Support Us

ކޮލަމް މާޒީ: ކުރީންވީ ޝައްކެވެ. މިހާރު ޔަގީނާ ގާތަށް އާދެވިއްޖެއެވެ.

ގައުމީ ކޮންމެ ކަމެއްގައި އަޅުގަނޑަށް ފެންނަ ޚިޔާލެއް މިނިވަންކަމާއެކު ފާޅުކުރުމަކީ ހަގީގަތުގައި އަޅުގަނޑުގެ ހޮބީއެކެވެ. ހިތުގައި އުފެދޭ ޝުޢޫރުތައް ލިޔުމަކަށް ބަދަލުކޮށްނުލައި ނިދުމަކީ ވެސް ވަރަށް އުނދަގޫކަމެކެވެ. ފޭސްބުކުގައި ޝާއިޢުކޮށްލާ ލިޔުމަކުން ނުވަތަ މީސްމީޑީއާގެ އެހެން މަންސައެއްގައި އާންމުކޮށްލާ އެހެން "ގޮވެއްޔަކުން" މި ހިތްހަމަޖެހުމެއް އަޅުގަނޑަކަށް ހާސިލެއް ނުވެއެވެ. މި ގޮތުން އަޅުގަނޑު ޚިޔާލުފާޅުކޮށްފައި ހުންނާނީ ވަކި އެއް ދާއިރާއަކުންނެއް ނޫނެވެ. ބަހުގެ ނުވަތަ އަދަބީ ދާއިރާއިންނާއި ދީނީ ދާއިރާއިންނާއި އިޖުތިމާޢީ އަދި ސިޔާސީ ދާއިރާއިންނާއި އެހެން ދާއިރާތަކުން ވެސް އަޅުގަނޑު ޚިޔާލު ފާޅުކޮށްހަދަމެވެ. މިއިން ކޮންމެ ދާއިރާއަކުން ޚިޔާލު ފާޅުކުރެވުނަސް އަޅުގަނޑު ދެކެނީ އެއީ ހަމަ ޤައުމީ މައުޟޫޢެއް ކަމަށެވެ.

އިސްވެ ދެންނެވުނު ކޮންމެ ދާއިރާއަކުން ހަމަ ކޮންމެ މައުޟޫޢަކަށް ލިޔުނަސް އަދި ވާހަކަދެއްކިޔަސް އަޅުގަނޑު މުޚާޠަބުކުރަނީ، ޙަވާލާދެނީ ނުވަތަ އެޑްރެސްކުރަނީ މައްސަލައަށެވެ. މައުޟޫއަށެވެ. ވަކި މީހެއްގެ ޒާތަކަށް ޝަޚުޞިއްޔަތަކަށް ނޫނެވެ.

މި އުޞޫލުގެ މަތީން އަޅުގަނޑުގެ ހިތުގައި އުފެދުނު ކަންބޮޑުވުންތަކަކަށް އެޑްރެސްކޮށް "މާވަށުއަޒީ" ލިޔާ ކޮލަމް، "ކޮލަމް މާޒީގައި" މި ހިނގާ އެޕްރީލުމަހު 11 ވަނަ ދުވަހު (މި ދިޔަ ހޯމަ ދުވަހު) ވެސް ލިޔުނީމެވެ. އެއީ ކޮންމެހެން ބަހުގެ އެދުރަކަށް ވެގެން ނުވަތަ ބަހުގެ ޖަމަލަކަށް ވެގެންނެއް ނޫނެވެ. އެއީ ލިޔަންކިޔަން ދަތުމުގެ މަތިވެރި ނިޢުމަތް މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑަށް ވެސް ދެއްވައި، ޚިޔާލުފާޅުކުރުމުގެ ޙައްޤު ޤާނޫނުއަސާސީއިން ފަހިވެ އެ ޤާބިލިއްޔަތު ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑަށް ވެސް މިންވަރުކުރައްވައިފައިވާތީ، ޤައުމީ މައްސަލަތަކުގައި އަޅުގަނޑުގެ ހުންނަ ކަން ބޮޑުވުން ހާމަކުރުމަކީ އަޅުގަނޑުގެ މަސްއޫލިއްޔަތެއް ކަމަށް ދެކޭތީ އަޅުގަނޑު ކުރާ ކަމެކެވެ. ފަހަރެއްގައި ވެސް އަޅުގަނޑުގެ ޚިޔާލަކީ އެންމެ މޮޅު ޚިޔާލުކަމަށް ވާނެތީކީއެއް ވެސް ނޫނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތާ ޚިލާފަށް އެ މަޢުޟޫޢުގައި އެހެން ގޮތަކަށް ދެކެވަޑައިގަންނަވާ ބޭފުޅުން ތިއްބެވި ނަމަ، އެ މައުޟޫޢެއްގައި އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތް ސަބަބާއެކު ހާމަކުރައްވާންވާނެއެވެ. އެއީ އެ ބޭފުޅުންގެ މަސްއޫލިއްޔަތެކެވެ. އެ ޚިޔާލު ޢީލްމީ ގޮތެއްގައި ހާމަ ނުކުރައްވައި މީހުންނާ ޒާތީވެ، ޖަޒުބާތީވެ ޙައްސާސީވެގެން ވާހަކަތަކެއް ގޮވުމަކީ އަދި މަސްއޫލިއްޔަތު އަދާކުރެވުނީކަމަކަށް ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولـئِكَ كَانَ عَنْهُ مَسْؤُولاً" ("ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުއާލުކުރައްވާނެ ކަމެއްކަމުގައިވިއެވެ.)" (سورة الإسراء:36)

އެހެންނަމަވެސް އަޅުގަނޑު ބަޔާންކުރި ކަންބޮޑުވުންތަކަށް ރިޢާޔަތް ނުކުރައްވައި ވިދާޅު ވެސް ނުވެ (އަދި އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑު ފާޅުކޮށްފައިވާ ޝުޢޫރުތަކަށް އިންސާފުވެރިކަމާއެކު ރިޢާޔަތް ނުކުރައްވައި) ބައެއް ބޭފުޅުންނަށް ވީ ގޮތަކީ އެ ސުރުޚީއާއި އަދި އެ ލިޔުމަށް، ނޫހުގެ ފޮޓޯ އެޑިޓަރު ލައްވައިފައި ހުރި ފޮޓޯ ފެނިވަޑައިގަތުމުން މުޅި ލިޔުން ވިދާޅުވާން މަޑު ވެސް ނުކުރެއްވިގެން ވަރަށް ބޮޑަށް ޒާތީވެވަޑައިގެން ޙައްސާސީވެވަޑައިގަތީއެވެ. "ގޮވެލީ"ގެ މަންސައާއި އެފްބީއާއި ވައިބަރާއި އެހެން ވަސީލަތްތަކުން ވެސް އެކި ބޭފުޅުން ހިތްޕުޅަށް އެރިހާ އެއްޗެއް ލިޔުއްވީއެވެ. ބައެއް އަޚުން އަޅުގަނޑަށް އިންޒާރުކުރައްވައި ދިމާކުރައްވައި މަލާމާތްކުރައްވައި މެސެޖުވެސް ކުރެއްވީއެވެ. ބައެއް މެސެޖުތަކަކީ މި ފަދަ ލިޔުމެއްގައި ހާމަކުރާންކެރޭ ވަރަށް ވުރެ "ފޭރާން ހެޔޮ" މެސެޖް ވެސް މެއެވެ. ނަމަވެސް ތަންކޮޅެއް "ލާހިކު" މެސެޖެއް، އެ މެސެޖްކުރެއްވި ބޭފުޅަކާއި އެ އަޚާގެ ފޮޓޯ ހާމަ ނުކޮށް (ތަންކޮޅެއް ފަހުން) ހާމަކޮށްލާނަމެވެ.

މި ދިޔަ ހޯމަ ދުވަހު އަޅުގަނޑު ލިޔުނު ކޮލަމާ ގުޅިގެން އެންމެ ފުރަތަމަ ވެސް އެއަށް ޢިލްމީ ރައްދެއް ދެއްވުމެއް ނެތި، ޒާތީވެވަޑައިގެން ލިޔުއްވީ، ސަރުކާރުން ކުރައްވާ ކޮންމެ ކަމެއް އެއީ ރަނގަޅު ކަމެއް ކަމަށް ދައްކާން އެ ކަމެއް އޮފުކޮށް ފާލީސްކުރުމަށް ޓަކައި ފައިސާއިން އެހީ ދެއްވާ ނޫހެއްގެ ބޭފުޅެކެވެ. އެ ބޭފުޅަކު ވެސް ޢިލްމީ ގޮތުން އެއްވެސް ރައްދެއް ދެއްވުމެއް ނެތި ޒާތީ ގަލަމެއް ނެންގެވިކަން އެ ލިޔުމުގެ ސުރުޚީއިން ވެސް ސާބިތުވިއެވެ. ސަބަބަކީ އަޅުގަނޑަށް ނިސްބަތްކުރައްވައި ކޮމާކޯޅިއެއްގެ ތެރޭގައި ބަހުގެ އެދުރޭ ލިޔުއްވައި މަލާމާތްކުރެއްވުމެވެ. ވިދާޅުވެދާނެއެވެ. ކޮމާކޯޅިއެއްގެ ތެރޭގައި އެހެން ލިޔުއްވީ ބަހުގެ އެދުރަކަށް ނުވާ ޙާލުގައި ބަހުގެ އެދުރަކަށް ހެދިގެން އުޅޭތީއެވެ. ނަމަވެސް ދުވަހަކު ވެސް އަޅުގަނޑަކީ ބަހުގެ އެދުރެއްކަމަށް އެއްވެސް ޙާލެއްގައި އެއްވެސް ތަނެއްގައި ދަޢުވާކޮށްފައެއް ނޯންނާނެއެވެ. އަދި އެއްވެސް މީހެއްގެ ގާތުގައި އަޅުގަނޑަކީ ބަހުގެ އެދުރެކޭ ބުނެފައެއް ނޯންނާނެއެވެ. ބަހާ ބެހޭ ގޮތުން އަޅުގަނޑަށް ފެންނަ އެއްޗެއް ބަޔާންކޮށް އެނގޭ އެއްޗެއް، ބޭނުންވާ ބަޔަކަށް އޮޅުންފިލުވައިދެވޭތޯ މަސައްކަތްކުރަނީ އެ ދާއިރާއިން އަޅުގަނޑަށް ވެސް ކޮންމެވެސް އެއްޗެއް ދަސްވެފައިވާތީ އެއީ އަޅުގަނޑުގެ ދީނީ މަސްއޫލިއްޔަތެއް ކަމަށް ދެކޭތީއެވެ. އެއީ ކޮންމެހެން އަޅުގަނޑަކީ ބަހުގެ އެދުރެއް ކަމަށް ދަޢުވާކުރާތީއެއް ނޫނެވެ.

މި ދެންނެވި ޒާތީ ލިޔުމުގެ ސުރުޚީގައި އަޅުގަނޑުގެ ނަމުގެ ފަހަތުގައި ގައުސެއްގެ ތެރޭގައި "އަޒީބެ" މިހެން ލިޔުއްވައިފައި އޮތީމާ އަޅުގަނޑު ހީކުރީ އެއީ އަޅުގަނޑުގެ ތިމާގެ ކުއްޖެއް ކަމަށެވެ. ނަމަވެސް އެއީ އަޅުގަނޑުގެ ތިމާގެ ކުއްޖެއް ކަމަކަށް ނުވިއެވެ. (އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑުގެ މާފައަކީ އައްޑޫ ރައްޔިތަކަށް ވާތީ އަޅުގަނޑާ ތިމާގެ ވަރަށް ގިނަ މީހުން އަދިވެސް އައްޑޫގައި ހަމަ ހެޔޮ ޙާލުގައި ދުނިޔޭގައި އެބަ ތިއްބެވެ.) ވިދާޅުވެދާނެއެވެ. އެހެން ލިޔުނީ އެހެން މީހުން އެހެން ކިޔާ އަޑު އިވޭތީއެވެ. ނަމަވެސް އަޅުގަނޑުގެ ދަރީން އަޅުގަނޑަށް ބައްޕަ ކިޔާ އަޑު ވެސް، ނުވަތަ ކާފަކުއްޖަކު "ކާފަ" ކިޔާ އަޑު ވެސް އަދި އަޅުގަނޑުގެ ބޭބެގެ ކުދީންނާއި އެކުދީންގެ ކުދީން އަޅުގަނޑަށް "ބޮޑުބެ"ކިޔާ އަޑުވެސް، އަދި އަޅުގަނޑުގެ ދައްތަގެ ކުދީންނާއި އެކުދީންގެ ކުދީން އަޅުގަނޑަށް "ތިއްތިބެ" ކިޔާއަޑު ވެސް އިވިވަޑައިގެންފާނެއެވެ. އަދި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ މީހުން އަޅުގަނޑަށް "އަޒީހޮއްކޮ" ކިޔާ އަޑު ވެސް އަދި ދުރުތާ ތިމާގެ މީހުންނާއި ތިމާގެ މީހުން ފަދަ ޢާއިލީ ގާތް މީހުންގެ ދަރީން އަޅުގަނޑަށް "އަޒީބެ" ވެސް ކިޔައިފާނެއެވެ. އަދި "ޅިޔަނު"، "ޅިޔަންބެ" ފަދަ ލަގަބުތަކުން ވެސް އަޅުގަނޑަށް ގޮވާ އަޑު އިވިވަޑައިގެންފާނެއެވެ. އަދި އަޅުގަނޑުގެ ބައެއް ދަރިވަރުން އަޅުގަނޑަށް "ސަރ" (ނުވަތަ ސޯ)އޭ ވެސް އަދި އަނެއްބައި ދަރިވަރުން "އުސްތާޒު" ވެސް އަދި ބައެއް ދަރިވަރުންނާއި ވަޒިފާ އަދާކުރި ރަށްރަށުގެ ބައެއް މީހުން "ހެޑޭ" ނުވަތަ "އަޒީހެޑޭ"އޭ ވެސް އަޅުގަނޑަށް ގޮވައި މުޚާޠަބު ކޮށްފާނެއެވެ. އަދި އަޅުގަނޑުގެ އެކުވެރީން އަޅުގަނޑަށް "އަޒީ" ވެސް، އަދި ބައެއް މީހުން "މާވަށުއަޒީ"އޭ ވެސް ކިޔައިފާނެއެވެ. މިއީ އެކި ހައިސިއްޔަތުން އެކި މީހުން އަޅުގަނޑާ މުޚާޠަބު ކުރާ ނަންތަކެވެ. އަދި މާޒީ، ޖަމާލު، ޢަބްދުލްޢަޒީޒު، ޢަޒީޒުޖަމާލު، ވެސް އަޅުގަނޑުގެ މުޚާޠަބުގައި ކިޔާ އަޑު އިވިވަޑައިގެންފާނެއެވެ. އަދި ބޭރު ޤައުމުތަކުގެ މީހުން އަޅުގަނޑަށް "އަބޫބަކުރު" ނުވަތަ، "ބަކުރު" ވެސް ކިޔައި އުޅެއެވެ. މިއިން ކޮންމެ ނަމަކީ ވެސް ކޮންމެވެސް ޙައިސިއްޔަތަކުން ކިޔައި އުޅޭ އެއްޗެކެވެ. އެ ހައިސިއްޔަތު ނެތް މީހަކު އެއިން ނަމަކުން ބޭނުންކުރުމަކީ އެ ހައިސިއްޔަތު އޮންނަ މީހުންގެ ހައްގުތަކަށް އަރައިގަތުމެވެ. ނުވަތަ އެއީ މަލާމާތްކުރުމެވެ. މިސާލަކަށް އަޅުގަނޑުގެ ދައްތަގެ ކުއްޖަކު އަޅުގަނޑަށް "ތިއްތިބެ"އޭ ކިޔައި ގޮވައިލެވޭ އަޑު އިވޭ އިރަށް އެންމެން އަޅުގަނޑަށް "ތިއްތިބެ"އޭ ކިޔާންވީ ހެއްޔެވެ؟ ނުވަތަ އަޑުގަނޑުގެ ދަރީން އަޅުގަނޑަށް "ބައްޕަ"އޭ ކިޔާ އަޅު އިވޭ އިރަށް އެންމެން އަޅުގަނޑަށް ބައްޕަ ކިޔާންވީތޯއެވެ! އަޅުގަނޑުގެ ދިވެހިރައްޔިތެއްކަން އަނގައިދޭ ކާޑުގައި ފުރިހަމަ ނަމަކަށް އޮންނާނީ "ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު" މިހެންނެވެ. އާންމު ނަމަކަށް އޮންނާނީ އަޒީއެވެ. އަޅުގަނޑު ވެސް އަޅުގަނޑުގެ ނަމުގެ ގޮތުގައި ބޭނުންކޮށްފައި ހުންނާނީ މި މި ދެ ނަމާއި ނަމުގައި ހިނޭ ކޮންމެ ވެސް ބައެކެވެ. ތަޚައްލުޞެއްގެ ގޮތުން "މާޒީ"އާއި "މާވަށުއަޒީ" ބޭނުންކޮށް އުޅެމެވެ. މި ނޫސް އެއްވެސް ގޮތަކަށް އަޅުގަނޑުގެ ނަން ހަމަ އެއްވެސް ތާކު އަޅުގަނޑު ބޭނުންކޮށްފައެއް ނުހުންނާނެއެވެ. އެހެންވީމާ، އަޅުގަނޑުގެ ނަން އަޅުގަނޑު ބޭނުން ނުކުރާ ގޮތަކަށް ބޭނުންކުރުމަކީ، (ޢާއިލީ ގޮތުން ނުވަތަ މަގާމުގެ ގޮތުން ކިޔާ ލަގަބެއް ފިޔަވައި) އެ ވާނީ މަލާމާތްކުރުން ކަމަށެވެ. އެއީ ދޭދޭ ފަރުދީ މުޢާމަލާތުގެ އަސާސްތަކާއި ހަމަތަކާ ވެސް ޚިލާފުކަމެކެވެ. ނަމަވެސް މި ކަމާ ބެހޭ ގޮތުން މާތް ﷲ އަންގަވައިފައިވާ މަތިވެރި އެންގެވުން ޒިކުރުކޮށްލުމަށް ފަހު މި ނުކުތާއިން ވަކިވެލާންމެވެ. "يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَومٌ مِّن قَوْمٍ عَسَى أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاء مِّن نِّسَاء عَسَى أَن يَكُنَّ خَيْرًا مِّنْهُنَّ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الاِسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَن لَّمْ يَتُبْ فَأُوْلَئِكَ هُمُ الظَّالِمُونَ" (އޭ إيمانވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ،  އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.) (سورة الحجرات:11)

ކުރީން ދެންނެވި ފަދަ ޢިނާޔަތް ލިބޭ ނޫހެއްގެ ސުރުޚީގައި އަޅުގަނޑަށް ހަޖަމު ނުވެގެން އުޅޭ ވާހަކައެއް އޮތެވެ. ހަޖަމުވުމުގެ މާނައެއް ކަމަށް ދިވެހިބަހުގެ ރަދީފު ބުނަނީ "ކާތަކެތި ހަށިގަނޑަށް ފައިދާ ލިބޭގޮތަށް ހަށިގަނޑުގެ ތެރޭގައި ބަދަލުވުން"ކަމަށެވެ. މި ނޫން މަޖާޒީ މާނައެއް ނޯވެއެވެ. ނަމަވެސް އިރާދަކުރެއްވީތީ، މި ފަދަ ކަމެއް އަޅުގަނޑަށް ދިމާވެގެންނެއް ނޫޅެމެވެ. އެހެންކަމުން އެ ލަފުޒު ބޭނުންކުރައްވައިފައި އޮތް މާނަ ވިސްނޭތޯ ކުރެވުނު މަސައްކަތުން އަޅުގަނޑަށް ދޭހަވީ، "ހަޖަމުނުވި" މި ލަފުޒު އެ ލިޔުންތެރިއަކު ބޭނުންފުޅުކުރައްވައިފައި އެ ވަނީ އަޅުގަނޑަށް ކަމެއް ބަރުދާސްތު ނުވެގެން ނުވަތަ ތަޙައްމަލު ނުކުރެވިގެން ނުވަތަ ވަކި ކަމެއް ގަބޫލު ނުކުރެވިގެން ނުވަތަ ކަމަކަށް ކެތްނުކުރެވިގެން އުޅޭ މާނަ ފަދަ މާނައެއްގައި ކަމެވެ. ނަމަވެސް އެ ފަދަ އެއްވެސް ކަމެއް އަޅުގަނޑަށް ދިމާވެފައެއް ނެތެވެ. (ﷲއަށް ޙަމްދު ހުއްޓެވެ.) އަދި އަޅުގަނޑު ފާޅުކުރި ޚިޔާލެއް ބަރުދާސްތު ނުކުރެވިގެން ނުވަތަ ތަޙައްމަލު ނުކުރެއްވިގެން އުޅުއްވަނީ ވެސް އެހީ ލިބޭ ނޫސްތަކަށްތާއެވެ! އަޅުގަނޑަކަށް ނޫންތާއެވެ! އަދި ދައުލަތުން އެހީ ލިބޭ، އަދި ދައުލަތުގެ ބޮޑު އޮފީހެއްގެ މުވައްޒަފަކު ހިންގަވާ ނޫހެއްގައި އަޅުގަނޑު "ހޫނުފެނަށް ވެއްޓިގެން" އުޅޭ ވާހަކަ ވެސް ލިޔުއްވައިފައި އޮތެވެ. ނަމަވެސް އަޅުގަނޑަށް ނޭނގި އަޅުގަނޑު ހޫނުފެނަށް ވެއްޓޭނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނުނެވެ. ނޫހެއްގައި ލިޔުއްވައިފައިވާ ގޮތުން އަޅުގަނޑުގެ ހަނދާން ބަލީ ކަމަށް ވެސް ވެދާނެއެވެ. (والله أعلم)

އެ ބޭފުޅަކު ލިޔުއްވައިފައި އޮތް ގޮތުން "ހޫނުފެނަށް ވެއްޓުން"ކަމަށް އިޝާރާތްކުރައްވައިފައި އެ އޮތީ އަޅުގަނޑު ނުރައްކަލަކަށް ހުށަހޮޅުން ނުވަތަ ބޭޒާރުވުން ނުވަތަ ލަދުގަތުން ފަދަ ކަމެއް މެދުވެރިވުމަށެވެ. ނަމަވެސް އެހެންވިދާޅުވެ ވެސް އޮއްޓަރު ހުންނަ ވާހަކައެއް ލިޔުއްވައިފައެއް ނެތެވެ. ލިޔުއްވައިފައި އޮތީ "އައްޑޫ ބަހުރުވައަކީ ވެސް ދިވެހިބަސް" ކަމަށް ކޮންމެވެސް ތަޖުރިބާކާރަކު ވިދާޅުވި ވާހަކައެވެ. އަޅުގަނޑަކީ ވެސް އެ ވަރު ނުދަންނަ މީހެއްކަމަށް ލިޔުންތެރިއާއަށް ހީފުޅުވީ ކަމަށް ވެދާނެއެވެ. އެ ތަޖުރިބާކާރަކު ވިދާޅުވެފައި އެ ވަނީ އަޅުގަނޑު ދެންނެވި އެއްޗަކާ ތަފާތު ވާހަކައެއް ނޫނެވެ. އެހެނީ އަޅުގަނޑަކީ ވެސް ބަހުރުވަތަކަކީ ބަހުގެ އެންމެ މުހިންމު ތަރިކަތައްކަން ނުދަންނަހާ ޖާހިލަކީމެއް ނޫނީމެވެ. އަޅުގަނޑު ވެސް ބަހުރުވައަކީ ބަހުގެ ބައެއް ނޫނެކޭ ހަމަގައިމުވެސް ހަމަހޭ ހުރެއެއް ނުބުނާނެތާއެވެ. ވީމާ އެ ވިދާޅުވި ހޫނު ފެނަކަށް ވި ވެއްޓުނީ ކާކުބާވައެވެ! އަޅުގަނޑު ދެންނެވި އެއްޗެއް އެއްވެސް ބޭފުޅަކަށް ޢިލްމީ ގޮތުން އަދި ނަފީކުރެއްވިފައެއް ނެތެވެ. ޒާތީވެގެން، ނުވަތަ ޖަޒުބާތީވެގެން މީހަކާ ދިމާއަށް "ހެއްދެވި ނެހެއްދެވިއަށް" ގޮވުމަކީ އަދި މީހަކަށް ރައްދު ދިނުމެއް ނޫނެވެ. ޢިލްމީ ގޮތުން ރައްދު ދިނުމަކީ މީހަކު ދައްކައިފައި ހުރި ހެކިތައް ޢިލްމީ ގޮތުން ނަފީކޮށް ވާހަކަދެއްކުމެވެ. ވީމާ، އަޅުގަނޑު ފާޅުކުޅަ ޚިޔާލުތަކަކީ އަޅުގަނޑު ކުށްވެރިވާންޖެހޭ އަދި ލަދުގަންނާންޖެހޭ ނުވަތަ ރަކިވާންޖެހޭ ޚިޔާލުތަކެއް ނޫނެވެ. އަޅުގަނޑު ބުނާ ކޮންމެ އެއްޗެއް ބުނާނީ އަދި ލިޔާ ކޮންމެ އެއްޗެއް ލިޔާނީ އަޅުގަނޑު ގަބޫލުކުރާ އަސާސެއްގެ މަތީގައި ސާބިތުވެ ހުރެއެވެ. ޢިލްމީ ގޮތުން އޮއްޓަރެއް ނެތް ހާސަރުތަކެއް ލިޔުއްވާ ބޭފުޅުންނަށް އޅުގަނޑު ހަނދުމަފުޅުކޮށް އަރުވާން އޮތީ ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތެވެ. "وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامً" (رحمنވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގައި އުޅޭ މީހުންނެވެ. އަދި އެއުރެންނާ ޖާހިލުން مخاطبކޮށް ވާހަކަދައްކައިފި ހިނދަކު، އެއުރެން سلام އޭ ބުނެތެވެ.) (سورة الفرقان:63)

މި ދިޔަ ހޯމަ ދުވަހު (11 އެޕްރީލު 2022ގައި) އަޅުގަނޑު ލިޔުނު "މިއީ ނުރައްކާތެރި ފެށުމެއްގެ ފެށުމެކެވެ."] މި ލިޔުމާގުޅިގެން ބަހުގެ ޢިލްމުވެރި އެކިއެކި ބޭފުޅުންނާއި ގައުމުގެ ކުރިމަގަށް ވިސްނަވާ ބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން އަޅުގަނޑަށް ގުޅުއްވައި ހިތްވަރުދެއްވިއެވެ. އެ ބޭފުޅުން އަޅުގަނޑު ލިޔެފައި އޮތް އެއްޗެއް ތަޢައްޞުބެއް ނެތި ވިދާޅުވިއެވެ. އެހެންކަމުން އަޅުގަނޑު ފާޅުކޮށްފައިވާ ޝުޢޫރު ރަނޅަށް ދޭހަވެވަޑައިގަތެވެ. އެ ޚިޔާލު ބަލައިގެންނެވިއެވެ. އެއްވެސް ބަހަކަށް، ބަހުރުވައަކަށް އަދި އެއްވެސް ބަޔަކަށް އަޅުގަނޑު ކުޑައިމީސްކޮށް ހިތައިފައި ނެތްކަމަށް އެ ބޭފުޅުންނަށް އެނގިވަޑައިގަތެވެ. އެ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ. ތިޔަ ބޭފުޅުންނަށް އަޅުގަނޑު ދަންނަވައިލަމެވެ. އާދޭހެވެ! އަޅުގަނޑުގެ ޤާބިލުކަން ތަން ދިން އެންމެ މަތީ ދަރަޖައަކަށް ކުރިމަގުގައި ވެސް ޚިޔާލު ފާޅުކޮށް އަޅުގަނޑު ލިޔާނަމެވެ. އަޅުގަނޑު ލިޔަނީ މީހެއްގެ ރުހުން ހޯދާކަށް ނުވަތަ މީހަކު ރުޅިއަތުވެދާނެކަމަކަށް ރުޅި ނާންނާނެ ކަމަކަށް ބަލައިގެންނެއް ނޫނެވެ. އަޅުގަނޑު ލިޔަނީ، އަޅުގަނޑަށް އެނގޭ އެއްޗެއް، ނުވަތަ ވިސްނޭ ހެޔޮ އެއްޗެއް ކަމަށް އަޅުގަނޑަށް ފެންނަ އެއްޗެއް އެހެން މީހުންނަށް އަންގައިދިނުމަކީ އަޅުގަނޑުގެ މަސްއޫލިއްޔަތެއްކަމަށް ދެކޭތީއެވެ.

ނަމަވެސް މީޑިއާގެ ދާއިރާގައި އެތައް ޒަމާނެއް ވަންދެން އިސް މަޤާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުން ވެސް އަދި ދައުލަތުގެ އިސް މަޤާމުތައް ފުރުއްވައިފައި ތިއްބެވި ބޭފުޅުން ވެސް ލިޔުން ރަނގަޅަށް ވިދާޅު ނުވެ، ލިޔުންތެރިޔާގެ ޝުޢޫރާމެދު ޙައިރާންފުޅުވެވަޑައިގެން އެކި މަންސަތަކުގައި ޖަޒުބާތީ ޝުޢޫރު ފާޅުކުރައްވަމުން ގެންދަވާތީ އަޅުގަނޑު މާ ބޮޑަށް ޙައިރާންވިއެވެ. ނަމަވެސް އެއީ ޖަޒުބާތީ ޝުޢޫރެއްކަން ވިސްނުމުން އެ ޙައިރާންކަން ފިލައިފިއެވެ.

އަޅުގަނޑުގެ އިސްވެ ދެންނެވުނު ލިޔުން (ކޮލަމް މާޒީ) ވިދާޅުވި ބޭފުޅުންނަށް އެ ލިޔުމުގެ އެންމެ މުހިންމު ބައި ފެނިވަޑައިނުގަތީ ކީއްވެބާއޭ އަޅުގަނޑު ހިތަށް އަރައެވެ. އޭގައި އަޅުގަނޑު ލިޔެފައި އެ އޮތީއެވެ. "ޚުދު އަޅުގަނޑަކީ ވެސް އައްޑޫ ބަހުރުވައާ މެދު ފަޚުރުވެރިވާ މީހެއްމެއެވެ. އެހެނީ އަޅުގަނޑުގެ ހަތަރު މަތިފުށުގެ ތެރެއިން އެއް މަތިފުށް ނިސްބަސްވަނީ އައްޑުއަށެވެ. އަޅުގަނޑުގެ މާފައަކީ އައްޑޫ މީހެކެވެ. އަޅުގަނޑަށް އައްޑޫ ބަހުރުވަ އެނގޭ ވެސް މެއެވެ. ރީތި ވެސް މެއެވެ. އައްޑޫ ބަހުރުވައިން ޚަބަރު ކިޔާ އަޑު އަހައިލުމަކީ ފަރުދީ އަދި ޒާތީ ހައިސިއްޔަތުން އަޅުގަނޑަށް ވެސް ވަރަށް ޚާއްޞަ އުފަލެއް ލިބޭ ކަމެކެވެ." މި ޢިބާރާތުގައި އަޅުގަނޑު ލިޔެފައި އެ އޮތީ ފަރުދީ ގޮތުން އަޅުގަނޑު ގަބޫލުކުރާ ގޮތެވެ. އަޅުގަނޑުގެ އުފަން އަތޮޅުގެ ބަހަށް ވުރެ ހުރިހާ ގޮތަކުން ވެސް އަޅުގަނޑަށް ރީތީ އައްޑޫ ބަހެވެ. ނަމަވެސް އަޅުގަނޑު ރަށު މީހުންނާ ރަށު ބަހުން ވާހަކަދައްކަނީ ފަޚުރުވެރިކަމާއެކީގައެވެ. ރަށު މީހުންނާ އައްޑޫ ބަހަކުން ވާހަކައެއް ނުދައްކަމެވެ. ނަމަވެސް އައްޑޫ ރައްޓެއްސަކާ ދިމާވެއްޖިއްޔާ އަޅުގަނޑަށް އެނގޭ މިންވަރަކުން އައްޑޫ ބަސް މުރާޖަޢާކޮށްލާން އެ ބަހުރުވަ ބޭނުންކުރަމެވެ.

އާދޭހެވެ! އަޅުގަނޑު ލިޔުނު "މިއީ ނުރައްކާތެރި ފެށުމެއްގެ ފެށުމެކެވެ." މި ވާހަކަ ލިޔުނީ ދެ ކަމަކަށް ޝައްކުވެގެންނެވެ. "ކުރީންވީ ޝައްކެވެ. މިހާރު ޔަގީނާ ގާތަށް އާދެވިއްޖެއެވެ." އެކަން ފެށިގެން ކުރިއަށް ދާން ފަށައިފިއެވެ. އަޅުގަނޑަކީ އައްޑުއަށް ވެސް ނިސްބަތްވާ އަދި ހައްދުންމައްޗަށް އުފަން މީހެއް ނަމަވެސް އަޅުގަނޑު އަމިއްލަ އެދުމަށް ޓަކައި އެ ދެ ބަހުރުވަ އެކަނި ކުރިއަރުވާން ނުވަތަ އިޝްތިހާރުކުރާން އުޅުމަކީ ގައުމީ ނަޒަރަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ޤައުމީ ނަޒަރަކުން ބަލާއިރު، ރާއްޖޭގެ ހުރިހާ ބަހުރުވައަކަށް ވެސް ހަމަހަމަ ފުރުޞަތު ދެވޭންވާނެއެވެ. ނުވަތަ އާބާދީގެ ނިސްބަތުން އެ ފުރުތު އޮންނާންވާނެއެވެ. އަދި ޚާއްޞަކޮށް ހުވަދޫބަހާއި ފުވައްމުލަކުބަހަކީ ވެސް ވަރަށް މުއްސަނދި ދެ ބަހުރުވަ ކަމަށް ވާތީ މި ދެ ބަހުރުވައަށް ވެސް ސަމާލުކަން ދޭންޖެހޭނެއެވެ. މިކަން މި ހެން އޮތަސް، މަވެތި މީހުންނަށް ހަމައެކަނި ފެންނާނީ އެ މީހުންގެ ޖާހެވެ. އެ މީހުންނަށް މޮޅު ގޮތް ހޯދުމެވެ. ނަމަވެސް ވަކި ބަހުރުވައަކަށް އޮންނަ ޙައްޤެއް ހަމަ ހުރިހާ ބަހުރުވައަކަށް ވެސް އޮންނާންވާނެއެވެ. ވީމާ، މި ޙައްޤު ހޯދާން ހުރިހާ ބަހުރުވައެއްގެ މީހުން ތެދުވެއްޖެ ނަމަ، ވަސީލަތުގެ ގޮތުންނާއި ވަގުތުގެ ގޮތުން ދައުލަތަށް ހައްލުކުރާން އުނދަގޫ މައްސަލަގަނޑަކާ ކުރިމަތިވެދާނެއެވެ. މިއީ އަޅުގަނޑު އިޝާރާތްކުރި، އެއް ނުރައްކަލެވެ.

ދެވަނަ ނުރައްކަލަކީ، "އައްޑޫބަހުރުވަ" ކަމަށް ބުނެ، "އައްޑޫ އެކި ރަށްރަށުގެ ބަހުރުވަތައް މަސްހުނިކޮށްގެން ދައުލަތުގެ މީޑިއާއަކުން އާންމުކޮށް ޚަބަރު ފެތުރުމަކީ އައްޑު ބަހުރުވައިގެ ރީތިކަމަށް ނޭދެވޭ އަސަރު ފޯރާނޭ ކަމެކެވެ. އެހެނީ ކޮންމެ ރަށެއްގެ ބަހުރުވައިގައި ވެސް ވަކި ޚާއްޞިއްޔަތުތަކެއް އެބަ ހުއްޓެވެ. މި ނުރައްކާ ވެސް ފެށުނީއެވެ. ނުރައްކާތެރި ފެށުމެކޭ ދެންނެވި ދެ ނުރައްކަލަކީ މިއީ އެވެ.

ބަހުރުވަ ދިރުވައި އާލާކުރުމަށް ޓަކައި ކުރާން އޮތް ކަމަކީ އެކި ރަށްރަށުގެ ބަހުރުވަ މަސްހުރި ކުރުމެއް ނޫނެވެ. އެކަމުން ބަހުރުވައަށް އަންނާނީ ކުރިއެރުމެއް ނޫނެވެ. ބަހުރުވަތައް މަސްހުނިވެ، ބަހުރުވަތަކުގެ ރީތިކަން ގެއްލޭނީއެވެ. ވީމާ ބަހުރުވަ ކުރިއަރުވާން އެއްވެސް ޝައުޤުވެރިކަމެއް ހުރި މީހަކު ހުރި ނަމަ، އެ މަސައްކަތް ކުރާނީ، ކުރާންވީ ކަންކަން އޮޅުން ފިލުއްވާން ކަމާ ބެހޭ އިދާރާތަކާއި ވިދާރާތަކާ މަޝްވަރާކުރައްވައިގެންނެވެ. މިއަދު ބަހާ ބެހޭ އެންމެ މަތީ ދެ މުއައްސަސާއަކީ "މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް"އާއި "ދިވެހިބަހުގެ އެކެޑަމީ"އެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އަޅުގަނޑުމެންގެ ޤައުމީ ރޭޑިއޯއިން ވަކި ބަހުރުވައަކުން ޕުރޮގްރާމު ފޮނުއްވައި، ގައުމީ ޓީވީއިން ޚަބަރުކިޔައި ހެއްދެވީ މި ދެންނެވި މުއައްސަސާތަކާ މަޝްވަރާކުރައްވައިގެންނެއް ނޫނެވެ. އެންމެ ކުޑަމިނުން ޕީއެސްއެމްގެ ބޯޑުން ވެސް، މިހާ ހިސާބަކަށް، އެ ފަދަ ނިންމުމެއް ނިންމަވައިފައެއް ވެސް ނެތެވެ. އެހެންވީމާ މިއީ ބަހުރުވަ ކުރިއަރުވާން ކުރެވިފައިވާ ކަމެއް ކަމަކަށް ދެންނެވޭނެ ޖާގައެއް ނެތެވެ. އެ ކަމުން ބަހުރުވަ ކުރިއަރުވާކަށް ހަގީގީ އެހީތެރިކަމެއް ނުލިބި ބަހުރުވަ މަސްހުނިވުމުގެ ނުރައްކާ ވަރަށް ބޮޑެވެ.

ދެން އަޅުގަނޑު ހިތުގައި އޮތީ އެހެން ނުރައްކަލެކެވެ. އެއީ ޢާންމުންނަށް ނޭނގުނަސް އަޑިއަޑީން ހިނގާ ބައިބައިވުމާއި ވަކިވެގަތުމުގެ ޙަރަކާތަކަށް މި ކަން ވެދާނެ ކަމުގެ ބިރެވެ. އެކަމަށް ހިތުގައި އުފެދުނު ޝައްކެވެ. ނަމަވެސް އަޅުގަނޑަށް ބަވާންވެގެން އެކި މީހުން ފޮނުވި މެސެޖުތަކުން އެކަން ޝައްކަށްވުރެ ޔަގީނާ ގާތަށް ޖެހިލައިފިއެވެ. އެ ފަދަ މެސެޖްތަކުން އަޅުގަނޑަށް ދޭހަވީ، އެއީ އެއަށްވުރެ ބޮޑަށް ތިލަވެގެން އާންމުންގެ ބައެއް މީހުންގެ ވެސް ރުހުމާއެކު ހިންގާ ހަރަކާތެއްކަމަށެވެ. މި މޭރުމުން އަޅުގަނޑަށް ލިބުނު ގިނަ މެސެޖްތަކަކީ ކުރީން ވެސް ދެންނެވި ފަދައިން ޢާންމުކުރެވޭ ވަރަށް ވުރެ "ފެންވަރު ރަނގަޅު" މެސެޖްތަކެއް ކަމަށް ވާތީ އެ ހުރިހާ މެސެޖެއް އަޅުގަނޑު ހާމައެއް ނުކުރާނަމެވެ. ނަމަވެސް ކުރީން ވެސް ދެންނެވި ފަދައިން ހާމަ ކޮށްލެވޭ ފަދަ "ލުއި" މެސެޖެއް އަޅުގަނޑު ނަކަލުކޮށްލާނަމެވެ. އަޅުގަނޑަކީ މީހުންގެ ޒާތަށް ޝަޚުޞަށް އަމާޒުކޮށްގެން ލިޔުމުގެ ބަދަލުގައި މައުޟޫޢަށް އަމާޒުކޮށްގެން ލިޔާ މީހަކަށް ވާތީ މި މެސެޖް ފޮނުއްވި އަޚާގެ ނަންފުޅާއި ފޮޓޯފުޅު ހާމަ ނުކޮށް ހަމައެކަނި މެސެޖް ނަކަލުކޮށްލާނަމެވެ.

"ކަލޭތީ ކާކު؟؟ ކަލޭ ކޮންތާކުން ކޮން އިސްކޫލަކުން ދިވެހިބަހުގެ ޖަމަލަކަށް ހެދިގެން ތި އުޅެނީ.. ކަލެއަށް ހަޖަމު ނުވިޔަސް އައްޑޫ މީހުން މާލޭ ސަރުކާރުން ވަކިވާނެ.. ހަނދާންކުރާތި ވަކި ސަރު ކާރެއްގެ މާޒީއެއް އޮތް ބަޔެއް އައްޑޫ މީހުންނަކީ.. ޕްރައުޑް ޓް ބީ އައްޑުއަން" 

މި މެސެޖް ވެސް އެހެން މެސެޖްތައް ފަދައިން ލިޔެފައި އޮތީ ލެޓިން އަކުރުންނެވެ. އަޅުގަނޑު ތާނައަށް ބަދަލުކޮށްލީއެވެ. މި ފަދަ މެސެޖްތައް ކިޔައިލުމުން އަޅުގަނޑު އޭރު ޚިޔާލު ފާޅުކުރިއިރު މާ ބޮޑަށް ސަމާލުކަން ނުދެވި އޮތް ކަންމިނަކުން މި ކަމާމެދު ވިސްނާން މަޖުބޫރުވެއްޖެއެވެ.

އާދޭހެވެ! ދިވެހިރާއްޖޭގައި އެތައްބައިވަރު ބަހުރުވަތަކެއް ހުރިއިރު، ހަމައެކަނި އަޅުގަނޑު ނިސްބަތްވާ ބަހުރުވަތަކަށް އިސްކަންދީގެން އެ ބަހުރުވަތަކުން އެކަނި ޕްރޮގްރާމް ފޮނުވައި ޚަބަރު ކިޔައި ހެދުމަކީ އެއްވެސް ޙާލެއްގައި ޤައުމީ ނަޒަރަކުން ބަލާއިރު އިންސާފުވެރި ކަމެއް ނޫނެވެ. އެއީ މަވެތިކަމެވެ. އަދި އެއީ އެކަމުން ރާއްޖޭގެ ބަހުރުވަތަކަށް ދިރުން އަންނާނެ ކަމެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި މިފަދަ ރޭވުންތެރިކަމެއް ނެތް ސިޔާސަތުތަކުގެ ސަބަބުން ކުރިމަގުގައި ބަހަށް ވެސް ޤައުމަށް ވެސް ކުރާނީ ނޭދެވޭ އަސަރެވެ. ބަހުރުވަ ދިރުވައި އާލާކުރާން ހަމައެކަނި އެންމެ ބަހުރުވައެއް އެތައް ބަހުރުވައަކާ މަސްހުނިކޮށްގެން ޚަބަރު ކިޔުމަކީ ބަހުރުވައަށް ވެސް ބަހަށް ވެސް ކުރިއެރުން އަންނާނޭ ކަމެއް ނޫނެވެ. އޭގެ ސަބަބުން އެއްބައިވަންތަ ކަމަށް ވެސް އަންނާނީ ބަދަހި ކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން ޤައުމީ ވަޙުދަތު ވާނީ ބަދައްސެއް ވެސް ނޫނެވެ. ރާއްޖޭގެ އެންމެން ރުޅިއައިސްގެން ހެއްދެވި ނެހެއްދެވިއަށް ގޮވިއަސް އަޅުގަނޑުގެ ޚިޔާލު ބަދަލުކުރާންޖެހޭ ފަދަ ޢިލްމީ ހެކިތަކެއް ނުދައްކައިފި ނަމަ އަޅުގަނޑުގެ ވިސްނުން އަޅުގަނޑު ބަދަލެއް ނުކުރާނަމެވެ. އެހެންކަމުން މިކަމުގެ ނުރައްކަލާ މެދު އަޅުގަނޑަށް "ކުރީންވީ ޝައްކެވެ. މިހާރު ޔަގީނާ ގާތަށް އާދެވިއްޖެއެވެ."

ކޮލަމް މާޒީ: މިއީ ނުރައްކާތެރި ފެށުމެއްގެ ފެށުމެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
311

2 Responses

  1. ސާމިޔާކިލެގެ ކިޔާ މީހަކު މާފިލާފުށީގައި ވަކި ރަސްކަމެއް ކުރި ނުވަތަ ކުރާން އުޅުނު ކަން ވެސް އެނގެން އޮވޭ. ދެން އެއީ މާ މޮޅުކަމެއްތަ؟ އައްޑޫގައި އަފީފު އުފައްދައިގެން އުޅުނު "ސަރުކާރު"ގެ ލިޔެކިޔުންތައް ހުރީ މާލޭ ބަހުރުވައިން، ތާނަ އަކުރުން ލިޔެފައި. ކޯންޗަކަށް މިވަނީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *