Support Us

ޝިޔާމުގެ "ތިރީސް ކުރުވާހަކަ" ނެރުމުގެ ހަފުލާގެ ތެރެއިން... -ފޮޓޯ: ޝިޔާމް

ޝިޔާމުގެ "ތިރީސް ކުރުވާހަކަ" ބާޒާރަށް ނެރެފި

ތަޖުރިބާކާރު ލިއުންތެރިޔާ އަހުމަދު ޝިޔާމުގެ "ތިރީސް ކުރުވާހަކަ" ބާޒާރަށް ނެރެފިއެވެ.

ގައުމީ ކުތުބުޚާނާއި އިއްޔެ ހަވީރު އޮތް ހަފުލާއެއްގައި މި ވާހަކަ ފޮތް ނެރެއްދެއްވީ ވާހަކަ ލިއުއްވުމާއި ދިވެހިބަހުގެ އުސްތާޒެއް ކަމަށްވާ މަޑުލު މުހައްމަދު ވަހީދެވެ. އިއްޔެގެ ހަފުލާގައި ލިއުންތެރިކަމާ ގުޅުންހުރި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޝިޔާމު، 54، ލިޔުންތެރިކަމުގެ ތެރެއަށް ވެންނެވީ މީގެ 35 އަހަރު ކުރިންނެވެ. އެގޮތުން ފުރަތަމަ ނޫސްތަކަށް ލިޔުއްވަން ފެއްޓެވިއެވެ. "ހަވީރު" ނޫހުގެ ޒުވާނުންގެ ސޮފުހާ ތައްޔާރު ކުރައްވަން ފެއްޓެވިއެވެ. އެއަށްފަހު "އާފަތިސް" އަށާއި "ފުރަދާނަ" ނޫހަށް ލިޔުއްވިއެވެ. އަދި "ފިޔެސް" މަޖައްލާގެ އެޑިޓަރުކަމާއި މަސްއޫލުވެރިކަން ކުރެއްވިއެވެ. އަދި ލިޔުންތެރިންގެ ގުޅުމުގެ އޮންލައިންނަށް ވެސް ލިޔުއްވައެވެ. މީގެ އިތުރުން ސިނަމާލެ ބުރިޖާ ގުޅޭ ގޮތުން މިހާތަނަށް ލިޔެވުނު ހަމަ އެކަނި ފޮތުގެ އެއް މުސައްނިފަކީ ވެސް ޝިޔާމެވެ. އަދި އެމްޓީސީސީގެ ކާމިޔާބު 40 އަހަރުގެ ފޮތް ލިޔުއްވީ ވެސް ޝިޔާމެވެ.

ޝިޔާމް ނެރުއްވި ފުރަތަމަ ވާހަކައަކީ އިބްރާހިމްގެ ހުވަފެނެވެ. އެ ވާހަކައަކީ ވެސް ކިއުންތެރިންގެ ތެރޭގައި މަގުބޫލުވި ވާހަކައެވެ.

"ޝިޔާމަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި އެކި ރަށްރަށުގެ މީހުންގެ ދިރިއުޅުން ގާތުން ފެނިވަޑައިގެންފައިވާ ބޭފުޅެކެވެ. މި ފޮތުގައި މި ނުކުންނަ ތިރީސް ވާހަކައިގައި ދިވެހިންގެ ދިރިއުޅުމާއި ގުޅުންތައް ހުރިގޮތުގެ ތަފާތު ކަންތައްތައް ސިފަކޮށް ދެއްވާފައި ވެއެވެ. އިޝްގީ ލޯތްބާ އާއިލީ ދިރިއުޅުމުގެ މިސާލު ތަކުން ވެސް މެއެވެ. އެކި މީހުން ލޯބީގައި ކޮށްފައިވާ ތަޖުރިބާ ތަކާއި، ރަށްރަށުން މާލެ އައިސް ދިރިއުޅުމާއި ހަނގުރާމަ ކުރަމުން ދާ އާއިލާތަކުގެ ވޭނާ އުދާސް ތައްވެސް ބަޔާން ކޮށްދެއްވާފައި ވަނީ ހަގީގީ އަސަރާ އެކުގައެވެ،" މި ވާހަކަ ފޮތާ ބެހޭ ގޮތުން މަޝްހޫރު ލިއުންތެރިޔާ ޙަސަން ޝާކިރު މުޙައްމަދު ލިއުއްވައިފައިވެއެވެ. "މިފޮތަކީ ވިދާޅުނުވެ ދޫކޮށްލާ ވަރުގެ ފޮތެއް ނޫނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޝިޔާމުގެ އިތުރު ވާހަކަ ފޮތްތައް ނުކުންނާނޭ ކަމަށް އުންމީދު ކުރަމެވެ."

ޝިޔާމުގެ "ތިރީސް ކުރުވާހަކަ" ނެރުމުގެ ހަފުލާގެ ތެރެއިން… -ފޮޓޯ: ޝިޔާމް

ޝިޔާމްގެ ކުރު ވާހަކަތަކާ ބެހޭ ގޮތުން ލިއުއްވި ބަޔާނެއްގައި މަޝްހޫރު ލިއުންތެރިޔާ އިބްރާހީމް ހުސެން މަނިކު ވިދާޅުވިއެވެ.

"ފޮތަކަށް އެއްކޮށްލައިފައި މިވާ ޝިޔާމުގެ ކުރުވާހަކަތައް، މިދިޔަ އަހަރުގެ ރޯދަމަހު، މާލޭގައި ނިކުންނަ ދުވަހު ނޫހަކުން، އެކި ދުވަސް މަތިން ކިޔައިލުމުގެ ނަސީބު އަޅުގަނޑަށް ވަނީ ލިބިފައެވެ. ނުހަނު ތަޖުރިބާކާރު ނޫސްވެރިއަކަށް ވިޔަސް މިއީ ކުރު ވާހަކައިގެ ރޮނގުން ޝިޔާމްގެ ގަލަންކޮޅު ފިރުކައިލެވުނު ފުރަތަމަ ފަހަރުކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް، ޝިޔާމުގެ ވާހަކަތައް އަޅުގަނޑަށް ކިޔައިލެވުނީ، ހީކުރެވުނު ގޮތާ ޚިލާފަށް، ފޫހިކަމެއް ނެތި ހަމަ ކިޔާލާހިތުންނެވެ. މި ގޮތުން ބައެއް ވާހަކަ ދެ ފަހަރަކު ވެސް ކިޔައިލެވުނެވެ."

އިބްރާހީމް ހުސެން މަނިކު އަދިވެސް ވިދާޅުވެފައިވެއެވެ.

"މީގެ މިސާލަކަށް "ބާލީސް" މި ވާހަކަ ނަގާނަމެވެ. ވާހަކައިގައި ބަޔާންކުރައްވައިފައި ވަނީ ރާއްޖެތެރޭގެ ވަރަށް ގިނަ ކުޑަކުދިންތަކެއްގެ ތަޖުރިބާއެވެ. ޚާއްސަކޮށް މި ޖީލުގެއެވެ. އެއީތޯއެވެ؟ އެއީ މައިންބަފައިންގެ ލޯތްބާއި ހިމާޔަތުން ވަކިވެ މާލެއަށް ނުވަތަ އެހެން ވެސް ރަށަކަށް، ދުރުހިލޭ ބައެއްގެ ތެރެއަށް، ކިޔަވަން ގޮސް ހުރުމެވެ. މިފަދަ ވަކިވުމެއްގެ ވޭނާއި އުދާސްތައް ވަރަށް ގިނަ ފަހަރު ތަހައްމަލު ކުރަން ޖެހިފައި އޮންނަނީ ހަމައެކަނި ކުޑަކުދީންނަކަށް ނޫނެވެ. އަދި ކީއްތޯއެވެ؟ އެ ކުދިންގެ މައިންބަފައިންނަށް ވެސް މެއެވެ. ވަކިން ޚާއްސަކޮށް މަންމައަށެވެ. މި ގޮތުން ބައެއް މައިން ހަޔާތުގެ ނިމުން ދެކެނީ ދަރިފުޅު ލޮލަށް ފެނިލުމުގެ ނަސީބު ވެސް ނުލިބިއެވެ. އެހެންނަމަވެސް ދަރިފުޅު މަތިން ހަނދާންކުރަމުންނެވެ. ވަރަށް އަސަރު ހުރި ގޮތަކަށް މި ވާހަކަ "ބާލީސް" ނިމޭ ހިސާބުގައި ގެންނަވައިފައި ވަނީ އަންނަނިވި މޭރުމުންނެވެ.

"އަހަރެންނާ ވަކިވެގެން މަންމަ އެ ދިޔައީއެވެ. އެންމެ ފަހު ވަގުތަށް ވެސް މަންމަ ބޯއަޅައިގެން އޮތީ އަހަރެންގެ އުފާތަކާއި ހިތާމަތަކުގެ ވެރި ބާލީހުގައެވެ."

"މީގެ ދެވަނަ މިސާލަކީ "ހިތުގެ ގުޅުން" މި ވާހަކައެވެ. ވާހަކައިގެ ބަޠަލާ ސަލްމާ ނަސީމަކީ ދެވަންފުރައިގެ އަންހެނެކެވެ. އެއީ މީރުކޮށް ކާއެއްޗެހި ހަދަން ދަންނަ، އުޅުންތެރި، ގޮތެއް ވެސް ހުރި އަންހެނެކެވެ. ކުރިން ކައިވެނިން ގުޅިގެން އުޅުނު ޒާހިރަކީ ދުނިޔޭގެ ނަޒަރުން ބަލާއިރު ސަލްމާއާ އަރާއަރަފޯދިގެންވާ މުއްސަނދި ފިރިއެކެވެ. ޒާހިރު މިހާރު ވެސް ލޮލާއިބޮލުން އެދިއެދި ހުރީ ސަލްމާއާ ގުޅުންކަން ބަޔާންކޮށް ސަލްމާއަށް އުފަންދުވަހުގެ ހަދިޔާ ފޮނުވައެވެ. އެހެންނަމަވެސް ސަލްމާ އުފަލެއް ނުވިއެވެ. ޒާހިރު ފަދަ މީހަކާ ގުޅުމަށް ވުރެ ހަޔާތުގެ ކުރިޔަށް އޮތް ދުވަސްތައް އެކަނިވެރިކަން މަތީ ހޭދަކޮށްލުން ވެސް އޭނާއަށް މާ އުފައުވެރިއެވެ. އޭނާ ބޭނުންވަނީ އޭނަޔާއެކު އިރުއަރާ އޮއްސޭ ތަނާއި ވާރޭވެހޭ މަންޒަރު ބަލައިލައި، އޭނާގެ ހިތުގައި ހުރި ވާހަކަތައް ހިއްސާކޮށްހަދާނެ ހިތުގެ ގުޅުން އޮތް ބައިވެރިއެކެވެ. ޒާހިރަކީ އެފަދަ މީހަކަށް ނުވެއެވެ.

"ބާލީހެކޭ" އެއްފަދައިން "ހިތުގެ ގުޅުމަކީ" ވެސް ހަޔާތުގެ ތަސައްވަރެއް ހިތަށް ގެނެސްދޭ ނުހަނު އަސަރު ހުރި ވާހަކައެކެވެ.

"ޖުމުލަކޮށް ދަންނަވާ ނަމަ ޝިޔާމްގެ މި ވާހަކަތަކުގެ ޓުކުރިން "މިއޮތީ އައު ކުކުޅު އެޅި ގާބިހެކޭ" ކިޔައި ނަގައިފައި ދައްކާނެ ހަމަ އެއްވެސް "ބިހެއް" އަޅުގަނޑަކަށް ފާހަގައެއް ނުކުރެވުނެވެ. އަދި ކީއްތޯއެވެ؟ މީގެ ތެރެއިން އިސްވެ ދެންނެވި ދެ ވާހަކަ އެއީ އައު ކުކުޅު އެޅި ރަންބިހޭ ދެންނެވުން އެއީ ޚުޝާމަދުން އެއްކިބާވެ ހަގީގަތަށް އިއުތިރާފުވުން ކަމަށް ދެކެމެވެ."

ޝިޔާމުގެ "ތިރީސް ކުރުވާހަކަ" ނެރުމުގެ ހަފުލާގެ ތެރެއިން… -ފޮޓޯ: ޝިޔާމް

ޝިޔާމްގެ ކުރު ވާހަކަތަކާ ބެހޭ ގޮތުން އެ ފޮތުގައި އޭނާ ލިއުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ލިޔުނު ވާހަކަ "އިބްރާހީމްގެ ހުވަފެން" ފޮތެއްގެ ސިފައިގައި ބާޒާރަށް ނެރުނީ 2017 ވަނަ އަހަރުއެވެ. އެ ވާހަކައަށް ފަސް އަހަރު ފަހުން، އަލުން ތިރީސް ކުރުވާހަކަ އެއް ފޮތެއްގައި ނެރުމަށް ނިންމީއެވެ. މި ވާހަކަތަކަކީ ހިޖުރައިން 1442 ވަނަ އަހަރު (2021މ) ރޯދަ މަހު، ދުވަހު ނޫސް ވަގުތުގައި ޝާއިއު ކުރެވުނު ވާހަކަތަކެވެ. އެ ނޫހުގެ މަސްއޫލުވެރިން މި ވާހަކަތައް ފޮތެއްގެ ސިފައިގައި ނެރުމުގެ ހުރިހާ ހައްގުތަކެއް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ޝުކުރުވެރި ވަމެވެ.

"އަޅުގަނޑުގެ ޒުވާން ދުވަސްވަރު ދިމާވެފައިވާ އެކިއެކި ކަންކަމުގެ ހަގީގީ ވާހަކަތައް މިފޮތުގައި އެކުލެވިގެން ވާނެއެވެ. އަދި އަޅުގަނޑުގެ ރަޙުމަތްތެރިންނަށް ދިމާވެފައިވާ ބައެއް ކަންކަމުގެ ވާހަކަތައް ވެސް ވާނެއެވެ. އަދި މީގެ އިތުރުން ޚިޔާލީ ވާހަކަތައް ވެސް މަދެއް ނުވާނެއެވެ. ނަމަވެސް ކޮންމެ ޚިޔާލީ ވާހަކައެއް ވެސް އުފެދިގެން އަންނަނީ ކަމަކާއި ގުޅިގެންނެވެ. އަޅުގަނޑަށް އެކި ތަންތަނުން ފެންނަ މީހުންނާއި ކަންކަމުން ޚިޔާލު ނެގެއެވެ. މިއީ ވާހަކަ އުފެދިގެން އަންނަ ގޮތް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ.

"މި ފޮތުގައި ވާ ވާހަކަތަކުގެ ކުށް ފިލުވައި ދެއްވީ އަޅުގަނޑުގެ އެކުވެރި ޙަސަން ޝާކިރު މުޙައްމަދެވެ. ފޮތުގެ ބޭރު ގަނޑާއި އެތެރޭގެ ސޮފުޙާތައް ފަރުމާކޮށްދެއްވައި، ސްރީލަންކާއިން ޗާޕު ކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވީ ރަޙުމަތްތެރި ޢަބްދުﷲ ނަޢީމް އިބްރާހީމެވެ. މި ފޮތަށް ބަޔާނެއް ދެއްވީ، އަޅުގަނޑުގެ ވާހަކަތަކަށް ނުހަނު ޝައުގުވެރިކަމެއް ބަހައްޓަވާ އަދި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަލްއަޚް އިބްރާހީމް ޙުސައިން މަނިކެވެ. މި ހުރިހާ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަމެވެ. ވާހަކަތައް ލިޔުމުގައި އެއްބާރުލުން ލިބުނު އަޅުގަނޑުގެ ލޯބިވާ އަންހެނުން ޚަދީޖާ އިސްމާޢީލަށް ހިތުގެ ލޯތްބާ އެކު ފަށްފަށުން ޝުކުރިއްޔާ އެވެ."

ޝިޔާމުގެ "ތިރީސް ކުރުވާހަކަ" ލިބެން ހުރީ ނޮވެލްޓީ ބުކްޝޮޕުންނާއި އަސްރަފީ ބުކްޝޮޕުންނާއި ޝިޔާމުގެ އަތްޕުޅުންނެވެ. އަގަކީ 100ރ. އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް