އައްޑޫ ސިޓީ މީދޫގެ ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުވައިދެއްވައިފިއެވެ.
މީދޫ ބަނދަރުގެ މަސައްކަތް ކުރިޔަށްގެންގޮސްފައި ވަނީ އެމްޓީސީސީންނެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމާއި ސޭންޑް-ފިލް ބްރޭކްވޯޓަރ ހެދުމާއި 115 މީޓަރުގެ ބޭރުތޮށި ޖެހުމާއި 496 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެއެވެ.
މި ބަނދަރު ހުޅުވައިދެއްވުމަށްފަހު ވަނީ އައްޑޫ ސިޓީ ކައުންސިލާ ބަނދަރު ހަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހުޅުދޫ ބަނދަރުގެ މަސައްކަތް ކުރިޔަށްދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި ބަނދަރުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. ހުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ ވެސް އެމްޓީސީސީންނެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި 624 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 114 މީޓަރުގެ ބްރޭކްވޯޓަރ ޖެހުމާއި 742 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެއެވެ
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ހުޅުދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ "ވިލުނު" އަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ.
މިތަނަކީ ދެކުނު ސަރަޙައްދަށް އަމާޒުކޮށް ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިންޑިޔާ ސަރުކާރުގެ އެހީގައި ޤާއިމުކޮށްފައިވާ ތަނެކެވެ. މިތަނުގައި 60 މީހުންގެ އިންހައުސް ކެޕޭސިޓީ ހިމެނޭއިރު މިތަނުން ދެވޭ ފަރުވާ ޕްރޮގްރާމް ފަރުމާކުރެވިފައި ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބްލިއުއެޗްއޯގެ ކޮންސަލްޓެންސީގެ އެހީގެ ދަށުންނެވެ. މި ތަނުން ދެވޭ ފަރުވާގެ ތެރޭގައި ޑިޓޮކްސިފިކޭޝަން ޓްރީޓްމަންޓް، ރެސިޑެންޝިއަލް ޓްރީޓްމަންޓް، ކޮމިއުނިޓީ ރިހެބިލިޓޭޝަން އަދި ރީ އިންޓަރގްރޭޝަން ފަރުވާ ހިމެނެއެވެ.



advertisment