...

Support Us

ރައީސް އިބްރާހީމް ނާޞިރު: ރާއްޖެ މިހާރު މިދެކޭ މިނިވަންކަމުގެ ބާނީ

ސުމުއްވުލްއަމީރު އަލްމަރުހޫމު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ އަކީ ދިވެހިރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އެވެ. ރާއްޖެ މިހާރު މިދެކޭ މިނިވަންކަމުގެ ބާނީއެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ގެންގުޅުއްވި ތޫނު ވިސްނުންފުޅާއި ނުގުޑާ ފަދަ އަޒުމާއި ހަރުދަނާ ހިކުމަތުޢަމަލީގެ ސިޔާސަތަކީ ދިވެހި ތާރީޚްގައިވެސް ލާމަސީލު މިސާލެކެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ރާއްޖެއާ ވަކިވެ ނުރައްކާތެރި ޙާލަތަކަށް ޤައުމު ގޮސްފައިވަނިކޮށް ރާއްޖޭގެ ބޮޑުވަޒީރެއްގެ ގޮތުގައި ސަރުކާރު ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު ފިސާރި ސާބިތުކަމާއެކު އަދާކުރައްވައި ރާއްޖޭގެ ޤައުމީ މިނިވަންކަން ދިފާޢުކުރެއްވުމަށް އެ ހިނދަށް ރާއްޖެއަށް އެންމެ ބޭނުންތެރި ފިޔަވަޅުތައް އަޅުއްވައި، ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަމުގެ "މޭވާ" ލިބުނެވެ.

ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. ދިވެހި ދައުލަތުގެ ފަރާތުން މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވެސް ޚުދު ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. މިނިވަންކަން ލިބުނުތާ މަހެއްވެސް ނުވަނީސް ރާއްޖެ 21 ސެޕްޓެމްބަރ 1965 ގައި އ.ދ. މަޖިލީހުގައި ބައިވެރިވެ 12 އޮކްޓޫބަރ 1965 ގައި އ.ދގެ މައިމަރުކަޒުގައި ރާއްޖޭގެ ދިދަނެގި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ގައުމީ ދިދަ ވިހުރުވެންފެށިއެވެ. އަދި މިނިވަންކަން ލިބުމާއެކު ޤައުމުތަކާއެކު ސިޔާސީ ގުޅުން ޤާއިމްކުރައްވަން ސަރުކާރުން ފެށްޓެވިއެވެ.

ރައީސް ނާސިރު، 12 ޑިސެމްބަރ 1957އިން 11 ނޮވެމްބަރ 1968 އަށް ބޮޑުވަޒީރުކަމުގެ މަޤާމް އަދާކުރެއްވި 11 އަހަރާއި، 11 ނޮވެމްބަރ 1968 އިން 11 ނޮވެމްބަރ 1978 އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމް އަދާކުރެއްވި 10 އަހަރު އެމަނިކުފާނު ވަނީ ޤައުމަށް އެތައް ދާއިރާއަކުން އަދި އެތައް ރޮނގަކުން އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ.

މިގޮތުން އިންގްލިޝް މީޑިއަމްގެ ތައުލީމާއި އޭ.ޓީ.އޭގެ ވިޔަފާރިއާއި ހުޅުލޭ އެއަރޕޯޓާއި ދިވެހިރާއްޖޭގެ ރޭޑިއޯ ސްޓޭޝަނާއި ޓީވީ ސްޓޭޝަން ގާއިމްކުރެއްވިއެވެ. އަދި ރޭޑިއޯ ޓެލެފޯނުން އަތޮޅުތައް ގުޅާލެއްވުމާއި 105 އަހަރަށްފަހު ވޯރާ ވިޔަފާރިވެރިންގެ އިގުތިސޯދީ އަޅުވެތިކަމުން 1962ގައި ރާއްޖޭގެ ވިޔަފާރި މިނިވަންކުރެއްވީ ވެސް ރައީސް ނާސިރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *