Support Us

ލޭގެ އިންފެކްޝަނަކަށް ފަރުވާދެނިކޮށް ލަޔަކް ބޭބީ ނިޔާވެއްޖެ

ހަމުގެ ނުރައްކާތެރި ބައްޔެއް ތަހައްމަލްކުރަމުންދާ އުމުރުން 13 މަހުގެ ޔޫނުސް ލަޔަކް މިއަދު ހެނދުނު ނިޔާވެއްޖެއެވެ. ބެންގަލޯރުގެ ރެއިންބޯ ޗިލްރަންސް ހޮސްޕިޓަލްގައި ލަޔަކް ނިޔާވީ ލޭގެ އިންފެކްޝަނަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާތާ ހަތް ވަނަ ދުވަހުއެވެ.

ލަޔަކް މިއީ، ފުވައްމުލަކަށް އުފަން ހައްވާ އުލާ އިބްރާހިމާއި ފަރަހް ވަހީދަށް ލިބުނު ތިން ބެއިންގެ ތެރެއިން، "ހާރލެކިއުން އިކްތިޔޯސިސް" ބަލީގައި ނިޔާވި ދެ ވަނަ ދަރިފުޅެވެ. މީގެ 11 އަހަރު ކުރިން ލިބުނު ފުރަތަމަ ދަރިފުޅު ވެސް ހަ މަހުގައި ނިޔާވީ އިންޑިއާގައި ފަރުވާކުރަމުން ދަނިކޮށެވެ.

"ހާރލެކިއުން އިކްތިޔޯސިސް" އަކީ ދުނިޔޭގައި ވެސް ވަރަށް މަދުން އުޅޭ ބައްޔެކެވެ. އެ ބަލި ޖެހުމުގެ ފުރުސަތު އޮންނަނީ ކޮންމެ ތިން ލައްކައަކުން އެއް ކުއްޖަކަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި ވެސް އޭގެ ދެތިން ކުދިން އުޅޭ ކަމަށްވެއެވެ. ބޮޑުވަމުން އަންނަ ވަރަކަށް، ﷲގެ ހެޔޮ ރަހުމަތްފުޅާއެކު، އެ ކުދިން ވެސް ރަނގަޅުވަމުން އަންނަ ކަމަށްވެއެވެ.

އެ ދެމަފިރިންނަށް ލިބުނު ދެ ވަނަ ދަރިފުޅުގެ ސިއްހަތު ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ.

ލަޔަކްގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އެހީ ބޭނުން ކަމަށް އާއިލާއިން ބުނުމުން، ހެޔޮ އެދޭ ގިނަ ފަރާތްތަކަކުން މިދިޔަ އަހަރު ފަހުކޮޅު ވަނީ ބޮޑު އެހީއެއް ވެފައެވެ. އޭގެ ފަހުން އިންޑިއާއަށް ދިޔަ މިއީ ދެވަނަ ފަހަރެވެ.

ލަޔަކްގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހުގައެވެ.

"ހާރލެކިއުން އިކްތިޔޯސިސް" އެއީ ކޮން ބައްޔެއް؟

"ހާރލެކިއުން އިކްތިޔޯސިސް" އަކީ ޖެނެޓިކް ޑިސްއޯޑަރއެއްގެ ސަބަބުން މައިގަނޑު ގޮތެއްގައި ހަމަށް ޖެހޭ ބައްޔެކެވެ. މި ކަހަލަ ކުދިންގެ ހުންނަނީ ވަރަށް ބޯ ހަމެކެވެ. ނަމަވެސް އަބަދު ހުންނާނީ ހަންފޮޅި، ހަންތައް ނެއްޓިފައެވެ. ހަންތައް ނެއްޓެމުންދަނީ ހުޅުނބު ގޮތަށެވެ.

އިކްތިއޯސިސްއަކީ މަދުމަދުން ފެންނަ ހަމުގެ ބައްޔެކެވެ. އެ ބަލީގެ ވިއްސަކަށް ބާވަތް ހުރެއެވެ. އޭގެ ތެރެއިން ގިނަ ބާވަތްތަކަކީ މައިންބަފައިންގެ ކިބައިން ވާރުތަވާ ބަލިތަކެކެވެ. ބަލިން ބޮޑުވަރު ވަނީ ދެ މީހުންގެ ކިބައިން ވާރުތަވީމައެވެ. ބަލީގެ އަލާމާތްތައް ޅަފަތުގައި ފެންނަން ފަށައެވެ. އުމުރުން ގިނަ ދުވަސް ވީމާ ކޮންމެވެސް ވަރަކަށް މައިތިރިވެއެވެ. އަދި ދެވަންފުރައަށް ދިޔައީމާ މަދު އަދަދެއްގެ ބަޔަކު މުޅިންހެން ރަނގަޅު ވެއެވެ.

އިކްތިއޯސިސްގެ މުހިންމު އަލާމާތަކީ ހަންގަނޑު އާދައާ ޚިލާފަށް ހިކި، ކުރަކިވުމެވެ. ބަލައިބެލުމަށް ފެންނާނީ މަހުގެ ހުޅުނބުތަކެއް ހެންނެވެ. މި ބަލީގެ ނަން އައިސްފައިވަނީ މިހެންވެގެނެވެ. ގްރީކް ބަހުން މަހަށްކިޔާ ނަމުންނެވެ.

މި ބަލި ފަސޭހަ ކުރެވޭ ބޭހެއް ނުހުރެއެވެ. މާތުރަ، ބައެއް މީހުން އުމުރުން ގިނަ ދުވަސް ވީމާ ބަލި އަމިއްލައަށް ފުދޭވަރަށް ރަނގަޅުވެއެވެ. ބަލިން ލުއި ހޯދުމަށް ހަން ތެތްކޮށް ބަހައްޓާ ކްރީމްތައް ބޭނުން ކުރެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *