Support Us

ރައީސް ޑރ. މުޙައްމަދު ވަޙީދު: ސިޔާސީ އިޞްލާޙީ ޙަރަކާތްތަކުގެ އެއްވަނަ

ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އަކީ ދިވެހިރާއްޖޭގެ ހަތަރު ވަނަ ރައީސުލްޖުމްހޫރިއްޔާ އެވެ. އެތައް ރޮނގަކުން ރާއްޖޭގެ އެއްވަނައެވެ. ޑރ. ވަޙީދު ރާއްޖޭގެ ރައްޔިތުންނަށް ފުރަތަމަ މަޝްހޫރުވެފައި ވަނީ، ތަޢުލީމީ އެންމެ މަތީ ދަރަޖަ ނުވަތަ ޕީއެޗްޑީ ޙާޞިލްކުރެއްވި، ފުރަތަމަ ދިވެހި ޝަޚްޞިއްޔަތުގެ ގޮތުންނެވެ. ނުވަތަ ރާއްޖޭގެ އެންމެ މޮޅު ޢިލްމުވެރިޔާގެ ގޮތުގައެވެ. އެކަމަކު "އެންމެ ފުރަތަމަ މީހާ"ގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެވެނީ، މިކަމަކުން އެކަންޏެއް ނޫނެވެ. އެތައް ކަމަކުންނެވެ.

އެގޮތުން ޓީވީ މޯލްޑިވްސްގެ އެންމެ ފުރަތަމަ އެނައުންސަރަކީ ވެސް އެމަނިކުފާނެވެ. ރާއްޖޭގައި މިޒަމާނުގެ އުޞޫލުތަކާ އެއްގޮތަށް އިންތިޚާބީ ކެމްޕޭން ސްޓްރެޓެޖީއެއް ރޭވިގެން އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ކާމިޔާބު ކުރެއްވީވެސް ޑރ. ވަޙީދެވެ. މި ކެމްޕޭން އާދަޔާ ޚިލާފު ގޮތެއްގައި ކާމިޔާބު ކުރައްވައި 1989 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ މެންބަރު ކަމަށް ޑރ. ވަޙީދު ހޮވިވަޑައިގަތީ އެއްވަނައަށެވެ. މިގޮތުން ބަލާއިރު، އޭރު ރާއްޖޭގައި ފެށުނު ސިޔާސީ އިޞްލާޙީ ޙަރަކާތްތަކުގެ އެއްވަނަ ލީޑަރަކީ، ޑރ. ވަޙީދު ފިޔަވައި އެހެން ބޭފުޅެއް ނޫނެވެ. ޒަމާނީ ޑިމޮކްރަސީއެއްގެ އޮށް ރާއްޖޭގައި އިންދުނީ އޭރުއެވެ.

ޑރ. ވަޙީދު، އެޑިއުކޭޝަންގެ ރޮނގުން ޑިޕްލޮމާ އާއި، ފުރަތަމަ ޑިގްރީ (ބީ.އޭ ފާސް) ޙާޞިލްކުރެއްވީ، ބޭރޫތުގައި ހުންނަ އެމެރިކަން
ޔުނިވަރސިޓީ އޮފް ބޭރޫތުންނެވެ. އެއަށްފަހު 1977 ގައި މާލެވަޑައިގެން މަޖީދިއްޔާ ސްކޫލްގެ އިންގްލިޝް ޓީޗަރުކަން ކުރެއްވިއެވެ. އަދި 29 މާރޗް 1978 ގައި ޓީ.ވީ. މޯލްޑިވްސް އުފެދުމާއެކު، އެ ތަނުގެ އެންމެ ފުރަތަމަ އެނައުންސަރަކަށް ހަމަޖެހުނީ ވެސް ޑރ. ވަޙީދެވެ. އެއީ އެ ދުވަސްވަރު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މޮޅަށް ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުން މުޅި ރާއްޖެއިން ވެސް ފާހަގަކޮށްލެވިގެންނެވެ.

ޚިދުމަތުގެ ދައުރަކަށްފަހު އަނެއްކާވެސް ތަޢުލީމު ޙާޞިލްކުރެއްވުމަށް ޑރ. ވަޙީދު ބޭރަށް ވަޑައިގަތެވެ. އެމެރިކާގެ ކެލިފޯނިއާގެ ސްޓެންފަޑް ޔުނިވަރސިޓީގައި އެޑިއުކޭޝަންގެ ރޮނގުން މާސްޓަރޒް ޑިގްރީ (އެމްއޭ) ފާސް ހޯއްދެވިއެވެ. މާސްޓާރޒް ޑިގްރީ ހެއްދެވުމަށް ފަހު 1979 ގައި ރާއްޖެ ވަޑައިގެން ޚިދުމަތް ކުރައްވަން ފެށްޓެވީ، އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) ގައެވެ. އެމަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރކަމާއި، ޑެޕިއުޓީ ޑިރެކްޓަރކަމާއި ޑިރެކްޓަރކަން ކުރެއްވިއެވެ.

އެއަށްފަހު 1985 ގައި ޕީއެޗްޑީ ހައްދަވަން ފުރާވަޑައިގަތުމުގެ ކުރިން ޤައުމަށް ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުގެ މެމްބަރުކަމާއި، ޒުވާނުންގެ މަޖިލީހުގެ މެމްބަރުކަމާއި އެޓޯލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ މެމްބަރުކަމާއި އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން ހިމެނެއެވެ.

އެ ދުވަސްވަރު "ފަތްތޫރަ" މަޖައްލާގައި އެމަނިކުފާނު ލިޔުއްވި "ޤައުމުތައް ތަރައްޤީކުރުން" މި މައިގަނޑު ނަމުގެ މަޒުމޫނުތަކަކީ، ތަރައްޤީގެ ރޮނގުން ދިވެއްސަކު ލިޔުއްވި އެންމެ ފުރިހަމަ ލިޔުއްވުންތަކުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރިއެވެ. އަދި އަލްއުސްތާޛު މުޙައްމަދު ޖަމީލް ޖަމީލް ދީދީ އާއި، އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ އަރިހުގައި ބަހާއި އަދަބާއި ތާރީޚާއި ސަގާފަތަށް ކުރެއްވި ޚިދުމަތްތައް ފާހަގަކުރެވެއެވެ.

ރާއްޖޭގައި 2003 އާއި 2004ގައި ހިނގި ހާދިސާތަކަށްފަހު، ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެ، ޒަމާނީ ޑިމޮރްސީއެއްގެ އަލިވިލުމާއެކު، ޑރ. ވަހީދު ރާއްޖެ ވަޑައިގެން ސިޔާސީ ޙަރަކާތްތަކުގައި ޢަމަލީގޮތުން އުޅުއްވިއެވެ.

އެމަނިކުފާނު އިސްވެ ހުންނަވައިގެން 2008 ވަނަ އަހަރު ޤައުމީ އިއްތިހާދު އުފެއްދެވިއެވެ. އެޕާޓީގެ ލީޑަރަކަށް އެމަނިކުފާނު ހޮވިވަޑައިގެން 2008ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވެވަޑައިގަންނަވަން ފެށްޓެވިއެވެ. އޭރު ސިޔާސީ މަސްރަހުގައި ކަންތައްތައް ހުރިގޮތަށް ބައްލަވައި، ކާމިޔާބު ލިބިވަޑައިގަންނަވާނީ، އެމްޑީޕީ އިއްތިހާދުގައި ހިމެނިވަޑައިގެން ކުރިމަތިލައްވައިގެން ކަމަށް ފެނިވަޑައިގަންނަވާތީ، ރަނިންމޭޓެއްގެ ގޮތުގައި ހުންނަވައި ފުރަތަމަ ބުރުގެ ދެވަނަ އަށް ފަހު، ދެވަނަ ބުރުން އެއްވަނަ ލިބިވަޑައިގަތެވެ. މިއިން ދޭހަވަނީ، ޑރ. ވަޙީދުގެ ޢިލްމީ ޤާބިލިއްޔަތާއި، ސިޔާސީ ތަޖްރިބާގެ ކާމިޔާބީއެވެ.

ޑރ. ވަހީދު،11  ނޮވެމްބަރ 2008 އިން 7 ފެބްރުއަރީ 2012 އާހަމައަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމު އަދާކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު 7 ފެބްރުއަރީ 2012 ގައި އިސްތިޢުފާ ދެއްވުމުން، ޤާނޫނު އަސާސީގައި ވާގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ލިބިވަޑައިގަތީ، ޑރ. ވަހީދަށެވެ. ޑރ. ވަހީދު ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވީ 7 ފެބުރުވަރީ 2012 އިން 17 ނޮވެންބަރު 2013 އަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *