Support Us

ކޮލަމް މާޒީ: މިއީ ނުރައްކާތެރި ފެށުމެއްގެ ފެށުމެކެވެ.

ދިވެހިރާއްޖޭގެ ޕަބްލިކް ސަރވިސް މީޑިއާގެ މެންދުރުފަހު 1:00ގެ ޚަބަރު ބަލައި އަޑުއިވުމުން އެހެން މީހުންނާ ޚިލާފަށް އަޅުގަނޑުގެ ހިތާއި ސިކުނޑީގައި އެޅީ ނުރައްކާތެރި ވަރުގަދަ ރަނގަބީލެކެވެ. ހިތަށް ސިފަވެގެން އައީ މާޒީގެ ހަނދާންތަކެކެވެ. ކުރިމައްޗަށް ތަޞައްވުރުވީ ތާރީޚުގެ ފަތްފުށްތަކެކެވެ. މި ޚިޔާލުތައް އަޅުގަނޑުގެ ސިކުނޑީގައި ވިކާން ފެށުމުން މި ޝުޢޫރުތަކަށް ޢިބާރާތްތަކެއްގެ ސިފަ ގެންނާން ބޭނުންވެއްޖެއެވެ. ނަމަވެސް މި ވާހަކަ ފަށާނީ ކޮން ދިމާއަކުންބާވައޭ ހިތަށް އަރައެވެ. އަޅުގަނޑުގެ ހަށިގަނޑުގައި ޖަހައިގަތް ގައުމީ ހަލުވި ވިންދުގެ ސަބަބުން ވިސްނުމަށް ވެސް އަސަރުކުރީތާއެވެ.

ކޮންމެ ގައުމެއްގައި ވެސް ގައުމީ ބަހަކީ ގައުމިއްޔަތުގެ އެންމެ މުހިންމު ބަހާއޭ އަޅުގަނޑުމެން މި ކިޔަނީ ކީއްވެގެންތޯއެވެ! އެއީ ގައުމީ ބަހަކީ ގައުމު އެއްބައިވަންތަ ކުރުވާ އެންމެ ވަރުގަދަ ބާރަކަށް ވާތީއެވެ. ބަސް ބޭނުންކުރާންވާނީ ގައުމީ އެއްބައިވަންތަކަން ދަމަހައްޓާށެވެ. ގައުމު ބައިބައިކުރާކަށް ނޫނެވެ. އެތައް ސަތޭކަ ބަހަކާއި ބަހުރުވައެއް އޮންނަ އުތުރުކަރައިގައި ވެސް ރަސްމީ ބަހަކަށް ހިންދޫ ބަސް ހަދައިގެން އުޅެނީ އެ ސަބަބާ ހުރެއެވެ. އަދި ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ރަސްމީ މުޢާމަލާތުގައި މީޔާރު ބަހެއް (ސްޓޭންޑަރޑް ލެންގުވިޖެއް) ބޭނުންކުރަނީ އެހެންވެގެންނެވެ. ސަޢޫދީ ޢަރަބިއްޔާއާއި މިޞްރު ފަދަ ގައުމުތަކުގައި ވެސް އެތައް ބަހުރުވައެއް ބޭނުންކުރާއިރު، ބްރޯޑްކާސްޓްކުރުމާއި އެހެނިހެން ރަސްމީ މުޢާމަލާތުގައި މީޔާރު ބަސް (ފުސްޙާ) ބޭނުންކުރަނީ ސަބަބެއް އޮވެގެންނެވެ. ހަމަ މިފަދައިން އިނގިރޭސިވިލާތުގެ އެކި ސްޓޭޓްތަކުގައްޔާއި އެކި ސިޓީތަކުގައި އިނގިރޭސި ބަހުގެ ތަފާތު ބަހުރުވަތައް އޮންނައިރު ރަސްމީ މުޢާމަލާތްތަކުގައި ސްޓޭންޑަރޑް ލޭންގުވިޖް ބޭނުންކުރަނީ މި ދެންނެވި އެއްބައިވަންތަކަން ދަމަހައްޓައި ޢާންމު ރައްޔިތުންނަށް އޮޅުންތައް ކުޑަކުރުމަށް ޓަކައެވެ.

އެކި ބަސްބަހުގެ ތަފާތު ބަހުރުވަތަކަކީ ވާހަކަދެއްކުމާއި އަނގަބަހުގެ ދޭދޭ ފަރުދީ މުޢާމަލާތުގައި ބޭނުންކުރާ އެއްޗެކެވެ. އެއީ ނުރަސްމީ އަދި އާންމު ދިރިއުޅުމުގެ މުޢާމަލާތުތަކުގައި ބޭނުންކުރާ އެއްޗެކެވެ. ހުރިހާ ގައުމެއްގައި ވެސް ރަސްމީ މުޢާމަލާތްތަކުގައި މީޔާރު ބަސް ބޭނުންކުރަނީ ވަރަށް މުހިންމު ސަބަބުތަކަކަށް ޓަކައެވެ. އެއީ ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ޓަކައެވެ. އެހެނީ މީޔާރު ބަހަކީ ހުރިހައި ބަހުރުވަތަކެއްގެ މީހުންނަށް އެނގޭނެ އެއްޗެކެވެ. އަދި މީޔާރު ބަހަކީ ވަކި ސަރަހައްދެއްގެ ބަހުރުވައެއް ނޫނެވެ. އެއީ އެ ގައުމެއްގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ޙިއްސާވާ އެއްޗެކެވެ. އެއީ އެ ގައުމެއްގެ ރަސްމީ މުޢާމަލާތުގައި ހުރިހާ ރައްޔިތުން ބޭނުންކުރާ ރަސްމީ "ބަހުރުވަ"އެވެ. ދެންމެ ދެންނެވިހެން އެންމެންނަށް އެއްވަރަކަށް ހިއްސާވާ "އާންމު ބަހުރުވަ"އަކީ އެއީ ކަމަށް ވާތީއެވެ.

އާދޭހެވެ! ކޮންމެ ބަހެއްގައި ވެސް ބޭނުންކުރާ މީޔާރު ބަސް (ނުވަތަ ޢާންމު ބަހުރުވަ) އެ ގައުމެއްގެ އެންމެންނަށް ވެސް އެނގޭނެއެވެ. ނަމަވެސް އެކި ބަހުރުވަތައް އެނގޭނީ އެ ބަހުރުވައެއް ބޭނުންކުރާ ހިސާބުގަނޑެއްގައި އުޅޭ ރައްޔިތުންނަށެވެ. ނުވަތަ އެ ބަހުރުވައެއް ކޮންމެ ވެސް ސަބަބަކާ ހުރެ ދަސްވެފައި ހުންނަ މީހަކަށެވެ. އެހެންވީމާ، މުޖުތަމަޢު އެއްބައިވަންތަކުރުމަށް ޓަކައި ބަސް ބޭނުންކުރާނަމަ، މީޔާރު ބަސް (އާންމު ބަހުރުވަ) ބޭނުންކުރާންޖެހެނީ އެހެންވެގެންނެވެ. ކިޔަވައިދޭ  ޓެކްސްޓް ފޮތްތައް ވެސް މީޔާރު ބަހުން ލިޔާންޖެހެނީ މި ސަބަބަށް ޓަކައެވެ. ފޮތުގައި ހުންނަ މަޢުލޫމާތު ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަށް ޓަކައި އެ ބަޔަކު އުޅޭ ހިސާބެއްގެ ބަހުރުވަ ބޭނުންކުރުމަކީ އެހެން ކަމެކެވެ. އެއީ ހަމަ އެންމެ ރަނގަޅު ކަމެއް ވެސްމެއެވެ.

މިސާލަކަށް، އައްޑު އަތޮޅަށް ނިސްބަތްވާ ދީނީ ޢިލްމުވެރިޔަކު، އެ އަތޮޅުގެ ރައްޔިތުންނަށް ދެއްވާ ދީނީ ދަރުސެއް އައްޑޫ ބަހުރުވައިން ދެއްވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މި ފަދަ ދަރުސެއް ލައިވްކޮށް މުޅި ރާއްޖެއަށް އައްޑޫ ބަހުރުވައިން ފޮނުވުމަކީ މައްސަލައެކެވެ. ހަމަ މި ފަދައިން މާދަމާ އިސްލާމިކް މިނިސްޓަރ ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއްގައި، މީގެ ފަހުން ހުކުރު ޚުޠުބާ އެ ރަށު ބަހުރުވައިން ލިޔުއްވާން އެދިގެން އެ ގޮތަށް އެ ބަހުރުވައިން ޚުޠުބާ ލިޔުއްވައި ޗާޕު ޖަހައިގެން މުޅި ރާއްޖޭގައި ޚުޠުބާ ކިޔާން އެންގެވުމަކީ މައްސަލައަކަށް ވާނެއެވެ. ހަމަ އެހެންމެ ފިޝަރީޒް މިނިސްޓަރ ކޮޅުމަޑުލަށް ކުރައްވާ ދަތުރުފުޅެއްގައި، މީގެ ފަހުން މަސްވެރިކަމާ ބެހޭ ހުރިހާ ލިޔުމެއް އެ އަތޮޅު ބަހުރުވައިން ބަހައްޓަވާނެ ކަމަށް ވިދާޅުވެ އެ ބަހުރުވައިން ލިޔުއްވައި މުޅި ރާއްޖެއަށް ޢާންމުކުރެއްވުމަކީ މައްސަލައަކަށްވާނެއެވެ. އެޑިޔުކޭޝަން މިނިސްޓަރ ކޮންމެވެސް އަތޮޅެއްގެ ބަޔަކު ރުއްސާން ވެގެން އެ އަތޮޅެއްގެ ބަހުރުވައިން ޓެކްސްޓް ފޮތްތައް ލިޔުއްވައި މުޅި ރާއްޖެއަށް ޢާންމުކުރައްވައިފި ނަމަ، އެއީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. ހަމަ މި ފަދައިން އައްޑޫ އަތޮޅު ރައްޔިތުން ރުއްސުމަށް ޓަކައި ސިޔާސީ މަގުޞަދެއްގައި ނަމަ ވެސް މުޅި ރާއްޖެއަށް ޢާންމުކުރާ، ދައުލަތުގެ މީޑިއާގެ ޚަބަރު އެ އަތޮޅުގެ ބަހުރުވައަށް ބަދަލުކުރައްވައި ފޮނުއްވުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. މިއީ ސިޔާސީ މަންފާއެއް ހާސިލުކުރާން ކުރާ ކަމެއް ނަމަ ވެސް، މި ކަމުން ސިޔާސީ ގޮތުން ވެސް ހާސިލުވާނީ އެދެވޭ ނަތީޖާއަކަށް ނުވާނެއެވެ. އެއިން ނުކުންނާނޭ ނޭދެވޭ ނަތީޖާ މާ ބޮޑުވާނެއެވެ.

ކަން މިހެން އޮއްވައި، ދިވެހިރާއްޖޭގެ ގައުމީ ޓީވީއިން މުޅި ރާއްޖެއަށް ޢާންމުކޮށް އައްޑޫ ބަހުރުވައިން ޚަބަރު ކިޔާން ފެށުމަކީ އެ ބަހުރުވަ ނޭނގޭ މީހުންނަށް އޮޅުންބޮޅުން އަރައި އެއްބައިވަންތަކަމަށް ބުރޫއަރާނޭ ކަމަކަށް ވާނެއެވެ. އައްޑޫ ސިޓީގެ ޓީވީ ޗެނެލަކުން ނުވަތަ ރޭޑިއޯއަކުން އެ ބަހުރުވައިން ޚަބަރު ކީ ނަމަ، މީހަކު ބުނާނެ އެއްޗެއް ނޯންނާނެއެވެ. ނަމަވެސް މުޅި ރާއްޖެއަށް ނިސްބަތްވާ ދައުލަތުގެ މީޑިއާއިން މުޅި ރާއްޖެއަށް ޢާންމުކުރައްވައި ވަކި ޚާއްޞަ، އެއް ބަހުރުވައަކުން ޚަބަރު ދުރަށް ފޮނުވުމަކީ މައްސަލައެކެވެ.

ކޮންމެ ކަމެއް ވެސް ފުރަތަމަ ފެންނާނީ އެ މީހަކު އެ ކަމަކާ މެދު ވިސްނި ކަންމިނަކުންނެވެ. ކޮންމެ ދުވަހަކު މެންދުރުފަހު އެކެއް ޖަހާއިރު ދިވެހި ގައުމީ ޓީވީއިން އައްޑޫ ބަހުރުވައިން ޚަބަރު ކިޔުމަކީ ކަންކަމުގެ ފުނަށް ނުވިސްނާ މީހަކަށް އެއީ ވަރަށް މޮޅު ކަމަކަށް ވެދާނެއެވެ. ޚުދު އަޅުގަނޑަކީ ވެސް އައްޑޫ ބަހުރުވައާ މެދު ފަޚުރުވެރިވާ މީހެއްމެއެވެ. އެހެނީ އަޅުގަނޑުގެ ހަތަރު މަތިފުށުގެ ތެރެއިން އެއް މަތިފުށް ނިސްބަސްވަނީ އައްޑުއަށެވެ. އަޅުގަނޑުގެ މާފައަކީ އައްޑޫ މީހެކެވެ. އަޅުގަނޑަށް އައްޑޫ ބަހުރުވަ އެނގޭ ވެސް މެއެވެ. ރީތި ވެސް މެއެވެ. އައްޑޫ ބަހުރުވައިން ޚަބަރު ކިޔާ އަޑު އަހައިލުމަކީ ފަރުދީ އަދި ޒާތީ ހައިސިއްޔަތުން އަޅުގަނޑަށް ވެސް ވަރަށް ޚާއްޞަ އުފަލެއް ލިބޭ ކަމެކެވެ. ނަމަވެސް އަޅުގަނޑު މި ވާހަކަ މި ދައްކަނީ ގައުމީ ވިސްނުމަކުންނެވެ. އެ ނަޒަރުންނެވެ. ގައުމީ އެއްބައިވަންތަކަމަށް ޓަކައެވެ.

މިއަދު އައްޑު ބަހުރުވައިން ޚަބަރު ކިޔައި ރަސްމީ އެކިއެކި މުޢާމަލާތުތައް އެ ބަހުރުވައިން ހިންގައި ގައުމީ މީޑިއާއިން މުޅި ރާއްޖެއަށް ދުރަށް ދައްކާ ނަމަ، އައްޑޫބަހުރުވައަކީ ކޮބައިތޯ ވެސް ބަލާންޖެހެއެވެ. ހަމަގައިމު ވެސް ހިތަދޫ ބަހުރުވައާއި މީދޫ ބަހުރުވަ ވެސް ތަފާތެވެ. އަނެއްކޮޅުން ބަލާއިރު، ފުވައްމުލަކު ބަހުރުވައަކީ ވެސް ރީތި މުއްސަނދި ބަހުރުވައަކަށް ވާއިރު އެ ބަހުރުވަ ވެސް އިހުމާލުކޮށްލެވިގެންނުވާނެއެވެ. އަދި ހަމައާއި ގަވާއިދު ބޮޑު ހުވަދޫ ބަހުރުވައިގެ މަތީން ވެސް ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ހުވަދޫބަހުރުވައަށް ބެއްޔަސް އެ އަތޮޅުގެ ދެބުރީގައި ވެސް ބަހުރުވަ ތަފާތެވެ. ބޮޑެތި ތަފާތުތައް ހުރެއެވެ. ފުވައްމުލަކުގައި ވެސް އެކި އަވަށްތަކުގައި ވެސް ބަހުރުވަ ތަފާތެވެ. އަދި ހައްދުންމަތީ ބަހުރުވައަކީ ވެސް ވަކި ޚާއްޞިއްޔަތެއް ލިބިފައިވާ ވަކި ޚާއްޞަ ބަހުރުވައަކަށް ވާއިރު އެ ބަހުރުވަ ވެސް ދޫކޮށްލެވިގެން ނުވާނެއެވެ. ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ރައްޔިތުންނަށް ދީފައިވާ ހަމަހަމަކަމަށް ރިޢާޔަތްކޮށް މި ހުރިހާ ބަހުރުވަތަކަކަށް ވެސް ހަމަހަމަ ފުރުޞަތު ލިބޭންޖެހޭނެއެވެ. އަދި ލަފުޒުތަކުގައި މާ ބޮޑެތި ތަފާތުތަކެއް ނެތަސް ރާގު ގޮތުން އާދަޔާ ޚިލާފަށް ރީތި ބަހުރުވަތައް ވެސް އެބަ ހުއްޓެވެ. ކޮޅުމަޑުލު ހިރިލަންދޫ ބަހުރުވައަކީ އެ ބަހުރުވައިން ވާހަކަދައްކާ އަޑު އަހައި ފޫހި ނުވާހައި ރީތި ބަހުރުވައެކެވެ. ނައިފަރު ބަހުރުވައަކީ ވެސް ހަމަ އެހައި ރީތި އެހާމެ އަސަރުގަދަ ޚާއްޞަ ބަހުރުވައެކެވެ. ވީމާ މި ހުރިހާ ބަހުރުވައަކަށް ވެސް ހަމަހަމަ ފުރުޞަތު ލިބޭންވާނެއެވެ. މި ހުރިހާ ބަހުރުވަތަކެއް އިހުމާލުކޮށްލައި ހަމައެކަނި އައްޑު ބަހުރުވައަށް އިސްކަން ދެވުމަކީ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާ ތަޢާރުޒުވާ ކަމެކެވެ. ވީމާ، މި ހަމަހަމަކަން ޤާއިމުކޮށް ހުރިހާ ބަހުރުވަތަކަކުން ޚަބަރު ދުރަށް ފޮނުވައި ދުރަށް ދެއްކުމުގެ ޤާބިލުކަން ޕަބްލިކް ސަރވިސް މީޑީއާއަށް ލިބިގެންވޭތޯއެވެ! ހަމަގައިމު ވެސް ރާއްޖޭގެ އެކި އަތޮޅުތަކުގައި އެކި ރަށްރަށުގައި ވާހަކަދައްކާ ހުރިހާ ބަހުރުވައަކުން ޚަބަރު ތައްޔާރުކޮށް ފޮނުވުމުގެ ޤާބިލުކަމެއް ވަސީލަތުގެ ގޮތުންނާއި ވަގުތުގެ ގޮތުން ޕީއެސްއެމްއަކަށް ލިބިގެނެއް ނުވާނެއެވެ. އެހެންކަމުން ދިވެހިބަހުގެ މީޔާރު ބަހުގެ އިތުރަށް ވަކި އެއް ބަހުރުވައަކުން ޚަބަރު ދުރަށް ފޮނުވައި ދުރަށް ދެއްކުމަކީ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމުގެ ރޫޙާ ޚިލާފު ކަމެކެވެ.

"ދިވެހިރާއްޖޭގެ ގައުމީ ބަހަކީ އަދި ރަސްމީ ބަހަކީ ދިވެހިބަސްކަމަށް ވުމާއެކު، ދިވެހި ދައުލަތުގެ ރަސްމީ އެންމެހައި މުޢާމަލާތުތައް ކުރަންޖެހޭނީ ދިވެހިބަހުންނޭ" ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި އޮތުމުގެ މާނައަކީ ބަހުގެ މީޔާރު ބަހުން މުޢާމަލާތުކުރާ ވާހަކައެވެ. އެއީ ގައުމުގެ ހުރިހާ ކަންކޮޅެއްގައި ވާހަކަދައްކާ ހުރިހާ ބަހުރުވައަކުން މުޢާމަލާތުކުރާ ވާހަކައެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކަންކުރަނީ މި އުޞޫލުންނެވެ. މެލޭޝިއާގެ އެކި ސްޓޭޓްތަކުގެ ބަހުރުވަ ތަފާތަސް އެ ގައުމުގައި ވެސް ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރަނީ ބަހާސާބާކޫ (މީޔާރު ބަސް) އެވެ. ކުރީން ވެސް ދެންނެވި ފަދައިން ޢަރަބިބަހާއި އިނގިރޭސިބަހުގައި ވެސް އަދި އެހެން ބަސަބަހުގައި ވެސް ކަންކުރަނީ މި އުޞޫލުންނެވެ.

ބަހާއި ބަހުރުވައާއި ރަސްމީ ސިފައެއްގައި ކުޅުމަކީ ނުރައްކާތެރިކަމެކެވެ. މިއީ އެއްބައިވަންތަކަން ގެއްލުވައިލައި ބައިބައިކޮށް ވަކިވެގަތުމަށް އެޅޭ ނުރައްކާތެރި ފިޔަވަޅެކެވެ. މާޒީގައި ހިނގައިފައިވާ ބައެއް ހާދިސާތަކަށް ބަލާއިރު، މިއީ ވަކި "ބާރެއްގެ" ނުފޫޒުން އެ ފަދަ ކަމަކަށް މަގު ފަހިކުރުމަށް ޓަކައި ފެށުނު ނުރައްކާތެރި ފެށުމެއްކަމަށާއި މިއީ އެ ފަދަ ފެށުމެއްގެ ފެށުން ކަމަށް އަޅުގަނޑު ތުހުމަތުކުރަމެވެ.

ދައުލަތުގެ ބަހާބެހޭ ސިޔާސަތަށް މި ފަދަ ބޮޑު ބަދަލެއް ގެންނާނީ ސަގާފަތާއި ގައުމީ ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިބަހުގެ ވިދާރާއާ މަޝްވަރާކުރެވިގެން ކަމަށް އަޅުގަނޑު ދެކެމެވެ. އެހެނީ ބަހަކީ ސަގާފަތުގެ އެންމެ މުހިންމު ބަހާއެވެ. އަދި އެއީ އެންމެ މުހިންމު ގައުމީ ތަރިކައެވެ. ވީމާ މި ދެ މުއައްސަސާގެ މަޝްވަރާއާ ނުލައި މި ފަދަ ބޮޑު ބަދަލެއް ބަހުގެ ސިޔާސަތަށް ގައުމީ ޓީވީއިން ގެންނާނެ ކަމަކަށް އަޅުގަނޑަށް ގަބޫލުކުރާން ފަސޭހަ ނޫނީއެވެ. އަދި ޕީއެސްއެމްގެ ބޯޑުން ވެސް ނިންމުމެއް ނިންމަވާނެތާއެވެ! އެހެންކަމަށް ވާނަމަ، މި ދެންނެވި އިދާރާއާއި ވިދާރާއާއި ޕަބްލިކް ސަރވިސް މީޑިއާއިން މި ކަމަށް އަލުން ނަޒަރެއް ދެއްވާނެ ކަމަށް އުންމީދުކުރަމެވެ. ސިޔާސީ މަޤުޞަދެއް ޙާޞިލުކުރެއްވުމަށް ޓަކައި ވެސް ކުރާންވާނޭ ކަންތަކާއި ކޮށްގެން ނުވާނެ ކަންކަން ހުންނާނެއެވެ. މިއީ އެ ފަދަ ނިންމެވުމެއް ކަމަށް ނޫނީ ނުވާނެއެވެ.

ކޮންމެއަކަސް، ގައުމީ ޓީވީއިން ބަހުގެ ސިޔާސަތަށް މި ގެންނެވި ބަދަލަކީ، އެ ބޭފުޅުންގެ ނަޒަރުގައި ރަނގަޅު ނިޔަތެއްގައި ކުރެއްވި ކަމަށް ވިޔަސް މިއީ ނުރައްކާތެރި ފެށުމެއްގެ ފެށުންކަމަށް ވެދާނެއެވެ. އަދި މިއީ ވަކިވެގަތުމުގެ ހަރަކާތަކަށް މަގު ފަހިކުރުމަށް ޓަކައި އެ މުއައްސަސާއަށް ނުވަތަ މި ދެންނެވި ތިން މުއައްސަސާއަށް "ބަޔަކު" ނުފޫޒު ފޯރުވައިގެން ފެށި ކަމަކަށް ވެސް ވެދާނެއެވެ. މި ފަދަ އެތައް ނިޝާންތަކެއް ރާއްޖޭގެ ކަންކޮޅުން ފެންނަމުންދާތީ މި ކަމުގެ ނުރައްކާތެރިކަން އަޅުގަނޑުގެ ހިތަށް ހަމަ ވަންނަނީއެވެ. ހަމަ ގައިމު ވެސް އަޅުގަނޑުގެ ނަޒަރުގައި މިއީ ނުރައްކާތެރި ފެށުމެއްގެ ފެށުމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
6228

2 Responses

  1. ޅިޔުމުން ފެނިގެންދަނީ ޒަމާންވީ ބޯދާ ބައިބައި ކުުރުމުގެ ހިޔާލާތެއް. އަޅުގަނޑު މެންނަކީ ތަފާތުތައް ދަންނަ، އެއަށް އިހްތިރާމު ކުރާބަޔަކަށް ވާންޖެހޭ. އަތޮޅުތަކުގެ ތަފާތު ސަގާފަތްތަށް ދަނެ އެއަށް އިހްތިރާމު ކުރަން ދަސް ކުރަންޖެހޭ. ބިރުން އުޅެން ޖެހޭސަބަބެއް ނޭންގުނު، ނުރައްކަލެއް އޮތީ ކިނެއް ކަމެއް ލިޔުމަކުން ނޭގުނު، ސާބިތު ވަނީ ރާއްޖެ ބައިބައި ކުރުވާ "ރާއްޖެތެރޭ މީހުން" ނިކަމެތި ކުރި ޒަމާނެއްގެ ބައިބައި ކުރުވަނިވި ކޮށި ވިސްނުމެއް. ޅިޔުންތެރިޔާގެ ވިސްނުން ވަރަށް ހަނި! ފަހުރުވެރި ވާންވީ ގައުމިއްޔަތައް، ބަހުގެ މުސަންދި ކަމަށް، ގާނޫނު އަސާސީގައި ވަނި ގައުމީ ބަހަކީ ދިވެހި ބަސްކަމަށް. ދިވެހިން ވާހަކަ ދައްކަނީ ދިވެހި ބަހުން (ތަފާތު ބަހުރުވަ ތަކުން)

  2. މާލެ ބަހުރުވަ ކަހަލަ ތަހުޒީބު ބަހުރުވައެއް އޮއްވާ އައްޑޫ ބަހުރުވަ އިން ޕްރެސެންޓް ކުރުމަކީ ހަޑި ކަމެއް. އެއީ މިދުވަސްވަރުގެ މީހަކު މީގެ 1000 އަހަރު ކުރީގެ ބަސް ބޭނުން ކޮށްގެން ވާހަކަ ދެއްކުން ކަހަލަ ކަމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *