޮންމެ ކަމަކީ ވެސް، ހުއްދަކުރެވިދާނޭ ކަމެއް ކަމެވެ. މަހުރަމުންނާ ޖިންސީ ގުޅުން ހިންގުން، ފިރިހެނުން ފިރިހެނުންނާ އަދި އަންހެނުން އަންހެނުންނާ އިނުން، ފަދަ ކަންކަން ކުރުމާ މެދު، އަޚުލާގީ ސާބިތު އިމެއްގެ ތެރޭގައި ތިބެ، އެކަންކަމީ އަޚުލާގީ ގޮތުން ގޯސް ކަމެކޭ ބުނެވޭނޭ ޖާގައެއް ނޯންނާނޭ ކަމެވެ. އަދި، ކޮންމެ ފަދަ ކަމެއް ހުއްދަ ކުރަން ވިޔަސް، ލާއިލާހިއްޔަތުގެ މީހުންނަށް، އެމީހުންގެ އަޚުލާގީ އިމުގެ ދާއިރާ، އެމީހުން އެދޭ ގޮތަކަށް ބަދަލުކޮށްލެވިދާނެތީއެވެ.

ދީނީ އަގީދާތަކަކީ ބާތިލު އެއްޗެއްކަމާއި ކަލަކު ވޮޑިގެން ނުވާކަން ދެއްކުމުގެ ގޮތުން، މި ނަންގަތް ހުއްޖަތުގެ އިތުރުން، ދީނީ އަގީދާ އުފަންވާން ދިމާވީ ކީއްވެގެން ކަން ވެސް، ލާއިލާހިއްޔަތުގެ ބައެއް އިލްމުވެރިން ބަޔާން ކޮށްދެއެވެ. ކަލަކު ވޮޑިގެންވާ ކަމާއި ދީނަކީ އެއްވެސް ހަގީގަތެއް ނެތް، އިންސާނުންގެ އަމިއްލަ އުފެއްދުމެއްކަން ބަޔާންކޮށްދިނުމުގެ ގޮތުންނެވެ.

ފަރަންސޭސި އިލްމުވެރިޔަކު ކަމުގައިވާ އޯގަސްޓް ކޯމްޕްޓް (ނިޔާވީ 1857މ ގައި)، އިންސާނާގެ ޒިހުނިއްޔަތުގެ ކުރިއެރުން އެބަހީ، ޚާލިސް ބުއްދި ބޭނުންކޮށްގެން ވިސްނުމާއި ފިކުރުކުރުން ހިންގުމުގެ ކުރިއެރުން، ތާރީޚީ ގޮތުން، ތިން މަރުހަލާއަކަށް ބަހާލައެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ މަރުހަލާއަކީ އިލާހިއްޔަތުގެ މަރުހަލާއެވެ. ކޯމްޕްޓު ބަޔާންކުރާ ގޮތުގައި މި މަރުހަލާގައި ކައުނާއި ކައުނުގައިވާ ކާއިނާތުތަކުގެ އުފެދުމާއި، ކައުނުގައި ހިނގާ ގުދުރަތީ ޒާހިރާތައް، ފެންނަ ފެނުންތައް، (ފެނޯމެނަމްތައް)، އިލާހީ ބާރަކާއި ގުޅުވާލައިގެން އިންސާނާ އޮޅުންފިލުވައި ދެއެވެ. ކައުނު އުފެދުނީ ކިހިނެއް ހެއްޔެވެ؟ ކާއިނާތުތައް އުފެދި ވުޖޫދަށް އައީ ކިހިނެއް ހެއްޔެވެ؟ ވިދާ ގުގުރައި ވާރޭ ވެހެނީ ކިހިނެއް ހެއްޔެވެ؟ އިލާހިއްޔަތުގެ މި މަރުހަލާގައި، މި ފަދަ ސުއާލުތަކުގެ ޖަވާބު ގުޅުވާލެވެނީ، ކޯމްޓުގެ ނަޒަރުގައި، ކަލާނގެ ނުވަތަ ކަލާނގެތަކަކާއެވެ. މިހުރިހާ ކަމަކީ ވެސް އެ ފަރާތުގެ ކުޅަދުންވަންތަކަމުން ހިނގާ ކަންކަމުގައި ބުނެއެވެ. މިފަދައިން ކަންތައްތައް ބަޔާންކޮށްދީ އޮޅުންފިލުވައިދެވެނީ، ކޯމްޕްޓު ދެކޭ ގޮތުގައި، އިންސާނާގެ ވިސްނުމާއި ފިކުރުކުރުން ބޭނުންކޮށްގެން މި ސުއާލުތަކުގެ އިލްމީ ޖަވާބު ހޯދައިގަނެވިފައި ނުވާތީއެވެ.

ޒިހުނިއްޔަތުގެ މި އިލާހިއްޔަތުގެ މަރުހަލާއަށް ފަހު، އޯގަސްޓު ކޯމްޕްޓް ބަޔާންކުރާ ގޮތުގައި، ދެން އަންނަނީ މާވަރާއިއްޔަތުގެ މަރުހަލާއެވެ. މާވަރާއިއްޔަތު މިއީ 'މެޓަފިސިކްސް' މި ލަފުޒުގެ ދިވެހި ތަރުޖަމާއެކެވެ. މެޓަފިޒިކްސް އުފެދިފައިވަނީ 'މެޓާ' (މާވަރާ، އެބަހީ ތަބީއީ އާލަމުގެ އަނެއް ފަރާތް) އާއި 'ފިޒިކްސް' (ތަބީއަތް) މި ދެލަފްޒު އެކުވެގެންނެވެ. ފިޒިކްސް މިލަފްޒު، މި މަގާމުގައި އިޝާރަތްކުރަނީ ތަބީއަތުގެ އާލަމަށެވެ. ލޮލަށް ފެނި އަތުން ހިފޭ ޖިސްމާނީ އާލަމަށެވެ. މި އާލަމުގެ އިދިކޮޅަކީ ނުފެންނަ ރޫހާނީ އާލަމެވެ. ޣައިބުގެ އާލަމެވެ. ކަލާނގެއާއި މަލާއިކަތުންނާއި ޖިންނީންނާއި، ސުވަރުގެއާއި ނަރަކަ، މި އެއްޗެހި ހިމެނޭ އާލަމެވެ. އާދެ، މާވަރާއީ އާލަމެވެ.

އާދެ، އިންސާނާގެ ޒިހުނިއްޔަތުގެ ކުރިއެރުމުގެ ދެވަނަ މަރުހަލާއަކީ މި ނަންގަތް މާވަރާއިއްޔަތުގެ މަރުހަލާއެވެ. މި މަރުހަލާގައި އިންސާނާއަށް އެނގިފައި ނުވާ ކަންކަން ނިސްބަތް ކުރެވެނީ މާވަރާއިއްޔަތަށެވެ. ތަބީއީ އާލަމުގެ އަނެއް ފަރާތުގައިވާ އާލަމަށެވެ. ކަލާނގެ ނަން ނުގަނެ، ކުރިން ނަންގަނެވުނު ސުއާލުތަކުގެ ޖަވާބު ގުޅުވާލަނީ މި އާލަމާއި ގުޅިފައިވާ ކަންކަމުގެ ގޮތުގައެވެ. މިސާލަކަށް ކައުނާއި ކާއިނާތްތަކުގެ އުފެދުން ގުޅެނީ ތަބީއަތާކަމެވެ. އިރުއެރުމާއި އޮއްސުމަކީ ވެސް ތަބީއަތާ ގުޅިފައިވާ ކަމެކޭ ބުނެއެވެ. އިލާހުގެ ނަން ނުގަނެ، މިފަދަ ގޮތެއްގައި ކަންކަން ބަޔާންކޮށެވެ.

އިންސާނާގެ ޒިހުނިއްޔަތުގެ ތަރައްގީގެ ތިންވަނަ މަރުހަލާއަކީ މަންތިގީ އީޖާބިއްޔަތުގެ މަރުހަލާއެވެ. 'ލޮޖިކަލް ޕޮސިޓިވިޒިމް’ގެ މަރުހަލާއެވެ. މިމަގާމުގައި 'މަންތިގީ' ނުވަތަ 'ލޮގިކަލް' މި ލަފްޒު ބޭނުންކުރެވެނީ ބުއްދީގެ ހަމަތައް ބޭނުންކޮށްގެން ވިސްނާ ވިސްނުމަށެވެ. އީޖާބިއްޔަތު ނުވަތަ ޕޮސިޓިވިޒިމް އިޝާރަތްކުރަނީ މިނަންގަތް ގޮތުގެ މަތިން ބުއްދީގެ ހަމަތައް ބޭނުންކުރުމަށް ދެވޭ އިތުބާރަށެވެ. އާދެ، ކަންކަމުގެ ހަގީގަތް ދެނެގަނެވޭނީ އިންސާނާގެ ބުއްދި ބޭނުންކޮށްގެންނެވެ. އޭނާގެ ވިސްނުމާއި ފިކުރުކުރުމުގެ ބާރުގެ އެހީގައެވެ. ހަގީގަތް ކަމަށް ބެލެވޭނީ މިފަދައިން ކަންކަމާ ދޭތެރޭ ވިސްނައި ފިކުރުކުރުމަށް ފަހު، އިލްމީ ތަޖުރީބީ އަލީގައި ނެރެވޭ ނަތީޖާތަކަށެވެ. މިސާލަކަށް، ވާރޭވެހުމުގެ ޒާހިރާ (ފެނޯމެނަމް، ފެންނަ ފެނުން)، ކަލާނގެއާ ގުޅުވާނުލައި، ސައިންސުގެ އަލީގައި އޮޅުންފިލުވައި ދިނުމެވެ. އޯގަސްޓް ކޯމްޕްޓް ފާހަގަކުރާ ގޮތުގައި އިންސާނުން މިހާރު ކަޑައްތު ކުރަމުން މި ގެންދަނީ މަންތިގީ އީޖާބިއްޔަތުގެ ނުވަތަ ލޮޖިކަލް ޕޮސިޓިވިޒިމްގެ މަރުހަލާއެވެ. ކަންކަމާ ބެހޭ ގޮތުން ތަޖުރިބާތަކާއި މުލާހަޒާތުތައް ކުރުމަށް ފަހު، އެ ކަންކަމުގެ މައްޗަށް ބިނާކޮށް ނެރެވޭ ނަތީޖާތަކުގެ އަލީގައި ކަންކަން އޮޅުންފިލުވައިދީ ހެދުމުގެ މަރުހަލާއެވެ.

މި ޚުލާސާގައި، މިވާހަކައަށް ދެވޭ ރައްދުތަކުގެ ތެރެއިން ދެކަމެއްގެ ވާހަކަ، ކުރުކޮށް ލިޔެލާނަމެވެ. ފުރަތަމަ ރައްދަކީ ކަންކަން އޮޅުން ފިލުވައިދިނުމުގައި ސައިންސުގެ ދާއިރާއަކީ ކޮބައިކަމާއި އެ ދާއިރާގެ ހުދޫދުގެ ވާހަކައެވެ. ސައިންސުގެ ދާއިރާ ގުޅެނީ ތަބީއަތާއެވެ. ހިއްސީ ގޮތުން ދެނެގަނެވޭނޭ ކަންކަމުގެ ދާއިރާއާއެވެ. ކައުނާއި ކާއިނާތުތަކާ ބެހޭ ވާހަކަތަކާއެވެ. އަދި އެކަމާ ގުޅިފައި އޮންނަ ގާނޫނުތައް ހޯދުމާއެވެ. މިކަންކަން އޮޅުންފިލުވައި ދިނުން، އާދެ، ތަބީއަތާއި، ތަބީއަތް، އެ ގާނޫނުތަކާ އެއްގޮތް ވާގޮތުގެ މަތިން މަސައްކަތް ކުރާ ގާނޫނުތައް، އޮޅުންފިލުވައި ދިނުމެވެ. މައުލާނާ މުހައްމަދު ވަހީދުއްދީން އޭނާގެ ގޯޑް އެރައިސަސްގައި ފާހަގަކޮށްފައިވާ ފަދައިން ކައުނާއި ކާއިނާތުތައް ނެތުމުގެ ތެރެއިން އުފެދިގެން އައީ ކިހިނެއް ކަމާއި އެކަމާ ގުޅޭ ގާނޫނުތައް ތަބީއަތުގައި ލެއްވިފައި ވަނީ ކިހިނެއްކަން، މަތީގައި ނަންގަނެވުނު އިލްމީ މަންހަޖުގެ އަލީގައި– ތަޖުރިބާތައް ކުރުމާއި މުލާހަޒާކުރުމުގެ އަލީގައި– ބަޔާންކޮށް ދިނުމަށް ސައިންސުވަނީ ނުކުޅެދިފައެވެ. މިކަންކަން ބަޔާންކޮށް ދިނުމަށްޓަކައި ސައިންސުގެ ނަމުގައި ޚިޔާލާތުތަކާއި ނަޒަރިއްޔާތުތައް ނެރެވުނު ކަމުގައި ވިޔަސް، އެފަދަ ވާހަކަތައް ގުޅެނީ ސައިންސަކާ ނޫނެވެ. އެކަން ގުޅެނީ، ޖޯން ލެނޮކްސް ފާހަގަކުރާ ފަދައިން، އެ ވާހަކަތައް ދައްކާ އިލްމުވެރިޔެއްގެ ދުނިޔަވީ ނަޒަރު ތަބްރީރުކުރުމުގެ ގޮތުން (ރަނގަޅު ކުރުމުގެ، ޖަސްޓިފައި ކުރުމުގެ، ގޮތުން) ދައްކާ ފަލްސަފާގެ ވާހަކަތަކާއެވެ. މިސާލަކަށް، ކައުނު އުފެއްދީ ޖާޒުބިއްޔަތުގެ ބާރުންނޭ ސްޓެފަން ހޯކިންގް (ދަ ގްރޭންޑް ޑިސައިން) ބުނާ ބުނުން، ނުވަތަ ބޭރު އެހެން އެއްވެސް އެއްޗަކަށް ބޭނުން ނުޖެހި، ކައުނު އުފެދުނީ އަމިއްލައަށޭ ޕީޓަރ އެޓްކިންސް ބުނާ ބުނުން (ކޮންޖަރިން ދަ ޔުނިވާސް) ފަދަ ބުނުންތަކަކީ އިލްމީ ތަޖުރިބާއެއްގެ އަލީގައި ނުވަތަ އެކަން ވަމުންދާ ގޮތް މުލާހަޒާކުރުމަށް ފަހު، ނުވަތަ އެފަދަ ކަމަކާ ގުޅޭ އެހެން ކަމެއް ވުމުން، އެކަމުން އިސްތިންބާތުކޮށްގެން ބުނާ ވާހަކައެއް ނޫނެވެ. އިލްމީ ތަޖުރިބާ ނުވަތަ އިލްމީ އިސްތިންބާތުގެ މައްޗަށް ބިނާކޮށް ބުނާ ބުނުމެއް ނޫނެވެ. އެއީ ލާއިލާހިއްޔަތުގެ ދުނިޔަވީނަޒަރު ދިފާއުކުރުމުގެ ގޮތުން، ބުނާ ބުނުމެކެވެ.

ހަމަ މިފަދައިން، ހަޔާތް، އާދެ، ދިރުން ލިބިގެންވީ ކާއިނާތުތައް، ނެތުމުގެ ތެރެއިން އުފެދިގެން އައީ ކިހިނެއް ކަން ސައިންސުގެ އަލީގައި ބަޔާން ކޮށެއް ނުދެވެއެވެ. މިތާ ހަނދާނުގައި ބަހައްޓަން ޖެހެނީ ޑާވިންގެ ތަތައްވުރުގެ ނަޒަރައްޔާގެ (އެވޮލޫޝަންގެ) ވާހަކަތައް ގުޅެނީ ދިރުން ލިބިގެންވީ ތަފާތު ބާވަތްތައް، އޭގެ އަސްލުކަމުގައި ބެލެވޭ އެއްޗަކުން އުފެދިއައުމާއެވެ. މިކަމުގައި ވެސް، ޖޮނަތަން ޥެލްސް (އައިކޮންސް އޮފް އެވޮލޫޝަން) އާއި އަދި ގުނައިބީ (މިކަމާ ބެހޭ އޭނާގެ މުހާޟަރާތުތައް) ފާހަގަކުރާ ގޮތުގައި އިލްމީ ހެކީގެ މައްސަލަތައް އެބަ ހުއްޓެވެ. ހަޔާތުގެ އަސްލަކީ ކޮބައިކަމާ ގުޅޭ ގޮތުން ހުށަހަޅާލެވޭ ތަފާތު ނަޒަރިއްޔާތުތައް – މިސާލަކަށް ބައެއް ކަހަލަ ކީމިޔާއީ މަސްހުނި ސާއިލެއްގެ ތެރެއަށް ވިދުމުގެ އަލި އެޅި، ދިރުން ލިބިގެންވި ސެލްއެއް އުފަންވުން – މިއިން އެއްވެސް ކަމަކީ ސައިންސުގެ އަލީގައި ހޯދިފައިވާ ހޯދުމެއް ނޫނެވެ. މިކަމާ ބެހޭ ތަންގީދީ ވާހަކަތައް، ޖޯނަތަން ޥެލްސްގެ 'އައިކަންސް އޮފް އެވޮލޫޝަން' ގައްޔާއި އަދި މިނޫންވެސް، މައިކަލް ބެހޭ، ސްޓްރޯބެލް ލީ، ޖޯން ލެނޮކްސް، ސްޓީވަން މާޔަރ ފަދަ އިލާހިއްޔަތުގެ އަގިދާގެ އިލްމުވެރިންގެ ލިޔުންތަކުންނާއި މުހާޟަރާތަކުން ފެންނާނެއެވެ. އަދި، ވަކިން ޚާއްސަ ގޮތެއްގައި، މޮލިކިޔުލަ ބައޮލޮޖީގެ އެންމެ އިސް ސަފުގައި ހިމެނޭ ޖޭމްސް ޓުއަރގެ ވާހަކަތައް ބަލާލުން މުހިއްމެވެ. އޭނާގެ ނަޒަރުގައި މަތީގައި ނަންގަނެވުނު ފަދަ ގޮތެއްގައި ހަޔާތް އުފެދިގެން އައުމަކީ މުޅިން މުސްތަހީލު ކަމެކެވެ. މީގެ އިތުރުން، ވިހި ވަނަ ގަރުނުގެ ކުރީގެ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި ސައިންސު ހޯދި ބައެއް ހޯދުންތައް، އިލާހިއްޔަތުގެ ގޮތް ގަބޫލުކުރާ މީހުން ދެކޭ ގޮތުގައި، އިޝާރަތްކުރަނީ ކަލަކުވޮޑިގެންވާ ކަމަށެވެ. މިކަމުގެ ޚުލާސާއެއް ތިރީގައި ގެނެވޭނެއެވެ.

މިނަންގަތް ފަދައިން، ސައިންސުގެ ދާއިރާ މަހުދޫދުވެފައި އޮތުމުން، ބައެއް ކަހަލަ މައްސަލަތަކަކީ ސައިންސުގެ ދާއިރާއިން ބޭރުވެ، ސައިންސުގެ އަލީގައި އެ މައްސަލަތަކަށް ޖަވާބު ހޯދައި ނުގަނެވޭނޭ މައްސަލަތަކެވެ. މިސާލަކަށް ހެވާއި ނުބައި ކަނޑައަޅާލުމުގެ މައްސަލައެވެ. މިސާލަކަށް، ވައްކަން ކުރުމާއި މީހުން މެރުމާއި ނަހަމަ ޖިންސީ ގުޅުންތައް ހިންގުން އެއީ އެންމެ ރަނގަޅު ކަންކަންތޯ ނުވަތަ ނޫންތޯ، ސައިންސުގެ އަލީގައި ކަނޑައަޅައެއް ނުލެވެއެވެ. މީގެ މާނައަކީ، ސައިންސްގެ އަލީގައި އަޚުލާގީ އިންތައް ކަނޑައަޅާލަން ލާއިލާހިއްޔަތުގެ އަގީދާގެ މީހުން ނޫޅޭ ވާހަކައެއް ނޫނެވެ. މިސާލަކަށް، ރިޗާޑް ޑޯކިންސް އޭނާގެ ބައެއް ލިޔުންތަކުގައި އަޚުލާގީ މައްސަލަތައް ސައިންސުގެ އަލީގައި ކަނޑައަޅާލަން ޖެހޭނޭ ކަމަށް ބުނެއެވެ. މި މައުޟޫއުގައި ލާއިލާހިއްޔަތުގެ އިސް އިލްމުވެރިންގެ ތެރޭގައި ހިމެނޭ ސޭމް ހެރިސް، ފޮތެއް ލިޔެފައި ވެއެވެ. އެއީ އޭނާގެ 'މޯރަލް ލޭންޑްސްކޭޕް' މި ފޮތެވެ. މި ފޮތުގައި ސައިންސުގެ އަލީގައި އަޚުލާގީ އުސޫލުތައް ކަނޑައަޅާލަން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް، އިލާހިއްޔަތުގެ އަގީދާ މީހުން ދެކޭ ގޮތުގައި، ކާމިޔާބީ ގޮތެއްގައި، މި ފޮތުގައި އެކަން ކުރެވިފައެއް ނުވެއެވެ. ފޮތުގައި ބަޔާންކުރަނީ ރަނގަޅާއި ނުބައި ކަނޑައަޅާލުން ގުޅުވާލަން ޖެހެނީ އިންސާނެއްގެ ހިތްހަމަޖެހުމާއި އުފާވެރިކަމާއެވެ. މީގެ މާނައަކީ، ކަމަކުން އެ މީހަކަށް ހިތްހަމަޖެހުމާއި އުފާ ލިބޭ ނަމަ އެއީ ރަނގަޅު ކަމަކަށްވެ، އެކަން ކުރުން އެންމެ ރަނގަޅުވުމެވެ.

ރަނގަޅާއި ނުބައި ކަނޑައަޅާލުމުގެ އުސޫލު މި ނަންގަތް ކަންކަމާ ގުޅޭ ނަމަ، މީހުން މެރުމާއި ވައްކަން ކުރުމާއި އެނޫން ކަންކަން ވެސް މީހުންގެ ހިތްހަމަޖެހުމާއި އުފަލާ ގުޅުވާލައި، އެކަންކަން ވެސް ރަނގަޅުވެ، ހުއްދަކުރެވޭ ގޮތްވެއެވެ. މިސާލަކަށް، އޭރުން، ތިއޯޑޯ ބަންޑީއާއި ރިޗާޑް ކޫކްލިންސްކީ ފަދަ، އެތައް ބަޔަކު ގަތުލުކުރި މީހުންނަކީ ގޯސް އަމަލެއް ކުރި ބައަކަށް ނުވެއެވެ. ތިއޮޑޯ ބަންޑީ އެތައް އަންހެން ކުދިންނެއް މެރީ އެކަމުން އޭނާއަށް އާދަޔާ ޚިލާފު ޖިންސީ ލައްޒަތެއް ލިބިދޭތީ ކަމަށް ވެއެވެ. ހަމަ އެހެންމެ، ރިޗަޑް ކޫކްލިންސްކީ މީހުން މެރީ އެކަމުން އޭނާއަށް މާއްދީ ފައިދާތަކެއް ލިބޭތީއެވެ. އެކަންވީ އޭނާގެ މިހަނީ ވަޒީފާއަށެވެ. ދިރިއުޅުމަށް ކުރި މަސައްކަތަށެވެ. ފައިސާގެ ބަދަލުގައި މީހުން މެރި މީހަކަށް އޭނާ ވުމުން، މީހުން މެރުމަކީ އޭނާއަށް މާއްދީ ގޮތުން ފައިދާވެ، އެކަމުގެ ސަބަބުން، ދިރިއުޅުމެއް ލިބި، އުފަލާއި ހިތްހަމަޖެހުން ވެސް ލިބުނު ކަމެކެވެ. މިހެން ވުމުން، އަޚުލާގީ ގޮތުން ހެޔޮ ގޮތް ކަނޑައަޅާލުމަށްޓަކައި ސޭމް ހެރިސްގެ އުސޫލުގެ މައްޗަށް ބަލާ ނަމަ، ތިއޮޑޯ ބަންޑީއާއި ރިޗަޑް ކޫކްލިންސްކީގެ އެތައް އެތައް މީހުން މެރުން، އަޚުލާގީ ގޮތުން ގޯސް ކަމަކަށް ނުވެއެވެ! ޖަދަލުކުރުމުގެ ގޮތުން މިއީ ކަން އޮތް ގޮތޭ ލާއިލާހިއްޔަތުގެ މީހަކު ބުނި ކަމުގައި ވިޔަސް، މިއީ އިންސާނީ ހަމަ ބުއްދި ގަބޫލުކުރާނޭ ކަމެއް ނޫނެވެ. (ތިއޮޑޯ ބަންޑީއާއި ރިޗަޑް ކޫކްލިންސީއާއި އަދި އެފަދަ އެހެން މީހުން ހިންގި މީހުން މެރުމުގެ ޖަރީމާތަކުގެ ވާހަކަތައް، ޖަލުގައި މި މީސް މީހުންނާ ކުރެވުނު އިންޓަވިޔުތަކާއެކު، ޔޫޓީބުން ފެންނަން އޮންނާނެއެވެ. އަދި، މިކަމާ ބެހޭ ބައެއް ފޮތްތައް ވެސް ލިޔެފައިވެއެވެ. މިސާލަކަށް ރިޗާޑް ކޫކްލިންސީއާ ބެހޭ ގޮތުން ފިލިޕް ކާލޯ ލިޔުނު 'ދަ އައިސް މޭން' މިފޮތެވެ. އަދި، މި ނޫންވެސް، ހަގީގީ ޖަރީމާތަކުގެ ވާހަކަތައް ލިޔާ މުއައްލިފުންގެ ލިޔުންތަކުން ވެސް، މިފަދަ ވާހަކަތައް ފެންނަން އޮންނާނެއެވެ.)

ސައިންސުގެ އަލީގައި އަޚުލާގީ ހަމަތައް ކަނޑަ އެޅޭނޭ ގޮތެއް ނެތުމުގެ އިތުރުން، އޭގެ ދާއިރައިން ބޭރުގައި މި ނަންގަންނަ ސުއާލުތައް ވުމުން، ހަޔާތުގެ ބައެއް ޖައުހަރީ ސުއާލުތަކަށް ވެސް ސައިންސުގެ އަލީގައި ޖަވާބެއް ނުދެވެއެވެ. ހަޔާތުގެ މާނައާއި މަގުސަދާ ބެހޭ ސުއާލުތަކެވެ. އާޚިރީ ހިސާބު ބެއްލެވުމެއް ނެތުމުން، އެކި ކަންކަމުގައި އަނިޔާތައް ލިބޭ މީހުންނަށް އަދުލު އިންސާފު ނުލިބުމުގެ މައްސަލައެވެ.

މި ނަންގަތް ފަދައިން، ސައިންސުގެ ދާއިރާ މަހުދޫދުވެފައި އޮތުމުން، އޯގަސްޓް ކޯމްޕްޓް އެ ބުނާ ފަދައިން، އިންސާނީ ފިކުރު ކަޑައްތު ކުރަމުން މިގެންދަނީ 'ލޮޖިކަލް ޕޮސިޓިވިޒިމްގެ' މަރުހަލާއޭ ބުނެ، ހުރިހާ ކަމަކަށް ސައިންސުގެ އަލީގައި ޖަވާބު ހޯދޭ ކަމަށް ދައުވާ ކުރެވޭނޭ ކަމަކަށް ނުފެނެއެވެ. ދެންމެ ފާހަގަކުރި ފަދަ ބައެއް ކަހަލަ މައްސަލަތަކީ ދީނީ ފިކުރުގެ އަލީގައި ނޫނީ ބުއްދި ގަބޫލުކުރާ ހަމަޖެހޭ ގޮތަކަށް އެކަންކަމަށް ޖަވާބެއްދީ އޮޅުން ފިލުވައިދެވޭނޭ މައްސަލަތަކެއް ނޫނެވެ. އެހެންވެ، ފިކުރީ ގޮތުން، އިލްމީ ތަޖުރީބީ އީޖާބިއްޔަތުގެ މަރުހަލާ ކަޑައްތުކުރަމުން ގެންގޮސް، ތަބީއަތާ ބެހޭ މައްސަލަތަކަށް ޖަވާބުތައް ހޯދުނު ކަމުގައި ވިޔަސް، ތަބީއަތުން ބޭރުގައިވާ މައްސަލަތަކަށް ޖަވާބު ހޯދެން އަންނަނީ ދީނީ ފިކުރުގެ އަލީގައި ކަމަށް ވުމުން، އިލާހިއްޔަތުގެ މަރުހަލާއަކީ އިންސާނީ އުފެއްދުމެއްކަމަށް ހަދައި އެއީ އިންސާނީ ވިސްނުން ކުރިއެރުމުގެ ކުރީގެ މަރުހަލާއެކޭ ބުނެގެން ފުއްދާލެވޭކަށް ނޯވެއެވެ.

މީގެ އިތުރުން ވެސް، ލާއިލާހިއްޔަތުގެ އަގީދާގެ އިލްމުވެރިން، ކަލަކު ވޮޑިގެން ނުވާކަން ސާބިތުކޮށް ދިނުމުގެ ގޮތުން ވާހަކަތައް ދައްކައެވެ. ދުނިޔޭގައި ނުބައިކަންކަން (ޝައްރު، ނުވަތަ އީވަލް) ފެންނަ ފެނުމުގެ މައްސަލައެވެ. މީގެ ތެރޭގައި ހަނގުރާމަތަކާއި، މީހުން މެރުމާއި މީހުންނަށް އަނިޔާ ދިނުން ފަދަ އިންސާނުންގެ އަތުން ގެނެސްގަންނަ، އަޚުލާގީ ނުބައިކަމޭ ކިޔޭ ނުބައިކަންކަމާއި ބިން ހެލުމާއި ތޫފާނުތައް އައުމާއި ކެންސަރު ފަދަ ބަލިތައް ޖެހުން ފަދަ ތަބީއީ ނުބައިކަން ހިމެނެއެވެ. ލާއިލާހިއްޔަތުގެ މީހުން ގަބޫލުކުރާ ގޮތުގައި ރަހުމަތުގެ އިލާހެއް ވުޖޫދުގައިވާ ނަމަ، މިފަދަ ނުބައިކަންކަމެއް ދުނިޔެއަކު ނުހިނގީހެވެ. މިމައްސަލަ، އާދެ، ތިއޯޑިސީގެ މައްސަލަ، ފަހުން، އިތުރު ތަފްސީލާއެކު ބަލާލެވޭނެއެވެ. މިކަމާ ބެހޭ ވަރަށް ވެސް އަގުހުރި ވާހަކަތަކެއް ޖޯން ލެނޮކްސްއާއި (އޭނާގެ ދަ ޕްރޮބްލަމް އޮފް ސަފަރިން، މި މުހާޟަރާގައްޔާއި) އަދި ރަބައި އިސްހާކް ބްރައިޓޮވިޒް (އޭނާގެ ދަ ބުކް އޮފް ޖޮބް، މި މުހާޟަރާގައި) ދައްކާފައި ވެއެވެ.

ތިއޮޑިސީގެ މައްސަލަ، ދުނިޔޭގައި، އިންސާނުންނަށް ވޭނާއި ކެކުޅުން ތަހައްމުލުކުރަން ޖެހުމުގެ މައްސަލައާ ބެހޭ ގޮތުން، ދެކަމެއް ފާހަގަކޮށްލާ ނަމެވެ. ފުރަތަމަ ކަމަކީ، އިލާހިއްޔަތުގެ އަގީދާގެ މީހުންގެ ނަޒަރުގައި، ދުނިޔެއަކީ ހުރިހާ ކަމެއް ފުރިހަމަ ވެފައި އޮތް ސުވަރުގެއެއް ނޫން ކަމެވެ. ނަމަވެސް، ދުނިޔެއަކީ ހުރިހާ ކަމެއް ފުރިހަމަ ވެފައި އޮންނަ، އާޚިރަތުގެ ހަޔާތައް ދިޔުމަށް، މިފަދަ ކަންކަން ވެސް މެދުވެރިކޮށް، އިންސާނާ އިމްތިހާނުކުރުމަށް އޮތް ގޮވައްޗެކެވެ. ދުނިޔޭގައި ތަހައްމުލު ކުރާ ވޭނާއި ކެކުޅުމުގެ ބަދަލު އުޚުރަވީ ދުނިޔެއިން ލިބެން އޮންނާނޭކަން އިލާހިއްޔަތުގެ އަގިދާގެ މީހުން ދެކެއެވެ. މީގެ އިތުރުން، މިނަންގަތް ފަދަ، ނުބައިކަންކަމި، ކީރިތި ޤުރުއާން އިޝާރާތްކުރާ ގޮތުގައި، އިންސާނާ ހެޔޮ މަގުން ކައްސާލާ ހިނދު، އެމަގަށް އެނބުރު ގެނައުމަށްޓަކައި ވެސް މެދުވެރިވާ ކަންކަމެވެ. (އަންޢާމު ސޫރަތުގެ 45-42)

ދެވަނަ ކަމަކީ ދުނިޔޭގައި ވޭނާއި ކެކުޅުން ތަހައްމުލުކުރުން އޮތުމަކީ އިލާހަކު ވޮޑިގެންވާކަން ގަބޫލުކުރުމަށް ހުރަސް އަޅާކަމެކޭ ބުނެ، އެކަމަށް އިންކާރު ކުރުމަކުން، ދުނިޔޭގެ ވޭނާއި ކެކުޅުން ތަހައްމުލުކުރުމަށް ނިމުމެއް ނާދެއެވެ. އަދި އޭގެ އިތުރުން، އެކަންކަން ތަހައްމުލުކުރާ މީހުންނަށް އެއްވެސް ބަދަލެއް ލިބުމުގެ ފުރުސަތު ވެސް ނެތިދެއެވެ.

މީގެ އިތުރުން ވެސް، އިލާހިއްޔަތުގެ މީހުން، އިލާހަކު ވޮޑިގެން ނުވާކަން ސާބިތުކޮށް ދިނުމުގެ ގޮތުން ހުށަހަޅާލާ ހުއްޖަތްތައް ވެއެވެ. އޭގެ ތެރޭގައި ކޮންމެ އެއްޗެއް އުފެއްދެވި ފަރާތެއްވާކަން ލާޒިމުކުރާ ނަމަ، އެ ފަރާތް ވެސް، އާދެ، ކަލާނގެ އުފެއްދެވި ފަރާތެއް ވެސް ވާން ޖެހޭނޭކަމަށް ބުނާ ބުނުން ވެސް ހިމެނެއެވެ. މިހެން ބުނާ ބުނުން ދެކަމަކާ ގުޅެއެވެ. ފުރަތަމަ ކަމަކީ އެހެން ބުނާ މީހުންގެ ހިތްތަކުގައި ކަލާނގެ ތަސައްވުރު ކުރަހާލެވޭ ގޮތެވެ. ކަލާނގެއީ އުފެދުމެއް ލިބިގެންވީ ފަރާތެއް ކަމަށް ދުށުމެވެ. ނަމަވެސް، އިލާހިއްޔަތުގެ އަގީދާގެ މީހުން ބަޔާންކުރަނީ އެންމެހައި އެއްޗެއް އުފެއްދެވި ފަރާތުގެ، އާދެ މާތްﷲގެ، ޖައުހަރީ ސިފަތަކުގެ ތެރޭގައި އުފެދުމެއްނެތި، ވޮޑިގެންވުން ހިމެނޭ ކަމެވެ. މި މައްސަލަ ދެވަނައަށް ގުޅެނީ އިންސާނީ ސިކުނޑީގެ އެ ތަސައްވުރު ކުރަހާލަން ބޭނުން ނުވުމާއެވެ. އިލާހެއްގެ ތަސައްވުރު ހިތަށް ގެންނަ އިރު، އެކަލާނގެއީ އުފެދުމެއްނެތި، ވޮޑިގެންވާ އިލާހުކަމުގެ ތަސައްވުރު ހިތަށް ގެންނަން ބޭނުން ނުވުމާއެވެ. ތިރީގައި ބަޔާން ކުރެވޭނޭ ފަދައިން، ކައުނަކީ އުފެދުމެއްވާ އެއްޗެއްކަން، 1920ގެ އަހަރުތަކުގައި އިލްމީ ސިފައެއެއްގައި ސާބިތުކުރެވުމަށް ދާންދެން، އިލްމީ ގަބޫލުކުރުމަކީ ކައުނަކީ އުފެދުމެއް އޮތް އެއްޗެއް ނޫން ކަމެވެ. މިއިން އަންގައިދެނީ ކޮން ކަމެއް ހެއްޔެވެ؟ އިންސާނާ ބޭނުން ނަމަ، އުފެދުމެއް ނެތި، ވުޖޫދުގައި އެއްޗެއް ވުމަކީ ގަބޫލުކުރެވިދާނޭ ގަބޫލުކުރުމެއް ކަމުގައެވެ! އެހެންވީމާ، އުފެދުމެއް ނެތި، މާތްﷲ ވޮޑިގެން ވުމަކީ، އެ ގޮތް ގަބޫލުކުރަން ބޭނުން ނަމަ، ކައުނަށް ކުރިން އެ ސިފަ ދިން ފަދައިން، ގަބޫލުކުރުން ދަތިކަމަކަށް ނުވެއެވެ.

ދެން، މި ޚުލާސާގެ ފަހު ނުކުތާއަކަށް ބަލާލަން ބޭނުންވަނީ ސައިންސުގެ އަލީގައި ހޯދި ބައެއް ހޯދުންތަކުން ކަލަކު ވޮޑިގެންވާ ކަމަށް، އިލާހިއްޔަތުގެ އަގީދާގެ މީހުން ބުނާ ހޯދުންތަކުގެ މައްޗަށް ކުރު ގޮތެއްގައި ބަލައިލުމެވެ.

(ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *