...

Support Us

އަވަސް ރައިޑުގެ އެޕް ބޭނުންކުރާ އެންމެންގެ ސަމާލުކަމަށް!

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖެއް އަޅައި އެ ބްރިޖުން ދަތުރު ކުރެވޭނޭ ގޮތް ހަމަޖެހުމުން އެންމެ ފުރަތަ އުފެދުނު ބަހުސަކަށްވީ އެ ބްރިޖުން ދަތުރުކުރާ ޓެކްސީތަކުގެ އަގުތަކަކީ ކޮބައިތޯއެވެ. މި ދަތުރު ތަކުގައި ހަރަދުވާނޭ ތެޔޮ ގިނަވާނެ ކަމުގައި ޑްރައިވަރުން ބުނެ މި މައްސަލަ ވަރަށް ހޫނުވިއެވެ. މިއީ ކުޑަކަމެއްގެ ގޮތުގައި މިހާރު އިހުސާސް ވިއަސް މިއީ އޭރު ވަރަށް ބޮޑުވި މައްސަލައެކެވެ.

އޭރު އޮތީ 2018ގައި ހުވާކުރި އައު ސަރުކާރު ކަމުން މިހާރު ހުންނެވި ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ކޮންމެވެސް ގޮތަކަށް މިކަމަށް ހައްލެއް ގެނެސްދެއްވައި ހުޅުމާލެ އާއި މާލެއާއި ދެމެދު ދަތުރު ކުރާ ހުރިހާ ޓެކްސީތަކުގެ ތެރެއިން ކެބް އެމްވީ އަދި އަވަސް ރައިޑުން ރޭގަނޑު 12 ގެ ކުރިން ނަގާ ޓެކްސީއެއް ނަމަ ދޭންޖެހޭނޭ އަދަދަކީ 75 ރުފިޔާ ކަމުގައި ކަނޑައެޅުއްވިއެވެ. ނަމަވެސް އޭރުވެސް ބައެއް ސެންޓަރު ތަކުގެ ޓެކްސީ ތަކުން ދިޔައީ ބޭނުންހާ އަދަދެއް ނަގަމުންނެވެ. އެހެނަސް ދުވަސް ތަކަކަށްފަހު ޑްރައިވަރުން ކުރަމުން މިދިޔަ ޝަކުވާ އާދެ، ހުޅުމާލެއާއި މާލެ އާއި ދެމެދު ނަގަންޖެހޭނީ 75 ރުފިޔާ އަށް ވުރެ ބޮޑުކޮށްކަމުގައި ބުނާ ބުނުންތަކުގެ ރުޅި މަޑުވެ ހަމައަކަށް އެޅުނުތަން އެންމެނަށްވަނީ ފެނިފައެވެ. އަދި އެހެނިހެން ސެންޓަރު ތަކުން ގުޅައިގެންނާ މަގުމަތިން އަތް ނަގައިގެން ހޯދާ ޓެކްސީތަކުންވެސް 75 ރުފިޔާ ދިނުމުން މައްސަލަ ޖެއްސުމަކާ ނުލައި އެދިން އަދަދުގައި ހިފައެވެ. އަދި 100 ރުފިޔާ ދީފިނަމަ ބާކީ 25 ރުފިޔާ އަނބުރާ ލިބޭވެސް މެއެވެ.

ނަމަވެސް ދާދި ފަހަކުން ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމަ ފެށުމާއެކު ކުއްލިޔަކަށް ތެލުގެ އަގު މައްޗަށް ޖެހިލުމުން ޑްރައިވަރުންތައް ހަމަ ކުރިޔެކޭ އެއްފަދައިން އަޑުގަދަކޮށް މުޒާހަރާ ކުރާން ފެށިއެވެ. އެމީހުން ބުނާގޮތުގައި ދެން 75 ރުފިޔާ އަކަށް ދަތުރެއް ނުކުރެވޭނެއެވެ. ނަމަވެސް މިއީ ކުރިއެކޭ އެއްފަދައިން ބައެއް ޑްރައިވަރުންނެވެ. ހުރިހާ ޑްރައިވަރުންނެއް ނޫނެވެ. މި މުޒާހަރާގައި މަޝްއޫލުވެ އުޅޭތާ ދެތިން ދުވަހެއްގެ ތެރޭގައި ކުއްލިޔަކަށް އިވުނީ ތެލުގެ ކަންތައް ދުނިޔޭގެ މަސްރަހުގައި ހަމަޖެހުނު ވާހަކައެވެ. އެހެންކަމުން ސަރުކާރުންވެސް ޑްރައިވަރުން މިކަމުގައި މުޒާހަރާ ކުރި ނަމަވެސް ޓެކްސީ ދަތުރު ތަކަށް ވަކި އައު އަދަދު ތަކެއް ދޭންޖެހޭނޭ ކަމުގައި އާންމުންނަކަށް އަގަވާފައެއް ނުވެއެވެ.

ކުރިންވެސް ދެންނެވިފަދައި ހުޅުމާލެއާއ މާލެއާ ދޭތެރޭގައި ދަތުރު ކުރުމަށްޓަކައި އަވަސް ރައިޑް އަދި ކެބްއެމްވީގެ ފީތައް އޭރު އެއް ހަމަކުރެއްވުމާ ގުޅިގެން އާންމުންނަށް ސަރުކާރުން ވަކި އެއްޗެއް މިފަހުންވެސް ނާންގަވާހާ ހިނދު އަދި އަވަސް ރައިޑްގެ އެޕްގައި ދޭންޖެހޭ އަދަދު ފެންނަން އޮންނައިރު އިތުރަށް އެންމެ ލާރިއެއްވެސް ދޭން ނުޖެހޭނެ ކަމުގައި ޤަބޫލު ކުރެވެއެވެ. ސަބަބަކީ ޓެކްސީ ސެންޓަރުތަކުގެ މައި އިދާރާއަކީ ޓްރާންސްޕޯޓު މިނިސްޓްރީ އެވެ. އަދި މައި އިދާރާއިން އެންގި ގޮތަކަށް މެނުވީ ޓެކްސީތައް އަދި ދުއްވާ އެއްވެސް އުޅަނދެއް އަމަލު ކުރިއަދީގެންނުވާނެއެވެ.

ނަމަވެސް ސަރުކާރުން ވަކި އަދަދު ތަކެއް ކަނޑައަޅުއްވާފައި ވީހިނދުވެސް މިކަމުގައި ނާޖާއިޒް ފައިދާ ނަގާ ޑްރައިވަރުން އެބައުޅޭ ކަމުގައި ފާހަގަ ކޮށްލަމެވެ. މިއީ ގަވާއިދާ ޚިލާފަށް ކުރެވޭ ކަމެކެވެ. މާލެ ހުޅުމާލެ ދަތުރު ތަކަށް އަވަސް ރައިޑު އެޕް ބޭނުންކޮށްގެން ޓެކްސީ ނަގާއިރު ރޭގަނޑު 12ގެ ކުރިންނަމަ 75 ރުފިޔާ ކަމުގައި އަރައެވެ. އަދި ރޭގަނޑު 12ގެ ފަސް ނަމަ 80 ރުފިޔާ ފެންނަން އޮވެއެވެ. އަދި މި އަދަދު ފެންނަން އޮންނަނީ ތިމާއަށް އެކަންޏެއްވެސް ނޫނެވެ. ހުދު ޑްރައިވަރަށްވެސް ފެންނަން އޮވެއެވެ. މިހެން މިއަ ދަދު ފެންނަން އޮވެމެ އެއްބައި ޑްރައިވަރުން މިގެންދަނީ ދަތުރު ނިމުމާއެކު ރޭގަނޑު 12ގެ ކުރިން ކުރެވޭ ދަތުރު ތަކުގައި 80 ރުފިޔާ ދޭންޖެހޭނެ ކަމުގައި ފަސިންޖަރުން ގާތުގައި ބުނަމުންނެވެ. މިއީ މިކަމާ މެދު އާންމުން ސަމާލު ވާންޖެހޭ ކަމެކެވެ.

މިއީ މިފަހަކަށް އައިސް ވަމުންދާ ކަމެކެވެ. އަވަސް ރައިޑަށް މިކަން އެނގޭކަމެއް ނޭނގޭ ކަމެއް ބުނަން ދައްޗެވެ. ގަބޫލު ކުރަން ބޭނުންވަނީ ނޭނގޭ ކަމަށެވެ. ނަމަވެސް އަވަސް ރައިޑުގެ ބައެއް ޑްރައިވަރުން ދަނީ މިކަން މިގޮތަށް ކުރަމުންނެވެ. ކޮންމެ ސަރުކާރަކުންވެސް އާންމުގެ ކަންކަން ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރައްވާއިރު މަތީ ފަރާތްތަކަށް ބޯނުލަނބާ ބަޔަކު އަބަދުވެސް އުޅޭނެއެވެ. ނަމަވެސް މިގޮތަށް އުޅޭ ފަރާތްތަކަށް އާނއެކޭ ބުނަންވެއްޖެއާ އާންމު ރައްޔިތުންނަށް މީގެން ވާނޭ ގެއްލުން ވަރަށް ބޮޑުވާނެކަން ހަނދާންކުރާށެވެ. މިކަމުގައި މިގޮތަށް އަމަލު ކުރަމުން އަންނަ ޑްރައިވަރުންނަށް އެއްބާރުލުން ދޭންވެއްޖެނަމަ ސަރުކާރުން ރައްޔިތުންގެ ކަންކަން ހަމައަކަށް އެޅުވުމަށްޓަކައި ކުރައްވާ މަސައްކަތްތަކަށް ހީނަރުކަން އައިސް ރައްޔިތުން އުޅެންޖެހޭނީ އެއިރަކު އެބަޔަކު ހިތުކުރި އަދަދެއް ކިޔާލުމުން އެ އަދަދެއް ދޭން މަޖުބޫރުވާ ހާލަތެއްގައެވެ.

ރޭގަނޑު 12ގެ ކުރީގައި 75 ރުފިޔާ އޮންނައިރު ދަތުރު ނިންމާ ގޮތަށް ކުއްލިޔަކަށް 80 ރުފިޔާއޭ ބުނުމުން ޝޮކަކަށް ގޮސްގެން 25 ރުފިޔާ ބާކީ ދޭންޖެހޭނެއޭ ނުބުނެ ޓެކްސީން ފައިބާ މީހުންނާއި ދަތުރު އަވަހަށް ނިންމާފައި ޒުވާބު ނުކޮށް ފައިބަންވެގެން ބާކީ 25 ރުފިޔާ ދޭންޖެހޭނެ ކަމަށް ނުބުނެ ޑްރައިވަރު ދޭ 20 ރުފިޔާ ހިފައިގެން ފައިބާ މީހުންނާއި އެޕަށް ދޭންޖެހޭ އަދަދު އަރާފަ އޮންނަކަން ޔަގީންނުވާތީ ޑްރައިވަރު ދިން އަދަދެއް ހިފައިގެން ފައިބާ ކިތަންމެ ބަޔަކު އެބަ އުޅެއެވެ. އާންމުކޮށް ހަރުކުލައިގެ މީހުންނާ ދޭތެރޭގައި މިހެން ހަދަން ނުކެރުނަސް މިއީ ޅަކުދިންނާ ދޭތެރޭ ބައެއް ޑްރައިވަރުންގެ އަމަލުތައް ހުންނަ ގޮތެކެވެ. ނަމަވެސް ހަރުކުލައިގެ މީހުންނަށް މިހެން ނުހަދައެކޭ ނުބުނާނަމެވެ.

މި ލިޔުން ފެނިގެން މިކަމުގައި އެންމެ ސަމާލުވެ ތިބޭނެ ކަމުގައި އުންމީދު ކުރާ ހާލުގައި ބުނަމެވެ. މިހެން ތިޔައިގެ ތެރެއިން އެއްބައި ފަރާތްތަކަށް އަދި ނުވިކަމުގައިވިއަސް މިއީ ވަމުންދާ ކަމެއްކަމުން ކުރިއަށް އޮތްތާނގައި މިފަދަ ކަންކަމުން ސަލާމަތް ވުމަށްޓަކައި ޓެކްސީ އަށް އަރާއިރު 100 ރުފިޔާގެ ބަދަލުގައި އެ ދަތުރެއް ނިމޭއިރު ދޭންޖެހޭ އަދަދު ހިފައިގެން އެރުން ބުއްދިވެރިއެވެ. އޭރަށް ހަނދާން ނެތިގެން ނުވަތަ ޒުވާބު ނުކުރާންވެގެން ނުވަތަ ދަތުރު ނެގުމަށް އެޕް ޚިޔާރު ކުރާއިރު އެޕް އިން ދޭންޖެހޭ އަދަދު ފެންނަން އޮންނައިރު މި އަދަދު ދަތުރު ނިމޭއިރު ޑްރައިވަރަށް ވެސް ފެންނަން އޮންނަކަން ނޭނގޭތީ ޑްރައިވަރު އެއިރެއްގައި ބާކީ ދިން ހިތުހުރި އަދަދު ހިފައިގެން ފައިބާކަށް ނުޖެހޭނެއެވެ. ފައިސާ ހަމައަށް ހިފައިގެން އަރައިފި ނަމަ ބާރު އޮންނާނީ ތިމާ އަތުގައެވެ. ޑްރައިވަރު ދޭންޖެހޭ ބާކީ ހަމައަށް ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. އޭރަށް ޑްރައިވަރަށް އިތުރަށް ލިބޭނީ ތިމާ ދިނީޔާ އެވެ.

އަދިވެސް ބުނަމެވެ. އެޕްއިން ދަތުރު ނަގާއިރު ޑްރައިވަރެއް ލިބުމަށްފަހު އެލިބުނު ޓެކްސީގެ ޕްލެޓް ނަންބަރާއި ޑްރައިވަރުގެ ފޯނު ނަންބަރާއި ނަމާ ފެންނާނޭހެން ސްކްރީން ޝޮޓް ނަގާފައި ބޭއްވުން ވެސް ރަނގަޅުވާނެއެވެ. ފަހުން މައްސަލައެއް ދިމާވެއްޖެ ނަމަ ސަލާމަތްކަމެއް ހޯދޭނީވެސް އޭރުންނެވެ.

ހަނދާން ކުރާށެވެ! އަވަސް ރައިޑްގެ އެޕްގައި އަދިވެސް ރޭޓިންތައް ބަދަލެއް ނުވެއެވެ. އެ ދަތުރަކަށް ދޭންޖެހޭނީ އެދަތުރަކަށް ދިނުމަށް އެޕްގައި ކަނޑައެޅިފައިވާ އަދަދެކެވެ ޓްރާންސްޕޯޓް މިނިސްޓްރީން ނާންގާހާ ހިނދަކު އެންމެ ލާރިއެއްވެސް އިތުރަށް ދޭކަށް ނުޖެހޭނެއެވެ.

އަމާން ދަތުރުތަކަކަށް އެދެމެވެ!

ލިއުނީ: ފާތިމަތު ސައުސަން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
121
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. 57 ސެންޓަރ ވެރިމީހާ ވަނީ އަންގާފަ ބޮޑުކޮށް ނަގަން ސައުސަން ކީއްކުރެވޭނީ ޖެހޭނީ ތިކަހަލަ ބޭކާރު ލިޔުން ލިޔެލައި ހުންނަށް ސަލާމް އައިސާ

  2. އަވަސް ރައިޑުގެ ތި އިޚްލާޞްތެރި މަސއްކަތަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށި. ފޭރޭ މީހުން ނިކަމެތި ކުރައްވާށި! އާމީން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.