މިއީ ހަމަ ކަނޑައެޅިގެން ކުރުވާހަކައިގެ އިމުގައި ހިމެނޭ ލިޔުމަކަށް ވާތީ، އެވާހަކަ ދަންނަވައިލައިފައި ކުރިޔަށް ހިނގަން ފަށާނަމެވެ.
އަޅުގަނޑުގެ ފިރިހެން ދެ ދަރީން ކުރެ ދޮށީ ދަރިފުޅު ޖީ.ސީ.އީ އޯލެވެލް އިމްތިޙާނު ހަދައި އެ ނިންމައިލީ ހަމަ ދާދި އިހަކަށް ދުވަހުއެވެ. އިމްތިޙާނުގެ ނަތީޖާވެސް އެހައި ދެރަޔެއް ނޫނެވެ. އެހެނެއް ކަމަކު، ދަރިފުޅު ދެން ބޭނުންވީ އެހިސާބުން ކިޔެވުން ހުއްޓައިލާށެވެ. އޭލެވެލް ހަދާކަށް ބޭނުމެއް ނުވިއެވެ. ނުވަތަ އަވަސް އެހެން މަގަކުން ލައިގެން ގޮސް ޑިގުރީއެއްވެސް ހަދާކަށް ބޭނުމެއް ނުވިއެވެ. އަޅުގަނޑު އެމަގުން ދެއްކި ހުރިހައި ވާހަކަޔަކަށް ދަރިފުޅު ދިނީ ހަމަ އެންމެ ޖަވާބެކެވެ.
”އަޅުގަނޑު ޑިގްރީ ހަދާކަށް ބޭނުމެއް ނޫނެވެ!“ ދަރިފުޅު ބުންޏެވެ.
”ބައްޕާއެވެ. އައްސަވާށެވެ.“ ދަރިފުޅު ބުނެލިއެވެ. ”އަޅުގަނދު ޑިގުރީ ހަދަން ބޭނުންނުވާ ސަބަބު އަޅުގަނޑު ބައްޕަޔަށް ނަންގަންނާނީ ކުރުވާހަކަޔަކުންނެވެ. އައްސަވާށެވެ!“
”… އެހެރަގޭ އަހަންމަދު މީގެ އަށެއްކަ އަހަރު ކުރީން އޯލެވެލް ނިންމިއެވެ. އޯލެވެލް ނިންމައިފައި، ކުޑަކޮށްވެސް މަޑުކޮށްނުލައި، އޭނާ ދެން ހެދީ އޭލެވެލްއެވެ. އެޔަށްފަހު އޭނާގެ ބައްޕަ ދަރައިވިކިގެން އޭނާ ފޮނުވީ މެލޭޝިޔާޔަށެވެ. ފުރަތަމަ ޑިގުރީ ހަދާށެވެ. އަހަންމަދު ޑިގުރީ ހެދިއެވެ. ދެން، އަހަންމަދު ރަންވަނައިގައި ފާސްވީތީ ޔުނިވަރސިޓީއިން އޭނާޔަށް ދިން ސްކޮލަރޝިޕެއްގައި މާސްޓަރސް ވެސް ހެދިއެވެ…
… އެކަމަކު އަހަންމަދު މިއަދު އެހެރީ ވަޒީފާގަނޑެއް ނުލިބިފައެވެ. ރާއްޖެ ދޫކޮށް ފުރައިގެން ދާ ވާހަކަވެސް އޭނާ އެބަދައްކައެވެ.“
”ހަމަ… އަސްލުވެސް ހެއްޔެވެ؟“ މިޒަމާނުގެ ބަހުރުވައިން އަޅުގަނޑަށް އަހައިލެވުނެވެ.
”ލައްބައެވެ. ބައްޕަ އައްސަވާށެވެ.“ ދަރިފުޅު ބުނެލިއެވެ. ”ކަން ވީ ގޮތަކީ މިއެވެ. “
”… އަހަންމަދު ކިޔަވައި ނިންމައިގެން އައިސް ނިންމީ ކޮންމެވެސް ތާކުން ވަޒީފާއެއް ހޯދާށެވެ. އޭނާ ކޮންމެ ދުވަހަކުވެސް ގެޒެޓު ބެލިއެވެ. އިޢުލާނުތައް ކިއެވެ. ސިޓީ ލިޔުނެވެ. ފޯމު ފުރިއެވެ. ކިޔޫގައި ހުރެގެން ނަމަވެސް ޕޮލިސް ރިޕޯޓު ހޯދިއެވެ. އަތުގައި ހުރި ސަނަދުތަކުގެ އެތަކެއް ފޮޓޯކޮޕީ ހައްދައި، އޭގައި ޤާނޫނީ ވަކީލުން ލައްވައި އަޞްލާ އެއްގޮތް ކަމުގެ ސޮއި ކުރުވިއެވެ. ކީ އަގެއް ދީގެންނެވެ. ސީދާ މަގުން ހިނގައިގެން ކޮޅެއް މެދެއްގައި ނުޖެހުނީމައި، ބޭބޭފުޅުންގެ އަރިހަށް ހިނގައި، އާދޭސް ދެންނެވިއެވެ. ވީ ކަމެއް ހަމަ ހަރާމެވެ….
… ވަޒީފާގެ ބޭނުމުގައި އަހަންމަދު ދެން ހިނގީ އެހެން މަގަކުންނެވެ. ސިޔާސީ ޕާޓީއަކަށް ސޮއިކޮށް، ޕާޓީގެ ޖަލްސާތަކަށް ހާޒިރުވެ، ބޮޑެތި ބޮޑެތި ބޭބޭފުޅުންނާއި މަހުޖަނުންނާއި ސޭޓުން އެ ބޭބޭފުޅުންގެ އަތްޕުޅުގައި ހުރި، އެކި ގޮތްގޮތުން ހޯއްދަވައިފައި ހުރި ބިންބިމާއި ވިޔަފާރިތަކުގެ ޙިމާޔަތުުގައި ޕޯޑިޔަމް ތަކުގައި ދެއްކެވި ވާހަކަފުޅުތައް ސާބަހާއެކު އަޑުއެހިއެވެ. އަނގަބަހުން ވިދާޅުވި ގޮތުގައި ރައްޔިތުންގެ ޙިމާޔަތުގައި، އަދި ހިތްޕުޅުގައި އޮތް ގޮތުން ތިޖޫރީ ތަކާއި އެކައުންޓުތަކުގައި ހުރި ޑޮލަރުގެ ޙިމާޔަތުގައި ލެއްވެވިހައި ހަޅޭކަކަށް ފޯރީގައި އަތްޖަހައި އުޅުނެވެ. ޕާޓީގެ ކުލަ ފާޅުކޮށް ފެންނަ ޒާތުގެ ގަމީސް ލައިގެން ޖަލްސާތަކާއި އެއްވުން ތަކުގެ ކުރީ ސަފުތަކުގައި އަޑުގަދަކޮށް، ފުމެނެގިއެވެ…
… ޕާޓީގެ ކަމުވޮށިގެންވާ މީހުންނަށް އަހަންމަދު ފާހަގަވެއްޖެކަން އެނގުނު ހިސާބުން އަހަންމަދު ދެން އެނބުރުނީ އޭނާގެ އަސްލު މަޤްޞަދާ ދިމާޔަށެވެ. އެއީ ވަޒީފާއެއް ހޯދުމެވެ. އެހެންކަމުން، އެއްކަލަ ތަނުން ދެތިން ބޭފުޅެއްގެ އަރިހުގައި އޭނާގެ ހިތުގެ މުހުތާދުގެ ވާހަކަ ދަންނަވައިލާއިރަށް އެތަނުން އެއް ބޭފުޅަކު އަހަންމަދަށް ފުރުޞަތެއް ތަނަވަސްކޮށްދެއްވައިފިއެވެ. އެއީ، މިވެނި ދުވަހަކު މިވެނި ގަޑިޔަކަށް މިވެނި އޮފީހަކަށް އިންޓަރވިޔު އަކަށް ދިޔުމުގެ ފުރުޞަތެވެ.
… އަހަންމަދުގެ ބަސްދީގަތުން ހަމަޖެހިފައި އޮތީ އެބުނި ދުވަހުގެ ހެނދުނު 10:00 އަށެވެ. އަހަންމަދު ގަޑީގެ ވިއްސަކަށް މިނެޓު ކުރީން އެ އޮފީހަށް ހާޒިރުވިއެވެ. އަދި އޮފީހުގެ ކަމާބެހޭ މޭޒުގައި އޭނާގެ އެ އެޕޮއިންޓުމަންޓު ރަޖިސްޓަރީކުރިއެވެ. އަދި އެތާ ތިބީ ޒިންމާދާރު އޮފިސަރުން ދެއްކި ގޮނޑިތަކުން ގޮނޑިޔެއްގައި އިންތިޒާރުގައި މަޑުކޮށްލިއެވެ.
… ގަޑިން 10:00 ޖަހައިިފިއެވެ. ދެން އެވީ 10:30 އެވެ. އަހަންމަދަކަށް ނުގޮވިއެވެ. އެގާރަ ޖަހައިފިއެވެ. ޚަބަރެއް ނުވިއެވެ. 11:30 ހިނގީމައި އަހަންމަދު ވަރަށް އަދަބުވެރިކަމާއެކު އެއްކަލަ ތަނުން ޒިންމާދާރު އޮފިސަރަކާ ވަރަށް ސާދާ ސުވާލެއް ކޮށްލިއެވެ. އަނެއްކާ ގަޑި ކެޓީތޯ އަހައިލެވުނެވެ.
… އަހަންމަދަށް ލިބުނު ޖަވާބަކީ އޭނާ ސިއްސުވާލި ޖަވާބެކެވެ. ބޮސް އިންނެވީ އޭނާގެ ހިއްސާ އޮންނަ ރިސޯޓެއްގައި ހިއްސާ ގެންގުޅޭ ފަރަންޖީ ބަޔަކާ ބައްދަލުކުރައްވާށޭ، އެމީހުން ނިމެންދެން މަޑުކޮށްލާށޭއެވެ. އެ އޮފީހާ ރިސޯޓާ އޮތީ ކޮން ގުޅުމެއްތޯ، އޮފީސްގަޑީގައި އަމިއްލަ ވިޔަފާރި ކުރުމަކީ މިހައިރު ހުއްދަ ކަމެއްތޯ އަހައިލަން ހިތަށް އެރިޔަސް، އެކަން ކުރާކަށް އަހަންމަދަކަށް ހަމަ ނުކެރުނެވެ. އެހެން ކަމުން އަހަންމދު މަޑުން އިނީއެވެ. ފުޅަށްބުޑުގައި އޮތް މީހާޔާއި ހޫނު ބޮނޑިބަތާ ހުރިގުޅުން މަތިން ހަނދާން ކޮށްލަކޮށްލައެވެ.
… ގަޑިން 12:45 ހިނގައިފިއެވެ. އަދި ބޮޑުމީހާގެ ކޮޓަރިކޮޅުން ޔޫރަޕު ދޮން ކުލައިގެ ދެތިން މީހުން ނިކުމެގެން ދިޔައިމައި ދެން އެ ޖެހުނީ އަހަންމަދާއެވެ.
… ބޮޑުމީހާގެ ކޮޓަރިކޮޅަށް ވަނުމާއެކު އަހަންމަދު ސިއްސައިގެންދިޔައެވެ! ބޮޑުމީހާގެ މޭޒުކޮޅުދޮށުގައި، ބޮޑުމީހާ އިންނަވަން ހުރި ގޮނޑީގައި ވަރަށް ހަމަޖެހިލައިގެން އިށީނދެގެން އެ އިނީ އަހަންމަދު ރަނގަޅަށް ދަންނަ މީހެކެވެ. އެއީ ގުރޭޑު ހަތަރެއްގައި އޭނާޔާ އެއްކުލާހުގައި އުޅުނު، އެދުވަސްވަރުގެ ނަމުން ނަމަ، ދޮނާއެވެ. ކުލާހުގައި މަޑުން ތިބޭ ޒާތުގެ ކުދީންނަށް ގަނާކުރުމުގެ އެންމެ ކުރީގައި އުޅުނު ދޮނާއެވެ. އެއްދުވަހު އިސްކޯލަށް އައްޔާ އަނެއް ދެދުވަހު މޫދަށް ގޮސް އުޅުނު ދޮނާއެވެ. ގުރޭޑު ފަހެއް ހަމަ ފެށުނުތަނާ ޓީޗަރުންގެ ދަބަހުން ވައްކަންކުރަނީ ދޮނާ ކަން ފަޅައިއެރީމައި އެޒަމާނުގެ ހަމަތަކުގެ މަތީން އިސްކޯލުން ވަކިކުރެވުނު ދޮނާއެވެ.
… ’އޭ، ކަލޭތަ، ދޮނާ؟‘ އަހަންމަދަށް އަހައިލެވުނެވެ. ’ބަލަ އަދިވެސް ކަލޭގެ ސަކަރާތްޖެހުން ނުހުއްޓެނީތަ، މިތާ ބޮޑުމީހާގެ ގޮނޑިޔަށް ސަވާރުވެ ތިޔަ އިނީ؟ ހެޔޮނުވާނެ، ކޮންމެވެސް ބަޔަކަށް ކަލޭ ނުހިފެނީސް އަވަހަށް މިތަނުން ސަލާމަތްވޭ! ބޮޑުމީހާ އެބަ ވަޑައިގަންނަވާ!‘
… ’އޭ! ފެންވަރާއި މަގާމާއި ގޮނދިޔާ އޮޅިގެން މިއުޅެނީ މަށަކަށް ނޫނޭ! ކަލޭ ހީކުރީތަ، ބޭރަށް ގޮސް ޒާތެއްގެ ކަރުދާސްގަނޑެއް ހިފައިގެން އާދެވުނީމައި ކަލޭ ތިޔައީ ދެން މާ މަތީ މީހެކޭ؟ ބަލަ ތިޔަބުނާ ބޮޑުމީހާޔަކީ މަށޭ! އަދި ބުނެފިޔެއްނު…؟ އަހަރުމެން އެއްދުވަސްވަރެއްގައި އެއް ކުލާހެއްގައި އުޅުނަސް، މިއަދު އަހަރެން މިއީ ކަލެޔަށްވުރެ މާ މަތީގައި ހުރި މީހެއްކަން ނޭނގެންޏާ މިތަނުން ދާންއުޅޭ!‘ މޭޒުދޮށުގައި އިން މީހާ ހަޅޭލައިގަތެވެ. ’ކޮން ދޮނާއެއްތަ؟ މަގޭ ފުރިހަމަ ނަމުން މަށާ މުޚާޠަބް ކުރޭ!‘
… މިހައިރު އެ ވީގޮތް ބައްޕަޔަށް އެނގިލައްވައިފި ނޫންތޯއެވެ؟ ދޮނާޔަކީ ސިޔާސީ ޙަރަކާތްތެރިޔެކެވެ. އެހެންކަމުން އޭނާ އެ ޕާޓީޔަކަށް ނިސްބަތްވާ ޕާޓީގެ ވެރިކަމުގައި އޭނާ އެ އިނީ އޭނާ ބޭނުންވި ބޮޑުގޮނޑީގައެވެ. އަހަންމަދު ބަސްއަހައިގެން ކިޔަވައިގެން، މާސްޓަރސް އަށް ދަންދެން ނަގައިގެން އައިސް، އާދައިގެ ވަޒީފާގަނޑެއްގެ ބޭނުމުގައި ކުޑަކަކޫ މައްޗަށް ތިރިވާން އެޖެހުނީ ސުލޫކާއި އަޚުލާޤު ހުރިގޮތުން ގުރޭޑު ފަހަކާ ހަމައިން އިސްކޯލުން ކަނޑައިލެވުނު ދޮނާގެ ކުރިމައްޗަށެވެ!
ބައްޕާއެވެ! ކުރުވާހަކަ ނިމުނީއެވެ. އަޅުގަނޑު ޑިގުރީއަށް ކިޔަވަން ބޭނުން ނުވާ ސަބަބު ބައްޕަޔަށްވެސް މިހައިރު އެނގިލައްވާނެއެވެ. އަޅުގަނޑު އެކަހަލަ އަހަންމަދަކަށް ވާކަށް ބޭނުމެއް ނޫނެވެ. އަޅުގަނޑު ބޭނުމީ އަޅުގަނޑުގެ އަމިއްލަ ކޮންމެވެސް އަމިއްލަ ކުޑަ މަސައްކަތެއް ނޫނީ ވިޔަފާރިޔެއް ފަށައިގެން އެމީހުންގެ ދަށުނުވެ އުޅެވޭތޯ ބަލާށެވެ. އެ ގޮތް މާރަނގަޅު ނޫންތޯއެވެ؟“
”އަޅުގަނޑު ޑިގްރީ ހަދާކަށް ބޭނުމެއް ނޫނެވެ!“ ދަރިފުޅު ތަކުރާރުކޮށްލިއެވެ.
3 Responses
މީ ވަރަށް ބޮޑު ތެދެއް. ދައުލަތުގެ މުވައްސަސާ ތައް އޮތީ ހިސޯރު ކުރެވިފަ ނުކިޔެވިޔަސް އަޑުގަދަ އަޑުބަރު މީހުން ވަޒީރު ކަމަށާ ދައުލަތުގެ ވަޒީރު ކަމަށާ ނައިބު ވަޒީރު ކަމަށް ޢައްޔަނު ކޮށް އެ މަގާމް ތަކަށް ކުރަފި އަރުވާފަ އެވެ.
ކިޔަވަން ވާނީ ހަމައެކަނި ވަޒީފާއެއް ހޯދުމުގެ ބޭނުމުގައި ކަމަށް ދޭހަވާގޮތަށް ލިޔެފައިވުމުން ހިތާމަކުރަމެވެ. އަލިކަމާ އަނދިރިކަން ދުވަހަކުވެސް އެކެއްނުވާނެއެވެ. އަދި ވަޒީފާއެއް ހޯދުމުގައި ވެސް ކެއްތެރިކަން އިސްކުރާށެވެެ.
މިޤައުމު ކުރިނާރައިގެން އުޅެނީ އެފަދަ ދޮނާތައް ގިނަވުމުގެ ސަބަބުން