Support Us

ކޮލަމް ގަލަން: ދިވެހި ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ ފުރުސަތު ނުލިބި ލަސްވުމުން ސިއްހީ ދާއިރާއަށް ކުރާ ނޭދެވޭ އަސަރުތައް

ސިއްހީ ދާއިރާގެ އަސްލު ބިނާވެފައި ވަނީ އެ ދާއިރާގެ ފުރަތަމަ ޑިގުރީ ނަގާ ޑޮކްޓަރުންގެ މައްޗަށެވެ. އަދި އެ ދާއިރާގެ ތަރައްގީ ބިނާވަނީ އެމް.ބީ.ބީ.އެސް ނިންމާ ޑޮކްޓަރުންނަށް ސްޕެޝަލައިޒުވުމުގެ ފުރުސަތު ފުޅާކޮށް ހުޅުވިގެންނެވެ. ނަމަވެސް ބުރަ މަސައްކަތާއި ގިނަ ފައިސާތައް ހޭދަކޮށްގެން އެމް.ބީ.ބީ.އެސް ނިންމާ ދިވެހި ޑޮކްޓަރުންނަށް ސްޕެޝަލައިޒުވުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ނެތުމުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެއެވެ. އެ ގެއްލުންތަކުގެ ތެރޭގައި ގައުމަށް ބޭނުންވާ ސްޕެޝަލައިޒު ޑޮކުޓަރުން ބޭރުން ގެންނަން ޖެހުމުން ގައުމުގެ ރައްޔަތުންގެ ޓެކުސް ފައިސާގެ ބޮޑު ބައެއް ދަނީ ބޭރު ގައުމުތަކަށެވެ. އަދި އޭގެ އިތުރު ގެއްލުމެއްގެ ގޮތުގައި އެމް.ބީ.ބީ.އެސް ނިންމާ ޑޮކްޓަރުން ސްޕެޝަލައިޒުވުމުގެ ފުރުސަތެއް ނުލިބި ގިނަ ދުވަސްތަކެއް ވުމުން އެ މީހުންގެ އުނގެނުމުގެ އުމުރުން ބޮޑު ބައެއް ގެއްލި އަދި އެ މީހުން ރައްޔަތުންނަށް ދޭން ބޭނުންވާ ސިއްހީ ޚިދުމަތް އެކަށީގެންވާ ގޮތަކަށް ރައްޔަތުންނަށް ނުދެވޭކަން ވެސް ފާހަގަކުރެވެއެވެ.

ކަމުގެ މުހިއްމުކަން:      

ސިއްހީ ދާއިރާއަށް ވާސިލުވެވޭ ފުރަތަމަ ޑިގުރީ ނުވަތަ އެމް.ބީ.ބީ.އެސް ހާސިލުކުރާ ޑޮކްޓަރުންނަކީ އެ ގައުމެއްގެ ސިއްހީ ދާއިރާގެ ބިންގަލެވެ. ޤައުމުގައި އުފެދޭ މިފަދަ ރަނގަޅު ޒުވާނުން ބޭކާރުނުކޮށް ސްޕެޝަލައިޒުވުމުގެ ފުރުސަތު އެފަދަ ޤާބިލު ޒުވާނުންނަށް ދިނުމަކީ ތަރައްޤީ ވުމަށް ބޭނުންވާ ޤައުމުތަކު އެންމެ އިސް ލަނޑުދަނޑިއެވެ. ދިވެހިރާއްޖެ ވެސް ތަރައްޤީވުމަށް ބޭނުންވާ ކަމާމެދު އޮޅުމެއްނެތެވެ. ކޮންމެ ސަރުކާރެއްގެ ވެސް ބޮޑު އެއް ވަޢުދަކީ ސިއްހީ ޚިދުމަތުގެ މައްސަލަ ހައްލުކޮށްދޭނެކަމުގެ ޔަޤީންކަން ދިނުމުގެ ވަޢުދެވެ. ނަމަވެސް އެމް.ބީ.ބީ.އެސް ނިންމާ ދަރިވަރުންނަށް ސްޕެޝަލައިޒުވުމުގެ ފުރުސަތު ވަރަށް ވެސް ހަންޏެވެ. މިހާރު ވެސް އެމް.ބީ.ބީ.އެސް ނިންމާފައި އައި ގޮތަށް ޚިދުމަތުގައި މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެފައި ތިބި ޑޮކުޓަރުން ސިއްހީ ދާއިރާގައި ތިބިކަން ފާހަގަކުރެވެއެވެ. މިފަދަ ޒުވާނުންނަށް އެ ފަދަ މުހިންމު ފުރުސަތުތައް ގެއްލިގެން ދިއުމަކީ ޤައުމުގެ ހުރިހާ ފަރުދުންނަށް ލިބޭ ފޫނުބެދޭވަރުގެ ގެއްލުމެކެވެ. މިކަން ރަނގަޅު ނުކޮށްފި ނަމަ މި ގެއްލުމުގެ ސަބަބުން މި ދާއިރާގެ މުސްތަޤުބަލުގައި އޮންނާނީ އަނދިރިކަމާއި ބަނަކަމެވެ. ނުތަނަވަސްކަމާއި ހާސްކަމެވެ. މިކަމުގެ ކުޑަ މިސާލެއް ބައްލަވަން ބޭނުންފުޅު ނަމަ ރާއްޖޭގެ ހަސްފަތާލުތަކަށް ޒިޔާރަތްކުރައްވައިގެން އެމް.ބީ.ބީ.އެސް ނިންވެވުމަށް ފަހު ސްޕެޝަލައިޒުވުމުގެ ފުރުސަތު ނުލިބި ތިބީ ކިތައް ދިވެހި ޑޮކްޓަރުންތޯ ބައްލަވައިލައްވާށެވެ. ނުވަތަ އެ ތާނގައި މަސައްކަތް ކުރަން ތިބީ ކިތައް ބިދޭސި ޑޮކްޓަރުންތޯ ބައްލަވައިލައްވާށެވެ.

ސިއްޙީ ދާއިރާގެ ފަންނުވެރީން ނުއުފައްދާ ތިބެގެން ކިތަންމެ ވަރަކަށް ހަސްފަތާލުތައް ބުރިބުރިއަށް އުފުލިކަމުގައި ވިޔަސް އެއިން ކުރާނެ މަންފާއެއް ނޯންނާނެއެވެ. ތަރައްގީގެ ބިންގަލަކީ މީހުން ބިނާކުރުމެވެ. އެހެންކަމުން ދިވެހި ޒުވާން ޑޮކްޓަރުންނަށް ސްޕެޝަލައިޒުވުމުގެ ފުރުސަތު ލިބޭތޯ މަސައްކަތް ކުރުމަށް އަވަސްވެގަތުން މާބުއްދިވެރިއެވެ.

ސްޕެޝަލައިޒުވުމުގެ ފުރުސަތު ނުލިބި ލަސްވާ ސަބަބު

އެމް.ބީ.ބީ.އެސް ނިންމާ ދިވެހި ޑޮކްޓަރުންނަށް ސްޕެޝަލައިޒުވުމުގެ ފުރުސަތު ނުލިބި ލަސްވާ ސަބަބުތަކުގައި ކިތަންމެ ސިއްރުތަކެއް ފޮރުވިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އަޅުގަނޑު ފާހަގަކުރާނެ ޚާއްސަ ދެ ސަބަބެއް ވެއެވެ. އެއް ސަބަބަކީ އަވަށްޓެރި ގައުމުތަކުގެ ނުފޫޒެވެ. ދިވެހިރާއްޖޭގައި ދިވެހި ސްޕެޝަލައިޒު ޑޮކްޓަރުން މަދުކޮށް އޮތުމަކީ އަވަށްޓެރި ގައުމުތަކުގެ ސިޔާސަތަކަށް ވުން އެކަށީގެންވެއެވެ. އެއިރުން ވިޔަފާރި އުސޫލުން ސިއްހީ ޚިދުމަތް އެ މީހުންގެ ފަރާތުން ދިވެހީން ހޯދަން މަޖުބޫރު ވާނެތީއެވެ. އަނެއް ސަބަބަކީ ވެރީންގެ އިހުމާލެވެ. ނުވަތަ އިޚުލާސްތެރިކަން ކުޑަކަމެވެ. ނުވަތަ ތިމާގެ ހިތުގައި ގައުމާމެދު ކުލުނު ކުޑަވުމެވެ.

މިކަމުގެ ސަބަބުން ސިއްޙީ ދާއިރާއަށް ކުރާ ނޭދެވޭ އަސަރުތައް

ކޮންމެއަކަސް މިއީ މިކަމުގެ ސަބަބުން ސިއްޙީ ދާއިރާއަށް ނޭދެވޭ އަސަރުތައް ކުރާ ކަމެކެވެ. އެ ގޮތުން ކުރާ ބައެއް އަސަރުތައް ފާހަގަކޮށްލާނަމެވެ.

ހ- ސިއްހީ ނިޒާމުގެ ތެރެއިން ދިވެހިރާއްޖެއަށް ބައެއް އަވަށްޓެރި ގައުމުތަކުގެ ނުފޫޒުވަނުމަށް މަގުފަހިވުމެވެ.

ށ- ސިއްހީ ޚިތުމަތް ހޯދުމަށް ޓަކައި ރައްޔަތުން ދައްކާ ޓެކްސް ފައިސާ ބޭރު ގައުމަށްތަކަށް ލިބެވޭ ގޮތަށް މަގުފަހިވުމެވެ.

ނ- ދިވެހި ޒުވާނުންގެ މިންނެތް މަސައްކަތުންނާއި ގިނަގުނަ ފައިސާ ހޭދަކޮށްގެން ހާސިލުކުރާ އެމް.ބީ.ބީ.އެސްގެ ފުރަތަމަ ޑިގުރީގެ މަގުސަދު ފުރިހަމައަށް ހާސިލުނުވުމެވެ. އެހެނީ އެ ޑިގުރީގެ ބޭނުމަކީ ސިއްހީ ދާއިރާއަށް ފުރިހަމަ ޚިދުމަތެއްކުރުމެވެ. އަދި އެ ދާއިރާއިން ފުރިހަމަ ޚިދުމަތެއް ކުރެވޭނީ ސްޕެޝަލައިޒުވެގެން ކަމަށްވާތީއެވެ.

ރ- ސިއްހީ ދާއިރާ ތަރައްގީކޮށް ހިންގާނެ ދިވެހިންތަކެއް އުފެދުމަށް ހުރަސްއެޅުމެވެ.

 

ޙައްލު:

މިކަމުގެ ހައްލުގެ ވާހަކައެއް މީހަކު ދައްކައިފި ނަމަ ބައެއް ބޭފުޅުން ދައްކާނެ ހުއްޖަތަކީ ކޮންމެވެސް އަވަށްޓެރި ގައުމަކުން ދެ ތިން ޖާގައެއް ސަރުކާރު މެދުވެރިވެގެން ލިބިގެން ބައެއް ކުދީން ކިޔަވަމުންގެންދާކަމުގެ ވާހަކައެވެ. ތެދެއްމެއެވެ. ސަރުކާރުން ވަރަށް މަދުން ނަމަވެސް އެފަދަ ފުރުސަތު ހުޅުވައިލައެވެ. ނަމަވެސް ގިނަ ފަހަރަށް އެ ދެ ތިން ފުރުސަތެއް ހަމަޖެހިގެންދާނީ ކޮންމެވެސް ސިޔާސީ ނުފޫޒެއްގެ ދަށުން ނުވަތަ ވެރީން ބޭނުންވާ މިސްރާބަކުންނެވެ. އެހެންކަމުން ގައުމުގެ ޒުވާނުންގެ ބޮޑު ބައެއް ތިބެން ޖެހެނީ އެ ފަދަ ފުރުސަތުތަކުން މަހުރޫމުވެފައެވެ. ކޮންމެއަކަސް މިއީ ހައްލުކުރަން ޖެހޭ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް ޓަކައި ކުރެވިދާނެ ކަންތަކެއް އެބަހުއްޓެވެ. އެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ފާހަގަކޮށްލާނަމެވެ.

ހ- މެޑިސިނުން ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން މިސާލަކަށް އެމެރިކާ، ކެނެޑާ، ޔޫ.ކޭ ފަދަ ގައުމުތަކުގެ ބައެއް މެޑިކަލް އިންސިޓިއުޓު ހޮސްޕިޓަލްތަކުން ސްޕޮންސަޝިޕު ގަބޫލުކޮށް ސްޕެޝަލައިޒުގެ ފުރުސަތު ދެއެވެ. އެ ފަދަ ތަންތަނުން ދަރިވަރުން ހޯދާ ޖާގަތަކަށް ސަރުކާރުން ސްޕޮންސާކޮށްދިނުމެވެ. ނުވަތަ ސަރުކާރުން އެ ފަދަ ތަންތަނުން ސީޓުތައް ރިޒާވުކޮށް ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ.

އިސްވެ ދެންނެވި ގޮތަށް އެމެރިކާ، ކެނެޑާ، ޔޫ.ކޭ މިކަމަށް ޚާއްސަ ކުރަނީ އެހެން ގައުމުތައް ދެރަވެގެނެއް ނޫނެވެ. ނަމަވެސް އެމެރިކާ، ކެނެޑާ، ޔޫ.ކޭ ފަދަ ގައުމުތަކުން ތަޖުރިބާ ހޯދައިގެން ނިމޭ ކުދީންނަކީ ފަހުން މި ގައުމު ބިނާކުރާނެ ކުދީން ކަމަށް ބަލައިގެންނެވެ. ސްޕޮންސާ ގަބޫލުކޮށް ސްޕެޝަލައިޒުގެ ފުރުސަތު ދޭ ތަންތަން ކުރިއަރާފައިވާ ގައުމުތަކުގައި މަދެއް ނުވާނެއެވެ. ނަމަވެސް މިސާލެއްގެ ގޮތުން އެމެރިކާއިން ސްޕޮންސާ ގަބޫލުކޮށް ސްޕެޝަލައިޒުގެ ފުރުސަތުދޭ މުހިންމު ދެ ތަނެއް ހާމަކޮށްލާނަމެވެ. އެއީ:

  1. https://my.clevelandclinic.org/departments/graduate-medical-education
  2. https://smhs.gwu.edu/academics/graduate-medical-education

ށ- މި ވަގުތު ޚިދުމަތުގައި ތިބި އެމް.ބީ.ބީ.އެސް ދިވެހި ޑޮކުޓަރުން ސްޕެޝަލައިޒުވުމުގެ ފުރުސަތެއް އިސްވެ ދެންނެވި ގޮތަށް އެމެރިކާ، ކެނެޑާ، ޔޫ.ކޭ ފަދަ ތަނަކުން ލިބޭތޯ ބެލުމެވެ. އެކަމަށް ޓަކައި މަސައްކަތް ކުރަން ޖެހޭ ގޮތުގެ ނަމޫނާއެއް ވެސް ދަންނަވާލަނަމެވެ.

އެކެއް: ޓާގެޓުކުރާ ގައުމެއްގެ މެޑިކަލް އެގްޒާމުތައް ދިނުމެވެ. މިސާލަކަށް އެމެރިކާގެ (ޔޫ.އެސް.އެމް.އެލް.އީ އެގްޒާމު) އެވެ. ނުވަތަ މިސާލަކަށް ޔޫ.ކޭ. ގެ (ޕުލެބު އެގްޒާމު) އެވެ. މިފަދަ އެގްޒާމުތައް ދިނުމަށް ފުރުސަތު ހޯދުމަށް ޓަކައި ބޭނުން ކުރަން ޖެހޭނީ މިސާލަކަށް ތިރީގައި މި ދަންނަވާ ފަދަ ވެބުސައިޓުތައް މެދުވެރިކޮށެވެ.

  1. https://www.usmle.org/
  2. https://www.gmc-uk.org/registration-and-licensing/join-the-register/plab
  3. https://mcc.ca/examinations/mccqe-part-i/

ދޭއް: އިސްވެ ދެންނެވުނު އެގްޒާމުތައް ދިނުމަށް ފަހު ސްޕެޝަލައިޒު ވުމަށް ޓަކައި ތަންތަނަށް ހުށަހެޅުމަށް ޓަކައި އެ ގައުމުތަކުގައި ތިން މަހަށް ނުވަތަ ހަ މަހަށް މަސައްކަތް ކުރުމަށް ފަހު ތަޖުރިބާ ހޯދިކަމުގެ ރެކަމެންޑޭޝަނެއް އޮތުމަށް ވަރަށް ގިނަ ތަންތަނުން ލާޒިމުކުރާނެއެވެ. އެހެންކަމުން އަމިއްލަ ޚަރަދުގައި އެ ތަންތަނަށް ގޮސް ހޮސްޕިޓަލެއްގައި ތިން މަހަށް ނުވަތަ ހަމަހަށް ޚިދުމަތްކުރުމަށް ފަހު ރެކަމަންޑޭޝަން ހޯދުމެވެ. މި ފަދަ ހަސްފަތާލުތަކުން މަސަތްކުރުމުގެ ޖާގަ ހޯދުމަށް ޓަކައި އެޕުލައިކުރާނެ ބައެއް އެޕުލިކޭޝަން ތިރީގައި އެ ވަނީއެވެ.

  1. https://students-residents.aamc.org/visiting-student-learning-opportunities/visiting-student-learning-opportunities-1
  2. https://acmedical.org/

ތިނެއް: އިސްވެ ދެންނެވުނު ޓްރޭނިންއަށް ފަހު ލިބޭ ރެކަމެންޑޭޝަނާއެކު ބައެއް ތަންތަނަށް ފުރުސަތެއް ލިބޭތޯ ބެލުމަށް ޓަކައި އިސްވެ ދެންނެވުނު ފަދަ ބައެއް އެޕުލިކޭޝަންތައް މެދުވެރިކޮށް ހުށަހެޅުމެވެ.

މިކަމަށް ކުރިމަތިލާ ދިވެހި ޒުވާނުންނަށް ބައިވަރު ގޮންޖެހުންތަކެއް އެބަހުއްޓެވެ. މުހިއްމު ދެ ގޮންޖެހުމެއް ފާހަގަކޮށްލާނަމެވެ.

ފުރަތަމަ ގޮންޖެހުން: ފުރަތަމަ ގޮންޖެހުމަކީ މިކަމަށް ބޭނުންވާ ޚަރަދުބަރަދުގެ ގޮންޖެހުމެވެ. އަމިއްލަ ޚަރަދުގައި މިސާލަކަށް އެމެރިކާއަށް ގޮސް ހޮސްޕިޓަލެއްގައި ތިން މަހަށް ނުވަތަ ހަމަހަށް ތަޖުރިބާ ހޯދުމަށް ހުރުމަކީ ގާތްގަނޑަކަށް މަހަކަށް ތިރީސް ހާސް ދިވެހި ރުފިޔާގެ ޚަރަދެކެވެ. އަދި ކުރީގައި ދެންނެވި ފަދަ މެޑިކަލް އެގްޒާމުތައް ދިނުމަށް ވެސް ޚަރަދެއް ކުރަން ޖެހެއެވެ. އަދި ޖާގައަކަށް އެދި ހުށަހެޅޭނީ ވެސް ޚަރަދެއް ކޮށްގެންނެވެ. އެހެންކަމުން އެ ޚަރަދުގެ ފައިސާ އެ މީހުންނަށް ހިލޭ ނުވަތަ ދަރަންޏަކަށް ވިޔަސް ހަމަޖައްސައިދިނުމަށް އަޅުގަނޑު ހުށަހަޅާނީ ކައުންސިލަށް ލިބޭ އާމުދަނީންނެވެ. ކޮންމެ އަތޮޅެއްގެ ކުއްޖަކަށް އެ އަތޮޅެއްގެ ކައުންސިލްގެ އާމުދަނީންނެވެ. އަދި އޭގެ އިތުރުން ކޮންމެ އަތޮޅެއްގެ ވިޔަފާރިވެރީން ނެރޭ ޒަކާތު ފައިސާ ސަރުކާރާ ހަވާލުކުރުމުގެ ބަދަލުގައި އެ ފަދަ ކުދީންނަށް ދެވިދާނެއެވެ. އެއީ ދީނީ ގޮތުން ހުރަހެއް އޮތް ކަމެއް ނޫނެވެ. އަދި މި ދުވަސްވަރުގައި ސަރުކާރުތަކުގައި އޮންނަ މާލީ ފަސާދުތަކަށް ބަލާއިރު ރަނގަޅީ ވެސް އެ މީހަކު ނެރޭ ޒަކާތެއް އެ މީހެއްގެ ބެލުމުގެ ދަށުން ބަހައި ނިންމުމެވެ.

ދެވަނަ ގޮންޖެހުން: ދެވަނަ ގޮންޖެހުމަކީ މި ވަގުތު ދިވެހިރާއްޖޭގައި ސިއްހީ ޚިދުމަތުގައި ތިބި މިކަމަށް ކުރިމަތިލާ ދިވެހި ޒުވާން ޑޮކްޓަރުންނަށް މިކަމަށް ޓަކައި ޗުއްޓީ ލިބުމުގެ ގޮންޖެހުމެވެ. ޒަމާނުއްސުރެން އަހަރުމެންގެ ބައެއް ބޭފުޅުންގެ ނަޒަރުގައި ތަރައްގީއަކީ ޚިދުމަތުގައި ތިބޭ މީހުންނަށް އިތުރު ތަޖުރިބާއި ތަމުރީނު ހޯދައިދިނުމަށްވުރެ ބޮޑަށް އެ މީހުން ލައްވާ ބުރަކޮށް މަސައްކަތްކުރުވުމެވެ. އެހެންކަމުން އިތުރު ތަޖުރިބާއެއް ނުވަތަ ތަމުރީނެއް ހޯދުމަށް މުވައްޒަފަކަށް ޗުއްޓީއެއް ދިނުމަކީ ވަރަށްވެސް މަދުން ނޫނީ ނުކުރެވޭ ކަމެކެވެ. އެހެންކަމުން އެ ފަދަ ހަނި ވިސްނުން ދޫކޮށް ދިވެހި ޒުވާން ޑޮކްޓަރުންނަށް ތަޖުރިބާ އާއި ތަމުރީނު ހޯދުމަށް ބޭނުންވާ ޗުއްޓީ ހަމަޖައްސައިދިނުމަކީ މުހިންމުކަމެކެވެ.

ނިންމައިލަމުން އަޅުގަނޑު ދިވެހި ޒުވާން އެމް.ބީ.ބީ.އެސް. ޑޮކުޓަރުންނަށް ގޮވައިލާނީ އުއްމީދު ކަނޑައިނުލައި ސްޕެޝަލައިޒުވުމަށް މަސައްކަތް ކުރާށެވެ. އުންމީދު ކަނޑައިނުލުމަކީ އުނދަގުލާ ކުރިމަތިލާ ހިނދުގައްޔާއި މުސީބާތް މެދުވެރިވާ ހިނދު އެއަށްވުރެ ރަނގަޅުގޮތް މެދުވެރިވާނެ ކަމުގެ މައްޗަށް ހިތްހަމަޖައްސައިގަތުމެވެ. އުއްމީދުކުރުމުގެ ބިންގަލަކީ އެކަމެއް ހާސިލުކުރުމަށް މަސައްކަތްކުރުމެވެ. ތިމާ އުއްމީދުކުރާ ކަމެއް ހާސިލުކުރުމަށް ޓަކައި އަޅާންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައި ކުރަން ޖެހޭ އެންމެހާ މަސައްކަތެއް ކުރުމަކީ ވާޖިބުކަމެކެވެ. އެބަހީ އެއާ ނުލައި އެކަމެއް ހާސިލެއް ނުވާނެއެވެ. ދުނިޔެއިން އިންސާނުންނަށް ކާމިޔާބު ލިބުން ބިނާވެފައި ވަނީ އެބައިމީހުންގެ އަތްފައިން ކުރާ މަސައްކަތުގެ މައްޗަށެވެ.

މަސައްކަތް ނުކޮށް ކާމިޔާބު ލިބޭނޭ ކަމުގެ މައްޗަށް އުއްމީދުކޮށްގެން ހުންނަ ހުރުމަކީ ޝައިތާނީ ވަސްވާސްތެރިކަމެކެވެ. އަދި އެކަމުން ސާބިތުވާނެ އެއް ކަމަކީ މީހާގެ ކަންނެތްކަމެވެ. އެ ސިފަ މުސްލިމަކަށް ނިސްބަތްވެއްޖެ ނަމަ ބެލެވޭނީ ޢައިބެއްގެ ގޮތުގައެވެ. އެނމެހާ ނަބީބޭކަލުންގެ  އުއްމީދުކުރެއްވުން ބިނާވެފައި ވަނީ މެދުކެނޑުމެއްނެތި އެ ބޭކަލުން ކުރެއްވެވި މަސައްކަތްޕުޅުގެ މައްޗަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

2 Responses

  1. ރަނގަޅައް މައުލޫމާތު ލިބިފަނެތްކަން ފާހަގަކުރަން.. މިވަގުތު މެޑިކަލް ކިޔަވަން ބޭރުގަތިބި ސަރުކާރުގެ ސްކޯލާޝިޕްގަ ކިތައްކުދިންތޯ. ސަރުކާރުން އަހަރަކު ކިތައްކުދިންނަށް ފުރުސަތު ހޯދަދޭތޯ ހަމަ އެއްވެސްވަރަކަށް ނެތް ބަލާލެވިފައެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *