"ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވާފައި ވަނީ މިކަމަށްޓަކައި މިއަދު ހަވީރު ޕީއެސްއެމްގެ ޓެލެވިޜަން މޯލްޑިވްސް ބިލްޑިންގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކުރިޔަށް ގެންދާ މަޝްރޫޢެކެވެ. މި އަހަރުގެ ފެބްރުއަރީ މަހުގައި ޢަމަލީ މަސައްކަތް ފެށުނު މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭނީ ރާއްޖޭގައި ޑިޓިޓަލް ޓީވީ ނެޓްވަރކެއް ޤާއިމްކުރުމުގެ މަސައްކަތެވެ. މިގޮތުން، 2024 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާ މި މަޝްރޫޢު ނިމޭއިރު ހައި ޑެފިނިޝަން ކޮލިޓީގައި ލޯކަލް އަށް ޗެނަލް މުޅިން ހިލޭ ރާއްޖޭގެ އާބާދީގެ 90 އިންސައްތަ ސަރަޙައްދަށް ފޯރުކޮށްދެވޭނެއެވެ.
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކަކީ ވަރަށް ގިނަ، ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭ ވިއުގައެކެވެ. މީގެ އެންމެ މުހިންމު ކަމަކީ މި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤުދުރަތީ ކާރިސާއެއް ދިމާވާ ޙާލަތެއްގައި ދުރާލާ އިންޒާރުދޭ ނިޒާމެއް ޤާއިމްކުރެވިފައިވާ ކަމެވެ.
މި ރަސްމިއްޔާތުގައި ޖަޕާނު ސަފީރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.



advertisment