Support Us

ޚާއްޞަ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވައިލައްވައި، އެ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ ކޮމިޓީ އަލުން އެކުލަވައިލައްވައި، އެ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުއްދަތު ހަމަވެގެންދިޔަ ކޮމިޓީގެ މެންބަރުން ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށްޓަކައި އެ ކޮމިޓީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ޚާއްޞަ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވައިލެއްވިއިރު، ކުރިން ކޮމިޓީގައި ހިމެނިވަޑައިގެންނެވި ފަސް ބޭފުޅަކު ކޮމިޓީގައި ވަނީ ހިމަނުއްވާފައެވެ.

ޚާއްޞަ އިނާމާބެހޭ ކޮމިޓީ

  1. ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ، ޗެއަރޕަރސަން
  2. ޑރ. ޢަބްދުލްޢަޒީޒް ޔޫސުފު
  3. ޑރ. އަޙްމަދު ޢަލިމަނިކު
  4. ޢާއިޝަތު ޝާހީން
  5. މަރްޔަމް ޝިފްޒާން
  6. ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު (އަލަށް)
  7. އަލްއުސްތާޛާ ޢާއިޝަތު ސަމާޙު (އަލަށް)

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ދެއްވުމުގައި މިހާތަނަށް ޢަމަލުކުރައްވަމުން ގެންދެވި އުޞޫލުތަކާ ބެހޭގޮތުން އިތުރަށް ކޮމިޓީގައި މަޝްވަރާ ކުރައްވައި، ގެންނަވަންޖެހޭ އިތުރު ބަދަލުތައް ގެންނެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރު ކަމަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާޚިލާފު ކުރިއެރުންތަކެއް ޙާޞިލުކޮށްފައިވާ ފަރާތްތަކަށްވެސް މި އަހަރު މި އިނާމު އެރުވިދާނެ ގޮތްތަކެއް ކަނޑައެޅުއްވުމަށް އިސްކަންދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އިތުބާރާއި ޔަޤީންކަން އެގޮތުގައި ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދާ އެއްގޮތަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ޚާއްޞަ އިނާމަކީ، ޢިލްމާއި، ހުނަރާއި، އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާއެކު ހޯދާ ކާމިޔާބީތަކަށް ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ހިތްވަރާއެކު ޢިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފު ޙާޞިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން މިޞްރާބު ކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *