Support Us

ސަލްމާން ރަސްގެފާނު މިސްކިތުގެ އިސްކުރުބަރީގައި ފެން ނެތިގެން ވުޟޫނުކުރެވިގެން މީހުން ނުކުންނަނީ.. އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ސަލްމާން މިސްކިތުގެ އިސްކުރުބަރިން ފެން ކެނޑުމުން ވުޟޫނުކުރެވިގެން ގިނަ ބަޔަކު ދާންޖެހިއްޖެ

މިއަދު ހުޅުވި ސަލްމާން ރަސްގެފާނު މިސްކިތުގައި ކުރި ފުރަތަމަ މަޣްރިބު ނަމާދަށް މީހުން ވުޟޫކުރަން ތިއްބާ އިސްކުރުބަރިން ފެން ކެނޑިގެން މިސްކިތަށް ނޭރި ގިނަ ބަޔަކު ދާންޖެހިއްޖެއެވެ.

"ގަމަތް ނުދެނީސް ވުޟޫކުރަން ވަނީ. އޭރު ފެނެއް ނެތް. އެހެންވެ އަވަހަށް ދިޔައީ (ކައިރީގައި ހުރި) ނޫރު މިސްކިތަށް،" ރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް ފުރަތަމަ ފަހަރު އަރަން އުޅުނު އަބްދުﷲ ޝަރީފު ބުންޏެވެ.

އަހުމަދު އާސިފު ބުނީ އިސްކުރުބަރިން ފެން ކެނޑުނީ އޭނާ ވުޟޫކުރަން ހުއްޓާ ކަމަށެވެ.

ވުޟޫކުރާނެ ފެން ނުލިބުމުން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

މިސްކިތަށް ނޭރިގެން އެތައް ބަޔަކު ދިޔަ ނަމަވެސް މިރޭގެ މަޣްރިބު ނަމާދުގައި މިސްކިތުގެ ނުވަ ސަފު އޮތީ ފުރިފައެވެ.

ސައުދީ ރަސްގެފާނު ހަދިޔާ ކުރެއްވި ފަސް ބުރީގެ ބިޔަ ބޮޑު "މަސްޖިދު މަލިކު ސަލްމާން"، ރަމަޟާން މަހާ ދިމާކޮށް ވަގުތީ ގޮތުން ހުޅުވީ މިއަދުގެ ހުކުރު ނަމާދަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ބިނާކުރަން ފަށައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަސައްކަތް ނިމުނު ނަމަވެސް، ނުހުޅުވާ ދެތިން އަހަރުވެފައިވާ، ފަސް މުންނާރުގެ މި މިސްކިތުގައި ކުރި ފުރަތަމަ ނަމާދުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި އެ މިނިސްޓްރީގެ ބައެއް ބޭފުޅުން ފިޔަވައި، ސަރުކާރުގެ އިސް ބޭފުޅުންނެއް، މިސްކިތުގެ ކުރީ ސަފަކުން ނުފެނެއެވެ.

އެއްފަހަރާ ނުވަ ހާސް މީހުންނަށް ނަމާދުކުރެވޭ، 25 މިލިއަން ޑޮލަރުގެ ސަލްމާން ރަސްގެފާނު މިސްކިތުގައި މިއަދު ނަމާދު ކުރަންފެށި ނަމަވެސް، މިސްކިތުގެ ނަން ބޯޑު އަދިވެސް ހުރީ ފޮރުވައިފައެވެ. މުޅި ތަން އެއާކޯން ކޮށްފައިވާ މި މިސްކިތުގައި އެއްވެސް ފަންކާއެއް ނުހުރެއެވެ. ގަޑިއެއްވެސް ނެތެވެ. ނަމާދު ވަގުތުތައް އަންގައިދޭ ޑިސްޕްލޭއެއް ވެސް ނެތެވެ. އަދި ފަސް މުންނާރު ހުއްޓަސް، އެއްވެސް މުންނާރަކުން ބަންގި އެއްވެސް ނުގޮވައެވެ.

ރާއްޖޭގައި އެންމެ ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ މި މިސްކިތުގެ ފުރަތަމަ ބުރި ހާއްސަކޮށްފައި ވަނީ ފިރިހެނުންނަށެވެ. އެ ބައިގައި 2،265 މީހުންގެ ޖާގަ އޮވެއެވެ. ހަމައެކަނި އަންހެނުން ނަމާދުކުރާ ދެ ވަނަ ބުރީގައި 1،755 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ތިނެއް އަދި ހަތަރު ވަނަ ބުރީގައި ކޮންފަރެންސް ހޯލް، އަދި ފަސް ވަނަ ފަބުރީގައި ހުންނަނީ މަލްޓިޕަރޕަސް ހޯލާއި ލައިބްރަރީއެކެވެ. އަދި ގޯތިތެރޭގައި 5،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސަލްމާން މިސްކިތުގައި ހުކުރު ދުވަހުން ފެށިގެން ނަމާދުކުރަން ފެށި ކަމުގައިވިޔަސް ރަސްމީކޮށް މިވަގުތު ބޭނުންކުރާނީ ހަމައެކަނި ފުރަތަމަ ދެ ބުރި ކަމަށެވެ. އަދި ލިފްޓުތައް މިވަގުތު އާންމުކޮށް ބޭނުން ނުކުރި ނަމަވެސް ބަލި މީހުންނާއި ސިޑިން ނޭރޭ މީހުންނަށް ލިފްޓު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މިސްކިތުން މިރޭ ފެން ކެނޑުނު މައްސަލައިގައި އިސްލާމިކް މިނިސްޓްރީން އަދި ބަހެއް ނުލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް