Support Us

މިއަހަރު ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވޭނެ: ރައީސް

މިއަހަރު ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވޭނެ ކަމަށާއި އަދި ރާއްޖޭގެ 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާ ކުރުން މިހާރު ކޮންޓްރެކްޓް ކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަންނަ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިމޭނެ ކަމަށާއި މިކަމަކީ ރައްކާތެރި އަމާން ރާއްޖެއެއް ކަށަވަރު ކުރުމަށް ހިންގޭ ބޮޑު މަޝްރޫޢެއްކަން ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަކީ މި ސަރުކާރާ ރައްޔިތުން މަތިކުރި ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި މި ވޭތުވެދިޔަ ތިން އަހަރު ކުރެވުނު މަސައްކަތުން ފުލުހުންގެ ޚިދުމަތަށް، ހެޔޮ ބަދަލު ގެނެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރެވުނު މަސައްކަތުން ރާއްޖޭގައި ފުލުހުން ގާއިމުވެ ތިބޭ ހުރިހާ ރަށެއްގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތުގެ ހުނަރާއި ތަމްރީނު ފެށި، މިހާރު ހިނގަމުން އަންނަކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފުލުހުން ބިނާ ކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓަކީ ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރެއްވިއެވެ. އަދި މިތަނަކީ ރާއްޖެ- ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި، ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކުވައިދޭ ރަމްޒެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގައި ސަރުކާރުން އިސްކަންދޭ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތާއި ހުނަރާއި ޤާބިލްކަމާއި ޓެކްނޮލޮޖީ ފުލުހުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންތިޒާމް ވެގެން ހިންގާ ކުށްތަކާއި ޑްރަގް ނެޓްވޯރކް ތަކުގެ ގުޅުމަކީ ރާއްޖޭގެ އަމާންކަމާއި ސުލްޙަ މަސަލަސްކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުންކަމާއި އަދި އެއީ ރައްޔިތުންގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް ޚާއްޞަ ޓާސްކް ފޯސްތަކެއް އެކުލަވާލައި މަސައްކަތްކުރަމުން އަންނަ ކަމަށާއި އޭގެ ހެޔޮ ބަދަލު ވަރަށް އަވަހަށް ފެންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ހެޔޮ ގޮތުގައި ހޭދަ ކުރެއްވުމަށް ނަޞޭޙަތްތެރި ވެވަޑައިގަންނަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ލިބިވަޑައިގެންނެވި ފުލުހުންނަށް ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މޯބައިލް އެޕްލިކޭޝަން ވެސް އިފްތިތާޙް ކޮށްދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އެކަމަކު އިންޑިއާ ސިފައިން އެ ތަންތާގައި ތިބޭ ގޮތަށް. އޯކޭދޯ؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް